
ރޭގައި އެމް.ޑީ.ޕީގެ އެކްޓިވިސްޓް މަރިޔަމް ޒުބައިރުގެ ގަޔަށް ކަޅުތެޔޮ ޖެހުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.
މިކަން ކުށްވެރިކުރައްވައި އެ ކަމަނާ މިއަދު މީސްމީޑިއާގެ މަންސަ، އެކްސްގައި ހިއްސާކުރެއްވި މެސެޖުގައި، އެއްވެސް މީހަކަށް މިފަދައިން ޙަމަލާދީ އަދި އުނދަގޫކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިވަގުތުގައި ކަންކަން ހަލަބޮލި ނުކުރައްވައި، އިންސާފު ޤާއިމުކުރުމަށް ޖާގަދެއްވުމަށް އެ ކަމަނާ އިލްތިމާސް ކުރެއްވިއެވެ.
މަންދީ ގަޔަށް ކަޅު ތެޔޮ ޖެހީ ރޭ ބޭއްވި އެމްޑީޕީގެ ސިލްސިލާ މުޒާހަރާގައި ބައިވެރިވުމަށް ފަހު، ސައިކަލުގައި ގެއަށް ދިޔަ މަގުމަތީގައެވެ.
ހެލްމެޓް އަޅާ އަދި މާސްކް އަޅައިގެން ތިބި ބަޔަކު ސައިކަލުގައި މަންދީ އަށް ފާރަލަމުން ގޮސް މަޖީދީ މަގުން އޭނާގެ ގަޔަށް ކަޅުތެޔޮ ފުޅިއެއް ޖެހި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.
މަންދީ ގެ ގަޔަށް ކަޅުތެޔޮ ޖެހި މި ހާދިސާ ހިނގާފައި މި ވަނީ، އެމްޑީޕީން ސިލްސިލާކޮށް މާލޭގައި ކުރާ މުޒާހަރާތަކުގައި ބައިވެރިވެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ދަރިކަލަށް ނިސްބަތް ކޮށް މަންދީ ދައްކާފައި ވާ ވާހަކަތަކާ ގުޅިގެން އޭނާ އަށް ދައުވާ ކުރުމަށް ރައީސްގެ އާއިލާއިން ނިންމާފައި ވަނިކޮށެވެ.
މަންދިއަށް ދައުވާ ކުރަން އެ އާއިލާއިން ނިންމީ، އެ މުޒާހަރާތަކުގައި ވާހަކަ ދައްކަމުން، ސަރުކާރުން ވޭޕް މަނާ ކުރީ ރައީސްގެ ދަރިކަލަކު ވޭޕް ހިއްޕަވާތީ ކަމަށް ބުނެފައެވެ.
ނަމަވެސް އެކަން ދޮގު ކުރައްވައި މެޑަމްގެ ފަރާތްޕުޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، "އުމައިރު (ދޮށީ ދަރިކަލުން) އަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން" ކަމަށެވެ.