2 April 2025 (Wednesday)

ޢީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސާ، ބައިވެރިފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި

1446 ވަނަ އަހަރުގެ ފިޠުރު ޢީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރެއްވީ މިއަދު ހެނދުނު އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.

ދީނުގައި ކަނޑައަޅުއްވާފައިވާ މުނާސަބަތުތައް، ޚާއްޞަ ގޮތެއްގައި ޢީދުގެ އިހުތިފާލުތައް އިސްލާމްދީނުގެ އިމުގެ ތެރޭން އަހަރަކަށް ވުރެ އަހަރެއް ކުލަގަދަކޮށް ފާހަގަކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.