ހެންވޭރު އިރުދަށުގޭ ޢަބްދުﷲ ވަޙީދު ނުވަތަ އާއްމު ނަމުން ނަމަ ބޮޑު އަކުރު ވަޙީދު މަޝްހޫރުވެފައިވަނީ ބޮޑުއަކުރު ލިޔުއްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭނާ ވަނީ އެތައް ބަޔަކަށް ބޮޑު އަކުރު ލިޔަން ދަސްކޮށް ދެއްވައި ފައެވެ. އޭނާގެ ދަރިވަރުން ވަނީ ބޮޑު އަކުރު ލިޔުމުން ރަން ވަނަތަކެއްވެސް ޙާޞިލު ކޮށްފައެވެ.
ބޮޑު އަކުރު ލިޔުން ދަސްކޮށް ދެއްވުމުގެ އިތުރަށް އީޕީއެސްއާއި އަޙްމަދިއްޔާ ސްކޫލުގައި ދިވެިބަސް ކިޔަވައިދެއްވުމާއި އަދަބީ ހަރަކާތްތައް ހިންގެވުމަކީވެސް ވަޙީދުގެ ޚިދުމަތުގެ ތެރޭގައި ފާހަގަކޮށްލެވޭ ކަންކަމެވެ.
އީޕީއެސްގައި އުޅުއްވި ދުވަސްވަރު ހިންގެވި އެންމެ ފާހަގަކުރެވުނު ޙަރަކާތަކީ އަތޮޅުތަކުގެ ނަމޫނާ ބައްދަލުވުމެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ ސްކޫލެއްގައި ހިންގުނު އެންމެ ފުރަތަމަ ހަރަކާތެވެ.މިޙަރަކާތް ރޭވީ އީ.ޕީ.އެސްގެ ކަލްޗަރަލް ކުލަބުގެ ފަރާތުން ކަންކަން ކުރުމާ ޙަވާލުވެ ހުންނެވި ވަޙީދު އެވެ. މި ޚިޔާލު އުފެދުނު ގޮތް ވަޙީދު އާފަތިހަށް ވިދާޅުވެ ދެއްވިއެވެ.
"އެއީ ނަވަރާސަތޭކަ ނުވައިދިހައިގެ ކުރީކޮޅު. އެ ދުވަސްވަރު ސަރުކާރުން އަތޮޅުވެރިންގެ ބައްދަލުވުން ބާއްވަން ފެށްޓެވީ. އޭރު ކޮންމެ އަހަރަކުވެސް އީޕީއެސް އިން ގެންދިޔައީ މިނީ ޔޫއެން އޯ ކިޔާ އިނގިރޭސި ބައްދަލުވުމެއް ބާއްވަމުން." އެފަދަ ދިވެހި ހަރަކާތެއް ނުބާއްވާތީ އަބަދުވެސް ވަޙީދު އެކަމާ ވިސްނަވައެވެ.
ވަޙީދު ވިދާޅުވެދެއްވި ގޮތުގައި އަތޮޅުވެރިންގެ ބައްދަލުވުމުގެ ނަމޫނާ ބައްދަލުވުމެއް ބޭއްވެވުމުގެ ޚިޔާލު ކުރެއްވެވުމާއެކު ވަޑައިގަތީ އޭރުގެ ޕްރިންސިޕަލް ޙަސަން މާހިރުގެ އަރިހަށެވެ. ޕްރިންސިޕަލް އަރިހު ދެންނެވުމާއެކު އެއީ ވަރަށް ރަނގަޅު ކަމެކޭ ސްކޫލުގެ އެހީތެރިކަން ލިބޭނެއޭ ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ފެށްޓީ ބައްދަލުވުމުގެ ކަރުދާހު މަސައްކަތް." ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ބައްދަލުވުމުގެ ކަރުދާހުގެ ފުރަތަމަ ބައި ނިންމެވީ ފާޚާނާގައި އިންނަވައިގެންނެވެ. " ފޮތަކާ ގަލަމާ ހިފައިގެން އަޅުގަނޑު ވަނީ ފާޚާނާއަށް. އެތަނުގައި އިނދެގެން ބޭނުންވާ ހުރިހާ ކަމެއް ނޯޓުކުރީ. އަލިފުން ޔާއަށް ހުރިހާ ކަމެއް ލިޔުނިން. ކަންތައް ކުރަން ވާނޭ ގޮތްވެސް ލިޔުނިން. ހޯދަން ޖެހޭ ތަކެއްޗަށް ދާންދެން ނޯޓުކުރިން. އެ ރޭ އެގާރަ ޖެހިއިރު ފާޚާނާއަށް ވަން ގޮތަށް އަޅުގަނޑު ނިކުތީ އެކެއް ޖެހި ފަހުން."
ފާޚާނާގެ ނޯޓުތައް ހިއްޕަވައިގެން ނުކުމެވަޑައިގެން އެ ބައްލަވައިގެން ރީތިކޮށް އަލުން ލިޔުއްވީއެވެ. އަނެއް ދުވަހު ސްކޫލަށް ވަޑައިގެން އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ހުރިހައި ޕްރިފެކްޓުން އެއް ކުރައްވައިގެން ވާހަކަދެއްކެވުމެވެ. އެކުދިންގެ ޚިޔާލު ހޯއްދަވައި ކަންތައް ކުރިއަށް ގެންދާނޭ ގޮތް ވަރަށް ތަފުސީލުކޮށް ވިދާޅުވެ ދެއްވިއެވެ. އެކި ކުދިންނާ ވަކިވަކިން މަސައްކަތް ހަވާލު ކުރެއްވިއެވެ.
"އަޅުގަނޑު ހަމަޖެއްސީ އަންހެން ކުދިން ރިޕޯޓުކުރަން ޖެހޭނީ އަންހެންކުދިންގެ ހެޑް ޕްރިފެކްޓަށް ކަމަށް. އަދި ފިރިހެން ކުދިން ރިޕޯޓުކުރާ ގޮތަށް ހަމަޖެއްސީ ފިރިހެން ކުދިންގެ ކެޕްޓަނަށް. ވަޖީހު ސަރއަށް ޙަވާލު ކުރީ ކުދިން ލައްވާ ބައްދަލު ވުމުގެ ލުއި ފޮތް ނެރުމުގެ މަސައްކަތް. އެކަމުގައި ކަމެއް ދިމާވެއްޖެ ނަމަ ވަޖީހު ސަރ ރިޕޯޓު ކުރައްވާނީ އަޅުގަނޑަށް."
ދެން ކުރެއްވި ކަމަކީ ކުދިން ތައްޔާރުކޮށް ހުށަހަޅާ ކަރުދާހަށް ބޭނުންވާ މައުލޫމާތު ހޯދަން އެޓޮލްސް މިނިސްޓްރީއަށް ދަރިވަރުން ފޮނުއްވުމެވެ. މި ބައްދަލުވުމަކީ އަތޮޅު ތަކުގެ މަޢުލޫމާތު އެއްކޮށްތިންދާއިރާ އަކަށް ބަހާލައި ގެން ބޭއްވުނު ކުޑަކުޑަ އަތޮޅުވެރިންގެ ބައްދަލުވުމެކެވެ. ކަރުދާސް ހުށަހަޅާނީ ދެންނެވިހެން އަތޮޅުތައް ތިން ބަޔަކަށް ބަހާލައިގެން ތިން ދަރިވަރެކެވެ.
"އިޖްތިމާޢީ ކަންތައްތަކާއި އިޤްތިޞާދީ ކަންތައްތަކުގެ މައުލޫމާތު ހޯދާނޭ ގޮތާއި ދާން ޖެހޭ އޮފީސްތައް އަޅުގަނޑު ކުދިންނަށް ކިޔައިދީ އެ ކުދިން އެ އޮފީސްތަކަށް ފޮނުވީ. އަތޮޅު ތަކުގެ ޢާއްމު ރައްޔިތުންގެ ޚިޔާލު ތައްވެސް ހިމެނުނު. ބައްދަލުވުން ތައްޔާރު ކުރުމުގައި ސްކޫލުގެ ވަރަށް ގިނަ ކުދިން ބައިވެރިވި. ކެޑޭޓާއި ގާލްގައިޑުންވެސް މަސައްކަތް ކުރަމުން ގެންދިޔަ. ބައްދަލު ވުން ބަލާލަން އަންނަން ސުކޫލުގެ މަތީ ގުރޭޑް ތަކުގެ ދަރިވަރުންނަށް ދަޢުވަތު ދެވޭ ."
ބައްދަލުވުމަށް އަތޮޅުތަކުގެ މަންދޫބުންގެ ގޮތުގައި މީހުން އައީމަޔާއި މުދައްރިސުންނާއި މެހުމާނުންގެ ގޮތުގައި ވަޑައިގަންނަވާ ބޭފުޅުންނަށް އިސްތިގުބާލުކުރާނޭ ދަރިވަރުން ވަކިން ހޮއްވަވައި ފަރިތަކުރުން ބޭއްވެވިއެވެ. މީގެ އިތުރަށް ގޮނޑިދައްކާނޭ ކުދިންނާއި އެހެނިހެން ހަރަކާތްތަކުގައި އުޅޭނޭ ކުދިންވެސް ވަކިން ހޮއްވަވައި ތަމްރީނުކުރެއްވިއެވެ.
"ސްޓޭޖް ތައްޔާރުކުރުމާއި މޭޒާއި ގޮނޑި އެތުރުމާއި ފޮތިއެޅުމާއި ބެނާތައް ދެމުން އަދި މޭޒުގައި ނަންބޯޑު ބެހެއްޓުމާއި ގައުމީ ދިދައާއި އީޕީއެސްގެ ދިދަ ޖެހުންފަދަ އެއްވެސް ކަމެއް އަތުން ކައްސާލައިގެން ނުދާނޭ ގޮތަށް ވަކިވަކި ކުދިންނާ އަޅުގަނޑު ހަވާލުކުރިން."
ސްކޫލް ހޯލު ތައްޔާރުކޮށް ނިމިނުތަނާ ޕްރިންސިޕަލް ޙަސަން މާހިރު އެތަން ބައްލަވައިލައްވަން ވަޑައިގަތެވެ. "ވިދާޅުވީ ވަޙީދޭ މިއީ ބައިނަލްއަގުވާމީ ފެންވަރުގެ ކަމެކޭ. ވަރަށް ބޮޑަށް އުފާފުޅު ކުރައްވައިފީމޭ. ސާބަހޭ."
ނަމޫނާ އަތޮޅުވެރިންގެ ބައްދަލުވުމުގެ ޝަރަފުވެރި މެހުމާނަކަށް ވަޑައިގަތީ އޭރުގެ އެޓޮލްސް މިނިސްޓަރު އޮންރަބްލް އިލްޔާސް އިބްރާހީމެވެ. "އަޅުގަނޑުމެންގެ މަސައްތަކަށް އިލްޔާސްވެސް ވަރަށް ތައުރީފުކުރެއްވި. ވިދާޅުވީ ދަރިވަރުން ހުށަހެޅި ކަރުދާސްތަކުގައި ހުރީ މިއަދު މިޤައުމަށް ބޭނުންވާ ކަންކަން ކަމުގައި. އެ މައުލޫމާތު އެމަނިކުފާނު ބޭނުންފުޅު ކުރައްވާނަމޭ. އެމަނިކުފާނުގެ އެދިވަޑައިގަތުމަށް އެ ކަރުދާސްތައް އަޅުގަނޑުމެން މިނިސްޓްރީއަށް ފޮނުވިން."
ޢަބްދުﷲ ވަޙީދު ވިދާޅުވި ގޮތުގައި އޭނާ އީޕީއެސްއިން ވަކިވެވަޑައިގަތް ފަހުންވެސް އެ ބައްދަލުވުން އެ ސްކޫލުން ކުރިއަށް ގެންދިޔައެވެ. ފަހުން އެހުރިހައި ކަމެއް ކުރެއްވީ މުޙައްމަދު ވަޖީހު ނުވަތަ ވަޖީހު ސަރއެވެ. އީޕީއެސް އިން ވަކިވި ފަހުން ވެސް ވަޖީހު ވިދާޅު ވީމާ ބައްދަލުވުން ތަކަށް އެހީތެރިކަން ފޯރުކޮށް ދޭ ކަމަށް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވި ގޮތުގައި ދަރިވަރުންގެ ބައްދަލުވުމުގެ ޚިޔާލު އެންމެ ފުރަތަމަ އުފެއްދެވުމާއި އެ ބައްދަލުވުން ބޭއްވެވުމަކީ މިހާރުވެސް އުފާފުޅުކުރައްވާ ކަމެކެވެ.