އަރިޔަދޫ އަކީ ދަނޑުވެރި ކަމާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ނިންމަވައިފި

އދ. އަރިޔަދޫ އަކީ ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ރަށެއްގެ ގޮތުގައި ނިންމަވައިފިއެވެ.

މި ގޮތަށް ނިންމަވާފައިވަނީ 2025 މާރިޗް 9 ވީ އާދީއްތަ ދުވަހު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

ދިވެހިރާއްޖޭގައި ރުއް އާލާ ކުރުމުގެ ޤައުމީ ޕްރޮގްރާމުގެ ދަށުން އަރިޔަދޫގައި "ކޮކޮނަޓް ޑިވެލޮޕްމަންޓް ސެންޓަރ" އެއް ގާއިމުކޮށް ދިވެހިރާއްޖޭގައި ހެދޭ، އަދި ހައްދަން ބޭނުންވާ މަތިވަރާއި، ފެންވަރު ރަނގަޅު (ޖެނެޓިކަލީ އިމްޕްރޫވްޑް) ރުކުގެ ނާސަރީތަކެއް ގާއިމުކޮށް ރުކުގެ ސެޓިފައިޑް ތަފާތު މުޑުވައްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަށްތަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތް ކުރެވިގެންދާނެއެވެ. އަދި ހޭޅިފަށުގައި ހެދޭ ގަސްގަހާއިގެހި އާލާ ކުރުމަށާއި، ކާނާގެ ޔަގީންކަން ގާއިމުކުރުމަށްޓަކައި، ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެރަށުގައި އުފެއްދުމަށް ވަނީ ނިންމަވާފައެވެ.

ރުއްތަކަށް ޖެހޭ ބަލިތައް ދެނެގަނެ މިކަމުގެ ހައްލު ހޯދުމުގެ މަސައްކަތަށް މަގުފަހިވާ އެޑެޕްޓިވް ރިސާރޗް އަރިއަދޫގައި ފަށާ ރުކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާނެ ބައޮލޮޖިކަލް ކޮންޓްރޯލް (ފައިދާހުރި ދިރޭ ސޫފާސޫފި އަދި ފަނިފަކުސާ) އާލާކުރުމުގެ މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ނިންމަވާފައެވެ.

މި ސެންޓަރ ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމަށްޓަކައި ފޮރިން އިންވެސްޓްމަންޓަށް ހުޅުވާލައިގެން ރަށް މެނޭޖް ކުރުމުގެ ހަރަދު ހޯދަން ވެސް ވަނީ ނިންމަވާފައެވެ.

ރާއްޖޭގަ މިވަގުތު ހުރި ރުއްތަކަކީ އުމުރުން ވަރަށް ދުވަސްވީ ރުއްތަކެއް ކަމުން މި މަޝްރޫޢުގެ ސަބަބުން ރުކުގެ ބާވަތްތަށް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބި ކާނާގެ ޔަގީންކަން އިތުރުވެގެންދާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.