ހަނދާނުގެ ތެރެއިން: ނޮވެލްޓީގެ ވެރިޔާ ޢަލީ ޙުސައިން

ވާތްފަރާތުގައި މެޝިނުގެ މަތީގައި އަތް އަޅުއްވައިގެން އެ ހުންނެވީ ޢަލީ ޙުސައިން

ހާހާ ނުވަސަތޭކަ ހަތްދިހައިގެ އަހަރުތައް ނިމެމުން ދިޔަކަމަށް، ދަންނަވަން ޖެހޭނީ އަޅުގަނޑުގެ ހަޔާތުގެ ދުރު ހަނދާންތައް ރިކޯޑުކޮށް ދެމުން ކަމުގައެވެ. އޭރު ވެސް އަޅުގަނޑުގެ ގައިގައި ހުންނަ ދާއިމީ އެއް ބައްޔަކީ، ފޮތްތެރިކަމަށް ހުންނަ ޝައުޤުވެރިކަމެވެ. ވަރަށް ހާލުން އެއްކުރެވޭ ދެތިން ރުފިޔާ ހިފައިގެން ގޮސް ފޮތެއް ގަނެލުމަކީ، އެހެން ކުދިން މެޓައެއް ގަނެލައިގެން ކައިލައިގެން ހޯދާ ހިތްހަމަޖެހުމަށް ވުރެ ބޮޑު ހިތްހަމަ ޖެހުމެއް އަޅުގަނޑަށް ލިބޭކަމެކެވެ.

ޗާނދަނީ މަގުގެ އެންމެ އުތުރުކޮޅުގެ ހުޅަނގުން އޮންނަ ކޮށީގެ އިރު ދެކުނު ކަނުގައި ޗާނދަނީ މަގާއި އިބްރާހީމް ޙަސަން ދީދީ މަގާ އިންވެގެން ދެ ބުރިއަށް ކުޑަކުޑަ ޗާޕްޚާނާއެއް ހުރެއެވެ. މިހާރުގެ ދޮޅު މިނިޓުގެ ހަނދާން އަޅުގަނޑާ ސަމާސާ ނުކުރާ ނަމަ، އެ ތާނގައި ވަރަށް ރީތި އަކުރަކުން މަޑުނޫކުލައިގެ ބޯޑެއްގައި ހުދު އަކުރުން “ނޮވެލްޓީ ޕްރެސް” ޖަހާފައި އޮވެއެވެ. އެއްކަލަ ދެތިން ރުފިޔާ ހިފައިގެން އެ ތަނަށް ދަމެވެ. އެއް ރުފިޔާއަށް ދެ ރުފިޔާއަށް އަދި ބައި ރުފިޔާއަކަށް ލިބޭ ބައެއް ފޮތް ވެސް އެ ތަނުގައި ހުރެއެވެ. ކުޑަކުދިންނާ ގުޅޭ ފޮތްތަކާއި ދީނީ ފޮތްތަކާއި ދިވެހިބަހުގެ ފޮތްތަކެވެ. ދިހަވަރަކަށް ސޮފުހާ ހަމަނުވާ ކުދިކުދި ފޮތްފޮތް ވެސް މެއެވެ. އަޅުގަނޑު ކިހައި ނަސީބު ގަދަ ތޯއެވެ. ކޮންމެއަކަސް އޭރު ނޮވެލްޓީއަށް ދިޔަ ދިއުމުން ޢަލީ ޙުސައިނާ ދިމާވި ހަނދާން ވެއެވެ. ހަމައެކަނި ފެނިލުމަކުންނެވެ.

ނަމަވެސް މިހާރު ދެރަވާ އެއްކަމެއް އެބައޮތެވެ. އަށްޑިހައިގެ ކުރީކޮޅު ކުއްލިއަކަށް އައި ޚިޔާލަކީ، ފޮޓޯފޮތެއް ހެދުމުގެ ޚިޔާލެވެ. އަތުގައި އޭރުހުރި މަދު ނޫސް މަޖައްލާކޮޅުން ކަފައިގެން މީސްމީހުންނާއި ތަންތަނުގެ ފޮޓޯތައް އެއްކުރުމުގެ ޚިޔާލެވެ. ނޫސް މަޖައްލާތައް ކަފައި ކުދިކުރެވުނީއެވެ. 8 އިންޗި 6 އިންޗީގެ 32 ސޮފުހާގެ އިނގިރޭސި މަޖައްލާއެއްގައި ފޮޓޯތައް ތަތްކޮށް "ފޮޓޯ އަލްބަމެއް" ހެދީއެވެ. އެ އަލްބަމުގައި ނޮވެލްޓީގެ ވެރިޔާ އަލްފާޟިލް ޢަލީ ޙުސައިނުގެ ފޮޓޯއެއްވެސް ތަތްކުރެވުނެވެ. ދުވަހު ނޫސް މޫންލައިޓަކުން ކަފައިގެންނެވެ. މިހާރުވެސް އެ ފޮތް އެބައޮތެވެ.

އަޅުގަނޑުގެ ހަޔާތުގެ މުހިންމު ދައުރެއް ފެށުނީ، ހާހާ ނުވަސަތޭކަ އަށްޑިހަ ހަތަރު ވަނަ އަހަރެވެ. މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާއިން ކިޔެވުމުގެ ފުރުސަތު ލިބުމާ އެކުގައެވެ. އަޅުގަނޑުގެ ހިތުގައި "ކަރުދާހަށް" ދެވިފައިވާ ލޯބި ފުޅައުވެގެން ދިއުމުގެ ފުރުސަތު ބޮޑަށް ލިބުނީ އެ ދުވަސްވަރެވެ. މަޢުހަދުގެ ފުރަތަމަ އަހަރާއި ދެވަނަ އަހަރު ވެސް، ދަރިވަރުންގެ އަހަރީ މަޖައްލާ "އަލްމަންހަޖު" ގެ އެޑިޓޯރިއަލް ބޯޑުން ޖާގަ ލިބިއްޖެއެވެ. ތިންވަނަ އަހަރު ދަރިވަރު އެޑިޓަރުކަން ލިބިއްޖެއެވެ. އަޅުގަނޑުގެ އެޑިޓަރުކަމުގައި "އަލްމަންހަޖު"ގެ ދެ އަދަދެއް ނެރެވުނެވެ. އެއީ، 1987 ވަނަ އަހަރު ނުކުތް 7 ވަނަ އަދަދާއި 1988 ވަނަ އަހަރު ނުކުތް 8 ވަނަ އަދަދެވެ. އޭރު ހަމަޖެހިފައި އޮންނަ ގޮތުން ރޯދަމަސް ފެށޭއިރު މަޢުހަދުގެ ކިޔެވުން ބަންދުވާނެއެވެ. ރާއްޖޭގެ އެހެން މަދަރުސާތަކާ ޚިލާފަށެވެ. ރޯދަމަހު ވަރަށް ދަންވަންދެން އަޅުގަނޑުމެން މަޖައްލާގެ މަސައްކަތް ކުރަމެވެ. އެއީ، ފިތުރު އީދު ދުވަހު، ރަސްމީކޮށް މަޖައްލާ ނެރުމަށް ޓަކައެވެ. ހުދުކަރުދާހުގައި އަތުން ލިޔެ ފޮޓޯތައް ތަތްކޮށް ކުދިކުދި ކަރުދާސްކޮޅުން ބައެއް ސޮފުހާތަކުގައި "ގަނޑުލައިގެން" ވެސް ފުރިހަމަ ކުރަން ޖެހެއެވެ. ޚާއްސަ ބޭފުޅުންގެ ޚިތާބުތަކާއި މުހައްރިރުގެ ބަހާއި މުހިންމު ބައެއް ލިޔުންކޮޅުތަކުގައި ބޯޑަރު އަޅަނީ އަރަބި ނޫސް މަޖައްލާތަކުން ކަފައި ގުޅުވައިގެންނެވެ. ފަހު ދިހައަކަށް އަރަން ވާއިރަށް މަޖައްލާ ނިންމައިގެން ކުލިއަރހޯލްޑަރު ފައިލެއްގައި މަޖައްލާ ޗާޕަށް ދިނުމަށް ޓަކައެވެ.

އަލްމަންހަޖުގެ 5 ވަނަ އަދަދު ޗާޕަށް ދީފީމެވެ. އޭރު ވެސް މިހާރު ވެސް އޮންނަ ޔަގީން ކަމަކީ، ނޮވެލްޓީއާ ހަވާލުކޮށްފި ނަމަ، ގިރުވާން ނޭޅި ގޮށްހަރު ނުކުރެވި އޮންނަ ގަމީހަކަށް ދުވަހަކު ވެސް މަޖައްލާ ނުވާނެކަމުގެ ޔަގީންކަމެވެ. 1407 ވަނަ އަހަރުގެ ރޯދަމަހުގެ އެންމެ ފަހު ދުވަހުގެ ރޭ (އީދު ވިލޭރޭ) މަޖައްލާ އެބަ ނިމެއެވެ. އެ ގަޑީގައި ނޮވެލްޓީގައި ވެސް މާގިނަ މުވައްޒަފުންނެއް ނުތިބޭނެއެވެ. ހަމައެކަނި އެކަމަށް ބޭނުންވާ ދެތިން މުވައްޒަފުން ފިޔަވައެވެ. އެ ދުވަހުގެ ރަސްމީގަޑީގައި އޮތީ އެރޭ މަޖައްލާ ބަލައިދާން ވިދާޅުވެފައެވެ. ނިންމުމުގެ މަސައްކަތުގައި ފޮތްތައް އުފުލައިދީ ވޭނަށް އެރުވުމުގެ މަސައްކަތް ކޮށްލާށާ އެކުގައި ވެސް މެއެވެ. އަޅުގަނޑާއި އިތުރު ދެތިން ކުއްޖަކު އެ ގަޑިއަށް ނޮވެލްޓީއަށް ހިނގައްޖައީމެވެ. މާފަންނު ނޮވެލްޓީއަށެވެ. ހަނދާންވާ ގޮތުގައި އޭރު ކަފާ މެޝިން ހުންނަނީ، ނޮވެލްޓީގެ ވެރިޔާ ޢަލީ ޙުސައިންގެ ގެ މ.ވާރޭވިލާގެ ކުރިމަތިން ހުންނަ ގެއެއްގައެވެ. މާބޮޑު ތަނެއް ނޫނެވެ. މެޝިންގެ ފުރަގަހުގައި ފާރާ ދޭތެރޭގައި އޮންނަނީ ދެ ތިން ފޫޓުގެ ޖާގައެވެ. އަޅުގަނޑުމެންގެ އެހީތެރިކަމާ އެކު ފޮތްތައް ކެފުމުގެ މަސައްކަތް ފެށިއްޖެއެވެ. އެއީ ވަރަށް ބަލާހިތްވާ ވެސް މަންޒަރެކެވެ. ފޫޓެއްހައި ވަރަށްވުރެ ވެސް އުސްކޮށް ބަންޑެލި ޖަހާފައި ހުންނަ ފޮތް ބަރިތައް މެސެނުގައި ސެޓުކޮށް ބަހައްޓާފައި ކުޑަކުޑަ ހަރަކާތަކުން ވަރަށް ރީތިކޮށް އޮމާންކޮށް އެހެރަ ކަފައިލަނީއެވެ.

އަސްތާ މިއޮއްދިމާވި ކަމެކެވެ. ކުއްޖެއްގެ އަތުގެ ހިޔަނި އެޅުނީ އެވެ. ހަމަ ކަފަން ފެށުނު ތަނާ ހެންނެވެ. މެސެނު ހުއްޓުނީއެވެ. ދަތުރުކުރަމުން ގޮސް ކަނޑުމެދުން ތެޔޮ ހުސްވުންފަދަކަމެއް ދިމާވީއެވެ. ދެން މެސެނު ހިންގޭނީ އޭގެ ފަހަތުގައިވާ ތަނަކުންނެވެ. އެ ތަނާހަމައަށް ވާސިލު ވެވޭނީ ބިމުން ފެށިގެން މެސެނު މެދަށްވުރެ އުސްކޮށް އޮތް ކުނޑިކަރުދާހުގެ ފުނިވަރު ނަގައި ހުސްކޮށްގެންނެވެ. އެކަން ކުރެވެން އޮތީ މާފަސޭހަ މަގެއްނޫނެވެ. ވޭން ގެނެސް މަގުމަތީ ބާއްވާގައި އެކުނޑިކަރުދާސްތައް އަތުން ނަގައިގެން ގެންގޮސް ވޭނަށް އަޅައިގެން ގެންގޮސް އުކައިލައިގެންނެވެ. އެއީ ރޭގަނޑުގެ ލަސްގަޑިއެކެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޢަލީ ޙުސައިނަށް މި ޚަބަރު ހިނގައްޖެއެވެ. ލަސްތަކެއްނުވެ ކުރިމަތިން ހުރި ވާރޭވިލައިން ނުކުންނަވައިގެން ޢަލީ ޙުސައިން ވަޑައިގެންފިއެވެ. އެތެރެއަށް ވެންނެވުމުން މުވައްޒަފަކު ކަން ވީގޮތް ދަންނަވައިފިއެވެ. އަޅުގަނޑުމެންނާ ހެދި މަސައްކަތް ލަސްވިޔަސް އެކަމަށް މާބޮޑު ހިތްޕުޅުހަމަނުޖެހުމެއް ނުދައްކަވައެވެ. ވިދާޅުވީ އަވަހަށް މަސައްކަތް ފެށުމަށެވެ. އިސާހިތަކު ވޭން ގެނެވިއްޖެއެވެ. އެންމެން ވެގެން ދެއަތުން ބޮޑިކޮށްގެން ކުނޑި ކަރުދާސްތައް ގެންގޮސް ވޭނަށް އަޅަން ފަށައިފީމެވެ. ހަތަރު ފަސް މީހުން ވެގެން މަސައްކަތް ކުރުމުން މާކަ ލަހެއް ނުވިއެވެ. ޢަލީ ޙުސައިން ވެސް މަސައްކަތް ބައްލަވަން ހުންނެވިއެވެ. ކޮންމެ ގޮތަކުން ވެސް އީދު ދުވަހުގެރޭ އޮންނަ ބައްދަލުވުމުގައި މަންހަޖު ނެރެން ޖެހޭތީއާއި އީދު ދުވަހު މަސައްކަތް ނުކުރެވޭނެތީ މިރޭ ކިތަންމެ ދަންވިޔަސް މަންހަޖުތައް މައުހަދަށް ގެން ގޮސްފައި ނޫނީ ނިންމައިލައްވާކަށް ޢަލީ ޙުސައިން ވެސް ބޭނުންފުޅެއް ނޫނެވެ.

އަލުން މެސެނުގެ މަސައްކަތް ފެށި ދޮޅުގަޑިއެއްހައިއިރުގެ ތެރޭގައި ނިންމައިލެވިއްޖެއެވެ. އޭރު އަޅުގަނޑަކީ ރައީސުއް ރުއްވާދަށް (ސްކޫލް ކެޕްޓަނަށް) ވެފައި، ރާބިތާގެ ރައީސަށް ވާތީ، މައުހަދުގެ ވަލުދޮރާށީގެ ތަޅުދަނޑިއެއް އަޅުގަނޑު އަތުގައި އޮވެއެވެ. ވޭނަށް ފޮތްތައް އަރުވައިގެން ނައްޓައިލުމުން އަޅުގަނޑުމެން ވެސް ބައިސްކަލުގައި މައުހަދަށް ގޮސް ރަސްމީކޮށް ފޮތްތަކާ ހަވާލުވެއްޖައީމެވެ.

އޭގެ ފަހުން ސްކޫލް ދައުރާއި ވަޒީފާގެ ގޮތުން ވެސް އެތައް ފަހަރަކު އެކި އެއްޗެހި ޗާޕު ޖެއްސުމަށް، ޢަލީ ޙުސައިން އަރިހަށް ދާން ޖެހުނެވެ. އަދި ފަހުން ޢަލީ ޙުސައިންގެ އެކި މުހުތާދުތަކުގައި އަޅުގަނޑަށް ގުޅުއްވައި ވަރަށް ބޮޑު ގާތްކަމެއް އުފެދުނެވެ. އޭނާ އަމިއްލަފުޅު ބައެއް މަސައްކަތްޕުޅުތަކުގައި ވެސް އެކި މިންވަރަށް އަޅުގަނޑުގެ ފެންވަރުން ލަފައާއި އެހީތެރިކަން ހޯއްދަވަމުން ގެންދެވިއެވެ.

މި ދެންނެވުނު ކަންކަމުގެތެރެއިން ބައެއް ފަހަރު “ދިވެހިޑައިޖެސްޓް” ގެ ބައެއް ލިޔުންތައް ޕްރޫފް ބަލައިލަން ވެސް ވިދާޅުވެއެވެ. އަދި އެކި ފަރާތްތަކާ ކުރައްވާ ބައެއް މުއާމަލާތްތަކުގެ މައުލޫމާތު ވެސް ހިއްސާކުރައްވައެވެ. އަދި ލިޔުއްވާ ބައެއް ލިޔުއްވުމަށް ބޭނުންވާ ބައެއް މައުލޫމާތު ހޯއްދަވައިދެއްވުމަށް ވެސް އެދިވަޑައިގަންނަވައެވެ. އަޅުގަނޑުގެ އަތުގައި ހުރި ނޫސް މަޖައްލާތަކުންނާއި ގައުމީ ކުތުބުޚާނާއަށް ގޮސްގެންނާއި ބައެއް މީހުންނާ ގުޅައިގެން ވެސް މައުލޫމާތު ހޯދައިދެމެވެ.

ޢަލީ ޙުސައިނަކީ ޗާޕުގެ މަސައްކަތުގެ އިތުރުން ވެސް ތަފާތު މަސައްކަތްތަކަށް ޝައުގުވެރިވެވަޑައިގެން ބައެއް މަސައްކަތްތައް އާލާކުރެއްވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ޚިދުމަތްތެރިއެކެވެ. އެއް ދުވަސްވަރެއްގައި ވަރަށް ފޯރީގައި ކުރެއްވި އެއް މަސައްކަތްޕުޅަކީ، މަސް ޕަކެޓު ކުރެއްވުމެވެ. ހިމުންކޮށާއި ރާޅުކޮށެވެ. އޭރު އަދި މިފްކޯއިން އެ މަސައްކަތެއް ނުކުރައްވައެވެ. އެ ދުވަސްވަރު އަރަބީންނަށް އެ ތާރަފު ކުރެއްވޭތޯ އަޅުގަނޑުގެ ގާތް ސަޢޫދީ ބަޔަކާ ބައްދަލުކުރައްވަން އެދިވަޑައިގަތެވެ. ވާރޭވިލާގެ އިރުމަތީ ފަރާތުގައި އޮންނަ ބަގީޗާގައި ވަރަށް ރަނގަޅު ފަރީއްކޮޅަކާ އެކު އެ ބޭފުޅުންނާ ބައްދަލު ކުރައްވާ މަސް ޕަކެޓުތައް ތާރަފުކުރައްވައި ހަދިޔާ ކުރެއްވިއެވެ. އަތުގައި ހޭކެންޏާ ދަތުގައި ވެސް ހޭކޭނެއޭ ބުނާހެން އަޅުގަނޑަށް ވެސް އޭގެ ރާހަތް ކުރިއެވެ. ޢަލީ ޙުސައިނަކީ އެފަދަ ކަންކަމުގައި ޚަރަދަކަށް ބައްލަވާ ބޭފުޅެއް ނޫނެވެ. ދެއްވަން ވެއްޖެއްޔާ ކިތަންމެ ގިނައިން ވެސް ދެއްވައިފާނެއެވެ. އެރޭ ވެސް ވީ އެކަހަލަ ގޮތެކެވެ. އަޅުގަނޑުމެންނަށް ދެއްވި ހަދިޔާތައް ގެންދެވުނީ ކާރެއްގެ ޑިކީގައެވެ.

އެއް ދުވަސްވަރެއްގައި އޭނާ ލިޔުއްވާފައި އޮންނަ ރަށެއްގައި ރުއް އިންދެވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި ރުކަށް އަރާ “މެސެނެއް” ރާއްޖެއިން ބޭރުން ގެންނަވައި ތާރަފުކުރެއްވޭތޯ ވެސް ބެއްލެވިއެވެ. އަދި ކަރާއޮށް ރާއްޖޭން ބޭރުން ގެންނަވައި އެކި ފަރާތްތަކަށް ދެއްވައިގެން ކަރާ އާލާކުރެއްވޭތޯ ވެސް ވަރަށް މަސައްކަތް ކުރެއްވިއެވެ. އަޅުގަނޑު މެދުވެރިކޮށް ވެސް ބައެއް ފަރާތްތަކަށް ކަރާއޮށް ފޮނުއްވިއެވެ.

އަދި ކަނަމަދަކީ ރާއްޖޭގައި ވަރަށް އަގުބޮޑުކޮށް ލިބޭ އެއްޗަކަށް ވާތީ އަގު ހެޔޮކޮށް ކަނަމަދު ލިބޭނޭ ގޮތް ހެއްދެވުމަށް ޓަކައި އޮޅުދޫކަރައާއި ޖާވާކަރައިން ކަނަމަދު ގެންނަވައި، ވިއްކެވިއެވެ. އަދި މީހުން ލައްވައި ކަނަމަދު މެޓާގަނޑާއި ކަނަމަދުގެ ތަފާތު އުފެއްދުންތައް އުފެއްދެވުމަށް ހިތްވަރު ދެއްވައި މަސައްކަތް ކުރެއްވިއެވެ.

އަޅުގަނޑު އެންމެ ހިތްހަމަޖެހުނު ކަމަކީ، ޢަލީ ޙުސައިނާއި ކުރިން ގާތްކަން އޮތް ނަމަވެސް ދިމާވި ސަބަބަކާހުރެ ދުރުވެފައިވާ ބައެއް ފަރާތްތަކާ ޢަލީ ޙުސައިނާ އަލުން ގުޅުން އާލާކޮށް ދިނުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ލިބުމެވެ. އަދި ބައެއް މަސައްކަތްތަކުގައި މަޝްހޫރު ބައެއް މީހުންނާ ބައްދަލުކުރައްވަން ބޭނުންފުޅުވެގެން ވިދާޅުވުމުން، ފުރަތަމަ ފަހަރު އެ މީހުންނާ އެކު، ޢަލީ ޙުސައިން އަރިހަށް ގޮސް ތާރަފުކޮށްދެވިފައިވެއެވެ. އަދި ބައެއް މީހުން، ޢަލީ ޙުސައިނާ ބައްދަލުކުރަން ބޭނުން ވެގެން އެދުމުން އަޅުގަނޑު މެދުވެރިވެގެން އެ ފުރުސަތު ހޯދައިދެވި އެ މީހުންނާ ގުޅުން ދެމެހެއްޓެވިއެވެ.

އަޅުގަނޑަކީ، ޅެންވެރިކަމުގެ ދާއިރާގައި ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެވޭ މީހަކަށްވުމާ އެކު، އަޅުގަނޑުގެ ޅެންތައް އެއްކޮށް ފޮތެއް ހެދުމުގެ ޚިޔާލު ދަންނަވައިލުމާ އެކު އެ ފޮތް ނޮވެލްޓީން ރަނގަޅު ފެންވަރެއްގައި ޗާޕުޖައްސަވައިދެއްވަން ނިންމެވިއެވެ. އެ ގޮތުން އަޅުގަނޑުގެ ފުރަތަމަ ފޮތް އަދި ފުރަތަމަ ޅެންފޮތް “ޝާކިރުގެ ޝުޢޫރު” (1) ނޮވެލްޓީން ޗާޕުޖައްސަވައިދެއްވައި ޢަލީ ޙުސައިން ވިދާޅުވާ ގޮތުން “ހަދިޔާއެއް” ވެސް ދެއްވިއެވެ. އެއީ 2011ވަނަ އަހަރުގެ އެޕުރީލު މަހުގެތެރޭގައެވެ. އެ ފޮތް ޝާއިއު ކުރެވުމަކީ، އަޅުގަނޑަށް އަލަށް ކުއްޖަކު ލިބުން ފަދަ ބޮޑު އުފަލެއް ލިބުނު ކަމެކެވެ. އެ ފޮތުގެ ނުފުށު ބޭރުގައިވާ، ޝާއިއުކުރި ފަރާތުގެ ބަޔާނުގައި، އަޅުގަނޑާ ބެހޭ ގޮތުން، ޢަލީ ޙުސައިން ވިދާޅުވެފައި ވެއެވެ. “މިއީ ޗާޕުވެގެން ނުކުންނަ އޭނާގެ ޅެންތަކުގެ ފުރަތަމަ ފޮތެވެ. ޔަގީން ކުރެވެނީ، މިފަދަ ބޭނުންތެރި އިތުރު ޅެންފޮތްތައް ޗާޕްކުރެވި ނުކުންނަމުން ދާނެކަމެވެ.” މި ހެޔޮފުޅުކަމަށް ޓަކައި ޢަލީ ޙުސައިނަށް ހިތުގެ އިޚްލާސްތެރި ހެޔޮ ދުއާ ތަކުރާރުކުރަމެވެ. މިއީ، އިތުރު ފޮތްތައް ޝާއިއުކުރުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެ ބިންގަލުގެ މަތީގައި 2021ވަނަ އަހަރުގެ ނިޔަލަށް (ޅެމުގެ ދެ ފޮތަކާ އެކު) އަޅުގަނޑުގެ 5 ފޮތް ޗާޕުޖަހައިގެން ނެރެވިއްޖެއެވެ. އިތުރު ފޮތްތަކުގެ މަސައްކަތް ނިމި، ކުރެވެމުން ވެސް އެބަދެއެވެ.

ފަހަކަށް އައިސް، ޢަލީ ޙުސައިން ކުރެއްވި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތްޕުޅަކީ، ދުވަސްވީ ލިޔުންތައް ހޯއްދަވައި އަލުން ޗާޕުޖެއްސެވުމެވެ. އެއިން އާންމުދަނީއެއް ހޯދެވުމުގެ ބޭނުނަފުޅެއްގައެއް ނޫނެވެ. ހަމައެކަނި އެ ލިޔުންތައް ގެއްލިގެން ނުގޮސް ދެމެހެއްޓެވުމުގެ މަގުސަދުގައެވެ.

އެ ގޮތުން އަލްފާޟިލް ސައިކުރާ އިބްރާހީމް ނަޢީމް (ރަޙިމަހުﷲ)ގެ ލިޔުންތަކާއި އަލްފާޟިލާ ޝަމީމާ ޔަޙްޔާ (ރަޙިމަހަﷲ)ގެ ވާހަކަތައް ހޯއްދަވައި އަލުން ޗާޕުޖެއްސެވޭތޯ އުޅުއްވިއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެއްވޭ ގޮތެއް ނުވިއެވެ. ދެން އެންމެ ބޮޑަށް ކުރައްވަން އުޅުއްވި އެއް ކަމަކީ، ދުވަހުނޫސް “ވިޔަފާރިމިއަދު” އާއި “މޫންލައިޓް”ގެ އަދަދުތައް އަލުން ޗާޕުޖައްސަވައި އާންމުކޮށް ލިބޭނޭ ގޮތް ހެއްދެވޭތޯ ބެއްލެވުމެވެ.

އެ ގޮތުން ގިނަ ނޫސްތަކެއް ހޯއްދަވައި ސްކޭން ކުރެއްވިއެވެ. އަޅުގަނޑު އަތުގައި ހުރި ބައެއް ނޫސްތަކާއި އެހެން ބައެއް ބޭފުޅުންގެ އަތްޕުޅުން ވެސް ނޫސްތައް ހޯދައިގެން ވަރަށް ބޮޑު އެހީތެރިކަމެއް އެކަމުގައި ވެދެވުމުގެ އުފާ އަޅުގަނޑަށް ލިބުނެވެ. ނަމަވެސް އެ އުންމީދުތައް ފުރިހަމައެއް ނުވިއެވެ.

ޢަލީ ޙުސައިނަކީ، ހަމައެކަނި ޗާޕުޚާނާއެއް ހިންގެވި ބޭފުޅެއް ނޫނެވެ. އޭނާ ވަނީ، ރާއްޖޭގައި ވޭތުވެދިޔަ ފަންސާހަކަށް އަހަރު ނުކުތް ނޫސް މަޖައްލާތަކުގެތެރެއިން ބައެއް ނޫސް މަޖައްލާތަކަށް ވަރަށް ބޮޑު އެހީތެރިކަމަކާއި މަދަދެއް ފޯރުކޮށްދެއްވައިފައެވެ. އަދި ސީދާ އޭނާގެ ބައިވެރިވެވަޑައިގަތުމާ އެކު ބައެއް ނޫސް މަޖައްލާތައް ނެރުއްވައިފައެވެ.

1 ފެބުރުވަރީ 2014 އިން ފެށިގެން "ދިވެހިޑައިޖެސްޓް"ގެ ނަމުގައި މަޖައްލާއެއް ނެރުއްވަމުން ގެންދެވިއެވެ. ދިވެހި ޑައިޖެސްޓްގެ ބައެއް އަދަދުތައް ވަނީ، ޚާއްސަ އަދަދުތަކެއްގެ ގޮތުގައި ނެރުއްވައިފައެވެ. އެ ގޮތުން އެ މަޖައްލާގެ 11ވަނަ އަދަދާއި 12ވަނަ އަދަދު ދުއިސައްތަ އެތައް ސޮފުހާއެއް އެކުލެވޭ ގޮތަށް “މިނިވަން ނަންބަރު” ގެ ގޮތުގައި ނެރުއްވިއެވެ. އަދި 68 ވަނަ އަދަދު 374 ސޮފުހާ ގެ މައްޗަށް "އައްޑޫ ޚާއްޞަ" ގެ ނަމުގައި ނެރުއްވިއެވެ.

އަދި އޭގެ ކުރިން 1980ގެ ތެރޭގައި ވެސް “ދިވެހިޑައިޖެސްޓް”ގެ ނަމުގައި ތަންކޮޅެއް ކުޑަ ސައިޒަކަށް މަޖައްލާއެއް ނެރުއްވިއެވެ. އެއީ، ރާއްޖޭގައި ނުކުތް ފުރަތަމަ އޮފްސެޓް މަޖައްލާއެވެ. އެ މަޖައްލާގައި އޭރު ހިމެނުއްވި “އެންމެންގެ ފޮޓޯ” ސޮފުހާތަކަކީ ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ސޮފުހާތަކެކެވެ. އެ ސޮފުހާތައް ފުރުއްވަމުން ގެންދެވީ ރާއްޖޭގެ ތަފާތު ފަންތީގެ ތަފާތު ގިންތީގެ މީހުންގެ ފޮޓޯތަކުންނެވެ. އަދި "ދުށްތަނާއި އިވުނުއަޑުތަކުގެ ހަނދާން ހުރި ބައި" ގެ ނަމުގައި 670 ސޮފުހާގެ 3 ވަނަ ބަޔާއި 704 ސޮފުހާގެ 1 ވަނަ ބައިވަނީ ނެރުއްވައިފައެވެ. ނަމަވެސް އޭނާ އަވަހާރަވުމާއި ހަމައަށް ވެސް އޭގެ 2 ވަނަ ބައި ނެރުއްވައިފައެއް ނުވެއެވެ.

އޭނާ ހަގީގަތަކަށް ހައްދަވަން މަސައްކަތް ކުރެއްވި ހުވަފެންތަކުގެ ތެރެއިން އިނގިރޭސި ރާނީއާ ބެހޭ ގޮތުން، އެކުލަވައިލައްވަން ފެށްޓެވި ފޮތަކީ، ވަރަށް ގިނަ މައުލޫމާތާއި ފޮޓޯ އެއްކުރައްވައިގެން ފެށްޓެވި މަސައްކަތްޕުޅެކެވެ. ވަރަށް ބޮޑުބައެއް ނިންމެވި ވެސް މެއެވެ. އެ ފޮތް ނެރުއްވަން ޚިޔާލުފުޅު ކުރައްވާފައި އޮތީ އިނގިރޭސިވިލާތުގައި ރާނީގެ އަތްޕުޅުންނެވެ. ނަމަވެސް އެ އުންމީދު ވެސް ފުރިހަމައެއް ނުކުރެއްވުނެވެ.

ޢަލީ ޙުސައިން ތަކުރާރުކޮށް އަޅުގަނޑު ގާތުގައި ވެސް ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެއީ އޭނާގެ އަޒުމަކީ، ނޮވެލްޓީގެ ފުރާޅުގެ ދަށުން އެތަނުގެ ޚަރަދުގައި ޗާޕުޖެހިގެން ނުކުމެފައިވާ ފޮތުގެ އަދަދު އެއްހާހަށް ހަމަކުރެއްވުމެވެ. އެކި ބޭބޭފުޅުންގެ އައު ފޮތްތަކާއި ކުރީން ޗާޕުޖެހިފައިވާ ފޮތްތަކާއި ކުރީގެ ބައެއް ލިޔުންތައް އެއްކުރައްވައިގެން ނެރުއްވާ ފޮތްތަކުންނެވެ. އޭނާ އަވަހާރަވީއިރު އެ އަދަދު 900އަށް ވުރެ މައްޗަށް އަރައިފައިވެއެވެ. ސީދާ އަދަދު ސާފުވާ ގޮތެއް ނުވިއެވެ. އޭނާގެ އެ މަތިވެރި އުންމީދު ހާސިލު ނުކުރެއްވުމަކީ، ފޮތަށް ލޯބިކުރާ މީހެއްގެ ގޮތުން އަޅުގަނޑު ވެސް ވަރަށް ދެރަވެ ހިތާމަކުރާ ކަމެވެ.

ޢަލީ ޙުސައިނަކީ، މާ އާންމުކޮށް ތަންތަނަށް ނުކުމެވަޑައިގެން އުޅުއްވި ބޭފުޅެއް ނޫނެވެ. އެހެން ނަމަވެސް ތަފާތު ފެންވަރުގެ ތަފާތު ގިންތީގެ ވަރަށް ގިނަ ބޭފުޅުންނާއި މީހުންނާ ވަރަށް ބޮޑު ގާތްކަމެއް ބޭއްވެވިއެވެ. ވިދާޅުވާން ބޭނުންފުޅުވި ކޮންމެ ވާހަކަފުޅެއް އެ ބޭނުންފުޅުވި ރާގެއްގައި ވިދާޅުވެވޭ ފަދަ ގާތްކަމާއި ކެރިވަޑައިގަތުން ގެންގުޅުއްވި ބޭފުޅެކެވެ.

މިހާރު ނޫހުގެ ނޫސްވެރިޔާ، އަދި ލިޔުންތެރިޔާ އަލްއަޚް މުޙައްމަދު ޙަމްދޫން، ޢަލީ ޙުސައިނަށް ތާރަފުވީ، އޭނާގެ އެދިވަޑައިގަތުމަކަށް އަޅުގަނޑު، ޢަލީ ޙުސައިނަށް ދަންނަވައިގެންނެވެ. އޭނާއާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތާއި ލިޔުއްވާފައިވާ ބައެއް ލިޔުންތައް ވެސް ބައްލަވާފައި “ކަމުދާ ލިޔުންތެރިއަކަށް” ވެގެން ގޮވައިގެން އައުމަށް ވިދާޅުވެގެންނެވެ. އޭގެ ފަހުން އަޅުގަނޑުގެ އަމިއްލަ ބޭނުމެއްގައި ވިޔަސް ނުވަތަ ޢަލީ ޙުސައިން ވިދާޅުވެގެން ވިޔަސް އަރިހަށް ދާ ނަމަ، ޙަމްދޫނަށް ވަޑައިގެންނެވެންޏާ ދެ މީހުން ދިއުމަށް އެދިވަޑައިގަންނަވައެވެ. އަރިހަށް ދެވިއްޖެ ނަމަ، އެކަށީގެންވާ ގިނަ ވަގުތު ދެއްވައި ތަފާތު މައުލޫމާތާއި ލިޔުންތައް ހިއްސާކުރައްވައި ހައްދަވައެވެ.

އެންމެ ފަހުން އަޅުގަނޑުމެންނާ ބައްދަލުކުރައްވަން ވިދާޅުވީ އަވަހާރަވުމުގެ ތިން ދުވަސް ކުރިންނެވެ. ނަމަވެސް ފުރަތަމަ ވިދާޅުވި ރޭ ވިއްސާރަވުމުގެ ސަބަބުން ގުޅުއްވާފައި އަނެއް ރެއަށް ހެއްދެވިއެވެ. އެ ރޭ އަޅުގަނޑުމެން ދިއުމުން ވަރަށް އާލާސްކަންފުޅާ އުޅުއްވާކަމަށް ވިދާޅުވިއެވެ. އަދި އެހެން ފަހަރުތަކުގެ ބައްދަލުވުންތަކަށް ވުރެ މާބޮޑަށް ވެސް ކުރުކޮށްލެއްވިއެވެ. ދާން ވެގެން ތެދުވުމުން “ސަލާންކޮށްލަން ވާނެ ނޫން” ހޭ ވިދާޅުވެ ސަލާން ކޮށްލެއްވިއެވެ.

އެރޭ ވާރޭވިލައިން ނުކުމެފައި އަޅުގަނޑުމެން ދެ މީހުންނަށް ވެސް ބައްދަލުވުމުގައި ކަން ހިނގައިދިޔަ ގޮތުން ހިތާމައިގެ އިހުސާސެއް ކުރެވުނެވެ. ތަގުދީރުގެ ރޭއްވެވުމުގައި ވީ ގޮތުން އެ ބައްދަލުވުން ވީ އަޅުގަނޑުމެންގެ 3 މީހުންގެ އެންމެ ފަހުގެ ބައްދަލުވުމަށެވެ.

ޖެހިގެން އައި ދުވަހު، ނޮވެލްޓީގެ އިސްމާޢީލް މަލީޙް ގުޅުއްވާފައި “ޢަލީ ޙުސައިން އަވަހާރަ ވެއްޖެ” ކަމުގެ ހިތާމަވެރި ޚަބަރު ދެއްވިއެވެ. އޭގެ ކުރިން އޮތީ ކުރީ ރޭ ހަސްފަތާލަށް ގެންދެވިކަމުގެ މައުލޫމާތު އަޅުގަނޑަށް ވެސް ލިބިފައެވެ. މި ޚަބަރާ އެކު ބައެއް ފަރާތްތަކުން އަޅުގަނޑަށް ވެސް ގުޅުއްވައި މައުލުމާތު ހޯއްދެވިއެވެ.  އަދި ޢަލީ ޙުސައިން އަވާހަރާވި ޚަބަރު ލިބުމާ އެކު ކޮންމެހެން އެ ވާހަކަ ދަންނަވަން ޖެހޭނެކަމަށް ފެންނަ ބައެއް ފަރާތްތަކަށާއި ބޭފުޅުންނަށް ދެންނެވީމެވެ. ފާހަގަ ކޮށްލެވޭ ބޭފުޅަކު އަވަހާރަ ވެއްޖެކަމުގެ މައުލޫމާތު އާންމުވުމުގެ ކުރިން އަޅުގަނޑަށް އެނގިއްޖެ ނަމަ، އަމަލުކުރަމުން ގެންދާ ގޮތުގެ މަތީންނެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި ޢަލީ ޙުސައިން އަވަހާރަވުމުން އެ ލެއްޕުނީ، ރާއްޖޭގެ ޗާޕުގެ ތާރީޚުގެ މުހިންމު ސޮފުހާތަކެކެވެ. އެއީ ފޮތްތެރިކަމަށް ލިބުނު ހަމަހިމޭން ކަމެކެވެ. ގެއްލެމުން އުވެމުން ދިޔަ ކުރީގެ ފޮތްތައް އަޅުގަނޑުމެންގެ އަތްފޯރާފަށުން އިތުރަށް ދުރަށް ދިއުމަށް މެދުވެރިވާނެ ސަބަބެކެވެ.

ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައި ނެތް ނަމަވެސް، ޢަލީ ޙުސައިނަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އަމިއްލަވަންތަ އުސްލޫބެއް ގެންގުޅުއްވި އެހާރުގެ ގިނަ މައުލޫމާތުތަކެއް ޖަމާގައި ހުރި ލިޔުންތެރިއެކެވެ. ރާއްޖޭގެ ތާރީޚުގެ އެތައްކަމެއް ލޮލުންދެކެ އަތުން ހިފާފައިވާ އެތައް ބަޔަކާ ބައްދަލުކުރައްވައި އެ މީހުން އަޑުން އެފަދަ މައުލޫމާތުތައް ރެކޯޑު ކުރައްވައިގެން ގެންގުޅުއްވިއެވެ.

ޢަލީ ޙުސައިންގެ މި ދެންނެވި ޚިދުމަތްތަކުގެ އަގު ދައުލަތުން ވަޒަން ކުރައްވައި ރާއްޖޭގައި އާންމު ޚިދުމަތުގެ އިނާމު ދެއްވަން ފެށްޓެވި، ފުރަތަމަ އަހަރު އާދެ! 1979ވަނަ އަހަރު، ދައުލަތުން ވަނީ، ޢަލީ ޙުސައިން ރާއްޖޭގެ ޗާޕުގެ ތަރައްގީއަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ އަގު ވަޒަން ކުރައްވައި އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ދެއްވައިފައެވެ. އަދި 2003 ވަނަ އަހަރު ވަނީ އެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ދެއްވައިފައެވެ. އޭގެ އިތުރުން ރާއްޖޭގެ މިނިވަން ކަމުގެ ރިހިޔޫބީލް އަހަރު، މިނިވަން 25 ގެ އާންމު ޚިދުމަތުގެ އިނާމު ވެސް އޭނާއަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ހަޔާތީ އަރުތައިގެ އިނާމު 2020ވަނަ އަހަރު އޭނާއަށް ވަނީ ދެއްވައިފައެވެ.

ޢަލީ ޙުސައިން އަވަހާރަވީ، 9 ޖަނަވަރީ 2019 ވީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

މާތްﷲ މަރުޙޫމް ޢަލީ ޙުސައިންގެ ފުރާނަފުޅަށް ފުއްސެވުމާއި ރުއްސެވުން މިންވަރުކުރައްވާށިއެވެ. އޭނާ ދެމިހުރި ޚިދުމަތްތަކުގެ ހެޔޮ ސަވާބާއި ދަރުމަ އިތުރުކުރައްވާށިއެވެ.

ޙަސަން ޝާކިރު މުޙައްމަދު
ޙަސަން ޝާކިރު މުޙައްމަދަކީ ކުޅަދާނަ ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. މިހައިތަނަށް ހަ ފޮތް ލިޔުއްވައި، ނެރުއްވައިފައި ވެއެވެ. ޙަސަން ޝާކިރު މުޙައްމަދަށް ވަނީ، ދިވެހި ޅެންވެރިކަމުގެ ރޮނގުން 1998 ވަނަ އަހަރު، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، އަދި 2007 ވަނަ އަހަރު، ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން، ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ. އަދި 2022 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމުވެސް ޝަކިރަށް ވަނީ ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.