19 - ހަސަދަވެރިނުވާށެވެ.

ހަސަދަވެރިކަމަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ. ހިތާއި ސިކުނޑިއާއި ހަށިގަނޑަށް ދާންދެން ހަލާކުކޮށްލާ ބިރުވެރި ބައްޔެކެވެ. ހަސަދަވެރިއަކަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް އުޅޭނީ ކަންބޮޑުވެގެންނެވެ. ހާސްވެގެންނެވެ. އެހެން ވެދާނެއޭ، މިހެން ވެދާނެއޭ ހިތައި ފިކުރުކުރުމުގައެވެ. މީހަކަށް އެއްޗެއް ލިބިދާނެތީ، ކަމެއް ހާސިލުކޮށްފާނެތީ ކުރާ ހިތާމަ މުޅި މީހާ ހަލާކުކޮށްލައެވެ.

އެ މީހަކަށް މިންވަރު ކުރައްވައިފައިވާ އެއްޗެއް މެނުވީ އެއްވެސް މީހަކަށް ނުލިބެއެވެ. ނުވެސް ލިބޭނެއެވެ. އެހެންވީމާ އެހެން މީހަކަށް ލިބޭ އެއްޗަކާމެދު ފިކުރުކޮށް ކަންބޮޑުވުމަކީ އެ އެއްޗެއް މިންވަރު ކުރައްވައިފައިވާ މީހަކަށް ލިބުމުގައި ހުރަހަކަށް ވާނޭ ކަމެއް ނޫނެވެ.

ކިތަންމެ ވަރަކަށް ހަސަދަވެރިކަމާއި ރުޅިވެރިކަން އިސްކުރިޔަސް މިންވަރުފުޅުގައި ނެތް އެއްޗެއް ނުލިބޭނެއެވެ. ވާނެހައިވެސް ކަމަކީ ތިމާގެ ސިކުނޑިއާއި ހަށިގަނޑަށް ގެއްލުންވުމެވެ. ނިކްމެތިވެ ބަލިކަށިވަމުން ދިއުމެވެ.

ހަސަދަވެރިކަމުގެ އެއް ނުރައްކަލަކީ އެ ބަލިން މީހަކު ސަލާމަތްކޮށްދޭން އެހެން މީހަކަށް ކުރެވޭނޭ ކަމެއް ނެތުމެވެ. އެކަމުން ސަލާމަތްވާނެ ޖެހެނީ އަމިއްލައަށެވެ. ﷲ ގެ ޙަޟުރަތުން މަދަދަށް އެދިގެން ހަސަދަވެރިކަމުން ސަލާމަތްވާން އަމިއްލައަށް މަސައްކަތްކުރީމާ ނޫނީ އެ ބަލިން ސަލާމަތެއް ނުވެވޭނެއެވެ.

އެހެން މީހުންގެ ކާމިޔާބީއަށް ކަޅިއެޅުން ހުއްޓައިލާށެވެ. ތިމާގެ މަސައްކަތާއިގެން ކުރިއަށް ދާށެވެ. އެހެން މީހުންވެސް އެމީހުންގެ މަސައްކަތްކުރަނީއެވެ. ކާމިޔާބީ ދެއްވުމަކީ ﷲ އަށް ޚާއްސަ ކަމެކެވެ. އުފާވެރިކަން ދެމެހެއްޓޭނީ މި ހަގީގަތް ގަބޫލުކޮށްގެން ކުރިއަށް ދިޔައީމައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.