ޔުއެފާ ޗެމްޕިއަންސްލީގުގެ ގަދަ 16 ގެ ބުރުގައި ކީޕަރު ޑޭވިޑް ޑެ ހެއާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ސެވިއްޔާ އަތުން ބަލިނުވެ މެންޗެސްޓަރ ޔުނައިޓެޑް ސަލާމަތްވެއްޖެއެވެ.
ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަހާފުގައި ޔުނައިޓެޑްގެ ފަރާތުން ސެވިއްޔާގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ބޯޅަ، ޒުވާން ކުޅުންތެރިޔާ ސްކޮޓް މެކްޓޮމިނޭ ފޮނުވާލުމުން ސާޖިއޯ ރީކޯ ފަސޭހަކަމާއިއެކު ދިފާއުކުރިއިރު ސެވިއްޔާގެ ކުޅުންތެރިން ފޮނުވާލި ނުރައްކާތެރި އެތައް ހަމަލާއެއްގެ ހުރަހަކަށްވީ ޔުނައިޓެޑްގެ ސްޕެއިން ކީޕަރު ޑޭވިޑް ޑެ ހެއާ އެވެ. އޭގެތެރޭގައި ވަކީން ކޮރީއާ 38 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާތެރެއިން ފޮނުވާލި ހަމަލާއާއި ފުރަތަމަހާފުގެ އެންމެފަހުވަގުތުގައި ސްޓީވެން އެންޒޮންޒީ އާއި ލުއިސް މުރިއެލް ބޮލުން ފޮނުވާލި ދެބޯޅަވެސް ޑެ ހެއާ ހުށިޔާރުކަމާއިއެކު ސޭވްކުރިއެވެ.
މިމެޗުގެ ދެވަނަހާފުގައި ސެވިއްޔާގެ ކްލެމެންޓް ލެންގްލެޓް އާއި އެވަ ބަނޭގާ ގެ އިތުރުން ލުއިސް މުރިއެލް ފޮނުވާލީ ހަމަލާތަކުގެ ހުރަހަކަށްވީވެސް ޔުނައިޓެޑްގެ ކީޕަރު ޑެ ހެއާ އެވެ.
މިއީ މެންޗެސްޓަރ ޔުނައިޓެޑް ޔޫރަޕްގައި އެންމެފަހުން ކުޅުނު 28 މެޗުގެތެރެއިން ލަނޑެއްނުޖެހި ނިންމާލަންޖެހުނު ފުރަތަމަ މެޗެވެ. މީގެއިތުރުން ސެވިއްޔާ އެންމެފަހުން އަމިއްލަ ދަނޑުގައި ކުޅެ ލަނޑެއްނުޖެހިއެއްވަރުވީ މީގެ 63 މެޗު ކުރީންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން ދެވަނަ ލެގާއި ބެހޭގޮތުން ނޫސްވެރިން ކުރި ސުވާލަށް ޖަވާބުދެމުން ޔުނައިޓެޑްގެ ކޯޗް ހޯސޭ މޮރީނިއޯ ބުނީ އޯލްޑް ޓްރެފަޑްގައި ޔޫރަޕްގެ ބޮޑު މެޗެއް ކުޅެލަން ލިބޭތީވެ ކެތްމަދުވެފައިތިބިކަމަށެވެ.
"އެއީ އަހަރެމެން ދަނޑުގައި ކުޅެވޭނެ މެޗެއް. އޯލްޑް ޓްރެފަޑްގައި ޔޫރަޕްގެ ބޮޑު މުބާރާތެއްގެ މެޗެއް ކުޅެން މިތިބީ ކެތްމަދުވެފަ. މިދިޔަ ސީޒަނުގައި ޔޫރަޕާލީގުގެ ކުއާޓާފައިނަލާއި ސެމީފައިނަލްގެ މެޗެއް ކުޅުނު ނަމަވެސް އެއީ މުޅިން ތަފާތު މުބާރާތެއް. މިދިޔައަހަރު ޗެމްޕިއަންސްލީގުގައި ކުޅުމުގެ ފުރުޞަތު ނުލިބުމުން އޯލްޑް ޓްރެފަޑްގައި ކުޅޭ މެޗަކީ މިރޭގެ މެޗު ކުޅުނު ފަދަ މާހައުލަކަށްވެ އެމެޗުން މޮޅުވާން ބޭނުން." މޮރީނިއޯ ބުންޏެވެ.
ރޭގެ މެޗަށްފަހު ވާހަކަދައްކަމުން ސެވިއްޔާގެ އާޖެންޓީނާ މިޑްފީލްޑަރު އެވަ ބަނޭގާ ބުނީ އެމީހުންނަށް އަނެއްބުރަށް ކޮލިފައިވުމުގެ ފުރުޞަތު އެބައޮތްކަމަށާއި މެންޗެސްޓަރ އަށް ދާނީ އެ އުއްމީދުގައެވެ.
ޗެމްޕިއަންސްލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި އޭއެސް ރޯމާ ލަނޑެއް ޖަހާފައިވަނިކޮށް 1-2 އިން މޮޅުވީ ޝަކުތަރު ޑޮނެސްކް އެވެ.
ރޯމާގެ ފުރަތަމަ ލަނޑު 41 ވަނަ މިނެޓުގައި ތުރުކީގެ ޒުވާން ކުޅުންތެރިޔާ ޗެންގީޒް އުންޑާ ފޮނުވާލުމުން ގޯލްތެރެއަށް ވަނީ ޝަކްތަރުގެ ކީޕަރުގެ ގައިގައިވެސް ޖެހިފައެވެ. ޝަކުތަރު ޑޮނެސްކް އަށް އެއްވަރުކޮށްދިނީ ދެވަނަހާފުގެ ކުރީކޮޅު ފަކުންޑާ ފެރޭރާ އެވެ. އެޓީމު މޮޅުވި ލަނޑު 71 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ފްރެޑް އެވެ.