"ކާމިޔާބުގެ ރަސްމަގު" ޕްރޮގްރާމުގައި ބައިވެރިވެ އިސްރަށްވެހިންގެ ޝުއޫރުތައް ފާޅުކޮށްފި

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "ކާމިޔާބުގެ ރަސްމަގު" ޕްރޮގްރާމުގައި ބައިވެރިވެ އިސްރަށްވެހިންނަށް ދިމާވާ ތަފާތު އިޖުތިމާއީ މައްސަލަތަކާއި ގުޅޭ ޝުއޫރުތައް ފާޅުކޮށްފިއެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވަނީ އިސްރަށްވެހިންގެ ނާދީގަ އެވެ. ޕްރޮގްރާމު ހުށައަޅުއްވާ ދެއްވާފައިވަނީ ދިވެހިރާއްޖޭގެ އަޑުގެ ޕްރެސެންޓަރ ރުޤިއްޔާ ސައީދެވެ.

އިސްރަށްވެހިންގެ ފަރާތުން ފާޅުކުރައްވާ ޝުއޫރުތަކާއި، އެބޭފުޅުންގެ ފަރާތުން ހުށައަޅާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނަލްގައި ޝެއިޚް ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާ، އަދި ދިވެހިޚާރިޖިއްޔާއަށް ޚިދުމަތްކުރައްވަމުން ގެންދަވާ ޑރ ހާލާ ހަމީދުގެ އިތުރުން އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާގެ ނައިބު މަރިޔަމް ލަހުފާ ޚަލީލް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ބޭފުޅުން ވަނީ އިޖުތިމާއީ ގޮތުން އެފަރާތްތަކަށް ދިމާވާ ބައެއް ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. އެގޮތުން އާއިލީ ގުޅުންތައް ކުޑަވުމާއި، އެކަހެރިވުމުގެ އިހުސާސް ކުރެވުމާއި، ހިޖުރަކުރަން ޖެހުމުން ދިމާވާ މައްސަލަތަކާއި، މަގުމަތީގެ ރައްކާތެރިކަމާއި ގުޅުންހުރި ގިނަ ކަންކަން ބައިވެރިން ވަނީ ހިއްސާކޮށްފައެވެ.

މި ޕްރޮގްރާމުގެ ޒަރިއްޔާއިން، ޕެނަލިސްޓުންގެ ފަރާތުން ވަނީ އާއިލީ ގުޅުންތައް ކުޑަވުމަށް މެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލާ މުހިންމު މައުލޫމާތުތަކެއް ހިއްސާކޮށްފަ އެވެ. އަދި ދިވެހިންގެ އާދަކާދައާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުގެ ސަބަބުން، އާއިލީ ގުޅުންތައް ދަމަހައްޓަމުން އައި ގޮތާއި، މިހާރު އެ ގުޅުންތައް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް ޕްރޮގްރާމުގައި ވަނީ މަޝްވްރާކުރެވިގެން ގޮސްފައެވެ.

މީގެ އިތުރުން އެކަހެރިކަން އިހުސާސް ކުރެވޭނަމަ، އެކަމުން އަރައިގަތުމަށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނާނެ ބަދަލުތަކާއި، އިސްލާމީ ނަޒަރަކުން އެފަދަ މައްސަލަތަކުން އަރައިގަތުމަށް ކުރެވޭނެ ކަންކަމާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.

ދިވެހިރާއްޖެ އަޑުން އިސްރަށްވެހިންގެ ނާދީގައި، ބައިވެރިންނަށް ހުޅުވާލައިގެން މި ޕްރޮގްރާމު ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައި ވެސް ތަފާތު މައުލޫއަށް ވާހަކަދެއްކުމުގެ ފުރުސަތު ފަހިކޮށް، މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.