އެހެން މީހަކުގެ ޝަޚްސިއްޔަތު ނަކަލުކޮށްގެން އެ މީހަކަށް ވާން މަސައްކަތް ނުކުރާށެވެ. އެ މީހަކު ވާހަކަދައްކާ ގޮތަށް ވާހަކަދައްކަން އުޅުމާއި ކަންތައް ކުރާގޮތް ނަކަލުކުރަން އުޅުމަކީ އެހެން މީހަކަށް ވާން މަސައްކަތްކުރުމެވެ. އަމިއްލަ ވައްޓަފާޅިއާއި ގޮތް ދޫކޮށްލުމެވެ.
އާދަމް ޢަލައިހިއްސަލާމުން ފެށިގެން މިހައިތަނަށް ﷲ ތަޢާލާ އުފެއްދެވި އެއްވެސް އިންސާނަކު މުޅީން އެއްގޮތެއް ނޫނެވެ. ސިފައާއި ޖިސްމާނީ ސިފަތައް އެއްގޮތް ނުވާއިރު ވިސްނުމާއި މިޒާޖާއި އުޅުން އެއްގޮތް ވާނީ ކިހިނެއްތޯއެވެ؟
ތިބާއަކީ މުޅީން ތަފާތު މީހެކެވެ. ތިބާ ކަހަލަ އެހެން މީހަކު ނެތެވެ. އެފަދަ މީހަކު ފަހުން ނުވެސް އަންނާނެއެވެ. އެހެންވީމާ މީހަކު އުޅޭ ގޮތާއި ކަންތައް ކުރާގޮތް ކިތަންމެ ރީތި ވިޔަސް އެމީހަކު ނަކަލު ކުރަން ބޭކާރު މަސައްކަތް ނުކުރާށެވެ.
ﷲ ތިބާ ހެއްދެވި ސިފައާއި މިޒާޖަށް ރުހިގެން އުޅެން ދަސްކުރާށެވެ. އަޑު ބަދަލު ނުކުރާށެވެ. އުޅުން ބަދަލު ނުކުރާށެވެ. ހިނގާ ގޮތާއި އެހެން ކަންކަން ކުރާގޮތް ބަދަލު ނުކުރާށެވެ. އެއްވެސް ކަމެއް ބަދަލޮުކުރަން ވާނީ ﷲ އަންގަވާފައިވާ އެންގެވުމަކަށް އަމަލު ކުރުމުގެ ގޮތުން ނަފުސު އިސްލާހުކުރާށެވެ. ކީރިތި ޤުރްއާނާއި ސުންނަތުގައި ވަނީ އުޅެންވާ ގޮތާއި ބަދަލުވާން ޖެހޭ ގޮތް އަންގަވައިފައެވެ. އެ ގޮތްގޮތާ ޚިލާފަށް އެހެން މީހަކަށް ވާން މަސައްކަތް ނުކުރާށެވެ.
ކޮންމެ މީހަކަށްވެސް ލިބިފައި ވަނީ ވަކި ސިފައެކެވެ. މިހާރު ތިޔަހަރަ ގޮތަށް ތިބާ ހެއްދެވީ ﷲއެވެ. ތިބާގެ ކުލައަކީ ﷲ ދެއްވި ކުލައެކެވެ. ތިބާގެ އިސްކޮޅަކީ ﷲ ދެއްވި އިސްކޮޅެކެވެ. އެހެންވީމާ އެއިން އެއްވެސް ކަމަކާ ހިތްހަމަ ނުޖެހިގެން އުޅެގެން ނުވާނެއެވެ.
އިންސާނުންވެސް ހައްދަވައިފައި ވަނީ މޭވާ ކަހަލަ އެއްޗެހި ތަފާތު ކުރެއްވި ފަދައިން ތަފާތު ކުރައްވައިފައެވެ. ދޮންކެޔޮ ވަކެއް އާފަލަކަށް ހަދާން އުޅުމަކީ ބޭކާރު ކަމެކެވެ. ދޮންކެޔޮ، ދޮންކޭލަށް ވަނީ އެ ހެއްދެވި ސިފައިގައި އޮތީމައެވެ.
އަޅުގަނޑުމެންގެ ސިފައާއި ކަންކަން ތަފާތު ކުރެއްވުމަކީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެއްކެކެވެ. ކުޅަދުންވަންތަކަމާ ދެކޮޅު ނުހަދާށެވެ.