މިއަދަކީ މުލަރޯދަ ދުވަހެވެ. އަޅުގަނޑުމެން އެންމެން ރޯދަ ހިފަނީ މި ބިންމަތީގައި ތިބެގެންނެވެ. އެކަމަކު ޖައްވުގައި ރޯދަ ހިފި މީހަކު ދުނިޔޭގައި އެބައުޅެއެވެ.
އެއީ ސަޢޫދީ ޢަރަބިއްޔާގެ ޝެހެޒާދާ ސުލްޠާން ބިން ސަލްމާނެވެ. އެމަނިކުފާނު ޖައްވަުގައި ރޯދަ ހިއްޕެވީ 1985 ވަނަ އަހަރުއެވެ. އެއީ 1405 ވަނަ އަހަރުގެ ރަމަޟާންމަހުއެވެ. ޞުލްޠާނަކީ ޖައްވަށް ދަތުރު ކުރި ފުރަތަމަ އަރަބި ޖައްވީދަތުރުވެރިޔާއެވެ. އެމެރިކާގެ ޖައްވީ އުޅަނދު "ޑިސްކަވަރީ" ގައި އެމަނިކުފާނު ހިއްޕެވީ އެ އަހަރުގެ ރަމަޟާން މަހުގެ އެންމެ ފަހު ދެ ރޯދައެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރީން "ޢަރަބި ނިވްސް" އަށް ދެއްވި ބަސްދީގަތުމެއްގައި ސުލްޠާން ވިދާޅުވި ގޮތުގައި ޖައްވީ ދަތުރުފުޅުގެ ތެރޭގައި އެންމެ ހަ ދުވަހުން އެމަނިކުފާނު ކީރިތި ޤުރްއާން ޚަތިމު ކުރެއްވިއެވެ. ކިޔަވައިވިދާޅުވީ އަވަހާރަފުޅު ލައްޕަވާން ޚާއްސަ ކުރެވިފައި އޮންނަ ގަޑީގައެވެ.
ސުލްޠާން ވިދާޅުވިއެވެ. "އެ އަހަރުގެ ރޯދަ މަސް ދިމާވީ ހޫނު މޫސުމާއެވެ. އެ ދުވަސްކޮޅު އަހަރެން ގެންދިޔައީ ހިއުސްޓަންގައި ހުންނަ ޖައްވީ އިދާރާގައި ޚާއްސަ ތަރުބިއްޔަތުގެ މަސައްކަތް ކުރަމުންނެވެ. ދުވަސްތައް ހޭދަ ވެގެން ދިޔައީ އިންތިހާއަށް ހޫނު މާހައުލެއްގައެވެ. ޖައްވީ ދަތުރު ފަށާން ފުރަތަމަ ހަމަޖެހުނީ ރަމަޟާން މަހުގެ ސައުވީސް ވަނަ ދުވަހުއެވެ. ފަހުން އޮނަތިރީސް ވަނަ ދުވަހަށް ބަދަލުވީއެވެ."
ޖައްވީ އިދާރާގައި ތަމްރީނު ހައްދަވަމުން ގެންދެވި އިރުވެސް އެމަނިކުފާނު ގަވާއިދުން ރޯދަ ހިއްޕެވިއެވެ. ނާސާގެ ޑަކްޓަރުން ގެންދިޔައީ ރޯދައަށް ހުންނެވުމުގެ ސަބަބުން ސުލްޠާންގެ ހަށިކޮޅަށާއި ސިއްހަތަށް އަންނަ ބަދަލުތައް ބަލަަމުންނެވެ.
އޮންތިރީސް ވަނަ ދުވަހު ޖައްވީ ދަތުރަށް އަރާވަޑައިގަތް އިރު ހުންނެވީ ރޯދައަށެވެ. ޖައްވުގައި ވަގުތު ތަފާތު ވާނެތީ ސަޢޫދީ ޢިލްްމުވެރިއެއް ކަމުގައިވާ ޢަބްދުލްޢަޒީޒް ބިން ބާޒްގެ އަރިހުން އެމަނިކުފާނު ފަތުވާ ހޯއްދެވިއެވެ.
އެމަނިކުފާނު ޖައްވުގައި ރޯދަ ވީއްލެވީ އެމެރިކާއަށް އިރުއޮއްސުނު ވަގުތުއެވެ. ފަހުން ރޭޑިއޯއިން އެނގިވަޑައިގަތް ގޮތުގައި އޭގެ އަނެއް ދުވަހަކީ ސަޢޫދީ ޢަރަބިއްޔާއަށް ފިޠުރު ޢީދު ދުވަހެވެ. ޖައްވުގައި އެމަނިކުފާނަކަށް އެ ދުވަހަކު ހަނދެއް ފެނިވަޑައެއް ނުގަނެއެވެ. އެހެންވީމާ ސަޢޫދީ ސައިންސްވެރިންނަށް އެކަން އެންގެވިއެވެ.
ފަހުން ސައިންސްވެރިން ތަހުގީގުކޮށް ބެލީމާ އެނގުނު ގޮތުގައި ރަމަޟާންމަހުގެ އެއް ރޯދަ އުނި ވިއެވެ. އެހެންވީމާ ޖެހުނީ ކައްފާރާ އަދާކުރާށެވެ.
ޖައްވުގައި ހޭދަ ކުރެއްވި ދުވަސްކޮޅު އެމަނިކުފާނު ނަމާދު ކުރެއްވީ އެމެރިކާގެ ގަޑިއަށެވެ. ވުޟޫ ކުރެއްވީ ތެތް ކަރުދާހުންނެވެ. ޖައްވުގައި ފެން ބޭނުން ކުރުމަކީ އުނދަގޫ ކަމަކަށް ވާތީއެވެ.
ޝެހެޒާދާ ސުލްޠާން ވިދާޅުވި ގޮތުގައި ޖައްވުގައި ރޯދަ ހިއްޕެވުމަކީ އެމަނިކުފާނަށް ކުރެއްވުނު ވަރަށް އާދަޔާ ޚިލާފު ރޫޙާނީ ތަޖުރިބާއެކެވެ. "ޖައްވުގައި ރޯދަ ހިފުމުގެ ތަޖުރިބާގެ މަތީން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ."