ކާނިވާ ސަރަޙައްދުގައި އަލަށް ހަދާ ސްޓޭޖްގެ ކުރެހުން ކައުންސިލުން ދައްކައިލައިފި

މާލެ ސީޓީގެ ކާނިވާ ސަރަޙައްދުގައި މިހާރު ހުރި ސްޓޭޖު ތަޅާލުމަށް ފަހު، އެ ތަނުގައި ތަރައްޤީކުރާ، ސްޓޭޖު ހުންނާނެ ގޮތުގެ ކުރެހުން، މާލެ ސިޓީ ކައުންސިލުން ދައްކައިލައިފި އެވެ.

އައު ސްޓޭޖް ހުންނާނެ ގޮތުގެ ކުރެހުން ކައުންސިލުން މިއަދު އާންމުކޮށްފައިވާއިރު، މި މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ، މި މަހުގެ 14 ވަނަ ދުވަހު ބަޔަކާ ހަވާލުކޮށްފައެވެ.

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ، ކާނިވާ ސަރަހައްދުގައި މިހާރު ޢިމާރާތް ކޮށްފައިވާ ސްޓޭޖް ތަޅައިލުމަށް ފަހު، އައު ސްޓޭޖެއް ތަރައްޤީކުރުމަށް ކައުންސިލުން ހަވާލުކޮށްފައިވަނީ ޔޫ.އެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ކައުންސިލުން މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވާ މުއްދަތަކީ، 2025 ވަނަ އަހަރު މާރޗް މަހުގެ 14 ވަނަ ދުވަހުން ފެށިގެން 2025 ވަނަ އަހަރު ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް (ބަންދު ދުވަސްތަކާއެކު) ޖުމްލަ 140 (ސަތޭކަ ސާޅީސް) ދުވަހަށެވެ. މަސައްކަތުގެ އަގަކީ (ޖީއެސްޓީއާއެކު) 4,847,000.00 (ހަތަރު މިލިއަން އަށް ލައްކަ ސާޅީސް ހަތް ހާސް) ދިވެހި ރުފިޔާއެވެ.

އައު ސްޓޭޖްގެ ފޮޓޯއަކާއެކު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް މިއަދު، އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑީއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ޒަމާންތަކެއް ވަންދެން ހަލާކުވެ ވީރާނާވާން ދޫކޮށްލާފައިވާ މި ސްޓޭޖް، ﷲގެ އިރާދަފުޅާއެކު، ދެން ފެނިގެންދާނީ، އެންމެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައެވެ.

ކާނިވަލުގެ އައު ސްޓޭޖްގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރު ކަމާ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް ހަވާލުވެ ވަޑައިގަތުމަށް ފަހު، މިހާރު އޮތް ކައުންސިލްގެ ފްލޯއިން ފާސްކުރެވިގެން ކުރުމަށް ނިންމާފައިވާ މަސައްކަތެއްކަން ފާހަގަ ކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.