
ފުލުހުންގެ މުއައްސާގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހުގެ 24 އިން 27އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިމަހުގެ 29 ވަނަ ދުވަހު ފާހަގަކުރާ ފުލުހުންގެ 92 ވަނަ އަހަރީ ދުވަހާ ދިމާކޮށް ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ހުޅުވާލައިގެން، ފުލުހުންގެ ޚިދުމަތުގެ ވޯކްފޯސް ހެލްތު އެންޑް ވެލްބީންގ އިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އަދި މިއީ ތެލަސީމިއާ ކުދިންނަށް ލޭ ހޯދުމުގައި ލުއިފަސޭހަ ގޮތްތަކެއް ގާއިމުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ލޭ ހަދިޔާކުރުމުގެ މި ޕްރޮގްރާމް ކުރިއަށް ދަނީ ނޭޝަނަލް ތެލެސީމިއާ ސެންޓަރުގައެވެ.