ކަޝްމީރުގެ ކަޅު ދުވަސް ނުވަތަ "ކަޝްމީރް ބްލެކް ޑޭ" ފާހަގަ ކުރުމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަނުގައި މިރޭ ޚާއްސަ ހަފުލާއެއް ބާއްވައިފިއެވެ. މިއީ އިންޑިއާއިން ހިފާފައިވާ ކަޝްމީރުގައި ހިންގާ ލާއިންސާނީ އަނިޔާގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.
މި ހަފުލާގައި ވަނީ ކަޝްމީރުގެ މައްސަލައިގެ މައްޗަށް ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓަރީ ފިލްމެއް ދައްކައިފައެވެ. ކަޝްމީރުގެ ކަޅު ދުވަސް ފާހަގަ ކުރުމުގެ ބޭނުމެއް ކަމުގައި ޕާކިސްތާނުން ބުނެފައި ވަނީ އިންޑިއާގެ ބާރުގެ ދަށުގައި އޮތް ކަޝްމީރުގެ ރައްޔިތުން މިނިވަންކަމާއި އިސްތިގުލާލަށްޓަކައި ކުރަމުން ގެންދާ ޖިހާދުގައި މައުނަވީ ގޮތުން ބައިވެރިވުމެވެ.
މި ހަފުލާގައި ޕާކިސްތާން ހައި ކޮމިޝަނުގެ ޝާޒޭ ދަފެއަރ ޒުލްޤަރްނައިނިން އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި ކަޝްމީރުގެ މައްސަލައަކީ ޕާކިސްތާނާއި އިންޑިއާ ދެ ގައުމެއްގެ ގޮތުގައި އުފެދިގެން އައި އިރު ނުނިމި އޮތް މައްސަލައެކެވެ. ކަޝްމީރުގެ މައްސަލައިގައި 21 އޭޕްރީލް 1948 ގައި ވަނީ އަލިފުދާލުން ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރުގައި ބުނެފައި ވަނީ ކަޝްމީރުގެ މައްސަލައިގައި ގޮތެއް ނިންމާން ޖައްމޫއާއި ކަޝްމީރުގެ ރައްޔިތުންގެ މެދުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ނުފޫޒެއް، މަުުބޫރުކަމެއް ނެތް ވޯޓެއް ނަގާށެވެ. އެ ވޯޓުގައި ރައްޔިތުން ބޭނުން ވަނީ އިންޑިއާގެ ބަޔަކަށްވާން ކަމުގައި ނިންމައިފި ނަމަ އެގޮތަށް އަމަލު ކުރާނީއެވެ. ޕާކިސްތާނުގެ ބަޔަކަށް ވާން ބޭނުން ނަމަ އެ ގޮތަށް އަމަލު ކުރާނީއެވެ. އެހެންނަމަވެސް އިންޑިއާއިން ވަނީ މި ގަރާރާ ދެކޮޅަށް ކަޝްމީރަކީ އިންޑިއާގެ ބައެއް ކަމަށް ކަނޑައަޅައިފައެވެ.
ޒުލްޤަރްނައިނިން އަޙްމަދު ވިދާޅުވި ގޮތުގައި އެއީ ބައިނަލްއަގުވާނީ ގާނޫނުތަކާވެސް ޚިލާފު އަނިޔާވެރި އަމަލެކެވެ. ޕާކިސްތާނުން ވަނީ ކަޝްމީރުގައި އިންޑިއާއިން ހިންގާ އަނިޔާވެރި އަމަލުތައް ދުނިޔެއަށް ފާޅުވާނޭހެން އެތައް ހެއްކެއް ދައްކައިފައެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދަށް އެދެވޭ ދާއިމީ ސުލްހަވެރިކަމެއް ގެނެވޭނީ ކަޝްމީރުގެ މައްސަލަ އަލިފުދާލުގެ ގަރާރާ އެއްގޮތަށް ހަމަޖައްސައިގެންނެވެ.
ޒުލްޤަރްނައިނިން އަޙްމަދު ވަނީ ކަޝްމީރުގައި ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވަން އިންޑިއާއަށް ބާރު އަޅާން ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވައިލައްވާފައެވެ.
ޕާކިސްތާނުގެ ބޮޑޫ ވަޒީރު ޢިމްރާން ޚާންވެސް ވަނީ ކަޝްމީރުގެ މައްސަލައަށް ހައްލެއް ނުހޯދައި ސަރަހައްދުގެ ސުލްހަ ގާއިމު ނުކުރެވޭނޭ ކަމަށް އެތައް ފަހަރަކު ވިދާޅުވެފައެވެ.
މި ހަފުލާގައި ރާއެްޖޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުންނާއި ދިވެހިންގެ އެތައް ބަޔަކު ވަނީ ބައިވެރިވެފައެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ކުރާކަމަކީ ފުޅާދާއިރާއެއްގައި ރާއްޖެއާއި ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން. އިންޑިއާ ސިފައިން ރާއްޖޭގައި އިތުރުވީވަރަކަށް މަސްތުވާތަކެތި ރާއްޖޭގައި ތިޔާގިވާނެ، ސަރުކާރުން މި ވިޔަފާރި ހިންގުމަށް އެހީތެރިވުމަށްޓަކައި މަސްތުވާތަކެތި ބޭނުންކުރާމީހުން ވަނީ މަގުތަކަށް ދޫކޮށްލާފައި. ފިޔަވަޅުއެޅުން ހުއްޓާލާފައި.