ޗެމްޕިއަންސް ލީގް ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީ ކޮޅަށް ރޭ ލަނޑު ޖަހައި، ފާޑުކިޔާ މީހުންނަށް ލިއޮނަލް މެސީ ރައްދު ދީފިއެވެ.
ރޭގެ މެޗަށް ނިކުތުމުގެ ކުރިން ޗެލްސީއާ ދެކޮޅަށް 8 މެޗް ކުޅެ ލަނޑެއް ޖެހިފައި ނުވާތީ ފުޓްބޯޅައިގެ މަޝްހޫރު ބައެއް އެނަލިސްޓުންނާއި ވާދަވެރި ޓީމުތަކުގެ ސަޕޯޓަރުން ދިޔައީ މެސީއަށް ފާޑު ކިޔަމުންނެވެ. ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 5 ފަހަރު ހޯދާފައިވާ މެސީ ރޭ ޗެލްސީ ކޮޅަށް ލަނޑު ޖެހީ މެޗުގެ ހަތްދިހަ ފަސްވަނަ މިނެޓުގައެވެ. އޭރު ވިލިއަންގެ ލަނޑުން 1-0 އިން ކުރީގައި އޮތީ ޗެލްސީއެވެ. ޗެލްސީން ރޭ ވަނީ މެސީ މޭންމާކް ކުރުމަށް ކާންޓޭ އާއި އޮލޮންސޯ އަދި ރުޑިގާގެ ބޭނުންކޮށްފައެވެ.
ބާސެލޯނާ އާއި މެސީގެ ފަރާތުން މޮޅު ކުޅުމެއް މިމެޗުގައި ފެނިގެންދިޔައިރު ޗެލްސީން ކުޅެފައިވަނީ ވަރަށް ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. އެހެންނަމަވެސް ބާސެލޯނާއަށްވުރެ ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ޗެލްސީއިންނެވެ. މިގޮތުން ފުރަތަމަ ހާފުގައި ވިލިއަން އޭރިޔާގެ ބޭރުން ފޮނުވާލި ދެހަމަލާއެއް ވަނީ ބާސާގެ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޗެލްސީގެ ކޯޗް އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ޓީމުން ބޭނުންވި ގޮތަށް ކުޅުނު ކަމަށާއި ގޯސްކޮށް ދިޔައީ މެޗުގެ ނަތީޖާ އެކަނި ކަމަށެވެ. "އަހަރެން ބޭނުންވި ގޮތަށް ކުޅެވުނު. އެކަމަކު ނަތީޖާއާމެދު ހިތްހަމައެއް ނުޖެހޭ. އަހަރެމެންގެ ޑިފެންސުން ރޭ ވަރަށް މޮޅަށް ކުޅުނު" ކޮންޓޭ ބުންޏެވެ. ބާސާގެ ކޯޗް އެނަސްޓޯ ވަލްވާޑޭ ބުނީ ޗެލްސީއަކީ ދުނިޔޭގެ އެންމެ ވަރުގަދަ އެއްޓީމު ކަމަށާއި ޗެލްސީގެ ދަނޑުގައި 1-1 އިން އެއްވަރުވުމަކީ ގޯސް ނަތީޖާއެއް ނޫންކަމަށެވެ.
މިދެޓީމު ބައްދަލު ކުރާ ދެވަނަ ލެގު ކުޅޭނީ މާރިޗް 15 ވަނަ ދުވަހުގެ ރޭ ބާސާގެ ކޭމްޕްނޯ ސްޓޭޑިއަމްގައެވެ.