ވިހަ ތީރު (23)

( 15 ސެޕްޓެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ )

( އެހާރީތި އަންހެންކުއްޖަކު ކުރިމަތީ އިންދާ ފެނުނީމަ ، އޭނާއަށްވެސް ހުރިހާކަމެއް ހަނދާން ނައްތައިލެވިދާނެކަމަށް ބުނެ ، ޙައިދަރު ސަމާސާ ކޮށްލިއެވެ. އޭނާއަށް ވާވަރަށްވުރެ ބޮޑުވަރު ، އެ ފިރިހެންކުއްޖާއަށް ވާނެތާއެވެ. އެދިޔައީ ، ފުދޭވަރަކަށް ޅަ އަދި ޒުވާން ފިރިހެން ކުއްޖެކެވެ. )

ޙައިދަރު އޮފީހަށްގޮސް ވަނުމާއެކީ ، ކައިވެނިވާންއުޅޭ އަނބިމީހާއާއެކީ ، ވަގުތު ދިޔައީ ކިހިނެއްތޯ ސުއާލު ކުރެވުނެވެ. އެ ސުއާލުކުރީ ، ޙައިދަރުގެ ނައިބަކަށް ގެންގުޅޭ ، ވަރަށް ގާތްމީހެކެވެ. އެ ސުއާލަށް ދޭނެ ޖަވާބެއް ޙައިދަރަކަށް ކުއްލިޔަކަށް ނޭނގުނެވެ. އަށާރަ އަހަރުގެ ޒުވާނަކަށްވެގެން ، އެންމެ ފުރަތަމަ ފަހަރަށް ، އަންހެންކުއްޖަކާއެކީ އަމިއްލަ ބައްދަލުވުމަކަށް ގޮސްއައިމަ ، ކުރެވޭކަހަލަ ސުއާލު އޭނާއާ ނުކުރުމަށް ، ޙައިދަރު އެދުނެވެ. އެނޫންވެސް އެތައް ސުއާލެއް ޙައިދަރާ ކުރިމަތިވިއެވެ. ޙައިދަރަކީ އަށާރައަހަރުގެ ޒުވާނަކަށް ނުވިޔަސް ، ދިލްނަޝީނަކީ ، ޒުވާންކުއްޖެކެވެ. އެ ކައިވެންޏަށް ދިލްނަޝީން ހިތްހަމަ ޖެހޭތޯވެސް ޙައިދަރު ކުރެން އެހުނެވެ. އެކަން އޭނާއަކަށް ރަނގަޅަކަށް ނޭނގެއެވެ. ދިލްނަޝީންގެ ޢަމަލުތައް ހުރިގޮތުން ، ކައއިވެންޏާމެދު ދިލްނަޝީން ދެކޭގޮތް ދެނެގަންނާކަށް ، ޙައިދަރަކަށް ފުރުސަތެއް ނުލިބެއެވެ. ދިލްނަޝީން ، ރަނގަޅަށް ވާހަކަ ދައްކައިލީކީވެސް ނޫނެވެ. އެއްވެސް ސުއާލެއްވެސް ނުކުރެއެވެ. އެއްޗެއް ބުނަނީ ، ވަކިކަމަކާ ބެހޭގޮތުން ޙައިދަރު ސުއާލު ކުރީމައެވެ. އެކަހަލަ ބައްދަލުވުމަކުން ، މާގިނަ ކަންކަމެއް ނުވެސް އެނގޭނެއެވެ.

ދިލްނަޝީނާއި ޙައިދަރު ، ފުރަތަމަ ފަހަރަށް ބައްދަލުވީމަ ވީގޮތެއްކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއީ ، އެއީ އެމީހުންގެ ފުރަތަމަ ބައްދަލުވުމެއްވެސް ނޫނެވެ. އެންމެ ފުރަތަމަ ބައްދަލުވީ ، ބަންދު ކޮޓަރިއެއްގައެވެ. ދެވަނަ ބައްދަލުވުން އެއީ އެންގޭޖްމަންޓް އޮތް ދުވަހު އަނގޮޓިއަޅުވަން ބޭއްވުނު ބައްދަލު ވުމެވެ. މިއަދު އެއީ ތިންވަނަ ބައްދަލުވުމެވެ.

ދިލްނަޝީނާއެކީ ، މިނިވަންކޮށް ޙައިދަރަށް ބައްދަލުވެވުނު އެއީ ފުރަތަމަ ފަހަރެވެ. ދިލްނަޝީން ދެއްކި ވާހަކަތަކުން ، ދިލްނަޝީނާ ގުޅިފައިވާ ކޮންމެވެސް ކަމެއް ސިއްރު ކުރެވޭކަމުގެ އިޙްސާސް ޙައިދަރަށް ކުރެވުނެވެ. ރައްޓެހިވެގެން އުޅުނު އަންހެންކުއްޖަކު ، ޙައިދަރު ދޫކޮށްލާފައި ދިޔަތާ ލައްކަ ދުވަސް ވެއްޖެއެވެ. މިޒަމާނުގެ ކުދިންގެ އުޅުމާއި ގުޅުން ހުންނާނެގޮތް ، ޙައިދަރު ޖެހޭނީ އަލުން ދަސްކުރާށެވެ. މިޒަމާނުގެ ކުދިންގެ ވިސްނުމާއި ފިކުރު ތަފާތުވާނެއެވެ.

*******************************

އެރޭ ، ރޭވެ އެތައްއިރެއްވީއިރުވެސް ، ޙަމްޒާ ކޮޓަރިޔަކުން ނުނުކުމެއެވެ.  އެކަމާ އަމީން ޞާދިޤް ހުރީ ކަންބޮޑުވެގެން ގޭތެރޭގައި ދެކޮޅަށްދެކޮޅަށް ހިނގާލަހިނގާލަ އެވެ. ކަންބޮޑުވެގެން ދެކޮޅަށް ހިނގިޔަސް ވާނެ އިތުރުކަމެއް ނުއޮންނާނެކަމަށް ، ބުޝްރާ ބުނަމުން ގެންދިޔައެވެ.

ޞާދިޤްގެ ކަންބޮޑުވުމަކީ ޖާއިޒް ކަމެކެވެ. ޙަމްޒާގެ ޙާލަތު މިހާރު އެ ހުންނަނީ ކަންބޮޑުވާ މިންވަރެއްގައެވެ. ބޯ ހޭވި ތުނބުޅި ނުބާލައި ، ރޫޖެހިފައި ހުންނަ ހެދުންލައި ، ސަލާންޖަހަން މަގުމަތީ އުޅޭ މީހެކޭ ، ޙަމްޒާއެކޭ މިހާރު ތަފާތެއް ނެތެވެ.

ކޮންމެ ގެއެއްގައިވެސް މިހާރު އޮންނާނީ އެހާލަތުކަމަށް ބުޝްރާ ބުނަމުން ގެންދިޔައެވެ. ޒުވާން ފިރިހެންކުދިންގެ ހިތުގައި އުފެދޭ ޖަޒުބާތުގައިޖެހި ، އެކަހަލަ ގޮތްގޮތްވެސް ވާނެއެވެ. އެމީހުން ޖަހާހާ ބެރަކަށް ، މިޒަމާނުގައި މައިންބަފައިންނެއް ނުނަށާނެއެވެ. ތަންކޮޅެއް ހަރުކަށިކޮށް ޢަމަލުކޮށްގެންނޫނީ ، އެމީހުން މައިތިރިއެއް ނުކުރެވޭނެއެވެ. ޙަމްޒާއަށްވެސް ވެގެން އެއުޅެނީ އެގޮތެވެ. ކުޑަކޮށް ހިފަހައްޓައިލީމަ ، ޙަމްޒާއަށްވެސް ވިސްނިގެން މައިތިރިވެދާނެކަމަށް ބުޝްރާ ބުންޏެވެ.

ބުޝްރާގެ ހަރުކަށިކަމުގައި ގޮތްދޫނުކުރިޔަސް ، ޞާދިޤްގެ ހިތުގައި ޙަމްޒާގެ މައްޗަށް ހަމްދަރުދީ އުފެދެއެވެ. ޞާދިޤްގެ މައްޗަށް ޙަމްޒާގެ ހިތުގައި އުފެދިފައިވާ ޝަކުވާތައް ، ޙަމްޒާގެ ލޮލުން ޞާދިޤަށް ފެނެއެވެ. ނިދަން އުޅެއުޅެވެސް ، ޞާދިޤަށް ނިދޭގޮތެއް ނުވިއެވެ. ޞާދިޤަށް ޤަބޫލުކުރެވޭގޮތުގައި ، އެމީހުންނަށް ހަމައެކަނި ޙަމްޒާގެ ހިތްހަލާކު ކޮށްލެވުނީކީ ނޫނެވެ. ޙަމްޒާވެސް ދުނިޔެއިން ބާކީކޮށްލެވުނީއެވެ. އެޙާލަތުގައި ، ޙަމްޒާގެ ދިރިއުޅުން އެކޮޅުކޮޅުން ޖެހިއްޖެނަމަ އަލުން އަނބުރާ ޢާންމު ޙާލަތަށް ، ޙަމްޒާ ގެނައުމަކީ އުނދަގޫކަމަކަށް ވާނެކަމަށް ޞާދިޤަށް ފެނުނެވެ. ޞާދިޤް އެންމެ ބިރުގަންނަނީ އެކަމާއެވެ. މަޖުނޫނަކަށްވެގެން ، ޙަމްޒާ މަގުމައްޗަށް ނުކުމެއްޖެނަމަ ، ޞާދިޤްމެންގެ އަބުރަށް ހުތުރުވާނެއެވެ. އަތުންފައިން ގޯހެއް ހަދައިފިނަމަ ، މުޅި ސަހަރަށް އެމީހުން ބޭޒާރުވާނެއެވެ. އޭގެ އަސަރު ، އެމީހުންގެ ވިޔަފާރިޔަށްވެސް ކުރާނެއެވެ. އަބުރާއި ޢިއްޒަތް ގެއްލޭނެއެވެ.

އެއިން އެއްވެސްކަމަކާ ، ބުޝްރާ ނުވިސްނާތީ ، ޞާދިޤް ހިތްހަމަ ނުޖެހުނެވެ. ކުދިންގެ އެކަހަލަ ކަންކަން ބޮޑަށް އެނގެންޖެހޭނީ މައިންނަށެވެ. ބައްޕަމެން ލައްވާ ހަރުކަށި ފިޔަވަޅު އަޅުވަމުން ގެންދާއިރު ، މައިން ތިބޭނީ ހުރިހާ އިލްޒާމަކުން ރެކިގެންނެވެ.

ހަމްޒާ މިރޭ އެއުޅެނީ ، ކޮޓަރިން ބޭރަށް ނުނުކުމެ ، ކޮޓަރި ތެރޭގައެވެ. ކާކަށްވެސް ނުނުކުމެއެވެ. ރައްޓެހި ދެކުއްޖަކު ޙަމްޒާއާއެކީ ކޮޓަރިތެރޭ އުޅެއެވެ. ޙަމްޒާއަކަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގެއެވެ. އެމީހާޔާއެކީ ، ދިލްނަޝީން ބާޒާރަށްވެސް ދަނީއެވެ. ދުއްވަންވެސް ދަނީއެވެ. ކެއުމަށްވެސް ދަނީއެވެ. ޙަމްޒާގެ މަތިން ދިލްނަޝީން ހަނދާން ނައްތާލައިފިއެވެ. މިއީ ، ޙަމްޒާގެ ދުލުން ތަކުރާރުކޮށް ކިޔަމުން އަންނަ ބަސްތަކެވެ.

އެކުއްޖާގެ މަތިން ހަނދާން ނައްތައިލުމަށް ރައްޓެހިން ބުނަމުންދާއިރު ، އެހެންބުނާ ކޮންމެ ކުއްޖަކުދެކެވެސް ، ޙަމްޒާ ރުޅިއާދެއެވެ. އޭނާގެ ޙާލަތު އެއިން އެކަކަށްވެސް އިޙްސާސެއް ނުކުރެވެއެވެ. އޭނާގެ އަމިއްލަ މީހުންނަކަށްވެސް ، ދިލްނަޝީނަކަށްވެސް އަދި ރައްޓެހިންނަކަށްވެސް ، ޙަމްޒާގެ ޙާލަތު ރަނގަޅަކަށް ވަޒަނެއް ނުކުރެވެއެވެ. ޙަމްޒާމަތިން އެހާ ފަސޭހައިން ދިލްނަޝީން ހަނދާން ނައްތައިލިގޮތެއް ޙަމްޒާއަކަށް ނުވިސްނެއެވެ. ޙަމްޒާދެކެ އިންތިހާއަށް ދިލްނަޝީން ލޯބިވެއެވެ. އެކަން ޙަމްޒާއަށް ކަށަވަރެވެ. އެކަން އެހެން އޮތްއިރު ، އެހާ ފަސޭހައިން ، އެހެންމީހަކާ ކައިވެނިކުރަން ދިލްނަޝީން ބޭނުންވަނީ ކޮންސަބަބަކާހުރެ ހެއްޔެވެ ؟

" ހަނދާން ނައްތައިލަން މަޖުބޫރުވާނެއެވެ. ދިލްނަޝީން ނިސްބަތްވާ ޢާއިލީ ފެންވަރަކީ ، ދިލްނަޝީނަށް ގޮތްކިޔައި އަމިއްލަ ނިންމުންތައް ނިންމޭވަރުގެ ފެންވަރެއްނޫނެވެ. މައިންބަފައިންބުނާ ގޮތްހަދަން ، އެފެންވަރުގެ ކުދިންނަށް މަޖުބޫރު ވާނެއެވެ. މުއްސަނދި އަންހެންކުދިން ނިންމާގޮތަށް ، ދިލްނަޝީންމެންނަކަށް ، ބޭނުންވާހާ ގޮތްގޮތަކަށް ކަންކަމެއް ނުނިންމޭނެއެވެ. އެއީ ދުނިޔޭގެ އާދައެވެ. އެހެން ނޫނަސް ، ދިލްނަޝީން މިހާރު އެހުރީ މީހަކާ ކައިވެނިކުރަން ރައްޔާރުވެފައެވެ. ޙަމްޒާއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ، ދިލްނަޝީންގެ މަތިން ، ހަނދާން ނައްތައިލުމެވެ. ދިލްނަޝީން ، އޭނާގެ އަމިއްލަ ޙާލައިގެން އުޅެން ދޫކޮށްލާށެވެ!  " ޙަމްޒާގެ ރަޙުމަތްތެރިން އޭނާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

އިރުކޮޅެއް ކޮށްލުމަށްފަހު ، މާބޮޑަށް ލަސްވާތީ ، އެކުދިންވެސް ގެޔަށްދާން ނުކުތެވެ.

ނިދަން އުޅެއުޅެ ، ޙަމްޒާއަކަށް އެއްގޮތަކަށްވެސް ނުނިދުނެވެ. ކުރިމަތީގައި ހުރި މޭޒެއްމަތީ ބެހެއްޓިފައިހުރި މޭވާތަށްޓަށް ޙަމްޒާއަށް ބަލައި ލެވުނެވެ. ތެދުވެގެންގޮސް ، އެތަށީގައި އޮތް ވަޅި ނެގުނުކަން ޙަމްޒާއަށް އެނގުނެވެ. ދެންވީގޮތެއް އޭނާއަކަށް ނޭނގެއެވެ.

ޞާދިޤަށްވެސް ، ނިދަން އުޅެއުޅެ ނުނިދިގެން ، ޙަމްޒާގެ ޚަބަރު ބަލައިލަން ، ޙަމްޒާގެ ކޮޓަރިޔަށް އައިސް ވަނެވެ. ކަމަކު ދާކަށް ނެތެވެ. މުޅި ތަޅުންގަނޑުގައި އޮތީ ލޭތަކެވެ. ޞާދިޤަށް ހަޅޭއްލަވައި ގަނެވި ، ބުޝްރާއަށް ގޮވިއެވެ. އަދި އަވސްއަވަހަށް ، އެމްބިއުލެންސަކަށް ގުޅައިގެން ގެނެސް ، ޙަމްޒާ ހޮސްޕިޓަލަށް ގެންދިޔައެވެ. ލޭތައް ފޭބިލެއް ގިނަކަމުން ، ޙަމްޒާއޮތީ ޚަބަރު ހުސްވެފައެވެ.

ދިލްނަޝީނަކަށްވެސް އެރޭ ނިދޭގޮތެއް ނުވިއެވެ. އެނދުމަތީ އުއްޑުން ދެލޯ ބޮޑުކޮށްލައިގެން ، ނިތްކުރިމަތީ އަތްބާއްވައިލައިގެން ދިލްނަޝީން އޮތެވެ. އޭނާއެއޮތީ ޙަމްޒާއާ އޭނާއާ ދެމީހުންގެ ލޯބީގެ ޙަޔާތުގެ އެކި ޞާފުޙާތައް ކިޔާށެވެ. ބައެއްފަހަރަށް ހިނިތުން ވެލެވެއެވެ. އަނެއްބައިފަހަރަށް ލޮލުން ކަރުނަ ފައިބައެވެ. ދިލްނަޝީން ނުލިބިއްޖެނަމަ ، އޭނާ ދުނިޔޭގައި ނުހުންނާނެކަމަށް ޙަމްޒާ އެންމެފަހުން ބުނެފައިވާ ބަސްތަކުން ، ދިލްނަޝީން ސިއްސައިގެން ދިޔައެވެ. އެއީ ، ހަނދާން ކުރަން ބޭނުންވާ ބަސްތަކެއް ނޫންކަމަށްވިޔަސް ، ޙަމްޒާ އެހެންބުނެ ، ދިލްނަޝީނަށް އެޖަވާބުދިނީ ، އޭނާ ނުލިބިއްޖިއްޔާ ޙަމްޒާ ހަދާނީ ކިހިނެއްތޯ އަހައި ދިލްނަޝީން ކުރި ސުއާލެއްގެ ޖަވާބުގައެވެ.

ބުޝްރާއާއި ރިދާވެސް އަދި ޞާދިޤްވެސް ޙަމްޒާއާއެކީ ، ހޮސްޕިޓަލަށް ދިޔައެވެ. ބުޝްރާވެސް އަދި ރިދާވެސް އަޑުންއަޑުނަގައި ރޮމުން ގެންދިޔައެވެ. މިހާރު ދެން ތިރޮނީ ކޮން ރުއިމެއްހޭ ބުނެ ، ބުޝްރާއާ ދިމާލަށް ޞާދިޤް ހަޅޭއްލަވައިގަތެވެ. ޞާދިޤް ހުރީ ބުޝްރާދެކެ ވަރަށް ރުޅިއައިއްސައެވެ. ޙަމްޒާގެ ޙާލަތު ގޯސްވަމުންގޮސް ، އަތުންފައިން ގޯހެއް ހަދާފާނެކަމުގެ އިންޒާރު ، ޞާދިޤް އޮތީ ބުޝްށްރާއަށް ދީފައެވެ. އެހެނަސް ، ބުޝްރާގެ ގޮތްދޫނުކުރުމުގެ ސަބަބުން ، ޞާދިޤް ދެއްކި އެއްވެސް ވާހަކައެއްގެ އަޑު ،  ބުޝްރާއެއް ނާހައެވެ. މިހާރު އެފެންނަނީ އެކަމުގެ ހިތި ނަތީޖާއެވެ. ޙަމްޒާއަކީ ، އެމީހުންގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ. އޭނާގެ ފުރާނަ ސަލާމަތްވާނެކަމެއްވެސް ނޭނގެއެވެ.

ޞާދިޤް އަމީންގެ ހުރިހާވެސް މިލްކަކީ އަދި އުއްމީދަކީ ޙަމްޒާއެވެ. ފިރިހެންދަރިންނަކީ ، ޢާއިލާގެ ދަރިފަސްކޮޅު ދެމިގެން ދިއުމުގެ އަޞްލެވެ. ޙަމްޒާއަށް ގޮތެއްވެއްޖެނަމަ ، ބުޝްރާއަށް ދުވަހަކުވެސް މާފުނުކުރާނެކަމަށް ، ޞާދިޤް ބުންޏެވެ. ބުޝްރާގެ ގޮތްދޫނުކުރުމާގުޅިގެން ، ޙަމްޒާގެ ފުރާނަ އަޅިޔަށް ވެއްޖެނަމަ ، ޞާދިޤްގެ ފުރާނަވެސް އަޅިޔަށް ވެގެންދާނެކަމަށް ، ޞާދިޤް ބުންޏެވެ.

ޞާދިޤްވެސް ، ޙަމްޒާގެ ކައިވެންޏާ ކުރިން ދެކޮޅުކަން ، ރޮމުންރޮމުން ބުޝްރާ ހަނދާން ކޮށްދިނެވެ. އެކަމަކު ، މިހާރު ޞާދިޤް އެހުރީ އެކައިވެންޏަށް ރުހިގެންނެވެ. ޙަމްޒާގެ ޙާލަތަށް ޞާދިޤަށް ކެތެއް ނުކުރެވޭނެއެވެ. އެމީހުންނަށްވުރެ ފެންވަރުގެ ގޮތުން ދަށް ޢާއިލާއެއްގެ ޅީދަރިޔަކު ގެޔަށް ގެނެސްގެން އުފުއްލަންޖެހޭ ތަކުލީފަށްވުރެ ، އޭނާގެ ދަރިފުޅަށް ގޮތެއްވެގެނެ ލިބޭނެ ތަކުލީފު މާބޮޑުވާނެއެވެ.

ހޮސްޕިޓަލްގެ ގޯތިތެރޭހުރި މިސްކިތަކަށްގޮސް ، ދެރަކުޢަތުގެ ސުންނަތް ނަމާދެއް ކޮށް ، އޭނާގެ ދަރިފުޅު ސަލާމަތްކޮށްދެއްވާތޯ ﷲ އަށް ޞާދިޤް ދުޢާކުރިއެވެ. ޛިކުރު ކުރުމަށްޓަކައި މަޑުކޮށްލައިގެން މިސްކިތުގައި އިންދާ ރިދާ އައިސް ، ބައްޕަޔަށް ޑޮކްޓަރ އެބަ ގޮވާކަމުގައި ބުންޏެވެ. ޙަމްޒާ ހޭއެރީތޯ ކުރި ސުއާލަށް ނޫނެކޭބުނެ ، ރިދާ ޖަވާބު ދިނެވެ. ރިދާވެސް ހުރީ ، އިންތިހާއަށް ކަންބޮޑުވެފައެވެ. ރޮއިރޮއި ދެލޯ ރަތްވެފައެވެ. މިސްކިތުން ފައިބައިގެން އަވަސްއަވަހަށް ، ހޮސްޕިޓަލާދިމާލަށް ، ޞާދިޤް ދުއްވައިގަތެވެ.

*******************************

އަނީސާގެ ހެދުމެއްގައި ވީދިފައިއިން ތަންކޮޅެއް ފަހައިލަން އެނދުމަތީ އިށީނދެލައިގެން ، އަނީސާ އިނެވެ. ތިނޯހުގެ ފަގަޔަށް ރޮދި ނުލެއްވިގެން އުޅެނިކޮށް ، އެތަނަށް ދިލްނަޝީން އައިސް މަންމަގާތު އިށީނދެލިއެވެ. އަދި ފަގަޔަށް ރޮދިލައްވަން އޭނާއަތަށް ދިނުމަށް ދިލްނަޝީން އެދުނެވެ. އެހެނަސް ، އެއީ އަނީސާ ބޭނުންވާކަމެއްނޫނޭ ބުނެ ، ދިލްނަޝީންގެ އަތް ދުރުކޮށްލިއެވެ. ދިލްނަޝީންގެ ފަރާތުން ، އަނީސާމެންނަށް ލިބެންޖެހޭ ހުރިހާ ފަސޭހަތަކެއްލިބި މިހާރު އެއޮތީ ނިމިފައެވެ. އަނީސާމެން އުއްމީދުކުރި ވަރަށްވުރެ ބޮޑަށްވެސް ދިލްނަޝީންގެ ފަރާތުން އެމީހުންނަށްވަނީ އެހީތެރިކަން ލިބިފައެވެ. އަންހެންދަރިއަކަށްވުމުގެ ޙައްޤު ، ދިލްނަޝީންވަނީ ފުރިހަމަ ކޮށްދީފައެވެ. ދިލްނަޝީންގެ ހިތަށް ލިބިފައިވާ ތަކުލީފުތައް ، އަނީސާގެ އެ ބަސްތަކުން ، އިތުރު ވެގެން ދިޔައެވެ.

މަންމަ އަދިވެސް އެއިނީ ، އޭނާދެކެ ރުޅިއައިސްތޯ ، ދިލްނަޝީން ސުއާލު ކުރިއެވެ. ދިލްނަޝީނަށް އިނީ ރޮވިފައެވެ. އަނީސާ އަނގަޔަކުން ނުބުނެއެވެ. ހުރިހާކަމެއްވެސް ދިލްނަޝީން މިހާރު އެކުރަނީ ، މަންމަމެން ބުނާގޮތަށެވެ. އޭނާއަކީވެސް ، އެހެންމީހުންފަދަ އިންސާނެކެވެ. ކުށްކުރެވޭނީ އިންސާނުންނަށެވެ. ދިލްނަޝީނަށް ގޯސްކޮށް އުޅެވުނުކަމަށް ، އޭނާ އިޢުތިރާފް ވިއެވެ. އެކުށުގެ އަދަބު އޭނާއަށްވަނީ ލިބިފައެވެ. މިހާރުވެސް އެދަނީ ، އިތުރަށް އަދަބު ލިބެމުންނެވެ. އެތައް އިރެއްވަންދެން ނުރޯ އެންމެ ދުވަހެއްވެސް ނުދެއެވެ. ހަމަޔަށް ލޮލުފިޔައެއް ނުޖެހެއެވެ. ދިލްނަޝީނަށް ކުރެވުނު އެކުށަށް އަދަބު ލިބުމަށްފަހު ، މާފުލިބުމުގެ ޙައްޤު އޭނާއަށް ލިބެންޖެހޭނެކަމަށް ދިލްނަޝީނަށް ޤަބޫލު ކުރެވެއެވެ.

އޭނާއަށް މާފުކޮށްދިނުންއެދި ، އަނީސާއަށް ، ދިލްނަޝީން އާދޭސްކުރަމުން ގެންދިޔައެވެ. މަންމަމެންގެ މަޢާފާނުލައި ، އޭނާއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާ ބޮޑުވެގެންއައީ ، މަންމަމެންގެ ހިޔާވަހިކަމުގެ ދަށުގައެވެ. މަންމަގެ ލޯތްބާއި އަޅައިލުމާ އަދި އޯގާތެރިކަން ލިބިގެންނެވެ. ބޮޑުވެ ތަޞައްރުފު ފުދިފައިހުއްޓައި ، މަންމަމެންގެ ހިތްހަލާލާ ނުލައި ދުނިޔޭގައި އުޅުމަކީ އޭނާއަށް އުފުއްލޭވަރުގެ ތަކުލީފެއްނޫނެވެ. އަދި އަމްދުން ، ކައިވެނިކޮށްގެން މަންމަމެންނާ ދުރަށްގޮސް ، ފިރިމީހާގެ ގޭގައި ހިނިތުންވެލައިގެން އަދި ހަމަޖެހިލައިގެން އޭނާއަށް އުޅެވޭނީވެސް ، އޭނާގެ މައްޗަށް މަންމަމެންގެ ހިތްހެޔޮ ވެގެންނެވެ. އެތައް އިރެއްވަންދެން ، ރޮއިރޮއިފައި  ދިލްނަޝީން ކުރަމުންގެންދިޔަ އާދޭހުގެ އަޑެއް އަނީސާއަކަށް ނީވުނެވެ. އެއީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީނަކީ ޒުވާން އަންހެންކުއްޖެކެވެ. ޒުވާންކަމުގެ ޖަޒުބާތުގައިޖެހި ، އެ ޢުމުރުގައި އެތައް ކުދިންނަކަށް އެކިވަރުގެ ކުށްކުރެވޭނެއެވެ. ދިލްނަޝީނަށްވެސް ކުރެވިފައި އެއޮތީ އެކަހަލަ ކުށެކެވެ. ދިލްނަޝީނަށް ކުރެވުނު ކުށަށް ، އަނީސާ މަޢާފުނުކުރަން އެއުޅެނީ ކީއްވެ ހެއްޔެވެ ؟ ދިލްނަޝީންގެ މައްޗަށް އަނީސާގެ ހިތުގައި އުފެދިފައިވާ ލޯތްބާއި މައިވަންތަކަމުގެ ކުލުނު ، އަނީސާގެ މޫނުމަތިން ފާޅުވެއެވެ. އެކަން އެ ސިއްރުކުރަނީ ކީއްވެގެންކަމެއް ނޭނގެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.