
ރަށްވެހި އާސާރުތައް އުފައްދައި ހިންގުމުގެ ޤާބިލްކަން ލިބިފައިވާ މީހުން އިތުރުކުރަންޖެހޭ ކަމަށާއި އެފަދަ މީހުން ރާއްޖޭގެ ހުރިހައި ރަށެއްގައި ތިބުން މުހިންމު ކަމަށްް، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު، އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ހއ. ކެލާ ރަށްވެހި އާސާރު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ކުރިޔަށް އޮތްތާނގައި އެ ރޮނގުން ހާއްސަ ތަމްރީނު ޕްރޮގްރާމުތަކެއް ހިންގަވާނެ ކަމަށާއި މި ތަމުރީނުތަކެއް މި އަހަރު ހިންގަން ފެށޭނެކަމަށެވެ. އަދި ވުޒާރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ރަށްވެހި އާސާރުތައް ބިނާކުރުމުގެ އަމާޒު ޙަޤީޤަތަކަށް ހެދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވައިފައިވާ ދިވެހި ނެޝަނަލް އައިޑެންޓިޓީގެ މަފްހޫމުތަކާ އެއް ގޮތަށް، ދާރުލްއާސާރުތައް އެކަށައެޅުމާއި ބެލެހެއްޓުމުގެ ފަންނީ އަދި ޢިލްމީ ޤާބިލުކަން މުޅި ރާއްޖެއަށް އާންމުކުރަން ޖެހޭކަން ވަޒީރު ފާހަގަކުރައްވައި އިތުރު ތަފުސީލު ދެއްވިއެވެ.
އެކިއެކި ސަފީރުންނާއި، އެކިއެކި ޤައުމުތަކުގެ ކަމާބެހޭ އިސްފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުން މި ތަމުރީނުތައް ފޯރުކޮށްދިނުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް ފުރުސަތު ފަހިވެފައިވާކަން ވަޒީރުވަނީ ފާހަގަ ކުރަށްވާފައެވެ. މިގޮތުން މިދިޔަ އަހަރު މިކަމާ ގުޅޭ ދާއިރާއިން ވުޒާރާގެ ބޭފުޅުން ބައެއް ތަމްރީނުތައް ފުރިހަމަކޮށްފައިވާ ކަމަށާއި މިއަހަރުވެސް ތަމުރީނުތަކަށް ފުރުޞަތު ލިބިފައި ވާ ކަން ވަޒީރު ވަނީ ފާހަގަކުރަށްވާފައެވެ.
މިގޮތުން އަންނަ އޭޕްރީލް މަހު 17ގައި މިކަމާ ގުޅުން ހުރި ތަމުރީނުތައް ހޯއްދެވުމަށް މި ވުޒާރާގެ ދެ މުވައްޒަފުން ޗައިނާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމުރީނުތައް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް 3 މަސް ދުވަސް ތެރޭގައި ޢިލްމީ ތަމުރީނު ކޯސްތައް މުޅި ރާއްޖެއަށް ހިންގަން ފެށޭނެގަކަމުގައި ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މި މަސައްކަތުގެ އިތުރުން ވުޒާރާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެ ތަރިކަ އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކޮންމެ ރަށެށްގައި ވެސް ފަރުދީފެންވަރުގައްޔާއި، ޖަމާއަތުގެ ފެންވަރުގައްޔާއި އަދި ރަށުފެންވަރުގައި އެކި ބާވަތުގެ އާސާރުތައް ތަޢާރަފުކުރުމުގެ ޤާބިލުކަން އުފެއްދުމަކީ ކުރަައްވާނެ މަސައްކަތެއްކަމުގައެވެ.