ސުލްހައާއި އަމާންކަން ދިވެހިންނަށް ފުރިހަމަވާންއޮތީ މޫސުމީގޮތުންވެސް ރައްކާތެރިވެގެން: އަސްލަމް

ސުލްޙައާއި އަމާންކަމުގެ ވާހަކަދައްކާއިރު، ދިވެހީންނަށް އެކަންކަން ފުރިހަމަވާންއޮތީ މޫސުމީގޮތުންވެސް ރައްކާތެރިކަން ލިބިގެން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ އިންޓަރ ޕާލިމެންޓްރީ ޔޫނިއަންގެ 148 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ދެއްވި ތަޤްރީރުގައެވެ.

އެ ތަޤްރީރުގައި އަސްލަމް ވިދާޅުވީ ބިންތިރި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން މޫސުމީ ބަދަލުތަކަށް މަގުފަހިވާ ނޭދެވޭ ޢަމަލުތަކުގައި ރާއްޖޭން ހިއްސާކުރާ މިންވަރުކުޑައިރު، މޫސުމީ ބަދަލުތަކުގެ ނުރައްކާ އިންތިހާއަށް ކުރިމަތިވެފައިވާ އަދި އެކަމުގެ އަގު އަދާކުރަންޖެހޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ.

މީގެއިތުރުން މޫސުމީ ބަދަލުތަކުގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައި މި ވެށި ދޫކޮށްލުމަކީ ދިވެހިން ބޭނުންވާގޮތް ނޫންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއީ 5 ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ޤައުމެއް ކަމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ގެދޮރު ގެއްލިދާކަށް ބޭނުމެއްނޫން ކަމަށެވެ. އަދި ކްލައިމެޓް ރެފިއުޖީންނަކަށް ވާކަށް ވެސް ދިވެހިން ބޭނުމެއްނޫން ކަމަށެވެ.

ދިވެހީންގެ ވެސް ސަޤާފަތަކާއި އާދަކާތަކެއް އެބަހުރި ކަމަށާއި އަމިއްލަ ބަހަކާއި އަމިއްލަވަންތަކަމެއް އެބަހުރި ކަމަށް ވިދާޅުވިއެވެ. އަދި މި ހިތްގައިމު ރާއްޖޭގައި އަބަދުމެ އުޅެން  ބޭނުން ކަމަށް ވެސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.