ހުޅުމާލޭގައި ގާއިމުކުރާ ޕެޓް ކެއަރ ފެސިލިޓީގެ ޢަމަލީ މަސައްކަތް ފަށައިފި

ހުޅުމާލެ ފޭސް 2 ގައި މި ޕެޓް ކެއަރ ފެސިލިޓީ ގާއިމްކުރުމުގެ ޢަމަލީ މަސައްކަތް މިއަދުވަނީ ފެށިފައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލާ މަރިޔަމް ވިޝާމާ އަހުމަދު އާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމްއެވެ.

މިމަސައްކަތް ފަށްޓަވާދެއްވުމަށްފަހު މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ މިއަދު ފެށިގެން މިދިޔައީ ފެންސު ޖެހުމުގެ މަސައްކަތް ކަމަށާއި ވިއްސަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ. އަދި އަންނަ ހަފުތާގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި ޕެޓް ކެއަރ ފެސިލިޓީއަކީ މާލެ ސަރަހައްދުގެ ޕާރކްތަކާއި މަގުމަތީގައާއި އަދި މިނޫންވެސް އާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާތައް ގިނަވެފައިވުމުން އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި ސާފު މާހައުލެއް ގާއިމް ކުރުމަށް ހުޅުވޭ ފެސިލިޓީއެކެވެ.

މީގެ އިތުރުން ގޭގޭގައި ގެންގުޅޭ ބުޅާތަކާއި ތަފާތު ޖަނަވާރުތަކާއި، ދޫނިސޫފާއިސޫފިތަކަށް ލިބެންޖެހޭ ފެންވަރު ރަނގަޅު ސިއްހީ ފަރުވާއާއިހިދުމަތްތައް މި ފެސިލިޓީއިން ލިބިގެންދާނެއެވެ. މި ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް، ބުޅާތައް ގިނަވެފައިވުމުން ދިމާވެފައިވާ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެއެވެ.

އެގޮތުން މި ފެސިލިޓީ މެދުވެރިކޮށް، ބުޅާތަކަށް ބޭނުންވާނެ ފުރިހަމަ އަޅާލުންލިބިގެންދާނެއެވެ. އޭގެ ތެރޭގައި ބުޅާތައް ފެންވަރުވައި ސާފްކުރުމާއި، ކަރަންޓީން ކުރެވޭ ސަރަހައްދަކާއި، ކްލިނިކްއަކާއި، ފާރމަސީއާއި، ލެބޯޓްރީ، އަދި ހިޔާވަހިކަމާއި، އެކަށީގެންވާ ސިއްހީ ފަރުވާ އަދި ކުޅޭ ސަރަހައްދު ފަދަ ތަފާތު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.

މި ޕެޓް ކެއަރ ފެސިލިޓީ ގާއިމްކުރުމުގެ ސަބަބުން މާލެ ސަރަހައްދުގެ ބުޅާތައް ގިނަވެފައވުމުން ކުރިމަތިވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. މާލޭ ސިޓީ ކައުންސިލްއިން ކުރިޔަށް ގެންދާނީ ޕެޓް ކެއަރ ފެސިލިޓީގެ ތެރޭގެ ހިމެނޭ ވަގުތީ ކެޓް ޝެލްޓަރގެ މަސައްކަތްތަކެވެ. ދާއިމީ ޕެޓްކެއަރ ފެސިލިޓީގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އަންނަނީ ކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.