ފަލްސަފާ (65)

(14 މާރިޗު 2024 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )

" އަހަރެންނަކީ ، އޮސްޓްރިޗެއް ނޫނެވެ. އަހަރެންގެ ވަށައިގެން ހިނގާ ކަންކަން ނުބަލަން ބިމަށް ބޯހަރައިގެން އަހަރެންނަކަށް ނުއޮވެވޭނެއެވެ. އަންހެނުންނަކީ ކިހާ ނަސީބުގަދަ ބައެއް ހެއްޔެވެ ؟ އަންހެނުން ރޯތަން އެހެންމީހުންނަށް އެބަ ފެނެއެވެ. އެކަމަކު ، ފިރިހެނަކު ، ކިތަންމެ ބޮޑު ތަކުލީފެއްގައި ހުއްޓަސް ، އެއްވެސްމީހަކަށް ފެންނަ ކަމަކަށް ނުވެއެވެ. އެންމެ ކުޑަމިނުން އެކަން އިޙްސާސްވެސް ކޮށްނުލެވެއެވެ. މިހާރު ރޭގަނޑުގެ ދަންބަޔަށް އެޅީއެވެ. ގެޔަށް ދަމާ ހިނގާށެވެ ! " މުރުތަޟާ އަނެއްކާވެސް ، ތަހުނިޔާ ގެންދަން މަސައްކަތް ކުރިއެވެ. މުރުތަޟާގެ ވާހަކައިން ، ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް ހަމްދަރުދީ އުފެދުނެވެ. މަޑުމަޑުން ތެދުވެ ، ގެޔަށް ދިއުމަށްޓަކައި މުރުތަޟާއާއެކީ ހިނގައިގަތެވެ. ހުސްފައިގާ މުރުތަޟާހުރި ހުރުން ، ތަހުނިޔާގެ ހިތާކުޅެލިއެވެ.

ގެޔަށްގޮސް ނިދަން އުޅެއުޅެ ، މުރުތަޟާއަކަށް ނުނިދުނެވެ. ވެފައިހުރި ވަރުބަލީގެ ސަބަބުން ، އެނދުގައި ޖައްސާލިތަނާ ތަހުނިޔާއަށް ނިދުނެވެ. މުރުތަޟާގެ ކަންފަތްދޮށުގައި އިރުއިރުކޮޅުން ގުގުމަމުން އެދަނީ އެރޭ ، އޭނާއާ ދިމާއަށް ތަހުނިޔާބުނެ އިއްވި ، ވަރުގަދަ ބަސްތަކެވެ.

" މުރުތަޟާ ބޭނުންވަނީ ނޫރުލްޢައިނުއާ ކައިވެނިކުރަން ނޫންހެއްޔެވެ ؟ އެހެންކަމަށް ވަންޏާ އެކައިވެނި ކުރާށެވެ ! އެކަމަކު ، އެއްވެސް ޙާލެއްގައި ، އަހަރެން މުރުތަޟާގާތުން ވަރިއެއް ނުވާނަމެވެ. "

ގަދަނިދީގައި އޮތް ތަހުނިޔާ ، ފުރޮޅިލާފައި ދެލޯ ހުޅުވާލިއިރު ، މުރުތަޟާ އިނީ ކޮށްޅަށެވެ. އޭނާއެއް ނުނިދައެވެ. ތަހުނިޔާގެ ނިދިވެސް ، އެއްފަހަރުން ފިލައި ދިޔައެވެ.

ނުހޭލާ ، އަދި އިތުރަށް ނިދާލުމަށް ، ތަހުނިޔާގާތު މުރުތަޟާ ބުންޏެވެ. އެރޭ ވަރަށް ގިނައިރު ، ތަހުނިޔާ އުޅުނީ ނުނިދައެވެ. ތަހުނިޔާއަށް ނުނިދިދާނެތީ ، ބޭސްގުޅައެއްވެސް މުރުތަޟާ ދިނެވެ. އެހާ އަވަހަށް ހޭލުމުގެ ބޭނުމެއްނެތްކަމަށް މުރުތަޟާ ބުންޏެވެ.

މުރުތަޟާވެސް ނުނިދާ ކޮޅަށް އިންކަން ، ތަހުނިޔާއަށް އެނގުނުކަން މުރުތަޟާއަށް އަންގައިލިއެވެ. ތަހުނިޔާ އޮތީ އެކަމާ ކަންބޮޑުވެފައެވެ.

ތަހުނިޔާ އަރާމުކޮށްލަން ބުނެފައި ، އޮފީހަށްދާން ތައްޔާރުވާން މުރުތަޟާ ތެދުވިއެވެ. ތަހުނިޔާއޮތީ ދެލޯބޮޑުކޮށްލައިގެން މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މުރުތަޟާގެ ޙާލަތަށް އޭނާގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. މުރުތަޟާގެ ހިތުގައި އަޅާވޭން އެއްވެސް މީހަކަށް ނޭނގެއެވެ. ޚުދު ތަހުނިޔާއަށްވެސް ، އެކަން އެންމެ ރަނގަޅަކަށް އިޙްސާސެއް ނުކުރެވެއެވެ. މުރުތަޟާގެ ހާސްކަމާއި ކަންބޮޑުވުމުގެ ހެއްކަކީ ، ތަހުނިޔާމެންގެޔަށް މުރުތަޟާ ދިޔައިރު ހުސްފަޔާ ހިނގާފައި ދިއުމެވެ. އެއީ ، ތަހުނިޔާއާމެދު މުރުތަޟާގެ ހިތުގައި އޮތް ކަންބޮޑުވުމުގެ ހެއްކެއްކަމަށް ތަހުނިޔާއަށް ޤަބޫލުކުރެވުނެވެ.

" އަންހެނުންނަކީ ކިހާ ނަސީބުގަދަ ބައެއް ހެއްޔެވެ ؟ އަންހެނުން ރޯތަން އެހެންމީހުންނަށް އެބަ ފެނެއެވެ. އެކަމަކު ، ފިރިހެނަކު ، ކިތަންމެ ބޮޑު ތަކުލީފެއްގައި ހުއްޓަސް އެއްވެސްމީހަކަށް ފެންނަ ކަމަކަށް ނުވެއެވެ. " މުރުތަޟާ އެރޭ އެބުނީ ވަރަށްގިނަ ވާހަކައެވެ.

ތަހުނިޔާ ތެދުވެގެން ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ. އޭރު ، ޠާހިރާ އުޅެނީ ބަދިގޭގައި އަރުސަލާނަށް އިންޓޯލް ހަދައިދޭށެވެ. އަރުސަލާންވެސް އެތާ ހުށްޓެވެ. އެހެންނަމަވެސް ، ދިހަވަރަކަށް މިނިޓް ތެރޭ ބަސް އަންނާނެ ވާހަކަ ބުނެފައި ، އަރުސަލާން އެނބުރި ދިޔައެވެ.

ތަހުނިޔާއަށް ބަދިގެޔަށް އާދެވުނުއިރު ، ޠާހިރާ މަސައްކަތުގައި ހުއްޓާ ފެނުނެވެ. ޠާހިރާއާ ދިމާއަށް ވައްކަޅިއަކުން ބަލައިލުމަށްފަހު ، އިތުރަށް ބަލައިލާކަށް ތަހުނިޔާއަކަށް ނުކެރުނެވެ. ލަދުންގޮސް ، އެއްޗެކޭ ބުނާކަށްވެސް ނުކެރުނެވެ. ތަހުނިޔާ އައިސް ، ބަދިގޭ މަސައްކަތް އޭނާއާ ޙަވާލުކޮށްފައި ، އަރުސަލާން ތައްޔާރުކުރުމަށް ޠާހިރާ ދިއުމަށް އެދުނެވެ. މުރުތަޟާއަށްވެސް ނާސްތާ ތައްޔާރުކުރާނީ އޭނާކަމަށް ބުންޏެވެ.

މުރުތަޟާއަށް ނާސްތާ ތައްޔާރު ކުރާނެވާހަކަ ، ތަހުނިޔާގެ ދުލުން ބޭރުވުމާއެކު  ޠާހިރާގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އަދި އެކަމަށް ތަހުނިޔާއަށް ފުރުސަތު ދެމުން ޠާހިރާ ބަދިގެއިން ނުކުތެވެ.

އޮފީހަށްދާން ތައްޔާރުވެގެން ނުކުމެ ، ސައިތަށްޓެއް ގެނެސްދިނުމަށް ޠާޙިރާއަށް ގޮވާލާފައި މުރުތަޟާ ބުންޏެވެ. އޭރުހުރީ ވަރަށް ލަސްވެސް ވެފައެވެ. މުރުތަޟާ ނިންމައިގެން ހުރީ އެއްޗެއްނުކައި ، ސައިތަށި ބޯލައިގެންދާށެވެ. މުރުތަޟާއަށް ސައިހަދައިގެން ތަހުނިޔާ އައިތަން ފެނުމުން މުރުތަޟާއަށް ލިބުނު ޙައިރާންކަން ފޮރުވުމަށް މަސައްކަތް ކުރިއެވެ. އަދި ، ތަހުނިޔާ އެހާ އަވަހަށް ތެދުވީ ކީއްވެތޯއާއި ސައިހެދުމުގެ ބޭނުމަކީ ކޮބައިތޯ އަހައި ، އަރާމުކޮށްލަން ، ކޮޓަރިޔަށް ދިއުމަށް ތަހުނިޔާގާތު ބުންޏެވެ.

ތަހުނިޔާއަށް ، އަރާމުކުރުން ނޫން ދެން އޮތީ ކޮންކަމެއް ހެއްޔެވެ ؟ ގޭތެރޭގެ ހުރިހާކަމެއް ކުރަނީ ޠާހިރާއެވެ. ތަހުނިޔާއަކާ އެއްވެސްކަމެއް ނުބައްސައެވެ.

" މުރުތަޟާއަށް ސައިހަދައިދޭން އަހަރެންގެ ހިތް އެދުނީއެވެ. އެއީ ، އަހަރެންގެ ހިތްހަމަޖެހުމަށް ކުރެވުނު ކަމެކެވެ. އެއްވެސް ބަދަލެއް ބޭނުންނެތި ، އިންސާނާއަށް ބައެއްކަހަލަ ކަންކަން ކުރަން ޖެހޭނެއެވެ. އަހަރެމެން އެހެންމީހުންނަށް އުނދަގުލާއި ތަކުލީފު ދެމުންގެންދާއިރު ، ބައެއްފަހަރަށް އުފަލާއި ހިތްހަމަޖެހުންވެސް ގެނެސްދިނުމަކީ ، ރަނގަޅުކަމެއް ނޫންހެއްޔެވެ ؟ " ހިނިތުންވެލައިގެންހުރެ ތަހުނިޔާ ބުނެލިއެވެ.

ތަހުނިޔާ ވާހަކަ ދައްކަމުން ގެންދިޔައިރު ، މުރުތަޟާހުރީ ކަޅިޖަހައިނުލާ ތަހުނިޔާގެ ލޮލަށް ބަލަހައްޓައިގެންނެވެ. ތަހުނިޔާގެ ހިތުގައި އުފެދިފައިވާ ތަދާއި ތަކުލީފުގެ ތެރެއިން ، އެފަދަ ލޯބި ބަސްތަކެއް އެނެރުނު ގޮތަކާމެދު ، މުރުތަޟާ ޢަޖައިބު ވިއެވެ.

ތަހުނިޔާގެ އެ އަދާއަށް މުރުތަޟާ ޝުކުރު އަދާކުރިއެވެ. އަދި  އިށީނދެ ނާސްތާކުރަން ފެށްޓިއެވެ. އެތަން ބަލަން ދުރުގައިހުރި ޠާހިރާ ، ހިނިތުންވެލުމަށްފަހު އެތަނަށް ނައިސް ދުރަށް ދިޔައެވެ. ވާނެ އެއްޗެއްވާން ، މުރުތަޟާއާއި ތަހުނިޔާއަށް ފުރުސަތު ދިނުމަށްޓަކައެވެ.

މުރުތަޟާ އޮފީހަށް އައިސް މެންދުރުގެ ކާގަޑީގައި ނޫރުއާ ބައްދަލުކުރިއެވެ. އަދި ، ކުރީދުވަހާއި އެރޭ ހިނގައިދިޔަ ކަންކަމުގެ މަޢުލޫމާތު ނޫރުއަށް ކިޔައިދިނެވެ. ނޫރުއަށް ފެނުނުގޮތުގައި ، އެންމެންގެ ފަރާތުން އެއަންނަ ޕްރެޝަރ ، މުރުތަޟާ ބަލައިގަންނަން ވެއްޖިއްޔާ ، އެމީހުންނަށް ހިތްހަމަޖެހިލައިގެން އުފަލުގައި އުޅެވޭނެ ދުވަހެއް ނުފެންނާނެއެވެ.

ނޫރުއަކީ ފިސާރި އަންހެނެކެވެ. ނޫރުއެހުރީ ، މުރުތަޟާއާ ކައިވެނި ކުރުމަށްޓަކައި ކޮންމެ މީހަކާ އަދި ކޮންމެ ކަމަކާ ކުރިމަތިލާންޖެހުނަސް ތައްޔާރު ވެގެންނެވެ. އެކަމަކު ، މުރުތަޟާ ދައްކަމުން ގެންދަނީ ، ހަމަ އެއްވާހަކައެކެވެ. މުރުތަޟާ އަބަދުވެސް އެކުރާ ކަމަކީ ، ކުރިމަތިވެދާނެ ކަމަކުން ނޫރު ބިރުގެންނެވުމެވެ. ނޫރުއިނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.

" ނޫރުއެވެ ! ބިމު އަޑިޔަށް ބޯބާނާފައި ، ވަށައިގެން އެއްވެސްކަމެއް ނުހިނގާކަމަށް ހަދަންން ، އަހަރެންނަކީ އޮސްޓްރިޗްއެއް ނޫނެވެ. ތަހުނިޔާއަކީ ، އަހަރެންގެ ޝަރުޢީ އަނބިމީހާއެވެ. އަހަރެންގާތުން ވަރިވާކަށް ތަހުނިޔާއެއް ނޭދެއެވެ. ތަހުނިޔާއަށްޓަކައި އަހަރެންގެ ހިތުގައިވަނީ ހަމްދަރުދީއެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާ އެވާހަކަ ދައްކަމުން ގެންދިޔަ ވަރަކަށް ، ނޫރުގެ ކަންބޮޑުވުން ދިޔައީ އިތުރުވަމުންނެވެ. އުއްމީދުގެ އަލިކަން ދިޔައީ ގެއްލެމުންނެވެ. މުރުތަޟާގެ ހިތުގައި ، ތަހުނިޔާގެ މައްޗަށް މިހާރު ، ހަމްދަރުދީވެސް އުފެދުނީއެވެ. ދަމުންދަމުންގޮސް ، ތަހުނިޔާއަކީ ، މުރުތަޟާގެ އަންހެނުންކަމަށް ، ހިތާއި ނަފްސުން ޤަބޫކުރާނެ ދުވަސްވެސް ލަހެއްނުވާނެއެވެ. އެއަށްފަހު ، ތަހުނިޔާދެކެ ލޯބިވާކަމަށް ދަޢުވާވެސް ކުރާނެއެވެ. ގާތްވެގެންގޮސް ، ވަކިނުވެވޭ ހިސާބަށް ދާނެއެވެ. އެއީ ، ނޫރުއަށް އެއްވެސް ޙާލެއްގައި ޤަބޫލުކުރެވޭނެ ކަންކަމެއް ނޫނެވެ.

މުރުތަޟާގެ ޙަޔާތުގައި ނޫރު ބައިވެރިކުރުމަށް ، މުރުތަޟާ ބޭނުންވާނަމަ ، ނޫރު އެހުރީ އެކަމަށް ތައްޔާރަށެވެ. ނޫރުގެ ޝަރުޠަކީ ، ނޫރުނޫން އެހެން އެއްވެސް އިންސާނަކު ، މުރުތަޟާގެ ޙަޔާތުގައި ޝާމިލްވެފައި ނެތުމެވެ.

" ތިކަހަލަ ތާކުންތާކު ނުޖެހޭ އާ ޝަރުތުތައް މަތިކުރަން ވެއްޖިއްޔާ ، އެއްވެސްކަމެއް ޙާޞިލެއް ނުވާނެއެވެ. އެންމެ ރަނގަޅެވެ. އަހަރެމެން ކައިވެނި ކުރާނީއެވެ. ކައިވެންޏަށްފަހު ، އެހެންގެޔަކަށްގޮސް އަހަރެމެންގެ ދިރިއުޅުން ފަށާނީއެވެ. އޭރަށް ، އަހަރެމެންނަށް ދިރިއުޅުމުގެ އާ ބާބެއް ފެށުނީއެވެ. އެކަމަކު ، އަހަރެންގެ މަންމައާއި ދައްތަ އަދި ތަހުނިޔާ އަބަދުވެސް އޮންނާނީ އަހަރެންގެ ޙަޔާތުގެ ބައެއްގެ ގޮތުގައެވެ. އެގުޅުންތައް އަހަރެންނަކަށް ކަނޑައެއް ނުލެވޭނެއެވެ. " މުރުތަޟާ ބުންޏެވެ.

ދެން ، ނޫރުއަށްވާނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާއާ ކައިވެނިކުރަން ނޫރު އުޅެނީ ، ނޫރުގެ ޢާއިލާގެ އެންމެންގެ ނުޤަބޫލުގައެވެ. މުރުތަޟާގެ ޙަޔާތުގައި ނޫރުއަށް އޮތް ދަރަޖަޔަކީ ކޮބައި ހެއްޔެވެ ؟ މުރުތަޟާގެ ޢާއިލާގެ އެންމެންގެ ބަދު ދުޢާއާއި ނަފުރަތު އަމާޒުވެފައި އޮންނާނީ ނޫރުއަށެވެ. މުރުތަޟާއަށްޓަކައި ، މުރުތަޟާގެ ހަގުއަނބީގެ ލަޤަބުގެ ހާރު ކަރުގައި އަޅުވައިގެން މީހުންގެ ތެރެޔަށް ނުކުތީމަ ، ނޫރުގެ މޫނުމައްޗަށް ބުރާނެ ހިރަފުސް ވަރަށް ގިނަވާނެއެވެ. އޭގެ ބަދަލުގައި ނޫރުއަށް ލިބެން އޮތީ ކޮން އެއްޗެއް ހެއްޔެވެ ؟ ބަތްތައްޓެއްގެ އެއްފަޅިއެވެ. ދެ އަނބިންގެ އަރާރުމުގައި މުރުތަޟާގެ ގަމީހުގެ ގޮށްކޮޅު ދިއުން ފޔަވައި އެހެން ކަމެއް ނުވާނެއެވެ. އެދެމީހުންކުރެ މީހަކަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެއެވެ. ނޫރުއަށް ޙައްޤުވާ މިންވަރަކީ އެއީއެއްނޫނެވެ. މުރުތަޟާދެކެ ލޯބިވެވުނުކަމަށްޓަކައި ، ނޫރުއަށް އަދަބެއް ލިބޭކަށް ނޫރު ބޭނުމެއްނޫނެވެ.

" އަހަރެން މިހުރީ ، މުރުތަޟާއަށްޓަކައި ސަތޭކައިންސައްތައިން ހުރިހާ ކަމަކުން ޤުރުބާންވާން ތައްޔާރަށެވެ. މުރުތަޟާގެ ފަރާތުންވެސް އަހަރެން އެދެނީ ، އެ ސަތޭކަ އިންސައްތަ އަހަރެންނަށް ކަށަވަރުކޮށްދިނުމަށެވެ. މުރުތަޟާގެ ޙަޔާތުގައި ، ޙަފުޞައްތައާއި ޠާހިރާ ޝާމިލްކުރަން ބޭނުންވަނީ ކީއްވެގެންކަން އަހަރެންނަށް ޤަބޫލު ކުރެވެއެވެ. އެކަމަކު ، މުރުތަޟާގެ ޙަޔާތުގައި ތަހުނިޔާ ޝާމިލްކުރުމަށް ، މުރުތަމާއަކަށް އެއްވެސް މަޖުބޫރުކަމެއް ނެތެވެ. ތަހުނިޔާ ވަރިކޮށްފައި ގެޔަށް ފޮނުވައިލާށެވެ. " ނޫރުގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ނޫރުއިނީ ރުޅިއައިސް ރަތްވެފައެވެ. ތަހުނިޔާ ވަރިކޮށްފައި ގެޔަށް ފޮނުވައިލާށޭ ނޫރުއަށް ބުނެވުމާއެކު ، މުރުތަޟާ ސިއްސައިގެން ދިޔައެވެ. ނުރުހުމުގެ ނަޒަރަކުން އޭނާއަށް ނޫރުއާ ދިމާއަށް ބަލައިލލެވުނެވެ.

 

ތަހުނިޔާގެ މަންމައާއި ބައްޕަވެސް ، އިސްލާމްއާބާދުން އަތުވެއްޖެއެވެ. މަންމައާއި ބައްޕައާ ބައްދަލުކުރުމަށް ތަހުނިޔާ އަވަސްވެގަތެވެ. އެމީހުން ގެޔަށް އައިއިރު ތަހުނިޔާހުރީ ގޭގައެވެ. އޭނާގެ އެކަނިވެރިކަމަށް ފަރުވާއެއް ލިބުނީއެވެ.

ތަހުނިޔާ އޮތީ ، މަންމަގެ އުނގުގައި ބޯއަޅާލައިގެންނެވެ. އޭނާގެ ހިތުގައިވާ ޝަކުވާތައް މަންމަގެ އުނގަށް ބަންޑުންކޮށް ، ހުސްކޮށްލުމަށެވެ. މަންމައާއި ބައްޕަ އެދޭފަދައިން ، ތަކުލީފުން ފުރިގެންވާ ، އޭނާގެ ޙަޔާތުގެ ހިތްދަތިކަމުގެ ، އެއްވެސް ޝަކުވާއެއް ނުކޮށެވެ. ތުއްތު ކުއްޖެއްފަދައިން ، މަންމަގެ އުނގުގައި ބޯއަޅަލައިގެން އޮވެ ހިތުގެ އުދާސްތަކާއި ، ލޮލަށް ޖަމާވެފައިހުރި ކަރުނަތައް އެ މަންމަގެ އުނގަށް އޮއްސަމުން ގެންދިޔައެވެ.

މަންމައާއި ބައްޕަ އޭނާ އެކަނިކޮށްލާފައި ދިޔައިމަ ، ތަހުނިޔާއަށް ރޮވުނީކަން ދެއްކުމަށް އޭނާ މަސައްކަތް ކުރިއެވެ. އަދި ، ދެން ދުވަހަކުވެސް ، އޭނާއާ ނުލައި އެއްވެސް ތާކަށް ނުދިއުމަށް އެދުނެވެ. އެހެނަސް ، ތަހުނިޔާގެ މައިންބަފައިންނަށް އެއީ މައްސަލަޔަކަށް ވެދާނެކަމަކަށް ތަހުނިޔާއަކަށް ނުވިސްނުނެވެ. ތަހުނިޔާއަކީ ، މީހަކާ އިނދެގެންހުރި ، ބޮޑު މީހެކެވެ. ކުޑަކުއްޖެއް ނޫނެވެ. އެމީހުންދާ ކޮންމެ ތާކަށް ތަހުނިޔާ ގޮވައިގެން ދާންވެއްޖެނަމަ ، މުރުތަޟާވެސް އެކަމާ ހިތްހަމައެއް ނުޖެހޭނެއެވެ. ތަހުނިޔާއަކީ މިހާރު މުރުތަޟާގެ ޙައްޤެކެވެ.

މުރުތަޟާއާއި ގޭގެ އެންމެންގެ ޙާލު ކިހިނެއްތޯ ސާޖިދާކުރި ސުއާލަށް ތަހުނިޔާ ދިނީ ވަރަށް ކުރު އަދި ފިނި ޖަވާބެކެވެ. އެންމެންވެސް ރަނގަޅޭބުނެ ނިންމައިލިއެވެ. ތަހުނިޔާގެ ލަހުޖާއިން ކުންޏެއް ޖެހިގެން އުޅޭކަން ޢާޞިފް ފާހަގަ ކުރިއެވެ. އެހެންނަމަވެސް ، އެވާހަކައެއް ޢާޞިމްވެސް ނުފެށިއެވެ.

ކައިވެންޏަށްފަހު ، މަސްއޫލިއްޔަތު އަދާކުރާ ޒިންމާދާރު އަނތްބަކަށް އެމީހުންގެ ދަރިފުޅުވީތީ ، ޢާޞިފާއި ސާޖިދާތިބީ ވަރަށް ހިތްހަމަ ޖެހިގެންނެވެ. އެގެވެސް އޮތީ އެކީއެކައްޗަކަށް ސާފުކޮށް ރީތިކޮށްފައެވެ. ސާޖިދާމެން ، އެތައްދުވަހަކު ބޭރުގައި އުޅެފައި އައިހެންނެއްވެސް ހިއެއް ނުވެއެވެ. މެންދުރުގެ ކާނާވެސް ތަހުނިޔާ ހުރީ ތައްޔާރުކޮށްފައެވެ.

ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، ވިސްނުންތޫނު ، އަދި މީހުންގެ ލޯތްބާއި އިޙްތިރާމް ލިބިގެންވާ ، އެހާމެ ރީތި އަންހެންދަރިޔަކު ލިބުނީތީ ، ޢާޞިފާއި ސާޖިދާ ތިބީ އުފަލުން ފޮޅިފައެވެ. ހުރީ އެންމެ ކުއްޖެއްނަމަވެސް ، އެތައް ކުދިންނެއްގެ ފަރާތުން ، އެދެމަފިރިންނަށް ލިބޭނެ ހިތްހަމަ ޖެހުމާއި އުފާ ، ތަހުނިޔާގެ ނަސީބުން އެކަނިވެސް އެމީހުންނަށް އެބަ ލިބެއެވެ. އެ ދަރިފުޅު ، އެމީހުންނަށް އެ ދޫކޮށްލެވުނީ ، ރަނގަޅު އަދި އޯގާތެރި ފިރިހެނެއްގެ އަތްމައްޗަށެވެ. އެހާމެ ރަނގަޅު ގެޔަކަށެވެ. އެގޭ އެންމެންވެސް ، ތަހުނިޔާއަށް އެހާ ހެވެވެ. އެހާ ލޯބިވެއެވެ. އެހާމެ އަޅައިލައެވެ. އެއަށްވުރެ ބޮޑު އުފަލެއް ، ދަރިއެއްގެ ފަރާތުން މައިންބަފައިންނަށް ލިބިދާނެ ހެއްޔެވެ ؟ ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.