މެޕްސް ކޮލެޖުގެ އޮގަސްޓް އިންޓޭކް ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

މެޕްސް ކޮލެޖުގެ އޮގަސްޓް 2024 އިންޓޭކްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފިއެވެ.

މެޕްސް ކޮލެޖުން މައުލޫމާތުދޭ ގޮތުގައި އޮގަސްޓް 2024 އިންޓޭކްގައި އެ ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓާރސް ޑިގްރީގެ ހުރިހާ ކޯސްތަކެއްގައި ވެސް ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެއެވެ.

އޭގެތެރޭގައި ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާރކެޓިންގ މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް  އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓްގެ ކޯސްތައް ހިމެނެއެވެ.

ކާމިޔާބު ކަމާއެކު އޯލެވެލް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް އެޑްވާންސްޑް ސެޓްފިކެޓް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭއިރު، އޭލެވެލް ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ގަބޫލުކުރާ ފެންވަރުގެ އެޑްވާންސްޑް ސެޓްފިކެޓް ކޯހެއް ފުރިހަމަކޮށްފައި ވާނަމަ މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ކޮންމެ ކޯހެއްގައި ވެސް ބައިވެރިވެވޭނެއެވެ. މީގެއިތުރުން އޯލެވެލް އަދި އޭލެވެލްގެ ފާސް ނެތް ފަރާތްތަކަށް، 'އޯލްޓަނޭޓް އެންޓްރީ' ނުވަތަ އެ ފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހު ވެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލަރސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް ސަރުކާރުގެ ހިލޭ ޑިގްރީއަށް ކިޔަވައިދޭ 'ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް'ގެ ދަށުން ހިލޭ ކިޔެވޭނެ ކޯސްތަކެކެވެ. މިގޮތުން ގިނަ ޑިގްރީ ކޯސްތަކަކީ ދަރިވަރުންގެ އަތުން ކޯސް ފީގެ އެއްވެސް ޚަރަދެއް ނުގޮސް މުޅިން ހިލޭ ކިޔެވުމުގެ ފުރުސަތު 'ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް'ގެ ތެރެއިން ދަރިވަރުންނަށް ލިބޭ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކޯސްތަކެކެވެ. މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް އެ ކޮލެޖުގެ ވެބް ސައިޓް  www.maps.edu.mv  މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތައުލީމު އުނގެނުމުގައި ކުރިޔަށް ދާންވީ ދާއިރާއެއް ޚިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ.

މި މައުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އޮގަސްޓް 2024 އިންޓޭކްގައި ބައިވެރިވުމުގެ ފުރުސަތު މެޕްސް ކޮލެޖުން ހުޅުވާލާފައި ވާއިރު އެ ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައެވެ.

މިގޮތުން އެކައުންޓިންގް ދާއިރާއިން މުޅި ދުނިޔެ ޤަބޫލުކުރާ އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ޑިގްރީ އާއި މާސްޓަރސް ކޯސްތައް ހިމެނެއެވެ. އެކައުންޓިންގް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ އެމްބީއޭގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ ކުރިޔަށް އޮތް މެއި މަހުގެ 9ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ އޮގަސްޓް 2024 އިންޓޭކްގެ ކިޔެވުން 2024 އޮގަސްޓް 4ގައި ފަށަން ތައްޔާރުވަމުން އަންނައިރު މި އިންޓޭކްއަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި އަހަރުގެ ޖުލައި މަހުގެ 21ވަނަ ދުވަހެވެ.

އާއްމުންނަށް މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައި ދިނުމުގެ ޚިދުމަތް ދެމުން އަންނަ ކޮލެޖެކެވެ. މެޕްސް ކޮލެޖުން 1999ވަނަ އަހަރު އާއްމުންނަށް މަތީ ތައުލީމު ދިނުމުގެ ޚިދުމަތް ފަށާފައި ވާއިރު ކާމިޔާބު ކަމާއެކު މަތީ ތައުލީމު ފުރިހަމަ ކޮށްފައިވާ ގިނަ ދަރިވަރުންތަކެއް މި ކޮލެޖުން ވަނީ މުޖްތަމަޢަށް ނެރެދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.