ބާސެލޯނާ މޮޅުވެ ރެކޯޑާ ގާތަށް

ސްޕެނިޝްލީގުގެ ތާވަލްގެ އެންމެ ކުރީގައިއުޅޭ ބާސެލޯނާ ވަނީ ރަށުން ބޭރުގައި އެއިބާ އަތުން 2-0 އިން މޮޅުވެ ލީގުގައި އެޓީމުން ބަލިނުވެ ފުރިހަމަ ކޮށްފައިވާ ރެކޯޑާ އެއްވަރުކޮށްފައެވެ.

ބާސެލޯނާ އިން ލީގުގައި ބަލިނުވެ 31 މެޗު ހަމަކޮށްފައިވާއިރު އެ ޓީމު އެންމެ ފަހުން ބަލިވީ މިދިޔަ އަހަރުގެ އޭޕްރިލް 8 ވަނަ ދުވަހު މަލާގާ އަތުންނެވެ.

މެޗު ފެށިގެން އެއިބާއިން ވަރަށް ރަނގަޅަށް ކުޅެމުން ދަނިކޮށް ބާސެލޯނާ އިން ލީޑްނެގީ 16 ވަނަ މިނެޓުގައި ލިއޮނަލް މެސީ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް އެވެ. އޭގެ ތިންމިނެޓުފަހުން އެއިބާގެ ފަބިއަން އޮރެޔަނާ އަށް ވަނީ ލަނޑުޖަހާނެ ވަރަށް ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާ ފޮނުވާލި ބޯޅަ ހުރަސްދަނޑީގައި ޖެހީފައި ދިޔައީ ބޭރަށެވެ.

މި މެޗުގައި އެއިބާއަށް އިތުރު މައްސަލަތައް ދިމާވީ 66 ވަނަ މިނެޓުގައި އެޓީމުގެ ފަބިއަން އޮރެޔަނާއަށް ދެވަނަ ރީނދޫކާޑާއެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. އޭގެފައިދާނަގައި ބާސެލޯނާއިން ވަނީ މެޗު ނިމެން ދެމިނެޓަށް ވެފައިވަނިކޮށް އިތުރު ލަނޑެއް ޖަހައި މެޗުން ތިން ޕޮއިންޓް ޔަޤީންކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާ އެވެ. މިއީ މިސީޒަނުގައި ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ރޭގެ މެޗުން ހޯދީ ތިން ޕޮއިންޓާއިއެކު ބާސެލޯނާ އިން ވަނީ ތާވަލުގެ އެއް ވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެއީ ކުޅުނު 24 މެޗުން 62 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތީ އެއްމެޗު މަދުންކުޅެ 52 ޕޮއިންޓާއިއެކުގައެވެ. މިރޭ އެތުލެޓިކް މެޑްރިޑް އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާމެޗުން އެޓީމު މޮޅުވެއްޖެ ނަމަ ބާސެލޯނާ އާއި ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަވާނެއެވެ.

ސްޕެނިޝްލީގުގައި ރޭ ކުޅެވުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ލަސް ޕަލްމަސް އަތުން ސެވިއްޔާ 1-2 އިން މޮޅުވިއިރު އަލަވޭސް ވަނީ ފުލުން ދެވަނައިގައިއުޅޭ ޑިޕޯޓީވޯ ލަކަރޫނިއާ 0-1 އިން ބަލިކޮށްފައެވެ. ރޭގެ ފަހުމެޗުގައި ތިންވަނައިގައި އޮތް ވެލެންސިޔާ ވަނީ ރަށުން ބޭރުގައި ކުޅެ މަލަގާ އަތުން 1-2 އިން މޮޅުވެފައެވެ. މަލަގާއިން ފުރަތަމަ ހާފުގައި ލަނޑެއް ޖަހާފައިވަނިކޮށް ވެލެންސިޔާއަށް އެއްވަރުކޮށްދިނީ ފްރާންސިސް ކޮކުލީން އެވެ. ފަހުލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޑެނިއަލް ޕަރޭހޯއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.