ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ގަދަ 16 ޓީމުގެ ބުރަށް އާސެނަލާއި އޭސީ މިލާނާއި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން ބޮރޫޝިއާ ޑޯޓްމުންޑް ދަތުރުކުރިއިރު ނަޕޯލީ ކަޓައިފިއެވެ.
އަމިއްލަ ދަނޑުގައި އޮސްޓަސަންޑްސް އަތުން 1-2 އިން ބަލިވިނަމަވެސް އާސެނަލް އަނެއް ބުރަށް ދިޔައީ 4-2 ގެ އެގްރިގޭޓްގެ ނަތީޖާއަކުންނެވެ. އަންނަ އާދީއްތަ ދުވަހު ލީގުކަޕް ފައިނަލްގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗު އޮތުމުން ރޭގެ މެޗަށް އާސެނަލް ނިކުތީ ގިނަ ބަދަލުތަކަކާއިއެކުއެވެ. އޭގެނަތީޖާއެއްގެގޮތުން ފުރަތަމަހާފުގެ ތިރީސްމިނެޓުތެރޭގައި ގާތްގާތުގައި ދެލަނޑުޖަހައި އޮސްޓަސަންޑްސް އިން އާސެނަލް ސިއްސުވާލިއެވެ. ހޮސަމް އައީޝް އާއި ކެން ސަމާ އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިންއިރު އާސެނަލްގެ ހަމައެކަނި ލަނޑު ދެވަނަހާފުގެ ކުރީކޮޅު ޖަހައިދިނީ ސެއަދު ކޮލާސިނަޗް އެވެ.
ބަލްގޭރިއާގެ ލުޑޮގޮރެޓްސް އަތުން އަމިއްލަ ދަނޑުގައި އޭސީ މިލާން 0-1 އިން މޮޅުވެ 0-4 ގެ އެގްރިގޭޓްގެ ނަތީޖާއަކުން އަނެއް ބުރަށް ދަތުރުކުރިއިރު އެޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ފަބިއޯ ބޮރީނީ އެވެ.
އެތުލެޓިކޯ މެޑްރިޑް ރޭ ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ކޯޕަންހޭގަން ގެ މައްޗަށް 0-1 އިން ކުރިހޯދިއިރު ލަނޑުޖަހައިދިނީ ފްރާންސްގެ ފޯވަޑް ކެވިން ގަމޭރޯ އެވެ. އެތުލެޓިކޯ އަނެއް ބުރަށް ދަތުރުކުރީ 1-5 ގެ އެގްރިގޭޓުންނެވެ.
ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް އަނެއް ބުރުން ފުރުޞަތު ހޯދި ރޭ ރަށުންބޭރުގައި އިޓަލީގެ އެޓަލާންޓާ އާއި 1-1 އިން އެއްވަރުވެ 3-4 ގެ ނަތީޖާއިން ކުރިހޯދައިގެންނެވެ. މިމެޗުގައި އެޓީމުން ޖެހި ލަނޑު ކާމިޔާބުކޮށްދިނީ މާސެލް ޝްމެލްޒާ އެވެ.
މިމުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމެއްކަމަށްވާ އިޓަލީގެ ނަޕޯލީ ވަނީ ރޭ ރަށުން ބޭރުގައި ކުޅެ ރެޑްބުލް ލީޕްޒިގު އަތުން 0-2 އިން މޮޅުވެ މުބާރާތުން ކަޓާފައެވެ. އެއީ އެގްރިގޭޓްގެ ނަތީޖާއިން ދެޓީމު 3-3 އިން އެއްވަރުވުމުން، ރަށުންބޭރުގައި ޖެހި ގޯލުން ލީޕްޒިގަށް ކުރި ލިބޭތީއެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު މެޗުތަކަށްފަހު އަނެއް ބުރަށް ދަތުރުކުރި ޓީމުތަކުގެތެރޭގައި ފްރާންސްގެ ލިޔޯން އާއި މާސޭ އަދި ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯ އަދި އިޓަލީގެ ލާޒިއޯ ގެ އިތުރުން ރަޝިޔާގެ ދެޓީމުކަމަށްވާ ޒެނިތު ސެއިންޓް ޕީޓަސްބާގާއި ލޮކޮމޯޓިވް މޮސްކޯ ހިމެނެއެވެ.