ދަންމަރު: އެންމެމަތިވެރި ފަރާތް

މަޝްހޫރު ހިސާބު ޢިލްމުވެރިއެއްކަމަށްވާ ސަރ މައިކަލް ފްރެންސިސް އަތިޔާ މުމްބައި އަށް ކުރެއްވި ޒިޔާރަތެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަކީ ހިސާބު ޢިލްމުވެރިއެކޭ ބުނުއްވާފައި ވެއެވެ. ﷲ އަކީ ހިސާބު ޢިލްމުވެރިއެއް ކަމަށް ބުނާ މީހުންގެ ޢަދަދު މަދެއްނޫނެވެ. މީގެ ފަންސާހަކަށް އަހަރު ކުރިން ސަރ ޖޭމްސް ބުނުއްވާފައިވާ ގޮތުގައި ދުނިޔެއަކީ ހިސާބު ޢިލްމުވެރިޔަކު ހަދާފައިވާ އެއްޗެކެވެ. އޭގެ އެތައް ޤަރުނެއް ކުރިން ޕައިތަގޮރަސް ބުނުއްވާފައިވާ ގޮތުގައި ދުނިޔޭގައިވާ ހުރިހާ ތަކެއްޗަކީވެސް ހިސާބުގެ ޢަދަދުތަކެކެވެ. ޕިކާސޯގެ ނަޒަރުގައި ﷲ އަކީ ކުރެހުންތެރިއެކެވެ. އޭނާ ބުނުއްވައެވެ. "ﷲ އަކީވެސް ކުރެހުންތެރިއެކެވެ. ފުއްލާ އާއި، ނީލަގެރި އެތާއި، ބުޅާ އުފެއްދެވީ ﷲ އެވެ." އައިންސްޓައިން ބުނުއްވާ ގޮތުގައި ﷲ އަކީ ވަރަށް ނާޒުކު، އެއްވެސް މީހަކަށް ގެއްލުމެއް ދެއްވަން އެދި ވޮޑިގެންނުވާ، އެކަމަކު ވަރަށް ހުޝިޔާރު ފަރާތެކެވެ.

ކާއިނާތަށް ފުންކޮށް ނަޒަރު ހިންގާ މީހަކަށް އެއްކަމެއް އިޙުސާސް ކުރެވޭނޭކަން ޔަޤީނެވެ. އެއީ، ޚުދު ތިމާއަށްވުރެވެސް ބާރުގަދަ، ބޮޑު ފަރާތެއްވާ ކަމެވެ. ކާއިނާތަށް ނަޒަރު ހިންގާލުމުން ހިސާބު ޢިލްމުވެރިންނަށް ޖެހެނީ ރަކިވެ، އިސްޖަހައިލާށެވެ. އެމީހުންނަށް އިޙްސާސްވާނީ ހިސާބު ޢިލްމަށް އެމީހުންނަށްވުރެ މޮޅު ފަރާތެއްވާ ކަމެވެ. ﷲ އަކީ ވަރަށް މޮޅު ހިސާބު ޢިލްމުވެރިއެކޭ ބުނެވެނީ އެހެންވެގެންނެވެ. ކުރެހުންތެރިޔާއަށް ކާއިނާތުން ފެންނަ މޮޅު ހުނަރުތަކާއި "ކުރެހުން" ތަކުގެ ސަބަބުން ކުރެހުމުގެ މަތިން ހަނދާންނެތި، ފިހި އަތުން ދޫވެދެއެވެ. ﷲ އަކީ ކުޅަދާނަ ކުރެހުންތެރިއެކޭ ބުނެވެނީ އެހެންވެގެންނެވެ. ބުއްދިވެރިއަކު ކާއިނާތުގެ ކަންތައްތަކުގެ ޙިކުމަތާމެދު ވިސްނައި، ފިކުރުކޮށްފިނަމަ ޙައިރާންވެގެންގޮސް ތަލިން ކުޅު ހިކިދެއެވެ. އޭނާއަށް އެނގި، ފައުޅުވާ ޙަޤީޤަތަކީ ދުނިޔޭގެ ހުރިހައި ބުއްދިވެރިންނަށްވުރެވެސް ބުއްދިވެރި ފަރާތެއްވާ ކަމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އެންމެ މޮޅު ހިސާބު ޢިލްމުވެރިޔާއެވެ. އެންމެ ކުޅަދާނަ ކުރެހުންތެރިޔާއެވެ. އެންމެ ބޮޑު ބުއްދިވެރިޔާއެވެ. އަދި މި ނޫނަސް "އެންމެ" ކުރިއަށްލާފައި ކިޔޭ ހުރިހާކަމެއް މިލްކުވެވޮޑިގެންވާ ފަރާތެވެ. ކާއިނާތުގެ ނިޝާންތައް ނުފެންނަ މީހާއަކީ އަނދިރި މީހެކެވެ. އެ ނިޝާންތައް ފެނިފައިމެ، ޤަބޫލު ނުކުރާ މީހާއަކީ މޮޔައެކެވެ.

(މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.