ވިހަ ތީރު (54)

( 31 ޑިސެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( މެހެމަލްވެސް ހުރީ ރިދާ އެދައްކާ ވާހަކަތައް އަޑުއަހާށެވެ. އެއީ މެހެމަލްއަށް ، އެތައް މިލިއަން ޑޮލަރަކަށްވުރެ އަގުބޮޑު ވާހަކަ ތަކެކެވެ. އެހާމެ މުހިންމު ސިއްރެކެވެ. އޭނާގެ މަގަށް ހުރަހަކަށްވެފައިހުރި ދިލްނަޝީން ، އެއްފަހަރުން ހަޔަކަށް ޖަހައި ދަނޑުން ބޭރުކޮށްލެވޭނެ ފަންޑިތައެކެވެ. )

ރިދާ އެދައްކަމުންގެންދާ ވާހަކަތައް އަޑުނުއަހަންވެގެން ދިލްނަޝީން ހިނގައިގަތްތަނާ ، މަޑުކުރާށޭ ބުނެ ހަޅޭއްލަވައިގެންފައި ، ދިލްނަޝީންގެ އަތުގައި ރިދާ ހިފައި ، ދިލްނަޝީން ހުށްޓުވިއެވެ.

" ދިލްނަޝީނަކީ ، ތިހާ އަމިއްލައެދުންބޮޑު އިންސާނެއްކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. ދިލްނަޝީންމެންނާބެހޭގޮތުން މަންމަ އެބުނަނީ ރަނގަޅު ވާހަކައެކެވެ. ތިކަހަލަ އަންހެންކުދިންނަކީ ބާޒާރުގައި ވިކޭ ބަޔެކެވެ. މީހެއްގެ ޙަޤީޤީ ލޯބި ތިކަހަލަ އަންހެނުންނަކަށް ޙައްޤެއްނޫނެވެ. އެހެންމީހުންގެ ދިރިއުޅުމާކުޅެ ، އެތައްބަޔެއްގެ ދިރިއުޅުން ބަރުބާދުކޮށްލާނެއެވެ. އެހެން އިންސާނެއްގެ ފުރާނަދިޔަޔަސް ، އަމިއްލަ އެދުން ޙާޞިލްނުކޮށެއް ނުހުންނާނެއެވެ. " ރިދާ ބުނަމުން ގެންދިޔައެވެ.

ރިދާގެ އަތް ފޮޅުވާލައިފާ ، ދިލްނަޝީން އެތަނުން ނުކުމެގެން ދިޔައެވެ. މެހެމަލްހުރީ ވަރަށް ހުސިޔާރުވެގެންނެވެ. ދިލްނަޝީނަށް އޭނާ ނުފެންނަގޮތަށް ތަނބަކާއެޅި ނިވައިވެލިއެވެ. ރިދާވެސް އަރައިގެންފައިހުރި ރުޅީގައި ، އެތަނުން ނުކުމެގެންދާން ބާރުބާރަށް ހިނގައިގަތެވެ.

ހެނދުނުހެނދުނާ އަތިރިމައްޗަށް ނުކުތްތަނާ ، ގޮނޑުދޮށުން މާވަހަރެއް ލައަވާލި ކަހަލަ އިޙްސާސެއް މެހެމަލްއަށް ލިބިގެން ދިޔައެވެ. ރިދާއަކަށް މެހެމަލްއެއް ނޭނގޭނެއެވެ. އެހެންވީމާ ކޮންމެހެން ރިދާއަށް ފިލަން މެހެމަލް އެއްވެސްކަމެއް ކުރާކަށް ނުޖެހޭނެއެވެ. އެހުރިތަނުގައި މަޑުކޮށްލައިގެން މެހެމަލް ހުއްޓާ ، ފައިސާ ދައްކާފައި އޭނާގެ ހެދުން ހިފައިގެން ރިދާ ހިނގައިގަތްތަނާ ، މެހެމަލް ސަލާމް ގޮވައިލުމުން ހުއްޓިލިއެވެ.

" ދެމިނިޓެއްހާއިރު ، އަހަރެންނަށް ވާހަކަ ދައްކައިލެވިދާނެ ހެއްޔެވެ ؟ މެހެމަލް ބުންޏެވެ.

އެއީ ރިދާއާ އަލަށް ދިމާވި އަންހެނެކެވެ. އޭނާއާ އެއަންހެނާ ދައްކަން އޮންނާނީ ކޮންވާހަކައެއް ހެއްޔެވެ ؟ ރިދާއަށް އެއީ ކާކުކަން ނޭނގޭކަމަށް ބުންޏެވެ. އެހެނަސް ، މެހެމަލްއަކީ އެކަހަލަ ކަންކަމަށް ވަރަށް ކުޅަދާނަ އަންހެނެކެވެ. ރިދާއަށް އޭނާ ނޭނގުނަސް ، ދިލްނަޝީނަށް އޭނާ އެނގޭނެއެވެ. އަދި ، ރިދާއަށްވެސް ދިލްނަޝީން އެނގޭނެއެވެ. އެހެންކަމުން ، އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއް ނެތެކޭ ނުބުނެވޭނެކަމަށް މެހެމަލް ބުންޏެވެ. އޭނާ ރިދާއާ ދައްކަން ބޭނުންވަނީ ދިލްނަޝީނާބެހޭ ވާހަކަ އެކެވެ. އެއަންހެނާއަށް ދިލްނަޝީން އެނގެނީ ކިހިނެއްތޯ ، ރިދާކުރި ސުއާލަށް ވަގުތުން ޖަވާބުދޭކަށް މެހެމަލް ގަސްތެއް ނުކުރިއެވެ. އެއީ އެހާ ކުރުވާޙަކައެއް ނޫންކަމަށާއި ، ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކާލަން ކޮފީއަކަށް ގޮސްލުމަށް މެހެމަލް ހުށަހެޅިއެވެ. ޤަބޫލުނުކުރަން ހުރެފައި ، ދިލްނަޝީނާބެހޭ ކަމެއްވީމަ ، ކޮފީއަކަށްދާން ރިދާވެސް އެއްބަސްވިއެވެ.

ދިލްނަޝީން އެތަނުން ނުކުމެގެންއައީ ، ހެޔޮވަރުކުރަން ދީފައި އޮތް ހެދުންވެސް ނުނަގައެވެ. ގެޔަށް ވަދެގެން އައިއިރުވެސް އޭނާގެ ކަންފަތްދޮށުގައި ގުގުމަމުން އެދަނީ ރިދާގެ ވާހަކަތަކެވެ. ޙަމްޒާ މަރުގެ ތުންފަތްމައްޗަށް ޙާޟިރުވެ އޮއްވާ ، އަޅާނުލައި މަރުވާން ދޫކޮށްލާފައި ދިލްނަޝީން ކައިވެންޏެއްކޮށް ، ޙަމްޒާއާ ވަކިވާން ނިންމި ނިންމުމަކީ ، އޭނާގެ އިޚްތިޔާރުގައި އޮތްކަމެއްނޫނެވެ. ހަމައެގޮތަށް ޙަމްޒާގެ ޢާއިލާގެ ފަރާތުންވެސް ، އޭނާއަށާއި އޭނާގެ ޢާއިލާއަށް ދީފައިވާ ނިކަމެތިކަމަކީ ، މިހާރުވެސް ، އޭނާގެ ބޭބެގެ ފަރާތުން ދިލްނަޝީނަށް ކުރިމަތިވެފައިވާ ނަފުރަތުގެ އަޞްލެވެ. އެކަމުގައި ހަމައެކަނި ދިލްނަޝީން ކުށްވެރިވާންވީ ކީއްވެ ހެއްޔެވެ ؟ އަންހެނަކަށްވީތީ ހެއްޔެވެ ؟

އެހެނަސް ، މުޅި އެޙާދިސާއަށް ބަލައިލާއިރު ، ވެނިމިފައި އޮތަސް އެއީ ދިލްނަޝީންގެ ޙަޔާތަށް އައި ތޫފާނެކެވެ. އެކަމާ ދިލްނަޝީން ކަންބޮޑުވެގެންގޮސް ، ބޮލުގައި އަތުން ހިފަހައްޓަމުން އެނދުމައްޗަށް ވެއްޓުނެވެ.

ހަވީރު ޙައިދަރު އަންނަންވާއިރަށް ޙައިދަރާ ދިމާނުވާނެގޮތެއް ހަދަން ދިލްނަޝީންގެ ހިތް ބުންޏެވެ. އެހެންކަމުން ، ބައެއްފަހަރަށް ބަގީޗާތެރެޔަށް ނުކުމެލާނެއެވެ. އަނެއްބައިފަހަރަށް ކުލްސޫމްގާތަށްގޮސް އިންނާނެއެވެ. ކުލްސޫމްގާތު އެހާގިނައިރު އިނުމަކީ ދިލްނަޝީނަށް އެހާ ފަސޭހަކަމެއްނޫނެވެ. ދިލްނަޝީންގެ މޫނުމަތިން ފާޅުވާންހުރި ކަންބޮޑުވުން ކުލްސޫމްއަކަށް ނުފޮރުވޭނެއެވެ. ކޮންމެފަހަރަކު ދޮގެއްވެސް ނުހެދޭނެއެވެ.

ކޮޓަރިން ބޭރުގައި އުޅުމަށްފަހު ، ދިލްނަޝީން ކޮޓަރިޔަށްވަނީ ޙައިދަރު ނިދާހާ އިރުކޮށްފައެވެ. ދިލްނަޝީން އައިސް މަޑުންމަޑުން އެނދަށްއަރައި ، ގައިގާ ރަޖާގަނޑު އަޅާލިތަނުން ޙައިދަރަށް ހޭލެވުނެވެ. ޙައިދަރަށް ހޭލެވިގެން ވެގެން އުޅެނީ ކިހިނެއްތޯ ޙައިދަރު ސުއާލު ކުރިއެވެ. ދިލްނަޝީން ، ހިތްބިރުގަންނަނީކަމަށް އޭނާއަށް ބުނެވުނެވެ.

އަނެއްކޮޅުން ، ޙައިދަރު ޙާޞިލްކުރުމަށްޓަކައި މެހެމަލް ނުކުރާނެކަމެއް ނޯންނާނެއެވެ. އެވަގުތު ، ދިލްނަޝީންގެ ޚިޔާލަށް އައީ އޭނާއާ ދިމާލަށް މެހެމަލް ބުނެފައިވާ ވާހަކަ އެކެވެ. އެއީ އެދުވަހު ގެޔަށް އައިފަހުން މެހެމަލްއާ ދިމާވެގެން ދިލްނަޝީނާ ދިމާލަށް ބުނެފައިވާ ވާހަކައެކެވެ. ޙަމްޒާއާއި ދިލްނަޝީނާބެހޭ ހުރިހާ ކަމެއް އޭނާއަށް އެނގިއްޖެކަމަށް ، މެހެމަލް ބުނެފައި ވެއެވެ.

" އަތުޖެހުނު ފައިސާއެއްވިއްޔާ ހިފައިގެން ޢިއްޒަތުގައި ، މިގެއިން ނުކުމެގެން ދާށެވެ ! އެހެންނޫނީ ، ލަދުގަންނަންޖެހި ، އަބުރު ގެއްލިފައިހުރެ މިގެއިން ނުކުމެގެން ދާންޖެހިދާނެއެވެ. " މެހެމަލް ، ދިލްނަޝީނަށް އިންޒާރު ދީފައި ވެއެވެ.

އޭނާގެ އަތުގައި ހިފާލައިގެން އޮވެ ނިދާލުމަށާއި އޭރަށް ހިތްބިރުގަތުން ކެނޑިދާނެކަމަށް ބުނަމުން ، ޙައިދަރު އޭނާގެ އަތް ދިލްނަޝީނަށް ދިއްކޮށްލިއެވެ. ދިލްނަޝީން ، ޙައިދަރުގެ އަތުގައި ހިފާލައިގެން ރަނގަޅަށް އޮށޯވެލިއެވެ. އެހެނަސް އޭނާއަށް ނިދުނީ އެތައް އިރެއްވީފަހުންނެވެ.

ދޭތެރެޔަކުން މަޑުމަޑުން ތެދުވެ ، ޢާފިޔާއަށް ފޯނުވެސް ކޮށްލިއެވެ.

" ޢާފިޔާއެވެ ! އަހަރެންނާ ޙަމްޒާގެ ގުޅުމުގެ މަޢުލޫމާތު ، މެހެމަލްއަށް އެނގިއްޖެއެވެ. " ދިލްނަޝީން ބުންޏެވެ.

އެކަން މެހެމަލްއަށް އެނގުނީ ކިހިނެއްތޯ ޢާފިޔާ ސުއާލު ކުރިއެވެ. ރިދާއާ އޭނާއާ މިއަދު ދިމާވި ވާހަކައާއި ރިދާ އޭނާއާ ދިމާއަށް އެއްޗެތި ގޮވިއިރު ، އެތަނުގައި މެހެމަލްހުރީކަމަށް ދިލްނަޝީން ބުންޏެވެ. ޢާފިޔާވެސް އެއްޗެތި ގޮވައިގަތީ ދިލްނަޝީނާ ދިމާލަށެވެ. އައްވަލްވެސް އެދައްކަނީ ރަނގަޅު ވާހަކައެއްކަމަށް ޢާފިޔާ ބުންޏެވެ. އައްވަލަށް ޤަބޫލުކުރެވިފައި އޮތްގޮތުގައި ، ދިލްނަޝީން އަދިވެސް ގެންދަނީ ޙަމްޒާގެ މީހުންނާ ގުޅުން ބާއްވަމުންނެވެ.

ރިދާއާ ދިލްނަޝީނާ ދިމާވިގޮތް ޢާފިޔާއަށް ދިލްނަޝީން ކިޔައިދިނެވެ. އަދި ، އެއިން އެއްވެސްމީހަކާ އޭނާއާ މިވީހާތަނަށް ގުޅާފައި ނޯންނާނެކަމަށް ދިލްނަޝީން ބުންޏެވެ. އަދި މެހެމަލް މިހާރު އޮތީ ދިލްނަޝީނަށް އިންޒާރުދީފައިކަމަށްވެސް ދިލްނަޝީން ބުންޏެވެ. ޢިއްޒަތުގައި އަބުރުވެރިކަމާއެކީ ޙައިދަރުގެ ދިރިއުޅުމުން ނުކުމެގެން ދާށެވެ ! ނުވަތަ ބޭޒާރުވެގެން އަބުރުގެއްލިފައިހުރެ ނުކުމެގެންދާން ތައްޔާރު ވާށެވެ. ދިލްނަޝީނަށް އޮތީ ދެގޮތެކެވެ. އެއިން އެއްވެސް ގޮތެއް އެއީ ދިލްނަޝީނަށް އަމާންކަން އޮތްކަމެއްނޫނެވެ. އެގެއިން ނުކުމެގެން ހިނގައްޖެނަމަ ، ދިލްނަޝީންމެންގެޔަކަށް އޭނާގެ މަންމަ އޭނާއެއް ނުވައްދާނެއެވެ.

ދިލްނަޝީން ހުރީ ހަދާނެގޮތް ބޮޑުވެފައެވެ. ދިލްނަޝީނަށް އެހީތެރިވުމަށް ޢާފިޔާގާތު އެދުނެވެ. އެވާހަކަތަކާއެކީ ޙައިދަރުގެ ކުރިމައްޗަށް ނުކުތުމަކީ ، ދިލްނަޝީނަށް ކުޅަދާނަކަމެއްނޫނެވެ.

" ހަމަޖެހިލާށެވެ ! އެއްވެސްކަމެއް ކުރާނެކަމެއް ނެތެވެ. ކަމެއްވީކަމަށްވެސް ނުހަދާށެވެ. އެވާހަކައިގެ އެއްވެސް ހެއްކެއް މެހެމަލްއަތަކު ނުހުންނާނެއެވެ. ޙައިދަރަށް އެކަމުގެ ހެއްކެއް ނުލިބެނިސް ، މެހެމަލްގެ ވާހަކަ ޤަބޫލެއް ނުކުރާނެއެވެ. މެހެމަލް އަބަދުވެސް އެ މަސައްކަތްކުރަނީ ޙައިދަރާއި ދިލްނަޝީންގެ ގުޅުމަށް ބުރޫއަރުވަންކަން އެންމެ ބޮޑަށް އެނގޭނީ ޙައިދަރަށެވެ. މެހެމަލްދެކެ ބިރުން އެއްވެސް ކަމެއް ނުކުރާށެވެ. ދިލްނަޝީން ކަންބޮޑުވާކަން އެނގިއްޖެނަމަ ، އެކަމުގެ ފައިދާ މެހެމަލް ނަގާނެއެވެ. ޙައިދަރަށް ޝާއްކުވާނެގޮތަކަށް އެއްވެސްކަމެއް ނުކުރާށެވެ. " ޢާފިޔާ ނަޞޭޙަތް ދިނެވެ.

ޢާފިޔާ އެބުނީ ރަނގަޅު ވާހަކައެއްކަމަށް ދިލްނަޝީނަށްވެސް ޤަބޫލުކުރެވުނެވެ. އޭނާ އެކަމަށް ވިސްނައިގެން އުޅޭނެކަމަށް ދިލްނަޝީން ބުންޏެވެ.

ހެނދުނު ތެދުވެގެން ޙައިދަރު އޮފީހަށް ދިޔައިމަ ، ދިލްނަޝީނަށް ކުޑަކޮށް ހަމަޖެހުން ލިބުނެވެ. އެހެނަސް އޭނާގެ ސިކުނޑީގައިވާ ކަންބޮޑުވުމަކާ ދުރަކަށް ނުދެވެއެވެ. އެ ހާސްކަންމަތީ އިންދާ ކުލްސޫމް އައިސް ދިލްނަޝީންގެ ކޮނޑުގައި އަތްބާއްވައިލުމުން ، ސިއްސައިގެން ދިޔައެވެ. ދިލްނޝީންގެ ކަންބޮޑުވުމަކީ ކޮބައިތޯ ކުލްސޫމް ސުއާލު ކުރިއެވެ. އަދި ، މެހެމަލް އެއްޗެކޭ ބުނީތޯ ސުއާލު ކުރިއެވެ. އެވަގުތު ، މެހެމަލްވެސް އެތަނަށް އައިސް ކުލްސޫމަށް ގޮވައިލިއެވެ. ދިލްނަޝީންގެ ހިތުގައިއޮތް ބިރުވެރިކަން އިތުރުވެގެންގޮސް ، ދެލޯބޮޑުވިއެވެ.

ބޮޑުދައިތަގާތު މުހިންމު ވާހަކައެއްދައްކަން އޭނާ ބޭނުންވާކަމުގައި މެހެމަލް ބުންޏެވެ. އެވާހަކައެއް ބުނުމަށް ކުލްސޫމް ބުންޏެވެ.

" އިނގިރޭސިވިލާތުން ، މިއަދު އައި ރަޙުމަތްތެރިޔަކާ އަހަރެންނާ ދިމާވިއެވެ. މިގެޔަށް ޖައްސައިލުމަށް އޭނާ އެބަ ބޭނުން ވެއެވެ. އެކަމުގެ ހުއްދަ ދެވިދާނެ ހެއްޔެވެ ؟ އޭނާއާ އަހަރެންނަށް ބޭރުންވެސް ބައްދަލު ކޮށްލެވިދާނެއެވެ. އެކަމަކު ، އޭނާ ބޭނުންވީ މިގެޔަށް ޖައްސައިލާށެވެ. އަދި ، ބޮޑުދައިތައާ ބައްދަލުކޮށްލަންވެސް އޭނާ ބޭނުން ވެއެވެ. " މެހެމަލް ބުންޏެވެ.

ރަޙުމަތްތެރިޔަކީ މެހެމަލްގެ މީހެކެވެ. އެކަމަކު ބައްދަލުކުރަން ބޭނުންވަނީ ކުލްސޫމާއެވެ. އެއީ ކިހިނެއްވާ ކަމެއްތޯ ކުލްސޫމް ސުއާލު ކުރިއެވެ. އެކަން އެނގޭނީ އެކުއްޖާއަށްކަމުގައި މެހެމަލް ބުންޏެވެ. އޭނާގެ ނަމަކީ ރިދާއެވެ. ރިދާއާ ބޮޑުދައިތައާ އަދި ބައްދަލުވެފައި ނުވާނެކަމަށް މެހެމަލް ބުންޏެވެ. ރިދާގެ ވާހަކަ ބުނަމުން މެހެމަލް ، ދިލްނަޝީންގެ މޫނަށް ބަލައިލިއެވެ. ދިލްނަޝީންގެ މޫނުމައްޗަށް ވެރިވި ބިރުވެރިކަން މެހެމަލް ދެނެގަތެވެ. އެތަނުގައި އިތުރަށް މަޑުކުރަންހަދައިގެން ، ގޯސްވެދާނެކަމަށް ފެނިގެން ، ދިލްނަޝީން ތެދުވެގެން އެތަނުން ދިޔައެވެ.

ދިލްނޝީން އޭނާގެ ކޮޓަރިޔަށް ގޮސް ، ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓާ ، މެހެމަލް އައިސް ވަނެވެ.

ދިލްނަޝީނަށް ގޮވާލައި ،  ދިލްނަޝީން ނިންމީ ކޮންގޮތަކަށް ތޯ މެހެމަލް ސުއާލު ކުރިއެވެ.

މިއީ އޭނާގެ ގެކަމަށް ދިލްނަޝީން ބުންޏެވެ. އޭނާ އެއްވެސް ޙާލެއްގައި އެގެއިން ނުކުމެގެންނެއް ނުދާނެއެވެ. އަދި ޙައިދަރެއްވެސް ދޫކޮށެއްނުލާނެއެވެ.

އޭގެ މާނަޔަކީ ، އަބުރުވެރިކަމާއެކީ ޢިއްޒަތުގައި އެގެއިން ނުކުމެގެން ދާން ދިލްނަޝީން ބޭނުން ނުވަނީތޯ މެހެމަލް ސުއާލު ކުރިއެވެ. ދިލްނަޝީން އެގެއިން ނުކުމެގެންދާނެ ތަނެއް ނެތްކަމަށް ދިލްނަޝީން ބުންޏެވެ. އޭނާގެ ބޭބެއާއި މަންމަ ، އެމީހުންގެ ގެޔަކަށް އޭނާއެއް ނުވައްދާނެއެވެ. އެގޭގައި ދިލްނަޝީން ދިރިއުޅުމަކީ އެމީހުންނަށް ބަރުދާސްތު ކުރެވޭނެ ކަމެއްނޫނެވެ.

" ތިއީ އަދި މާދެރަކަމެއްނޫން ހެއްޔެވެ ؟ އެގޭގައި ދިލްނަޝީން ދިރިއުޅެން އެމީހުންނަށް ބަރުދާސްތު ކުރެވޭކަށް ނެތެވެ. މިގޭގައި ދިލްނަޝީން ދިރިއުޅެން ، އަހަރެންނަކަށް ބަރުދާސްތެއް ނުކުރެވޭނެއެވެ. ރަނގަޅަށް ވިސްނާށެވެ. އަހަރެން ދިލްނަޝީނަށް މިދެނީ ފުރުޞަތެކެވެ. މިއީ އަހަރެންކަހަލަ މީހަކު އެއްވެސްމީހަކަށްދޭނެ ފުރުޞަތެއްނޫނެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި އިޙްތިރާމާއެކީ މިގެއިން ނުކުމެގެންދާށެވެ. އަހަރެންނަކަށް ދެނެއް ކެތެއް ނުކުރެވޭނެއެވެ. " މެހެމަލް ބުންޏެވެ.

އެނދުތަންމަތި އަޅަން ޢާފިޔާ ހުއްޓާ ، އެތަނަށް އަނީސާ އައިސް ދިލްނަޝީންގެ ފޯނެއް އައިތޯ ޢާފިޔާއާ ސުއާލު ކުރިއެވެ. ދިލްނަޝީނަށް ދިމާވެގެންއުޅޭ ތަކުލީފުގެ ވާހަކަ ، ޢާފިޔާ އޮތީ ކުލްސޫމަށް ކިޔައިދީފައެވެ. އޭގެފަހަކުން ދިލްނަޝީންގެ ފޯނެއް ޢާފިޔާއަކަށް ނާދެއެވެ.  ކުއްލިޔަކަށް އެމީހުންނަށް އެކުރިމަތިވި މުޞީބާތުގައި އަނީސާވެސް އެހުންނަނީ ހާސްވެގެންގޮސް އަވަދިވާ ވަރުވެފައެވެ. ހުރިހާކަމެއްވެސް ރަނގަޅަށް ދަނިކޮށް ، މެހެމަލް އެގެޔަށް އައިފަހުން ، އެއްދުވަހުން އަނެއްދުވަހަށް އެދަނީ މައްސަލަތައް ގިނަވަމުންނެވެ. އިއްޔެވެސް ، ދިލްނަޝީނާ ދިމާލަށް ރިދާ އެތިވަރު ގޮވަނިކޮށް ، މެހެމަލް އަށް އެތަނަށް ނުދެވުނުނަމަ ، އެއީ މައްސަލަޔަކަށް ނުވީހެވެ.

ދިލްނަޝީން މިހާރު ހުންނާނީ ކަންބޮޑުވެގެންގޮސް ހަމަޔަށް ނޭވާވެސް ނުލެވޭޙާލުގައެވެ. އެއީ ، އެމީހުން އެގެޔަށްގޮސް ، ދިލްނަޝީނަށް އެހީތެރިވުމުގެ ވަގުތުކަމަށް ޢާފިޔާ ބުންޏެވެ. އެހެނަސް ، އެގެޔަށްގޮސް ، ދިލްނަޝީން ހިންގާފައިވާ ލޯބީގެ ގުޅުމެއްގެ ވާހަކަ ބުނުމަކީ ، އަނީސާއަށް ކުރެވޭވަރުގެ ކަމެއްނޫނެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.