ފެބުރުވަރީ މަހު މީރާއިން 2.33 ބިލިއަން ރުފިޔާ ބަލައިގަނެފި

ފެބުރުވަރީ 2024 ގައި މީރާއަށް 2.33 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މީރާއިން މައުލޫމާތު ދީފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %33.7 އިތުރު އަދަދެކެވެ. އަދި، ފެބުރުވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %22.3 ގިނަ އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2023 ގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު ފެބުރުވަރީ 2024 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީ، ބޭންކް ޕްރޮފިޓް ޓެކްސް އަދި އެކްސްޕަޓްރިއޭޓް ކޯޓާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުމެވެ.

މި ގޮތުން، ޖަނަވަރީ 2023 އާ އަޅައިބަލާއިރު ޖަނަވަރީ 2024 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އިންސައްތަ 11.5% އިތުރުވުމުގެ ސަބަބުން، ފެބުރުވަރީ 2024 ގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ފެބުރުވަރީ 2023 އާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެކްސްޕަޓްރިއޭޓް ކޯޓާ ފީ އިން އާމްދަނީ ނަގަން ފަށައިފައިވަނީ 2023 ވަނަ އަހަރުގެ މާރިޗު މަހުން ފެށިގެން ކަމުގައިވާތީ، އެއަހަރުގެ ފެބުރުވަރީ މަހު މި އާމްދަނީ ބަލައިގަނެފައި ނުވާތީ އަދި ފެބުރުވަރީ 2024 ގައި މި އާމްދަނީ ބަލައިގަނެފައި ވާތީ، މިދިޔަ އަހަރާއި އަޅައިބަލާއިރު ޖުމްލަކޮށް ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ.

ހަމައެއާއެކު، ބޭންކް އިންކަމް ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ، މި މުއްދަތުގެ ތެރޭގައި ލިބިފައިވާތީ، ފެބުރުވަރީ މަހު ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، ފެބުރުވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޖީ.އެސް.ޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވުން އަދި ބޭންކް އިންކަމް ޓެކްސް އާއި ޓޫރިޒަމް ލޭންޑް ރެންޓް ދައްކަންޖެހޭ ސުންގަޑިއަށް ދައްކައިފައިނުވާ ބައެއް ފައިސާ މި މުއްދަތުގެ ތެރޭގައި ލިބިފައިވުމެވެ.

މީގެ އިތުރުން، ޖަނަވަރީ 2024 ގައި ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 4% އިންސައްތަ އިތުރުވުމުގެ ސަބަބުން، ފެބުރުވަރީ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ ލިބިފައިވާ އާމްދަނީ އިތުރުވެފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ފެބުރުވަރީ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.63 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.6 246.36 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 102.85 މިލިއަން ރުފިޔާ، އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 91.08 މިލިއަން ރުފިޔާ، ޑިޕަރޗަރ ޓެކުހުގެ ގޮތުގައި 89.48 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 168.78 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފެބުރުވަރީ 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 100.34 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.