ވިހަ ތީރު (98)

( 28 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

މައިދައިތަގެ ކޮޓރިޔަށް އައިސް ، ދިލްނަޝީން ކުލްސޫމަށް ސަލާމް ގޮވައިލިއެވެ. އަދި ކުލްސޫމްގެ ޙާލު އޮޅުންފިލުވިއެވެ. ކުލްސޫމަށް އެއްވެސް ވަރަކަށް ލުޔެއް ނުލިބެއެވެ. ބޯއަނބުރާފައި ހުންނަގޮތް އެއްގޮތަކަށްވެސް ރަނގަޅެއް ނުވެއެވެ. ބޯއަނބުރާތީ ދީފައިހުރި ބޭހުން އެއްވެސް ލުޔެއްނުލިބޭވާހަކަ ޝާހިދުގާތު ، ކޮންމެވެސް މީހަކު ބުނެދިނުމަށް ކުލްސޫމް ބޭނުންވިއެވެ.

ޙައިދަރު އޭރު ގެންދިޔައީ އޮފީހަށް ދާން ތައްޔާރުވަމުންނެވެ. ޙައިދަރު އައިމަ އެވާހަކަ ބުނާނެކަމަށް ދިލްނަޝީން ބުންޏެވެ. އެވަގުތު ކުއްލިޔަކަށް ދިލްނަޝީން އޯކަށް ދެމޭގޮތް ވާން ފެށުމާއެކީ ފާޚާނާއާ ދިމާލަށް ދުއްވައިގަތެވެ. ޙައިދަރުވެސް އެވަގުތު އައިސް ވަދެ ، އޮފީހަށްދާ ވާހަކަ ބުނެ ، ދިލްނަޝީން ކޮބައިތޯ ސުއާލު ކުރިއެވެ. އަރިއަޅަމުން ކަހަލަ ގޮތަކަށް ދިލްނަޝީން ފާޚާނާއިން ނުކުތުމާއެކު ، ޙައިދަރުގޮސް ، ދިލްނަޝީންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. ދިލްނަޝީން ހޮޑުލަވަނީއެވެ. ބާބަރާއަށް ގޮވާލައި ، އޯއާރ އެސް ޕެކެޓެއް ގެނެސް ދިލްނަޝީނަށް ދިނުމަށް ޙައިދަރު ބުންޏެވެ. މިހާރަކަށް އައިސް ދިލްނަޝީން ރަނގަޅަށް ކަނީކީވެސް ނޫނެވެ. ދޭތެރެދޭތެރެއިން އެކަމާ ، ޙައިދަރު ޝަކުވާ ކުރެއެވެ.

ޝާހިދަށް ގުޅާފައި ކްލިނިކަށް ދިއުމުގެ ކުރިން ގެޔަށް އައިސް ދިލްނަޝީނަށް ވެގެން އުޅޭގޮތެއް ބަލައިލުމަށް ބުނުމަށް ، ޙައިދަރުގާތު ކުލްސޫމް އެދުނެވެ.

ޝާހިދުވެސް މާގިނައިރެއްނުވެ ، އައިސް ދިލްނަޝީންގެ ބީޕީބަލައި ، އިތުރު ޓެސްޓެއް ހެދުމަށް ދިނެވެ. އަދި ދިލްނަޝީން ގޮވައިގެން ކްލިނިކަށް ގޮސް ޓެސްޓް ހެދުމަށް ޙައިދަރުގާތު ބުންޏެވެ.

ކުލްސޫމަކީ އަދުތޯ މާދަންތޯވެފަ އިން މުސްކުޅިއެކެވެ. ކުލްސޫމްގެ ހަދަންޖެހޭ ޓެސްޓްތަކެއް ހުރެދާނެއެވެ. އެކަމަކު ، އޭނާގެ ޒުވާން ޅީދަރިފުޅަށްވެސް ޓެސްޓްތަކެއް ހަދަން ދިނީމަ ކުލްސޫމް ޝަކުވާ ކޮށްގަތެވެ. ވެގެންއުޅޭގޮތެއް ސާފުކޮށް ނުބުނަން އެއުޅެނީ ކީއްވެތޯ ކުލްސޫމް ސުއާލު ކުރިއެވެ.

" ދައްތާއެވެ ! މަރުޙަބާއެވެ ! ދައްތަ މާމައަކަށްވަނީއޭ ނުބުނަން ތިއުޅެނީ ކީއްވެގެން ހެއްޔެވެ ؟ " ޝާހިދަށް ނިތް އެއްލަމުން ، ކުލްސޫމް ސުއާލު ކުރިއެވެ.

ޝާހިދު ބުނަން އޮތްވާހަކަ ، ކުލްސޫމް އެބުނީއެވެ. އެވަގުތު އޯއާރ އެސް ޕެކެޓް ބޯންއިން ދިލްނަޝީންވެސް ސިއްސައިގެންގޮސް ކޮށިއަރާގޮތް ވިއެވެ. ޙައިދަރުގެ ދެލޯވެސް ބޮޑުވިއެވެ. ޝާހިދުވެސް ހިނިތުންވެލާފައި ދައްތަ އެބުނީ ރަނގަޅަށްކަމަށް ބުނެ ، ކުލްސޫމަށް މަރުޙަބާ ކިޔެވެ. ޓެސްޓްތައް ހަދަން އެދިނީ ، ދިލްނަޝީން ބަލިވެއިންކަން ޔަޤީންކޮށްލަން ވެގެންނެވެ.

ދިލްނަޝީން ބަލިވެއިންކަން ޝާހިދަށް ޔަޤީނެވެ. ޓެސްޓްތައް ހަދާފަ އެންމެ ފުރަތަމަ ، އޭނާގާތު އެވާހަކަ ބުނުމަށް ކުލްސޫމް އެދުނެވެ. ސާރާއަށްވެސް އެ އުފާވެރި ޚަބަރު ދިނުމަށް ޙައިދަރުގާތު ކުލްސޫމް ބުންޏެވެ.

ޙައިދަރާއި ދިލްނަޝީން ، އެކަކު އަނެކަކަށް ބަލައިލިއެވެ. ދިލްނަޝީން ގޮވައިގެން ކްލިނިކަށްގޮސް އަވަހަށް ޓެސްޓް ހެދުމަށް ޙައިދަރުގާތު ކުލްސޫމް ބުންޏެވެ.

ކްލިނިކަށްދިޔަ މަގުމަތީ ، ޙައިދަރާއި ދިލްނަޝީނާ ދެމީހުންވެސްތިބީ ޚިޔާލެއްގެ ތެރެޔަށް ގެއްލިފައެވެ. އެއްވެސް މީހަކު އަނގަޔަކުން ނުބުނެއެވެ. ކުލްސޫމުގެ މޫނުމަތިން ފާޅުވަނީ ކަންބޮޑުވުމާއި ، ރުޅިވެރިކަމެވެ. ޙައިދަރު އިނީ ހަމަޖެހިލައިގެންނެވެ.

ސާރާއަށް ކުލްސޫމް ބަލިވެއުޅޭކަން އެނގުމާއެކީ ، ވަގުތުން އެގެޔަށް އައިސް ، އެހާ ބަލިވެ އުޅެ ، ޓެސްޓްތައް ހެދިއިރު ، އޭނާއަށް އަންގައިނުލީތީ ޝަކުވާ ކުރިއެވެ. މެހެމަލްވެސް އައިސް ކޮޓަރީގައި އިން ވަގުތެކެވެ. ޙައިދަރާއި ދިލްނަޝީން އެތަނުން ނުފެންނާތީ އެމީހުން ކޮބައިތޯ މެހެމަލް ސުއާލު ކުރިއެވެ.

އެމީހުން ދިޔައީ ކުލްސޫމްގެ ރިޕޯޓްތަކެއް ބަލައި ހޮސްޕިޓަލަށް ކަމަށްބުނެ ، ކުލްސޫމް ދޮގެއް ހަދައިލިއެވެ. އެވަގުތު ކުލްސޫމްގެ ފޯނު ރިންގވާން ފެށުމުން ، އަވަހަށް ފޯނުގެނެސްދިނުމަށް ކުލްސޫމް އެދުނެވެ. ކުލްސޫމްގެ ކެތްތެރިކަން ހުރީ ކޮޅުންލާފައެވެ. ކުލްސޫމަށް ފޯނުކުރީ ޝާހިދެވެ. ދިލްނަޝީންގެ ޓެސްޓްތައް ޕްޒިޓިވްކަމަށާއި ، ދިލްނަޝީން ބަލިވެއިންކަން ޝާހިދު ކަށަވަރު ކޮށްދިނެވެ. ކުލްސޫމަށް އުފަލުންގޮސް ހަދާނެގޮތެއް ނޭނގުނެވެ. ﷲ އަށް ޙަމްދުކޮށް ޝާހިދަށް ދިގުޢުމުރެއް ދެއްވުންއެދި ދުޢާ ކުރިއެވެ. ޙައިދަރާއި ދިލްނަޝީންވެސް އެވަގުތު ގެޔަށް އައެވެ. ކުލްސޫމަށް އެލިބުނު އުފާވެރިކަމާއި ޝާހިދު އެދިން އުފާވެރި ޚަބަރަކީ ކޮބައިކަން ނޭނގިގެން ، މެހެމަލް އާއި ސާރާ ތިބީ ޙައިރާން ވެފައެވެ.

" ﷲ އަށް ޙަމްދު ހުއްޓެވެ. އަހަރެންގެ ދެދަރިން މަންމަ އާއި ބައްޕަޔަކަށް ވަނީއެވެ. " ތެދުވެގެން ޙައިދަރާދިމާލަށް ދަމުން ކުލްސޫމް ބުންޏެވެ.

މެހެމަލްއިނީ ދެލޯބޮޑުވެފައެވެ. އޭނާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ދިލްނަޝީނަށް ގޮވާލައި އޭނާގާތު އިށީނދެލުމަށް ކުލްސޫމް ބުންޏެވެ. އެހެންނަމަވެސް ، ދިލްނަޝީން ބޭނުންވީ އޭނާގެ ކޮޓަރިޔަށްގޮސް އަރާމު ކޮށްލުމަށެވެ. އެ ކުރިމަތިވި ޙާލަތާ ގުޅިގެން ، ދިލްނަޝީންވެސް ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. އެތަނުގައި މަޑުނުކޮށް ދިލްނަޝީން ކޮޓަރިޔަށްދާން ހިނގައިގަތެވެ. މަންމަ އަންނާށޭ ބުނީމަ މަންމަގާތަށް ނައިސް ، ދިލްނަޝީން އެހެދިގޮތުން ، ސާރާ ހިތްހަމަ ނުޖެހިގެން ދިލްނަޝީނާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. އެކަމާ ކުލްސޫމް ހިތްހަމަ ނުޖެހިގެން ސާރާއާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. ދިލްނަޝިނާ ދިމާލަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެކަމަށް ސާރާއަށް އެންގިއެވެ.

" އަހަރެންގެ ދަރިފުޅާދިމާލަށް އެއްވެސްމީހަކު އެއްވެސް އެއްޗެކޭ ބުނެގެން ނުވާނެއެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަހަރެންގެ ކަންތައްތައް ބަލަހައްޓައި އަހަރެންނަށް އެހާ އަޅައިލައެވެ. އަހަރެމެންނަށް މިލިބުނީ އުފާވެރި ޚަބަރެކެވެ. ގޭގެ އުފާވެރި މާޙައުލު ޚަރާބުކުރަން އެއްވެސް މީހަކު އުޅެގެން ނުވާނެއެވެ. ސާރާ ބޭނުންކަމަށް ވަންޏާ ސާރާގެ ގެޔަށްގޮސް ކިޔަންވާ އެއްޗެއް އެގޭގައި އިނދެގެން ކިޔާށެވެ ! " ކުލްސޫމް ބުންޏެވެ.

ސާރާއާ ދިމާލަށް އެއްޗެތި ނުކިޔުމަށް މަންމަގެ ކިބައިން ޙައިދަރު އެދުނެވެ. އެހެންނަމަވެސް ، ކައިވެނިކޮށްގެން ގެއިންބޭރަށް ގޮސްތިބޭ އަންހެންދަރިން އެގެޔަށް އައިސް އެގޭގެ މާޙައުލު ޚަރާބުކުރަން އުޅެންޏާ އެއްޗެތި ކިޔަންޖެހޭނެކަމަށް ކުލްސޫމް ބުންޏެވެ.

މެހެމަލް އިނީ އަނގައިންވެސް ބުނަން ނޭނގި ، ދެލޯބޮޑުވެފައެވެ. އެހިސާބުން  އޭނާގެ ދުވަސް އެދިޔައީއެވެ. ޙައިދަރުގެ ދިރިއުޅުމުގެ ތެރެޔަށް ވަންނަން މެހެމަލް ކުރި ހުރިހާ މަސައްކަތެއް އެހިސާބުން ފެނަށްދިޔައީއެވެ. އެކަމަށް އިތުރަށް ކުރާނެ އުއްމީދެއް ނެތެވެ.

ދިލްނަޝީން ކޮޓަރިޔަށް ދިއުމާއެކީ ، ޙައިދަރުވެސް އިރުކޮޅެއް ކޮށްލާފައި ކޮޓަރިޔަށް އައެވެ. ދިލްނަޝީން އިނީ ރުޅިއައިއްސައެވެ. އެއީ ، އެދެމީހުންގެ މެދުގައި އެއްބަސްވިކަމެއްނޫންކަމަށް ދިލްނަޝީން ބުންޏެވެ. އެއީ ޙައިދަރުވެސް އުއްމީދުކޮށްގެންހުރި ގޮތެއް ނޫނެވެ.

" މި ކައިވެނި ދަމަހައްޓަން އަހަރެމެން ދެމީހުންކުރެ އެކަކުވެސް ބޭނުންނުވާއިރު ، އަހަރެން މިކުއްޖާ ދުނިޔެއަށް އުފަން ކުރަންވީ ކީއްކުރަން ހެއްޔެވެ ؟ " ދިލްނަޝީން ، ޙައިދަރާ ސުއާލު ކުރިއެވެ.

އެކައިވެނި ، ދަމަހައްޓަން ދިލްނަޝީން ބޭނުންނުވާކަން އޭނާއަށް އަންދާޒާ ކުރެވިފައި ނެތްކަމަށް ޙައިދަރު ބުންޏެވެ. އަދި ، އަޑުގަދަނުކޮށް ވާހަކަ ދެއްކުމަށް ދިލްނަޝީންގެ ކިބައިން އެދުނެވެ. އެމީހުންގެ ޒުވާބުގެ އަޑު ، އެކޮޓަރިން ބޭރަށްދާން ޙައިދަރު ބޭނުމެއް ނޫނެވެ. އެއީ ކީއްވެތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ހުރިހާ ތަކުލީފެއް އުފުއްލަންޖެހެނީ އޭނާތޯ ދިލްނަޝީން ސުއާލު ކުރިއެވެ. ޙައިދަރަށް ފެނުނުގޮތުގައި ، ކަމެއްގެ ތަކުލީފު ބޮޑުކަމަށް ވަންޏާ އެ ތަކުލީފުގައި އުފުއްލަންޖެހޭ ޒިންމާވެސް ބޮޑުވާނެއެވެ. އެހުރިހާ ތަކުލީފެއް ދިލްނަޝީން އެކަނި އުފުއްލަން ޖެހެނީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީންގެ ސުއާލަކީ އެއީއެވެ.

" އަހަރެން އެހެންކަމެއް ބޭނުމެއްނޫނެވެ. އަހަރެން ވަރިކުރާށެވެ ! ވަރިކޮށްފައި އަހަރެން ދޫކޮށްލާށެވެ ! އޭރަށް މިގެއިން ނުކުމެގެން އަހަރެން ހިނގައިދާނަމެވެ. އަހަރެންގެ ޙަޔާތަށް މިއައީ އިތުރު މުޞީބާތެކެވެ. " ދިލްނަޝީން ބުންޏެވެ.

" ކުރިމަތިވި މިޙާލަތާއެކީ ، އަހަރެން ދިލްނަޝީން އެހާފަސޭހައިން ދޫކޮށް ނުލާނެކަން ހަނދާން ނެތުނީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީންގެ ބޭވަފާތެރި ޢަމަލުތަކަށް އަހަރެން މިއަންނަނީ ކެތްކުރަމުންނެވެ. އެކަމަކު ..... " ޙައިދަރު ބުންޏެވެ.

" ކުރީގެ ލޯބިވެރިޔާއާ އެކީގައި ޙައިދަރުގެ ގުޅުން އެބަ ދަމަހައްޓަމުއެވެ. ލޯބީގެ ގުޅުން މެހެމަލްއާއެކީ އެބަ ހިންގަމުއެވެ. އެހުރިހާ ކަމެއް ކުރަމުން ، އަހަރެންގެ ޢަމަލުތަކަށް ކެތްކުރާވާހަކަ ބުނެ ، ހުރިހާ އިލްޒާމެއް އަހަރެންގެ ބޮލުގައި އަޅުވަން ނޫޅޭށެވެ ! އެކަން އެހެން އޮއްވާ ، އަހަރެން މި ދަރިފުޅު ދުނިޔެއަށް އުފަންކުރަން ބުނާކަށް ޙައިދަރު ލަދެއް ނުގަނޭ ހެއްޔެވެ ؟ " ދިލްނަޝީން ސުއާލު ކުރިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.