ޕާކިސްތާނު ހައި ކޮމިޝަންގައި "ކަޝްމީރު ދުވަސް" ފާހަގަކޮށްފި

[ކަޝްމީރުގެ އެއްބައިވަންތަކަމުގެ ދުވަސް] ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގައި ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ. މިއީ އިންޑިއާއިން ހިފައިފައިވާ ކަޝްމީރުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ކަޝްމީރުގެ ރައްޔިތުން ކުރަމުން ގެންދާ ޖިހާދުގައި ރޫޙީގޮތުން ބައިވެރިވާކަން ހާމަކުރުމުގެ ގޮތުން ކޮންމެ ފެބްރުއަރީ މަހެއްގެ 5 ވަނަ ދުވަހު ޕާކިސްތާނުން ފާހަގަކުރާ ދުވަހެކެވެ. މި ހަފުލާގައި ދިވެހިރާއްޖޭގައި ދިރިއުޅޭ ޕާކިސްތާނު މީހުންނާއި ބައެއް ދިވެހިން ބައިވެރިވީ ކަމަށް ޕާކިސްތާން ހައި ކޮމިޝަނުން ބުނެއެވެ.

ހަފުލާގައި ވަނީ ކަޝްމީރުގެ ރައްޔިތުންނަށް އިންޑިއާ ސިފައިން ކުރާ އެކި ކަހަލަ އަނިޔާގެ މައްޗަށް ހަދައިފައިވާ ވީޑިއޯއެއް ދައްކައިފައެވެ. ހަފުލާގެ ޝަރަފުވެރި މެހުމާނަކީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް (ރ) ފައިޞަލް ރަސޫލް ލާދީއެވެ.

ހަފުލާގައި ޑެޕިއުޓީ ހެޑް އޮފް މިޝަން ޒުލްޤަރްނައިނިން އަޙްމަދާއި ހައި ކޮމިޝަނަރާ ދެބޭފުޅުންވެސް ވާހަކަފުޅު ދެއްކެވިއެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައިވެސް ޖައްމޫ އާއި ކަޝްމީރުގެ މައްސަލަ ހަމަޖައްސަން އަލިފުދާލުން ފާސްކޮށްފައިވާ ގަރާރުތަކަށް އިންޑިއާއިން ޙުރުމަތްތެރިކޮށް ނުހިތާ ކަމަށް ފާހަގަ ކުރެއްވިއެވެ. ޚާއްސަ ގޮތެއްގައި 5 އޯގަސްޓް 2019 ގައި އިންޑިއާގެ ގާނޫނުތަކާވެސް ޚިލާފަށް އަދި އަލިފުދާލުގެ ނިންމުންތަކާވެސް ޚިލާފަށް 370 ވަނަ މާއްދާ އުވައިލުން ފާހަގަކުރެއްވިއެވެ. އެ މާއްދާއަކީ ޖައްމޫއާއި ކަޝްމީރަށް މުސްތަގިއްލު އަމިއްލަ ވެރިކަމެއް ހިންގަން ބާރު ލިބިދޭ މާއްދާއެކެވެ. އެ މާއްދާ އުވައިލުމާއެކު އިންޑިއާއިން ވަނީ ޖައްމޫއާއި ކަޝްމީރަކީ އިންޑިއާގެ ސްޓޭޓެއް ކަމަށް ކަނޑައަޅައި އެ ސްޓޭޓަށް މަރުކަޒީ ސަރުކާރުގެ ބާރު ފުރިހަމައަށް ހިނގާނޭ ކަމަށް ނިންމައިފައެވެ. މި ނިންމުމާ ކަޝްމީރުގެ ރައްޔިތުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. އަދި މިއީ ޕާކިސްތާނުންވެސް ދެކޮޅުހަދާ ނިންމުމެކެވެ.

ކަޝްމީރުގެ ހަމަނުޖެހުމަށް މިހާރު ވަނީ 77 އަހަރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.