
އިރުމަތީ ފަރާތުން އަލިވާން ފަށައިފިއެވެ. ހުދު އައްޔެކެވެ. ލޮލަށް ފަސޭހަ އައްޔެކެވެ.
އިރުކޮޅަކުން ފެނުނީ ހަނދުފަޅިއެކެވެ. އަލި ވަނީ ހަނދުފަޅިންނެވެ.
އަހާމީހާ އަހައިފިއެވެ. "އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ބުނާ މީހާ ބުނެފިއެވެ. "އެއީ އިސްލާމް ދީނެވެ. އެ ފެންނަނީ އިސްލާމް ދީނުގެ އައްޔެވެ."
އަނެއް ކޮޅުން އަޑެއް އިވޭން ފަށައިފިއެވެ. އަޑު ގަދަ ވާން ފަށައިފިއެވެ.
އިރުކޮޅަކުން ފެނުނީ ތާޅަފިއްޔެކެވެ. އަޑު އިވެނީ ތާޅަފިލިންނެވެ.
އަހާމީހާ އަހައިފިއެވެ. "އެއީ ކޮން އެއްޗެއް ހެއްޔެވެ؟"
ބުނާ މީހާ ބުނެފިއެވެ. "އެއީ ސިޔާސީ ހަރަކާތެވެ. އެ އިވެނީ ސިޔާސީ ގޮވެލީގެ އަޑެވެ."
ހަނދުފަޅިއާއި ތާޅަފިިލި ދެ ފަރާތުން އަރައިގެން ދަތުރު ކުރަނީ އެއް ދިމާއަކަށެވެ. މެދުއުޑާ ދިމާއަށެވެ.
ހަނދުފަޅިއާއި ތާޅަފިލި ބައްދަލު ވެއްޖެއެވެ.
އިރުކޮޅަކުން އަނދިރި ވެއްޖެއެވެ. އަލިކަން ފިލައި ހިނގައްޖެއެވެ.
ތާޅަފިލީގެ އަޑު އޭރުވެސް އިވެއެވެ. އެކަމަކު މިހާރު އަޑު ނުކުންނަނީ ތާޅަފިލީގެ ފުލުންނެވެ.
ނޫސްވެރިޔާ މޭޒުދޮށުގައި އިށީނދެ ލިޔާން ފަށައިފިއެވެ. ހޫނު ޚަބަރެކެވެ.
"ހަނދުފަޅިއާއި ތާޅަފިލީގެ ހަނގުރާމައިގައި ހަނދުފަޅި ޝަހީދު ވެއްޖެއެވެ."