ތުލުސްދޫގައި ގާއިމްކުރާ ޕޮލިޓެކްނިކްގެ ބިންގާ އަޅައިފި

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކ.ތުލުސްދޫގައި ތަރައްޤީކުރާ ޕޮލިޓެކްނިކްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޕޮލިޓެކްނިކް ޕްރޮޖެކްޓް ސައިޓުގައި ބާއްވަވައިފިއެވެ.

މި މަޝްރޫޢަކީ، ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން ޢިމާރާތް ކުރުމުގެ މަސައްކަތާއި ހިންގުމުގެ މަސައްކަތް ޕްރޮޖެކްޓް ހިންގާ ފަރާތުން ފަންޑުކޮށްގެން ކުރާ އުސޫލުން (ބިލްޑް-ފައިނޭންސް-އޮޕަރޭޓް މޮޑެލްގައި) ކުރުމަށް ވިލާ އެޑިޔުކޭޝަނަލް ސަރވިސަސް ޕވޓ. ލޓޑ އާ ހަވާލުކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ. މި ރަސްމިއްޔާތުގައި، ބިންގާ އެޅުމުގެ އައިޓަމް ފުރިހަމަ ކޮށްދެއްވީ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް ޑރ. މަރްޔަމް މާރިޔާ އާއި ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.

ކ.ތުލުސްދޫގައި ތަރައްޤީކުރާ މި ޕޮލިޓެކްނިކް ޚާއްޞަ ކޮށްފައިވަނީ  ވޯޓަރ ސްޕޯޓްސްއާއި މެދު ފަންތީގެ ޓޫރިޒަމް ދާއިރާގެ ފަންނީ އެކި ލެވެލްތަކުގެ ކޯސްތައް ހިންގުމަށެވެ. އެހެނަސް ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް މި އިންސްޓިޓިއުޓުގައި ހިންގޭނެއެވެ.

މި ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށްޓަކައި ތުލުސްދޫއިން 32،581.25 އަކަފޫޓްގެ ބިމެއް ވަނީ ތުލުސްދޫ ކައުންސިލުން ހަމަޖައްސަވައިދެއްވައިފައެވެ. އަދި މި އިންސްޓިޓިއުޓުގައި ހިންގުމަށް ހަމަޖެހިފައިވާ ވޯޓަރ ސްޕޯޓްސް ދާއިރާގެ ތަމްރީނުތައް ހިންގުމަށްޓަކައި 1208.33 އަކަފޫޓުގެ ބިމެއް ބީޗް ފްރޮންޓުންވެސް ވަނީ ހަމަޖައްސަވައިދެއްވައިފައެވެ.

މި ޕްރޮޖެކްޓް ހުރިހާ ފޭސްއެއް ނިމޭއިރު ޕޮލިޓެކްނިކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ އިންސްޓިޓިއުޓްގެ ބައިތަކުގެ އިތުރުން އެކޮމަޑޭޝަންގެ ޚިދުމަތާއި، އިންސްޓިޓިއުޓްގައި ޓޫރިޒަމްގެ ފަންނީ ތަމްރީނުތައް ދިނުމަށާއި ދަރިވަރުންނަށް ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ޓޫރިސްޓް ފެސިލިޓީއެއް ތަރައްޤީކުރެވިގެން ދާނެއެވެ. މީގެ އިތުރުން ކްލާސް ރޫމްތަކާއި، އައި. ސީ. ޓީ ލެބޯޓަރީއަކާއި، އޮޑިޓޯރިއަމްއެއްގެ އިތުރުން ލައިބްރަރީއެއްވެސް ހުންނާނެއެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާގެ އިތުރުން މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތައް ވެސް ހުންނާނެއެވެ. މި ޢިމާރާތުގައި ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ނަމާދުކުރާނެ ތަނަކާއި ފާޚާނާއާއި ލިފްޓާއި ފަސްޓްއެއިޑްގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ވެސް ހިމެނިފައިވާނެއެވެ.

މިއަދުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓުގެ އިސްވެރިންނާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސްގެ ވެރީންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމާއި، މާލެ އަތޮޅު ކައުންސިލާއި، ތުލުސްދޫ ކައުންސިލްގެ އިސް ބޭފުޅުންނާއި އެރަށުގެ މުއައްސަސާތަކުގެ ވެރީންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި އިންސްޓިޓިޔުޓުގެ ސަބަބުން، ރަށުގެ ޒުވާނުންނަށް އަމިއްލަ ފަސްގަނޑުގައި އާއިލާ އާއިއެކު ތިބެގެން،  އެ ޒުވާނުންނާ އެކަށޭނަ، އެ ޒުވާނުންގެ ހުރި ހުނަރު އިތުރަށް ތަރައްގީކޮށް އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށާއި، މި ފުރުސަތުތަކުގެ ބޭނުން ހިފާ ޒުވާނުންނަށް އެކަށޭނެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ހޯދުމަށް މަގުފަހިވެގެން ދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ ވާހަކަފުޅުގައި ފާހަގަ ކުރެއްވެވިއެވެ. އަދި މިކަން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށްޓަކައި، މިކަމުގައި މަސައްކަތްތައް ކޮށްދެއްވި އަދި ކުރަމުން ގެންދަވާ ތުލުސްދޫ ކައުންސިލަށާއި ވިލާ އެޑިޔުކޭޝަނަލް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.