މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އެ މިނިސްޓްރީން މިއަހަރުގެ ރަމަޟާންމަހުގެ ހަނދާއި ބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވި ރަސްމީ ޖަލްސާގައެވެ.
ޖަލްސާގައި އިއްވި ރޯދަ މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވާ ގޮތުން، މާދަމާއަކީ މި އަހަރުގެ މުލަ ރޯދަ ދުވަސް ކަމަށް ހަމަޖެއްސީ، ޝައުބާން މަހުގެ 29 ދުވަސް ހަމަވެ، އެ މަހުގެ 30 ވިލޭ ރޭ އިސްލާމީ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމަށް ފަހުގައި ހަނދު ފެންމަތީގައި ހުރިކަން ޝަރުއީ ހަމަތަކުން ސާބިތުވެފައި ވާތީއެވެ.
އެހެންވެ، ހަނދު ސާބިތު ކުރުމުގައި ރާއްޖޭގައި އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ ކަމަށް އެ ބަޔާނުގައިވެއެވެ.
މާދަމާ އަކީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ސައުދީ އަރަބިއާއިން ވެސް ވަނީ ކަނޑައަޅައިފައެވެ.
މާދަމާ ރޯދަމަސް ފެށޭއިރު، މާދަމާ ސަރުކާރުގެ ހުރިހާ އޮފީހެއް ބަންދުވާނެއެވެ. ރޯދަ މަހު ފުރަތަމަ 19 ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަސްތައް ކަމުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.