ރޭ ޕާކިސްތާނު ހައި ކޮމިޝަންގައި ޔަވްމެ އިސްތެހެސާލް ފާހަގަ ކޮށްފިއެވެ. މިއީ 2019 އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ޕާކިސްތާނުގައި ފާހަގަކުރާ ދުވަހެކެވެ. އިންޑިއާއިން ހިފާފައިވާ ކަޝްމީރުގައި އޮތް އަމިއްލަވަންތަކަން ނަގާލައި އިންޑިއާގެ ބައެއް ކަމަށް ކަނޑައެޅުމަށް ފަހު އެ ސަރަހައްދަށް އިންޑިއާއިން ބާރުގަދަ ކުރަމުންގެންދާ ގެންދިއުމާ ދެކޮޅު ހެދުމުގެ ގޮތުން ފާހަގަ ކުރާ "ކަޅު ދުވަހެ"ކެވެ. ޕާކިސްތާނުގައި މި ދުވަސް ފާހަގަ ކުރަނީ ކަޝްމީރުގެ އިންޑިއާ ފަޅީގެ ރައްޔިތުންނާ އެކުގައި އެބައިމީހުން މިނިވަންކަމަށް ކުރާ ޖިހާދުގައި ރޫހާނީ ގޮތުން ބައިވެރިވާކަން ހާމަކޮށް ދިނުމުގެ ގޮތުންނެވެ.
މާލޭގައި ހުންނަ ޕާކިސްތާނު ހައި ކޮމިޝަންގައި މި ދުވަސް ފާހަގަކުރީ އޮންލައިންކޮށެވެ. މި ހަފުލާގައި އޮންލައިންކޮށް ލަޝްމީރުގެ ރައްޔިތުން ބައިވެރިވިއެވެ.
ކީރިތި ޤުރްއާނުގެ ބަރަކާތުން ފެއްޓި މި ހަފުލާގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 5 ވަނަ ދުވަހު އިންޑިއާއިން ކަޝްމީރާ މެދު އަމަލުކޮށްފައި ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށެވެ. އިންޑިއާގެ ބޭނުމަކީ ކަޝްމީރަށް ހިންދޫން ގެނެސް އެ ސަރަހައްދަކީ މުސްލިމުން މަދު ތަނަކަށް ހަދައި އަމިއްލަ ގައުމުގައި ކަޝްމީރީން އަގުލިއްޔަތަށް ހެދުމެވެ. އޭނާ ވަނީ ބައިނަލްއަގުވާމީ މުޖުތަމައުން އިންޑިއާގެ މި އަމަލުތަކާ ދެކޮޅު ހެދުމަށް ގޮވައިލައްވައިފައެވެ. ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި ދެކުނު އޭޝިއާ ސަރަހައްދަށް ދާއިމީ ސުލްހައެއް ގެނެވޭނީ ކަޝްމީރުގެ މައްސަލަ އިންސާފުވެރިކަމާއެކު ހައްލު ކުރެވިގެންނެވެ.
މި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ ހައި ކޮމިޝަނަރު ޒުލްޤަރްނައިން އަޙްމަދު ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުން އަބަދުވެސް ތިބޭނީ ކަޝްމީރުގެ ރައްޔިތުންނާ އެކީގައެވެ. އޭނާ ގޮވާލައްވާފައި ވަނީ އަލިފުދާލުގެ ގަރާރުތަކާ އެއްގޮތަށް ކަޝްމީރުގެ މައްސަލަ ކަޝްމީރުގެ ރައްޔިތުން ރުހޭ އަދި އެދޭ ގޮތަކަށް ނިންމާށެވެ.
ހަފުލާ ނިންމާފައި ވަނީ ކަޝްމީރުގެ ރައްޔިތުންނާއި އާއެްމުކޮށް މުޅި އިސްލާމީ ދުނިޔެއަށް ސުލްހަވެރިކަމާއި އަމާންކަން ދެއްވާތޯ ކުރެވުނު ދުޢާއަކުންނެވެ.