
ޤައުމުގެ ކުރިމަގަށް ހިންގާ ބޮޑެތި މަޝްރޫޢުތަކުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ޝާމިލްކުރުމަކީ އެ މަޝްރޫޢުއަކަށް ލިބިގެންދާ، އިތުރު ފުރިހަމަކަމަކާއި އާރެއްކަމަށް ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އަރިޔަދޫގައި "ކޮކްނަޓް ޑިވްލޮޕްމަންޓް ސެންޓަރ" ޤާއިމުކުރުމުގެ މަޝްވަރާގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާއި މި ވުޒާރާއިން ކުރި ޕޯސްޓް އެއް ސޯޝަލްމީޑިއާގައި ހިއްސާކުރައްވަމުންނެވެ.
އދ. އަރިޔަދޫ މި ވުޒާރާގެ ބެލެހެއްޓުމުގެ ދަށަށް ބަދަލުކުރުމަސް ވަޒީރުންގެ މަޖިލީހުން ނިންމެވުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.