ވިހަ ތީރު (97)

( 27 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

" މިއީ ކޮންފަދަ ދުނިޔެއެއް ހެއްޔެވެ. ތަކުލީފުތަކުން ފުރިފައެވެ. މިއީ ކޮންފަދަ ވޭނެއް ހެއްޔެވެ ؟ ދުވަހަކު ނިމުމެއް ނެތެވެ. އަހަރެންނަށް މިލިބެނީ ކޮންކުށެއްގެ އަދަބެއް ހެއްޔެވެ ؟ މީހަކަށް ދެރައެއްދޭން ދުވަހަކުވެސް ، އަހަރެން ކަމެއްކޮށްފައެއް ނުއޮންނާނެއެވެ. މަންމަ މިވަގުތު ބަލިނުވިނަމަ ކޮންފަދަ ހެއްޔެވެ ؟ މަންޒަރު ބަދަލުވެ ، އަހަރެންގެ ދިރިއުޅުން ކުރިއެކޭ އެއްގޮތަށް ، އެއްވެސް ކުލައެއްނެތް އެއްޗަކަށްވެ އެއްވެސް ރަޙުމެއްނެތް ދިރިއުޅުމަކަށް އަލުން ބަދަލުވާނެނަމަ ކޮންފަދަ ހެއްޔެވެ ؟ ގެއްލިފައިވާ ބައެއްގުޅުން އަދިވެސް ދިރިއެބައޮތްކަމުގެ އިޙްސާސް މިކުރެވެނީ ކީއްވެބާވައެވެ ؟ މިގުޅުންތަކަކީ ، ލެއިން ނުވަތަ ދެލިން ލިޔެވިފައިވާ ލިޔުމެއްނަމަވެސް ، އެންމެ ފަހުވަގުތާ ހަމަޔަށް ދިރި މިއޮންނަނީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީން އޭނާގެ ނިންމުން އެއޮތީ ނިންމާފައެވެ. ކޮންމެ ސަބަބަކާ ހުރެނަމަވެސް ، އަހަރެންގެ ދިރިއުޅުމުން ނުކުމެގެންދާން ދިލްނަޝީން ބޭނުން ވެއެވެ. ދިލްނަޝީންގެ ހިތްއެދޭ މީހާގެ ގާތަށެވެ. ދިލްނަޝީން އެ ފިކުރުކުރަނީ އޭނާއާ މެދުގައެވެ. އަހަރެންނާ ދޭތެރޭ ދިލްނަޝީން ފިކުރުކުރަންވީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންނަށް ، އެހީތެރިވަމުން ދިލްނަޝީން އެގެންދަނީ  އިންސާނިއްޔަތަށް ޓަކައެވެ. "

ޙައިދަރުގެ ލޮލުން ވެއްޓެމުންއައި ކަރުނަތިއްކެއް އިނގިލިކުރިން ހިފަހައްޓާލައި ، އެ ކަރުނަ ތިއްކަށް ބަލަހައްޓައިގެން ، އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައި ހުއްޓެވެ. ކުއްލިޔަކަށް އެތަނަށް އެ ނުކުތީ މެހެމަލް އެވެ.

" މިއަދުވެސް ، ޙައިދަރު ބަލަހައްޓައިގެން ތިހުރީ ، ލޮލުން ވެއްޓުނު ކަރުނަ ތިއްކަކަށެވެ. " މެހެމަލް ބުންޏެވެ.

އާނއެކޭ ބުނެ ، މެހެމަލްއަށް ޙައިދަރު ޖަވާބު ދިނެވެ. ޙައިދަރުގެ އަޑުގައިވާ ވޭނާއި ކެކުޅުން މެހެމަލްއަށް އިޙްސާސް ވިއެވެ. އަދި ޙައިދަރުގެ ލޮލުން ފާއްދާލާފައިހުރި ކަރުނަތައްވެސް މެހެމަލްއަށް ފެނުނެވެ. ޙައިދަރަށް ވެފައިއެހުރީ ކީއްތޯ މެހެމަލް ސުއާލު ކުރިއެވެ. އާދައިގެ މަތިން ، ޙައިދަރުދިނީ ، ކުރިންވެސް މެހެމަލްއަށް ދޭ ޖަވާބެވެ. ކަމެއް ނުވެއެވެ. ކަމެއް ނުވާކަމަށް ވަންޏާ ލޮލުން ކަރުނައައީ ކީއްވެތޯ މެހެމަލް އެހިއެވެ. އެއީ ، އޭނާއަށް ކުރިންވެސް އާދަވެފައިހުރިކަމެއްކަމަށް ، ވިހަ ހިނިތުންވުމަކާއެކީ ، ޙައިދަރު ބުންޏެވެ. އެއީ ކުރިންވެސް އާދަވެފައިހުރި ކަމެއްކަމުގައި ، ދެވަނަ ފަހަރަށްވެސް ޙައިދަރު ތަކުރާރު ކޮށްލިއެވެ. ނުދަންނަ މީހެއްގެ ގޮތުގައި މާދުރުދުރުން ، ބޯމަތިންދާގޮތަށް ، ޙައިދަރު މިއަދު އެވާހަކަ ދައްކާ ސަބަބެއް އަދިވެސް މެހެމަލްއަކަށް އޮޅުމެއް ނުފިލިއެވެ. އެއީ ، ޙާލަތާގުޅިގެން ، ވަގުތު އޭނާއަށް ހުއްދަކުރާ ގޮތެއްގެމަތިން ، ތަބީޢަތާ ގުޅިފައިވާ ކަމެއްކަން ޙައިދަރު ހާމަކުރިއެވެ. މެހެމަލް ހިނިތުން ވެލިއެވެ. އަނބީހާއާ ދެމީހުން އަލުން ގުޅި ރައްޓެހިވީތޯ މެހެމަލް ސުއާލު ކުރިއެވެ. އާނއެކޭ ބުނެ ޙައިދަރުގެ ބޯ ހޫރައިލިއެވެ. އެކަމަކުވެސް ، ހިތްދަތިކަމާއެކީ އެކަނި އިނދެ ލޮލުން ކަރުނަބާލަނީ ކޮންސަބަބަކާ ހުރެތޯ މެހެމަލް ސުއާލު ކުރިއެވެ.

އަނެއްކާވެސް ހިތްދަތި ޙާލަތެކެވެ. ކުރިން ލޯބިވެރިޔާއެވެ. މިހާރު އަނބިމީހާއެވެ. އޭރުވެސް ލޯބިވެރިޔާއާ ދޭތެރޭ ޝަކުވާއެއް ނެތެވެ. މިހާރުވެސް ، އަނބީހާއާ ދޭތެރޭވެސް ޝަކުވާއެއް ނެތެވެ. އެއީ ޙައިދަރަށް އޭނާގެ ދިރިއުޅުމުގެ ޙާލާތު މަޖުބޫރުކޮށްފައިވާ ދެ ޙާލަތެވެ. އެފަދަ ގޮތަކަށް ޙައިދަރު ދިރިހުންނާނީ ކިހިނެއްތޯ ، މެހެމަލް ސުއާލު ކުރިއެވެ.

އުޅެވިދާނެކަމުގައި ބުނިއިރު ، ޙައިދަރުގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ކުރިންވެސް އުޅުނީއެވެ. ދެންވެސް އުޅެވޭނެއެވެ. އާދައިގެ ގޮތަކަށް ޙައިދަރު މިހާރު ، މެހެމަލްއާ ވާހަކަ ނުދައްކާތީ އެކަމުގެ ޝަކުވާ މެހެމަލް ކުރިއެވެ. ކޮންމެ ސުއާލެއްގެ ޖަވާބު އެދަނީ ކޮނޑުމަތިންނާއި ބޯމަތިންނެވެ. އެހެންވީމާ ، މެހެމަލްއަށް އިތުރަށް ވާހަކަ ދައްކާކަށް ނޭނގެއެވެ.

މެހެމަލް ގެޔަށް ވަންނަން ހިނގައިގަތްތަނާ ، އޭނާ އެ ވާހަކަ ދައްކަނީ ނޫންހޭ ބުނެ މެހެމަލް ހުއްޓުވިއެވެ. އެހެނަސް ، މެހެމަލް އެދައްކާ ވާހަކައަށް ، ޙައިދަރު ރައްދުދޭގޮތުން ، ހަޔަކަށްޖަހާ ބޯޅައެކޭ އެއްގޮތެވެ. ދާދިމާލަކަށްގޮސް ގެއްލި ދެއެވެ.

" އަހަރެން މިވާހަކަ ދައްކަނީ ނޫން ހެއްޔެވެ ؟ މެހެމަލް އަޑުއަހަން ބޭނުންވާ ވާހަކައެއް އަހަރެންނަށް ނުބުނެވެނީ ނޫން ހެއްޔެވެ ؟ " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ދިރިއުޅުމުން އޭނާ ނުކުމެގެންދާން ، ސާފުކޮށް ޙައިދަރަށް ނުބުނެވިގެން އެއުޅެނީ ކީއްވެތޯ މެހެމަލް ސުއާލު ކުރިއެވެ. ޢެއީ ޙައިދަރަށް ބުނެވޭނެ ވާހަކައެއް ނޫނެވެ. ޙައިދަރު އެބުނި ވާހަކައެއް މެހެމަލްއަކަށް ސާފެއް ނުވިއެވެ. ޙައިދަރު އެހުރީ ދެމަލުންކުރެ ބިންނަންވީ މަލެއް އޮޅިފައެވެ. އެއްމާވެސް ދޫކޮށްލެވޭކަށް ނެތެވެ. ޙައިދަރު ތެދުވެގެން އައިސް މެހެމަލްގާތުގައި ހުއްޓިލިއެވެ.

" މިވަގުތު އަހަރެންނަކީ ފާރުގަނޑެކެވެ. އަހަރެންނާ ގާތަށް އަންނަމީހަކު ، އެ ފާރުގަނޑުގެ ޒަޚަމުން ހަލާކުވެނިމިދާނެއެވެ. ކޮވިޑްގެ ވައިރަސް ފަދައިންނެވެ. އެހެންވީމާ ، މިވަގުތަށް އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހުރެދޭށެވެ. އަހަރެންނަކަށް ބޭހެއްވެސް އަދި ހަމްދަރުދީއެއްވެސް ބޭނުމެއް ނުވެއެވެ. އަހަރެން މިހުރީ ހަލާކުވެ ފަނާވެ ގޮއްސައެވެ. އެއްވެސް މީހަކަށް އަހަރެންނަކަށް އެހީތެރިއެއް ނުވެވޭނެއެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ މޫނުގައި މެހެމަލް ފިރުމާލިއެވެ. ޙައިދަރު ބޭނުންނުވިޔަސް ، މެހެމަލްގެ ހިތުގައި ޙައިދަރުގެ މައްޗަށް އުފެދިފައިވާ ހަމްދަރުދީއާ އެކީގައެވެ.

" ޙައިދަރު ހީވަނީ ލޯބީގެ ދީވާނާއެއް ހެންނެވެ. ދިލްނަޝީނަށްޓަކައެވެ. " މެހެމަލް ބުންޏެވެ.

ޙައިދަރަށްވެސް ހީވަނީ ހަމަ އެހެންނެވެ. އެކަމަކު ، އެކަމުގައި ފިރިޔަކަށްވެހުރެ އޭނާގެ ކޮންޓްރޯލެއް ނެތެވެ. ފިޔަކޮށައިގެން ގެނައި ދޫނީގެ ފިޔަފަޅައި ، މިހާރު އެއިނީ އުދުއްސައިގަންނަން ތައްޔާރުވެފައެވެ.

އިރުކޮޅަކު ބޭރުގައި ހުރެލުމަށްފަހު ، ޙައިދަރު ކޮޓަރިޔަށް ދިޔައިރު ، ދިލްނަޝީންހުރީ ޙަމްޒާއާ ވާހަކަ ދައްކަން ވީޑިއޯ ކޯލް ކޮށްގެންނެވެ. ޙައިދަރަށް ވެގެންވިއްޔާ ދިލްނަޝީން ވަރިއެއް ނުކުރާނެއެވެ. ޝަރުތެއް މަތިކޮށްފައިނަމަވެސް ، ޙައިދަރުގާތުން ، ވަގުތުން ވަރިވާން ޙަމްޒާ ބުނަމުން ގެންދިޔައެވެ. ޙައިދަރު އޭނާ ވަރިކުރާނެކަމަށް ދިލްނަޝީން ބުންޏެވެ. ޙައިދަރާއި ދިލްނަޝީނާ ދެމެދު ، އެކަމާބެހޭގޮތުން އޮތީ ވާހަކަ ދެކެވި ވަކި ގޮތަކަށް އެއްބަސްވެސް ވެފައެވެ.

" ޙައިދަރުގެ ކުރީގެ ލޯބިވެރިޔާ މިގޭގައި އެބަ އުޅެއެވެ. ޙައިދަރަށް މެހެމަލްއާ އިންނަން ނުކެރިގެން އެއުޅެނީ މަންމަ ނުޤަބޫލު ވެދާނެތީއެވެ. އެހެން ނޫންނަމަ ، ދެއަނތްބަށްވެސް މިހާރު އިނދެފާނެއެވެ. " ދިލްނަޝީން ބުންޏެވެ

ޙަމްޒާއާއި ދިލްނަޝީނާ ދެމީހުން ވާހަކަ ދައްކަމުން ގެންދިޔައިރު ، އަޑުއިވޭ ހިސާބުގާތުގައި ހުއްޓިލައިގެން ޙައިދަރު ހުއްޓެވެ.

ޙަމްޒާގެ މައްސަލަޔަކީ ، ޙައިދަރުގާތުގައި ދިލްނަޝީން ހުރުމެވެ. ދިލްނަޝީން އެގޭގައި އޭނާގެ ދިރިއުޅުމުގައި ހިފެހެއްޓުމަށްޓަކައި ، ކޮންމެފަދަކަމެއްވެސް ޙައިދަރު ކޮށްފާނެއެވެ. އެއީ ޙަމްޒާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ.

ޙަމްޒާ ދެކެ ލޯބިވާވާހަކަ ބުނުމަށް ދިލްނަޝީންގާތު ، ޙަމްޒާ ކިޔަމުން އާދޭސްކުރަމުން ގެންދިޔައެވެ. އެކަން ނުހުއްޓައިގެން ދިލްނަޝީންގާތަށް ރުޅިއައެވެ. އަދި ، ޙަމްޒާ އެހުރީ ، ބުއްދި ސަލާމަތުންނޫންކަމަށް ދިލްނަޝީން ބުންޏެވެ. އަދި ، ފަހުން ވާހަކަ ދައްކާނަމޭބުނެ ދިލްނަޝީން ، ފޯނުކަނޑައިލާފައި އެނބުރިލިއިރު ، އޭނާއާ ޖެހިގެންކަހަލަ ގޮތަކަށް އެހުރީ ޙައިދަރެވެ. ފަހުން ވާހަކަ ދައްކާނަމޭ ދިލްނަޝީން ބުނުމުން ، ޙަމްޒާ އޭނާގެ ފޯނު ހޫރައިލި އަޑުފައްގަނޑުވެސް ޙައިދަރަށް އިވުނެވެ. ޙަޤީޤަތުގައިވެސް ޙަމްޒާ އެހުރީ މޮޔަވެފައެވެ. އަންހެނަކާހެދި  ، ފިރިހެންވަންތަކަންހުރި ފިރިހެނަކު ، އެވަރުވާން ވެދާނެ ހެއްޔެވެ ؟ ފިރިހެނުންނަށްވެސް ހުތުރު ނޫންހެއްޔެވެ ؟

ފޯނު ކަނޑާލައިފާ އެނބުރިލިތަނުން ޙައިދަރު ފެނުނީމަ ، ދިލްނަޝީން ކުޑަކޮށް ލަދުގަންނަ ގޮތް ވިއެވެ. ޙައިދަރު އެތާ އެހުރީ ކޮންއިރަކުއްސުރެ ކަމެއްވެސް ނޭނގެއެވެ. އެކަމާބެހޭގޮތުން އެއްޗެކޭ ބުނާނެ ޖާގަޔެއް ދިލްނަޝީނަކަށް ނެތެވެ. އެއީ ޙައިދަރުގެ ގެއެވެ. ޙައިދަރުގެ ކޮޓަރިއެވެ. އަދި ، ޙައިދަރުގެ އަނބިމީހާއެވެ. އޭނާ ދައްކާ ވާހަކަ އަޑުއަހަން ޙައިދަރު އެތާހުރެގެން އެއްޗެކޭ ބުނަން އަނގަހުޅުވައިލުމުގެ ޙައްޤެއް ދިލްނަޝީނަކަށް ލިބިގެންނެއް ނުވެއެވެ.

އޭނާއަށް ވިސްނައިދީފިންކަމަށް ދިލްނަޝީން ބުންޏެވެ. އެއީ ވަރަށްބޮޑު ސިއްރެއްކަމުގައި ޙަމްޒާގާތު ދިލްނަޝީން ބުންޏެވެ.

" އާނއެކެވެ ! ބޮޑު ސިއްރެކެވެ. ފިރިމީހާއާ އަނބިމީހާއާ ދެމެދުގައެވެ. އަދި އަނބިމީހާއާ އަނބިމީހާގެ ލޯބިވެރިޔާއާ ދެމެދުގައެވެ. " ޙައިދަރު ބުންޏެވެ.

ޙައިދަރުގެ ވާހަކައިން ދިލްނަޝީނަށް ލިބުނު އިޙްސާސް އޭނާއަށް ވަޒަން ކުރާކަށް ނޭނގުނެވެ. ޙައިދަރު އެބުނީ ލައްކަ ވާހަކައެވެ. އެވާހަކައިގާ ދީނީގޮތުންވެސް ، ދިލްނަޝީން ވިސްނައި ފިކުރުކުރަންވީ މާނަތަކެއް އެކުލެވިގެން ވެއެވެ. ދިލްނަޝީނަށް ޙައިދަރާ ދިމާލަށް ބަލައިލެވުނެވެ. ޙައިދަރުވެސް ، ދިލްނަޝީނާ ހަތަރުކަޅި ހަމަކޮށްލައި ، ހީލިއެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައެވެ.

ޙައިދަރު ދިޔަފަހުންވެސް ، ޙައިދަރު އެބުނި އެއްޗަކާމެދު ވިސްނައިލަން ދިލްނަޝީން ހުއްޓެވެ. ފިރިމީހާއާއި އަނބިމީހާއާ ދެމެދުގައި އޮންނަ ބޮޑު ސިއްރު ، އަނބީމާހާއި އަނބިމީހާގެ ލޯބިވެރިޔާއާ ދެމެދު އޮންނަ އޮތުމަކީ ، ރޯދަކުރުކުރަން ގެނެސްދޭން ރަނގަޅު އަރަތެކެވެ. އެއީ އަދަބު އަޚްލާޤާއި ، އަދަބީ މިންގަނޑުން ، އަދި އިސްލާމީ އިޖްތިމާޢީ މިންގަނޑުންނާއި ދީނީ މިންގަނޑުންވެސް ، އަންހެނަކަށް އަމާޒު ކުރެވިގެންދާނެ ، ވަރަށްބޮޑު ވާހަކަ އެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. މިވާހަކާގާ މިއުޅޭ ބަތަލުންނަކި "ވިހަމަކަރު ވެރި" ހިޔަޅަކާއި، އައްޑޫ މީހުން ބުނާކަހަލަ ދެކައްލަބުނާއި، މަޖުނޫނަކާއި

  2. ނިމެނަ ކައިރިވާ ވަރަކަށާް ވާހަކަ ރީތިވަމުން އެބަދޭ. ދިލްނަޝީނަށް ހެޔޮ ވިސްނުން ދެއްވާށި !

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.