ވިހަ ތީރު (88)

( 18 މާރިޗު 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ )

ޙައިދަރުގެ ހިތްދަމައިގަނެވޭފަދަ ވާހަކަތަކެއް ދެއްކޭތޯ މެހެމަލް މަސައްކަތް ކުރަމުން ގެންދިޔައެވެ.

އެއްވެސް ކަމެއްދަނީ ރަނގަޅަކަށް ނޫނެވެ. ޙަމްޒާއަކަށް ދިލްނަޝީންގެ ވާޙަކަ ޤަބޫލެއް ނުކުރެވެއެވެ. ދިލްނަޝީންގެ އެންމެ ބޮޑު މައްސަލަޔަކީ ، ޙަމްޒާގެ ގޭގެ މީހުންނެވެ. އެމީހުން މިހާރު އެތިބީ ، ދިލްނަޝީންގެ ކިބައިން ބަދަލު ހިފުމަށް ތައްޔާރުގައެވެ. ޚާއްޞަކޮށް ، ރިދާގެ ޢަމަލުތައް އެދަނީ ހައްދު ފަހަނަޅައި ، މުޅި މަންޒަރު ބަދަލުވާ ފަދަގޮތަކަށް ބައްޓަން ކުރަމުންނެވެ. ޙަމްޒާގެ ގޭގެ މީހުން މައިތިރިކުރުމަކީ ، ޙަމްޒާގެ ޒިންމާއެއްކަމަށް ޙަމްޒާ ބުންޏެވެ. އަދި ، ދިލްނަޝީންގެ ހުނުމުގެ އަޑު އޭނާއަށް އިއްވާލަދިނުމަށް އެދުނެވެ.

އަޑުގެ ނެތްތަނަށް ދިލްނަޝީން ހީގަތްއަޑު އިވުނެވެ. ދިލްނަޝީން އޭރުހުރީ މަތީބުރީގެ ބެލްކަންޏަށް ނުކުމެއެވެ. ޙަމްޒާއަށް ގޮވަމުން ދިލްނަޝީން ހީސަމާސާ ކޮށް ވާހަކަ ދައްކާ އަޑު ، ޙައިދަރަށާއި މެހެމަލްއަށްވެސް އިވެއެވެ. ދިލްނަޝީންގެ ބޭނުމަކީވެސް އެއީއެވެ. މިހާރު ފޯނުބޭއްވުމަށް އެދެމުން އަދި ފަހުން ގުޅާނެކަމަށް ބުނަމުން ، ހެމުންހެމުން ދިލްނަޝީން ފޯނު ބޭއްވިއެވެ.

އަންހެނަކު ސަމާސާކުރަމުންގޮސް އެ ސަމާސާ ވިހަވެއްޖެނަމަ ، ހުރިހާކަމެއް ބަރުބާދުކޮށްލާނެކަމަށް ޙައިދަރު ބުންޏެވެ. ޙައިދަރު އިނީ ބެލްކަންޏާ ދިމާލަށް ބަލަހައްޓައިގެންނެވެ. ގަދަކަމުން އުފެއްދޭ ގުޅުމެއް އެހާގިނަދުވަހަކު ނުދެމެހެއްޓޭނެކަމަށް މެހެމަލް ބުންޏެވެ. މެހެމަލް އާއި އަންޞާބުގެ ގުޅުންވެސް އުފެއްދުނީ ގަދަކަމުންނެވެ. އެގުޅުމަކަށްވެސް އެހާގިނަ ދުވަހެއް ނުވެއެވެ. މެހެމަލްމެންގެ ކައިވެނީގެ ގުޅުމުގައިވެސް ، ވަފާތެރިކަން އަދާކުރީ ހަމައެކަނި މެހެމަލް އެވެ. އަންޞާބު އުޅުނީ އުޅޭނެ ގޮތަކަށެވެ. ޙައިދަރުވެސް އެ ތަކުރާރުކުރަނީ ހަމަ އެފަދަ ޙާލަތެއްކަމުގައި މެހެމަލް ބުންޏެވެ. ވީ އެންމެ އަވަހަކަށް ދިލްނަޝީނާ ޙައިދަރު ވަކިވުމަށް މެހެމަލް ލަފާދިނެވެ. ޙައިދަރުގެ ހިތަށް ލިބޭ ތަކުލީފުތައް ލުއިވެ ،  މަންމަގެ ޞިއްޙަތަށްވެސް އެންމެ ރަނގަޅުވާނީ އެގޮތެވެ. މިހާރު އެދާގޮތަށް ކަންކަން ދަންޏާ ، ދެމައިންވެސް ބަލިވެ ، ޞިއްޙީގޮތުން ގެއްލުންލިބެމުންދާނެކަމުގައި މެހެމަލް ބުންޏެވެ. މަންމަގެ ޙާލުވެސް ޙައިދަރަކަށް ނުބެލެހެއްޓޭނެއެވެ.

" ގުޅުމަކުން ދުރުވެ އެގުޅުމަކާ ވަކިވުމަކީ ، މެހެމަލްއަށް ދާދި ފަސޭހަކަމަކަށް ވެދާނެއެވެ. މިގޭގައި މެހެމަލްހުރި އެންމެ މުހިންމު ސަބަބަކީ އެއީއެވެ. ދިލްނަޝީނާއެކީ ދިރިއުޅުމަކީ ، އަހަރެންނަށްވެސް މިހާރު ވަރަށް ދަތި ކަމެކެވެ. އެހެނަސް ، އެކައިވެނި ދެމެހެއްޓުމަށްޓަކައި އަހަރެންނަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަމެވެ. ކަފުނުގެ މަތިއަޅާފައި ސަންދޯކުގެ އެންމެ ފަހު މޮހޮރު ޖަހާ މީހަކީ އަހަރެންކަމަށް ވާނަމެވެ. އަހަރެމެންގެ ކައިވެނި ރޫޅާލެވޭކަމަށްވަންޏާ ، އެކަމަށް އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ދިލްނަޝީނެވެ. އަހަރެންނެއް އެކަމެއް ނުފަށާނަމެވެ. " ޙައިދަރު ބުންޏެވެ.

މެހެމަލްގެ ކަރުއެލިގެންދިޔައެވެ. ޙައިދަރު އެހުރީކީ މެހެމަލް އެހީކުރިގޮތަކަށް ނޫނެވެ. މިހާރަކު އެހާ ފަސޭހައިން ޙައިދަރު ހައްލައެއް ނުލެވޭނެއެވެ. މެހެމަލްއަށް ލިބުނު މާޔޫސްކަން ފޮރުވަން މަސައްކަތް ކުރިއެވެ. އެކަމަކު ،  އެކަމާބެހޭގޮތުން އިތުރު ވާހަކައެއް ނުދައްކައެވެ. އެވާހަކަ އިތުރަށް ދައްކަން ވެއްޖިއްޔާ ، މެހެމަލްއަށް ދެއްކޭ ވާހަކަތަކުން ޙައިދަރު ރުޅިއައުން ނޫންކަމެއް ނުވާނެއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ، ޙައިދަރު ގޭތެރެޔަށް ވަންނަން ހިނގައިގަތެވެ.

ޙައިދަރަށް ކޮޓަރިޔާ ހަމަޔަށް ނުދެވެނިސް ، ޝާހިދު ގުޅާފައި ، ވީއެންމެ އަވަހަކަށް އޭނާގެ ކްލިނިކަށް އައިސްދިނުމަށް ޙައިދަރުގެ ކިބައިން އެދުނެވެ. އިތުރު ވާހަކަތަކެއް ޝާހިދެއް ނުދައްކައެވެ. އިތުރު ވާހަކަ ދައްކާނީ ، ޙައިދަރު އޭނާއާ ދިމާވީމަކަމަށް ޝާހިދު ބުންޏެވެ.

ޝާހިދު ބުނަން އެއުޅޭ ވާޙަކައެއް ގޮސް ގުޅޭނީ ، މަންމަގެ ޞިއްޙަތާކަން ޙައިދަރަށް އެނގެއެވެ. ޝާހިދު އެގުޅީ ، ޓެސްޓްތައްވެސް ހަދައި ، ނަތީޖާ ލިބިގެން ޙައިދަރަށް އެކަން ސާފުކޮށްދިނުމަށް ކަމަށްވެސް ވެދާނެއެވެ. އެހެން ހުރިހާކަމެއް ދޫކޮށްލާފައި ، ޝާހިދުގެ ކްލިނިކަށް ދިއުމަށްޓަކައި ، ޙައިދަރު ނައްޓައިލިއެވެ.

ގޭތެރޭގައި ހިނގަމުންދާ ހުރިހާކަމެއް ޝާހިދަށް އެނގިފައެއް ނެތެވެ. އެހެނަސް ، އެގޭތެރޭގައި ކަންތައްގަނޑެއް ހިނގަމުން އެބާދާކަން ޝާހިދަށް އެނގެއެވެ. ޙައިދަރުގެ މަންމަގެ ލޭމައްޗަށް ދިއުމުގެ އެންމެ ބޮޑު އެއްސަބަބަކީވެސް އެއީއެވެ.

ޙައިދަރުގޮސް ، ޝާހިދުގެ ކުރިމަތީ ވަކަގޮތަކަށް އިށީނދެލިއެވެ. އޭނާގެ ނަފްސުގައި އެއްވެސް ދިރުމެއް ނެތެވެ. ޝާހިދަށްވެސް އެކަން ފާހަގަ ކުރެވުނެވެ. މަންމަގެ ޓެސްޓްތަކުގެ ނަތީޖާ ލިބިއްޖެކަމުގައި ޝާހިދު ބުންޏެވެ.

" ހުރިހާ ޓެސްޓްތަކަކުން ވެސް ދައްކަނީ އެއްނަތީޖާއެކެވެ. މަންމަޔަށް އެހުރީ ކެންސަރު ޖެހިފައެވެ. " ޝާހިދު ބުންޏެވެ.

ޝާހިދުގެ ވާހަކައިން ، ޙައިދަރަކަށް މާބޮޑު ޙައިރާންކަމެއް ނުލިބެއެވެ. ސިއްސައިގެންނެއްވެސް ނުދެއެވެ. އެއީ ވާނެކަހަލަކަމެއް ނޫންކަމަށާއި އެވާނީ ، އެހެން ކޮންމެވެސް މީހެއްގެ ސާމްޕަލް މަންމަގެ ސާމްޕަލާ މަސްހުނިވީކަމަށް ކަމުގައި ޙައިދަރު ބުންޏެވެ. އެތައް ވާހަކައެއް ޝާހިދު ދެއްކީމަވެސް ، ޙައިދަރަކަށް ، ޝާހިދުގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ މަންމަގެ ހުނަނީ ހަމައެކަނި ލޭމައްޗަށް ދިއުމުގެ ބަލިކަމުގައި ޙައިދަރު ބުންޏެވެ. ޝާހިދު ލައްވާ މެދުނުކެނޑި ޓެސްޓް ހަދައި މަންމަގެ ޞިއްޙަތު މޮނިޓަރ ކުރަމުން އެގެންދަނީ ކަމެއްވެގެންކަމުގައި ޙައިދަރު ބުންޏެވެ. އެކަން އެހެންކުރަމުން ދަނިކޮށް ކުއްލިޔަކަށް މަންމަޔަށް ކެންސަރު ޖެހެންވީ ކީއްވެ ހެއްޔެވެ ؟

ޙައިދަރަށް ދޭނެޖަވާބެއް ، ޝާހިދަކަށް ނޭނގުނެވެ. ޙައިދަރު ހިތްހަމަޖައްސައިދިނުމަށްޓަކައި ، އިތުރު ޓެސްޓްތަކެއް ހެދުމަށްޓަކައި ، މާދަމާ ބާރަޖަހާއިރު ، މަންމަގޮވައިގެން ހޮސްޕިޓަލަށް އައުމަށް ޝާހިދު ބުންޏެވެ.

ޙައިދަރު ގެޔަށްދިޔަގޮތަށް ދިޔައީ މަންމަގެ ކޮޓަރިޔަށެވެ. ކުރިން ނުކުރާ އެތައް ސުއާލެއް ، ކުލްސޫމުގެ ޙާލަތާބެހޭގޮތުން ، ޙައިދަރަށް ކުރެވުނެވެ. ކުލްސޫމުގެ ޖަވާބުންވެސް ، މަންމަގެ ޞިއްޙަތަށް ކުރިން ނާންނަ ބަދަލުތަކެއް އައިސްފައިވާކަން ، ޙައިދަރު ދެނެގަތެވެ. ކުލްސޫމްގެ ލޯވެސް އިހަށްވުރެ އަނދިރި ވެއްޖެއެވެ. ވަރުބަލިކަންވެސް ކުރިޔަށްވުރެ ބޮޑަށް އެބަހުއްޓެވެ.

ދިލްނަޝީންވެސް ކުލްސޫމްގާތަށް އައިސް އެތައް އިރަކު އިންވާހަކަ ކުލްސޫމް ބުންޏެވެ. އެދެމައިން ވަރަށް ވާހަކަ ދެއްކިއެވެ. ޙައިދަރު ޝަކުވާކުރާނެ ފުރުޞަތެއް ދެން ނުދޭނެކަމަށް ދިލްނަޝީން ވަޢުދުވިވާހަކަ ކުލްސޫމް ބުންޏެވެ. ޙައިދަރުވެސް ، ހިތްހެޔޮ ކޮށްލާފައި ، ދިލްނަޝީނާމެދު ރަނގަޅަށް ވިސްނުމަށް ކުލްސޫމް އެދުނެވެ. އަދި ކުދިކުދި ކަންތައްތަކުގައި އެހާބޮޑަށް މައްސަލަ ނުޖެއްސުމަށް ކުލްސޫމް ނަޞޭޙަތް ދިނެވެ.

އަނބިންނަށް ބޭނުންވާނީ ހަމައެކަނި ، ގުޅުވިފައިވާ ނަމެއް އެކަންޏެއްނޫނެވެ. ޤަދަރާއި އިޙްތިރާމާ އަދި ލޯބިވެސް އަނބިންނަށް ބޭނުންވާނެއެވެ. އެކަންކަމަކީ ، އެއާނުލައި އަންހެނާގެ ގެ އާބާދު ނުކުރެވޭނެ ކަންކަމެވެ. ދިލްނަޝީނާމެދު އެމީހުންނަށް ޢަމަލުކުރެވިފައި އޮތީ އެންމެ ރަނގަޅަށް ނޫންކަމަށް ، ކުލްސޫމްވެސް އެއްބަސް ވިއެވެ. ދިލްނަޝީންގެ ކިބައިން ، ކުލްސޫމް މަޢާފަށްވެސް އެދުނެވެ. ޙައިދަރުވެސް ، ދިލްނަޝީން ގާތުން މަޢާފަށް އެދުމަށް ކުލްސޫމް ބުންޏެވެ.

ދިލްނަޝީންގެ ކިބައިން ކުލްސޫމް މަޢާފަށް އެދުމުން ، އެކަމާ ޙައިދަރު ވަރަށް ހިތްހަމަ ނުޖެހުނެވެ. އެއީ ކީއްކުރަން މަންމަކުރި ކަމެއްތޯ އެތައްފަހަރަކު ، ޙައިދަރު ސުއާލު ކުރިއެވެ. މާގިނަ އަނގަނުތަޅައި ، ކުލްސޫމް އެބުނިކަންތައް ކުރުމަށް ކުލްސޫމް ބާރުއެޅިއެވެ. އެއީ ދިލްނަޝީންގެ ކިބައިން ޙައިދަރު މަޢާފަށް އެދުމެވެ. މީހެއްގެ އަބުރަށް ހުތުރުވާ ކަހަލަކަމެއް ކުރެވި ، މީހެއްގެ ހިތަށް ތަކުލީފެއް ދެވިއްޖެކަމަށް ވަންޏާ ، އެމީހެއްގެ ފަރާތުން މަޢާފަށް އެދުމުގެ ހިތްވަރުވެސް ހުންނަންޖެހޭނެކަމުގައި ކުލްސޫމް ބުންޏެވެ.

ގެ އާބާދު ކުރެވޭނީ ހަމައެކަނި އަންހެނުންގެ ޤުރުބާނީއަކުން އެކަންޏެއް ނޫނެވެ. ފިރިހެނުންވެސް ވާންޖެހޭ ޤުރުބާނީތަކެއް ހުންނާނެއެވެ. ފިރިހެނުންވެސް އަންހެނުންނެކޭ އެއްގޮތަށް ހިތަށް ތަދުކުރަންޖެހޭ ވަގުތުތައް އަންނާނެއެވެ. ދިލްނަޝީން މިހާރު އިންނާނީ ޙައިދަރުގެ އިންތިޒާރުގައިކަމަށް ބުނެ ، ޙައިދަރު ފޮނުވައިލިއެވެ.

ޙައިދަރު ކޮޓަރިޔަށް ދިޔައިރު ދިލްނަޝީން އިނީ ޓީވީ ބަލާށެވެ. ޙައިދަރު ބޭނުން އެއްޗެއް ބަލާށޭ ބުނެ ، ރިމޯޓުތައް ޙައިދަރަށް ދިނެވެ. އެއްވެސް އެއްޗެއް ބަލަން އޭނާ ބޭނުންނުވާކަމަށް ޙައިދަރު ބުންޏެވެ.

ޙައިދަރު ޓީވީބަލަން ބޭނުންނުވާކަމަށް ވަންޏާ ނިއްވާލަނީއޭ ބުނެ ، ދިލްނަޝީން ޓީވީ ނިއްވައިލިއެވެ. މަންމަ ގާތަށް ދިލްނަޝީން ދިޔަކަން ، އޭނާއަށް އެނގުނުކަން ޙައިދަރު އަންގައިލިއެވެ. އަދި އެކަމަށް ދިލްނަޝީނަށް ޝުކުރު އަދާކުރިއެވެ.

ދިލްނަޝީން މަންމަގާތަށް ދިޔައިރު ، މެހެމަލް އެތާ އިންކަމުގައި ދިލްނަޝީން ބުންޏެވެ. މަންމަ އެކަނި ކޮށްލާފައި މަންމަގާތު ނުއިނދެ ، އަންނާކަށް ޙައިދަރު ބޭނުމެއް ނޫނެވެ. އެކަމަކު ، މަންމަ ބޭނުންވީ ، އޭނާ ދިލްނަޝީންގާތަށް ދިއުމަށެވެ. މެހެމަލް މަންމަގާތުގައި މަޑުކުރަނީ އެސަބަބަށްޓަކައެވެ.

ޝާހިދު ބުނެގެން އޭނާއާ ބައްދަލުކޮށްފައި އައިކަމުގައި ޙައިދަރު ބުންޏެވެ. އަދި އިތުރު ސީޓީ ސްކޭނެއް ހަދަން ޝާހިދު ބުނިވާހަކަވެސް ބުންޏެވެ. މެހެމަލްގާތު ބުނެގެން މަންމަޔާއެކީ މެހެމަލް ފޮނުވިދާނެއެވެ. މަންމަޔާއެކީ ، ދިލްނަޝީން މާދަމާ ހޮސްޕިޓަލަށް ހިނގައްޖެނަމަ ، މަންމަ ވަރަށް ހިތްހަމަޖެހޭނެކަމަށް ޙައިދަރު ބުންޏެވެ. އޭރަށް މަންމަޔަށް ހީވާނީ ، މަންމަގެ ފިރިހެންދަރިފުޅާއެކީ ، މަންމަގެ ޅީދަރިފުޅު ހުންނަނީ އުފަލުގައި ކަމުގައެވެ. މަންމަޔަށް އެހެންގޮތަކަށް ހީނުވާނެހެން ދިލްނަޝީންގެ ޢަމަލުތައް ، މިދުވަސްކޮޅު ބެހެއްޓުމަށް ޙައިދަރު އެދުނެވެ. އަދި ، އެކަމަށް ދިލްނަޝީންވެސް އެއްބަސް ވިއެވެ. މަންމަޔަށް ރަނގަޅުވީމަ އޭނާގާތު ބުނެލުމަށް ދިލްނަޝީން އެދުނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.