އޭއެފްސީ ކަޕް ދެކުނު އޭޝިޔާ ޒޯނުގެ ޕްލޭއޯފްގައި އިންޑިޔާގެ ވަރުގަދަ ބެންގަލޫރު އެފްސީ އަތުން ރޭ އިންޑިޔާގައި 5-0 އިން ބަލިވުމުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިނުވެ ކަޓައިފިއެވެ.
ބެންގަލޫރުގެ ދަނޑުގައި ކުޅުނު މިމެޗް ފަށައިގެން ރަގަޅަށް ކުޅެމުންދިޔައީ ޓީސީއިންނެވެ. ޓީސީއިން ރަގަޅަށް ކުޅެމުންދަނިކޮށް ބެންގަލޫރުން ލީޑް ނެގީ މެޗުގެ 12 ވަނަ މިނެޓުގައި އުފެއްދި ކައުންޓަރ އެޓޭކެއްގައި ސްޕެއިނުގެ އެންޓޯނިއޯ ޑޯވްސްއެވެ. އެންޓޯނިއޯ ވަނީ މިމެޗުގައި ހެޓްރިކް ހަދާފައެވެ. ބެންގަލޫރުގެ އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ އޮސްޓްރޭލިޔާގެ މިޑްފީލްޑަރު އެރިކް ޕަޓޫލާ އާއި ރާހުލް ބެކޭއެވެ.
މިމެޗުގެ ދެވަނަ ހާފުގައި ޓީސީއަށް މައްސަލަތައް ކުރިމަތިވީ މެޗުގެ 61 ވަނަ މިނެޓުގައި އެޓީމުގެ މިސްރުގެ ޑިފެންޑަރު އަލާއެލްދީން ނަސްރު އަލް މަގްރަބީއަށް ރަތްކާޑު ދެއްކުމުން އެއްކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުންނެވެ.
ފުރަތަމަ ލެގުގައި ރާއްޖޭގައި ކުޅެ ބެންގަލޫރު އަތުން ޓީސީ ބަލިވީ 3-2 އިންނެވެ. ދެލެގުގެ އެގްރިގޭޓުން ބެންގަލޫރު ކުރި ހޯދީ 8-2 ގެ އެގްރިގޭޓުންނެވެ. ގްރޫޕް ސްޓޭޖުގައި ބެންގަލޫރު ވާދަކުރަން ޖެހޭނީ ރާއްޖޭގެ ނިއުރޭޑިއަންޓާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އަދި އިންޑިޔާގެ އައިޒްވަލްއާ އެއްގްރޫޕެއްގައެވެ. ބެންގަލޫރު ވަނީ މިދިޔަ އަހަރު މިމުބާރާތުގެ ސެމީފައިނަލުގައި ކުޅެފފައެވެ.