4 ބައި އިލެކްޝަނެއްގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ 2024 މޭ 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ، ހއ.އުތީމު، ނ.ލަންދޫ، ވ.ފެލިދޫ، ކައުންސިލް މެންބަރު އަދި ރ.އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުއިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާ / މައްސަލަތައް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.
މި އިންތިޚާބުތަކާއި ގުޅިގެން، އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، ހުށަހަޅާނީ އެކަމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް ކަމަށް ވެސް ބުނެއެވެ. އަދި ޝަކުވާ / މައްސަލަ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށެވެ.
މިގޮތުން ފޯމު އީމެއިލް ކުރައްވާނީ މި ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެސް ކަމުގައިވާ، info@elections.gov.mv އަށެވެ.
މި އިންތިޚާބުތަކުގެ ވޯޓުނެގުމަށް ހަމަޖެހިފައިވާ، 2024 މޭ 4 ވާ ހޮނިހިރު ދުވަހު، ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެ ދުވަހު ވޯޓުނަގަން ފެށުނީއްސުރެ، ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމާ ހަމައަށް ކަމަށްވެސް އީސީން ބުނެފައި ވެއެވެ.
އެގޮތުން ވޯޓު ނަގާ ދުވަހު، ވޯޓުލާ މަރުކަޒުތަކުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ސީދާ ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ / މައްސަލަ ހުށަހެޅޭނެއެވެ. އަދި އިލެކްޝަންސް ކޮމިޝަނަށް، "ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު" އީމެއިލް މެދުވެރިކޮށްވެސް، ހުށަހެޅޭނެއެވެ.
ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު އީސީގެ ވެބްސައިޓް www.elections.gov.mv އިން ލިބޭނޭ ކަމުގައިވެ ބުނެފައި ވެއެވެ.