ރާއްޖޭގައި ޢީދު ނަމާދުގެ ޖަމާޢަތްފަށާ ވަގުތަށް ބަދަލު ގެނެސްފި

ރާއްޖޭގައި ޢީދު ނަމާދު ޖަމާޢަތްފަށާ ވަގުތަށް ބަދަލު ގެނެސްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. މުހައމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިއަހަރުން ފެށިގެން ރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައި ކަަމަށް ވެސް ވިދާޅުވިއެވެ.

މިގޮތަށް ނިންމެވީ ރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން  ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.