ކެރަމް މުބާރާތުގައި ވާދަކުރާ ޓީމުތައް ރާއްޖެ އަތުވެއްޖެ

މާދަމާ ފަށާ "އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގައި ވާދަކުރާ ޓީމުތައް މާލެ އަށް އަންނަ ފަށައިފިއެވެ.

މި މަހުގެ 27 އިން މެއި މަހުގެ 1 އަށް މާލޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުރިއަށްގެންދާ މުބާރާތުގައި ރާއްޖެ ހިމެނޭ ގޮތަށް ހަތް ގައުމަކުން ވާދަކުރާނެ އެވެ. އެއީ ރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ސްރީ ލަންކާ، ދެކުނު ކޮރެއާ އާއި ސިންގަޕޫރު އަދި މެލޭޝިއާ އެވެ.

މި މުބާރާތުގައި ވާދަކުރަން އެންމެ ފުރަތަމަ ރާއްޖެ އައީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝް އައީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. އެއަށްފަހު ރޭގެ ވަގުތެއްގައި މުބާރާތުގައި ވާދަކުރާ މެލޭޝިއާ ޓީމު ވަނީ މާލެ އައިސްފައެވެ.

މިއަދު ހެނދުނު ލަންކާ ޓީމު އައިސްފައިވާއިރު، މުބާރާތުގައި ވާދަކުރާ އެހެން ޓީމުތައް މިއަދުގެ އެކި ގަޑިތަކުގައި އައުމަށް ހަމަޖެހިފައިވާ ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މިފަހަރުގެ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްވެސް ތިބުމަށް ހަމަޖެހިފައިވަނީ ދިމްޔާތުގައެވެ. އެގޮތުން، މިއަދުގެ ވަގުތެއްގައި ރާއްޖޭ ޓީމު ވެސް ވަނީ ދިމްޔާތުގައި ކޭމްޕްކޮށްފައެވެ.

ދިހަ އަހަރުގެ މެދުކެނޑުމަކަށްފަހު މިފަހަރު ބާއްވާ "އޭޝިއަން ކެރަމް ޗެމްޕިއަންޝިޕް" ގެ ފުރަތަމަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ ސްވިސް ލީގެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.