ޖުލައި މަހު މީރާއިން 2.93 ބިލިއަން ރުފިޔާ ބަލައިގަނެފި

ޖުލައި 2024 ގައި މީރާއަށް 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 17.1% ދަށް އަދަދެކެވެ. އަދި، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4% އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ޖޫން 2023 ގައި އީދު ބަންދާއި ދިމާވުމާއި ގުޅިގެން ސުންގަޑި ޖުލައި މަހަށް ފަސްކުރިނަމަވެސް، ޖުލައި 2024 ގައި ސުންގަޑިއައް ބަދަލެއް އައިސްފައި ނުވާތީ، ޖުލައި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ޖުލައި 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ.

މީގެއިތުރުން، ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ޖުލައި 2023 އާއި އަޅައިބަލާއިރު، ޖުލައި 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު %2.4 އިތުރުވެފައިވާތީ، ޓީ.ޖީ.އެސް.ޓީގެ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ. 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު ދައްކަން ޖެހޭ، 2024 ވަނަ އަހަރުގެ ދެ ވަނަ އިންޓެރިމްގެ ފައިސާވެސް މީރާއިން ވަނީ ޖުލައިމަހު ބަލައިގަނެފައެވެ.

މީގެ އިތުރުން، ރިސޯޓުތަކުގެ ކުލީގެ ކުރީގެ ސުންގަޑިތަކުގެ ފައިސާ މި މަހު ބަލައިގަނެފައިވާތީ އަންދާޒާކުރި އާމްދަނީއަށްވުރެ ބަލައިގަތް އާމްދަނީ އިތުރުވެފައިވާ ކަމަށްވެސް މީރާއިން މައުލޫމާތުދެއެވެ. އަދި އެންފޯރސްމަންޓް ފިޔަވަޅުތަކާއި ގުޅިގެން، ކުރީގެ ސުންގަޑިތަކަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ މީރާއަށް ލިބިފައިވުމަކީވެސް ޖުލައި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބުނު އާމްދަނީ އިތުރުވި ސަބަބެކެވެ.

ޖުލައި 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 50.07% ނުވަތަ 1.47 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީ.އެސް.ޓީ ގެ ގޮތުގައެވެ. އެއީ 33.33% ނުވަތަ  997.31 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި  116.28މިލިއަން ރުފިޔާ (3.96%)، އެއަރޕޯޓު ޑިވަލޮޕްމެންޓް ފީ ގެ ގޮތުގައި 77.83 މިލިއަން ރުފިޔާ (2.65%)، ޑިޕާރޗަރ ޓެކުހުގެ ގޮތުގައި  75.05މިލިއަން ރުފިޔާ (2.56%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި  217.78މިލިއަން ރުފިޔާ 7.43%)) ލިބިފައިވެއެވެ.

ޖުލައި 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.