އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ އާއި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓަރ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާ ތާވަލްގެ ދެވަނައާއި ހަތަރުވަނައަށް ޖެހިލައިފިއެވެ.
އޯލްޑް ޓްރަފަޑްގައި ވާދަވެރި ޗެލްސީ އާއި ދެކޮޅަށްކުޅެ 1-2 އިން މޮޅުވިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ރޮމެލޫ ލުކާކޫ އާއި ޖެސޭ ލިންގާޑް އެވެ. ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ވިލިއަން އެވެ.
މިމެޗުގެ ކުރީކޮޅު ޗެލްސީ އިން ވަނީ މެންޗެސްޓަރ ގެ ގޯލަށް ނުރައްކާތެރި އެތައް ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން އަލްވާރޯ މޮރާޓާ ޕެނަލްޓީއޭރިޔާ ތެރޭގައިހުރެ ފޮނުވާލި ބޯޅައެއް ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.
މިމެޗުގައި ޗެލްސީ އިން ލީޑްނެގީ 32 ވަނަ މިނެޓުގައި އެޑެން ހަޒާޑް ދިން ވަރަށް ރީތި ބޯޅައަކުން ވިލިއަން އެވެ. އޭގެ ހަތްމިނެޓުފަހުން މެންޗެސްޓަރ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ. މިއީ ޗެލްސީގެ ޑިފެންސަށް ހެދުނު ވަރަށް ބޮޑު ގޯހެއްގެ ފައިދާނަގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
މެންޗެސްޓަރ މޮޅުވި ލަނޑު ޖަހައިދިނީ 75 ވަނަ މިނެޓުގައި ދެވަނަހާފުގައި ބަދަލުކުޅުންތެރިއެއްގެގޮތުގައި ކުޅެންނިކުތް ޖެސޭ ލިންގާޑް އެވެ. މިއީ ލުކާކޫ ނަގައިދިން ރީތި ހުރަހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗުން މޮޅުވެ ޔުނައިޓެޑުން 59 ޕޮއިންޓާއިއެކު ލީގު ތާވަލުގެ ދެވަނައަށް ޖެހިލިއިރު، މިމެޗުން ބަލިވި ޗެލްސީ އޮތީ 53 ޕޮއިންޓާއިއެކު ލީގު ތާވަލުގެ ފަސްވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް އަށް 55 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި ލިވަޕޫލް އޮތީ ޔުނައިޓެޑަށްވުރެ ދެ ޕޮއިންޓް މަދުން ލިބިގެންނެވެ.
ޕްރިމިއާލީގުގައި އިއްޔެ ކުޅުނު އަނެއް މެޗުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށްކުޅެ ރަށުންބޭރުގައި 0-1 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާ ވަނީ ތާވަލްގެ ހަތަރުވަނައަށް ޖެހިލާފައެވެ. މިމެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓުގައި ހެރީ ކޭން އެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި 24 ވަނަ ގޯލެވެ.