ދަންމަރު: ﷲ ވޮޑިގެންވުން

 ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ ޚުދު އިންސާނާގެ ވުޖޫދެވެ. ﷲ ވޮޑިގެންވާ ކަމަށް އިންކާރުކުރާ މީހާ އިންސާނާ ފަދަ މަޚުލޫޤެއްގެ ވުޖޫދާމެދު އިންކާރު ކުރާ މީހެއް ފަދައެވެ. އިންސާނާގެ ވުޖޫދު ޤަބޫލުކުރާނަމަ ﷲ ވޮޑިގެންވާ ކަމާމެދު ޝައްކު އުފެދޭނޭ ޖާގައެއް ނެތެވެ.

ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި އިންސާނާ އުފައްދަވާފައިވަނީ އެކަލާނގެ ރޫޙުފުޅާ އެކީގައެވެ. އޭގެ މާނައަކީ އިންސާނާ އެކަލާނގެ ސިފަފުޅުތަކުން ޒީނަތްތެރި ކުރެއްވުމެވެ. ދިރިހުރުމާއި، ޢިލްމާއި، އިޚުތިޔާރާއި، ވިސްނުންފަދަ ސިފަތަކަކީ ޙަޤީޤަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކެކެވެ. އިންސާނާއަށް ލިބިފައި މިވަނީ އެ ސިފަފުޅުތަކުގެ ހިޔަންޏެކެވެ. ޙިއްޞާއެއް ނޫނެވެ. އެއްވެސް ގޮތަކުން އިންސާނާ އެކަލާނގެޔާ ކުފޫ ހަމަވެގެންނެއް ނުވެއެވެ. އެހެންނަމަވެސް އިންސާނާއަކީ، އެ އިންސާނާ ބޯލަނބަންޖެހޭ މަތިވެރި އިލާހުގެ އެއްކައުވަންތަކަމުގެ ނުވަތަ އެކަލާނގެ ވޮޑިގެންވާކަމުގެ ދަލީލެކެވެ.

ލޮލަށް ނުފެންނަ ކަލަކަށް އީމާންވާން ބޭނުންވާ ދަލީލުތައް އިންސާނާގެ އުފެދުމުގައި އެކުލެވިފައިވެއެވެ.

އިންސާނާއަށް މުސްތަޤިއްލު ވުޖޫދެއް ލިބިފައިވެއެވެ. ފެނުމާއި، އަޑުއިވުމާއި، ވާހަކަ ދެއްކުމުގެ ބާރު ލިބިފައިވެއެވެ. އޭނާ ވިސްނައި، ބާވަތް ބާވަތުގެ ރޭވުން ރާވައެވެ. ކަންތައްތައް ކުރަނީ އަމިއްލަ ޚިޔާލަށް ފެންނަ ގޮތަކަށެވެ. މާއްދީ ތަކެތި ފައިދާހުރި ތަކެއްޗަށް ބަދަލު ކުރެއެވެ. ރިމޯޓް ކޮންޓްރޯލް ބޭނުން ކޮށްގެން ޖައްވީ އުޅަނދުފަހަރު ދުއްވައެވެ. އޭނާއަށް އަމިއްލަ ވުޖޫދުގެ އިޙްސާސް ކުރެވެއެވެ. މި ސިފަތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި މިލްކުވެވޮޑިގެންވާ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

އިންސާނާ އާއި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ތަފާތަކީ އިންސާނާގެ ވުޖޫދަކީ އެއްވެސް ބާރެއްނެތް ވަގުތީ އެއްޗަކަށް ވެފައި، ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ އަބަދަށް ދެމިވޮޑިގެންވާ ފަރާތަކަށްވާ ކަމެވެ. އިންސާނާއަކީ މަޚުލޫޤެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ޚާލިޤެވެ. އިންސާނާއަށް ލިބިފައިވާ އިޚުތިޔާރުވަނީ ވަކި ޙައްދެއްގެ ތެރޭގައި ހިފެހެއްޓިފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމަކަށް ޙައްދެއްނެތެވެ. އިންސާނާއަށް ލިބިފައިވާ ހުރިހައި ސިފަތަކަކީ ޤުދުރަތުގެ ހަދިޔާއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ސިފަފުޅުތަކަކީ އެކަލާނގެއަށް މިލްކުވެ ވޮޑިގެންވާ ސިފަފުޅުތަކެކެވެ.

އިންސާނާގެ ވުޖޫދަށް އީމާންވާމީހާ ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެންވާ ކަމަށް އިންކާރު ކުރުމަކީ ޙައިރާންވާންޖެހޭ ކަމެކެވެ. އެހެނީ އެއީ ޚުދު ތިމާގެ ވުޖޫދަށް އިންކާރުކުރުން ފަދަ ކަމެކެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.