ދަންމަރު: ފަރުދާ ކަހައިލުމުން...

އެމެރިކާގެ ކުރީގެ ރައީސެއްކަމަށްވާ ރޮނަލްޑް ރޭގަން، އޭނާގެ ރައީސް ކަމުގެ ދުވަސްވަރު، އެއްދުވަހަކު ރިޔާސީ ގަނޑުވަރު "ވައިޓްހައުސް" އިން ނުކުމެ ވަޑައިގަތީ ނުހަނު އުފާފުޅުން ހުންނަވައިގެންނެވެ. ކާރުގެ ޤާފިލާ ދަތުރުކޮށްފައި ދިޔައީ ވޮޝިންގޓަންގެ މަޝްހޫރު ހޮޓަލެއް ކަމަށްވާ ހިލްޓަން އަށެވެ. ޕްރޮގްރާމްގައިވާ ގޮތަށް ރޭގަން އެތާނގައި މޮޅު ތަޤްރީރެއް ކުރެއްވިއެވެ. ތަޤުރީރު ނިންމެވުމަށްފަހު މީހުންގެ ތެރެއިން، ހިނފުޅުވަޑުވަމުން ނުކުމެވަޑައިގެންފިއެވެ. މިގޮތުގައި ވަޑައިގެން އުންޑަ ނާރާގޮތަށް ތައްޔާރު ކުރެވިފައިވާ ލިމޮސީން ކާރުކޮޅާ ދެތިން ފޫޓު ކައިރިއަށް ވަޑައިގެންނެވުނު ތަނާ އެއްވެފައި އޮތް މީހުން ގަނޑުގެ ތެރެއިން ބަޑި ޖަހާ އަޑު އިވިއްޖެއެވެ. ބަޑިޖެހި ޒުވާނާ އެންމެ ދެ ސިކުންތުގެ ތެރޭގައި 6 އުންޑަ ފޮނުވާލިއެވެ. އެއް އުންޑަ ރޭގަންގެ ގައިކޮޅަށް އެރިއެވެ. ހަމަ އެވަގުތު ރައީސް ހަސްފަތާލަށް ގެންދެވުނެވެ. ކުއްލިއަކަށް ގައިކޮޅަށް އުންޑަތަކެއް އެރުމުން ރޭގަންގެ ޙާލުކޮޅު ބަދަލުވެގެން ދިޔަ ގޮތް ސިފަކޮށްދެމުން 3 މާރޗް 1981 ގެ "ޓައިމްސް އޮފް އިންޑިއާ" ގައި ރިޕޯޓަރަކު ލިޔެފައިވެއެވެ.

"އެ ވަގުތު ރޭގަން ވަރަށް ބޮޑަށް ޙައިރާންފުޅު ވިއެވެ. މޫނުފުޅު މަތިން ފައުޅު ވެވޭހުރި ހިނިތުންވުން ގެއްލިގެން ހިނގައްޖެއެވެ."

މިއީ މަރުގެ "ޙަމަލާ" ޔާ ކުރިމަތިލާ މީހާއަށް ކުރިމަތިވާ ޙާލަތުގެ ތަޞްވީރެކެވެ.

އިންސާނާ ހީކުރަނީ އޭނާއަކީ މި ދުނިޔޭގައި ބޭނުން ގޮތަކަށް އުޅެން އައި، މިނިވަނެއް ކަމަށެވެ. އޭނާ ބޮޑާކަމާއެކު ހިތަށް އެރި ވާހަކައެއް ދައްކައެވެ. ހިތަށް އެރި ކަމެއް ކުރެއެވެ. މީހެއްގެ މުދާގަނޑެއް އަތްމައްޗަށް އެރުމާއެކު ތިމާގެ އަމިއްލަ އެއްޗެއް ކަމަށް ހީކުރެއެވެ. ބާރެއް ލިބުމާއެކު އެ ބާރުގެ ބޭނުން ކުރަނީ ދުވަހަކުވެސް ތިމާގެ އަތުން ނެގޭނޭ ބާރެއް ނޫންކަމަށް ބަލައިގެންނެވެ. އެންމެންވެސް މި ތިބެނީ އުފަލުން ފޮޅިފައެވެ. "ލިމޮސިންއާ ދިމާއަށް" ހިނިތުންވެ ތިބެގެން ހިނގަނީއެވެ. މިފަދަ ޙާލެއްގައި އުޅެނިކޮށް ކުއްލިއަކަށް ފަރުދާ ކަހައިލެވެއެވެ. މަރުގެ މަލާއިކަތާ އޭނާ މި ދުނިޔެއިން ނެރުއްވައިގެން ގެންދަވައި އެހެން ދުނިޔެއަކަށް ވައްދަވައެވެ.

މިއީ ކޮންމެ މީހެއްގެ ޙަޔާތުގައިވެސް އަންނަ ބިރުވެރި ވަގުތުކޮޅެކެވެ. މި ވަގުތުކޮޅު އައިސް ޖެހުމުނީމާ ހީކޮށްގެން ހުރި ގޮތާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން ބިރުން ތެޅިގަނެއެވެ. ތިމާ ޙަޤީޤަތެއް ކަމަށް ހީކޮށްގެން އުޅުނު ކަންތައްތަކަކީ ފުލޯކެއްކަން އެނގެނީ ދެނެވެ. މިނިވަނެއް ކަމަށް ހީކޮށްގެން އުޅުނުމީހާއަށް ތިމާގެ އެއްވެސް ބާރެއް، އިޚުތިޔާރެއް ނެތްކަން އެނގިދެއެވެ. ބޮޑު މުދާގަނޑެއްގެ މެދުގައި ހުރި މުއްސަނދިމީހާ، ހުސްއަތާ ދާންޖެހިދެއެވެ. ބާރުގަދަ މީހެއް ކަމަށް ހީކޮށްގެން އުޅުނު މީހާ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މި ދުނިޔޭގައި މެހި، މާބުރަށްވުރެވެސް ދެރަކަން އެނގިދެއެވެ. ތިމާޔާ އެކުގައި ވަރަށް ގިނަ އެކުވެރިން އެބަތިބި ކަމަށް ހީކުރި މީހާއަށް ތިމާއަކީ އެކަނިވެރިއެއްކަން އެނގިދެއެވެ.

އާހ... މި ހުރިހާ ކަމެއް އެންމެ މޮޅަށް އެނގެންވާ އިންސާނާއަށް މިއިން އެއްވެސް ކަމެއް ނޭނގޭ ކަމީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.