( އާ އަހަރުގެ ހެޔޮއެދުންތަކާއެކު ، ދިގުކޮށްލިޔެ ހަދިޔާ ކުރެވިފައިވާ ބަޔެއް )
( 27 ޑިސެމްބަރ 2023 ގައި ޝާއިޢުކުރި ބަޔާ ގުޅޭ )
މުރުތަޟާ އައުން އެރޭވެސް ، ލަސްވެއްޖެއެވެ. ވެގެން އުޅޭގޮތެއް ތަހުނިޔާއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. އެމީހުން އެއައީ އެކުގައި ވަގުތު ހޭދަކުރާށެވެ. ކޮންމެ ގޮތަކަށް ކުރެވުނު ކައިވެންޏެއްކަމަށްވިޔަސް ، އެދަތުރަކީ ، ކައިވެންޏަށްފަހު ، މުރުތަޟާއާއި ތަހުނިޔާ އެއްބަސްވެގެން އައި އެމީހުންގެ ހަނީމޫން ދަތުރެވެ. އެހެން ލޯބިވެރިން ، ކައިވެނީގެ އުފާވެރި ގުޅުމަކުން ގުޅުމަށްފަހު ، އެ އަންނަ ހަނީމޫން ދަތުރާ ، އެމީހުންގެ ދަތުރު ތަފާތުވާނެކަން ތަހުނިޔާއަށްވެސް އެނގެއެވެ. މުރުތަޟާއަށް ، އަދި އަމްދުން އެކަން އެނގޭނެއެވެ. އެކަމަކު ، އެދަތުރުގައި ކަން އެހިނގަނީ ތަހުނިޔާ ހީކުރިގޮތަކަށްނޫނެވެ. މުރުތަޟާ އޭނާގެ ގާތުގައި ހުންނައިރު އެހުންނަނީ އެހާ ހަމަޖެހިފައެވެ. އެހެނަސް ، އޭނާއާދުރަށް ، ބޭރަށް ހިނގައްޖެއްޔާ ކޮންމެ ފަހަރަކުވެސް އެހާ ލަސްވެއެވެ. ދުރަށްޖެހިލާނެ ފުރުޞަތެއް ލިބިއްޖެއްޔާ ތަހުނިޔާއާ ދުރަށްގޮސް ، ވާނުވާއެއް ނޭނގި އެތައް އިރަކަށް ގެއްލެއެވެ.
ތަހުނިޔާއިނީ ، އޭނާގެ ހިތުގައި އުފެދި އެނބުރެމުންދާ ސުއާލުތަކުގެ ހާސްކަމުގައި ތާށިވެފައެވެ. ކޮޓަރީގެ ބޭރުގައި ، ހީފިލުވަން އަންދަން ހުރި ދަރުތައް ރޯކޮށްގެން ، އުފެދިފައިވާ އަލިފާންގަނޑުގެ ޖެހޭ ނުޖެހޭ ހިސާބުގައި އިން އިރުވެސް ، އަނގުރު އަލިފާނުން އަރަމުންދާ ހޫނުން އޭނާގެ ހަށިގަނޑަށް ހޫނުކަމެއް ނުލިބެއެވެ. ދެއަތް ދެއަތަށް ކާއްތަމުން ، ދެއަތުން އޭނާގެ ހަށިގަނޑުގައި ބައްދައިލަމުން ގެންދިޔައެވެ. ކުރިމަތީ އަނދައި ރޯވަމުން ނޫކުލަ އަރަމުން އެދާ އަނގުރު އަލިފާނުގެ ބޮޑެތި ހުޅުގަނޑުތަކުން ، ތަހުނިޔާގެ ފިންޏެއް ނުފިލައެވެ. މުރުތަޟާ އެދިޔަތާކަށް ދިޔަތާ އެތައް އިރެއް ވެއއްޖެއެވެ. ތަހުނިޔާގެ އެކަނިވެރިކަމަށް ، މުޅި މާޙައުލުވެސް ހެކިވެއެވެ.
އެވަގުތު ، ތަހުނިޔާގެ ތަޞައްވުރަށް އައީ ، ކައިވެންޏަށްފަހު މީހުން ހަނީމޫނަށް އަންނަން ، ގިނަފަހަރަށް ފިނިތަންތަން އިޚްތިޔާރު ކުރާ ސަބަބުގެ އިޙްސާސެކެވެ. ކުރިމަތީހުންނަ ކޮޓަރީގައިވެސް ، ހަނީމޫނަށް އައިސް ، ޒުވާންކަމުގެ ފޮނިބޮމުން މަޖާކޮށް އުފާކުރަމުންދާ ދެމަފިރިޔަކު އުޅެއެވެ. އޭނާގެ ކުރިމަތިން އެފެނުނީ އޭގެ މަންޒަރެކެވެ. އެދެމީހުން އެއަންނަނީ ރެސްޓޯރެންޓަށް ގޮސް ކައިގެންނެވެ. ފިނިން ސަލާމަތްވުމަށް ، އެއްކޯޓުން ހަށިގަނޑު ނިވާކޮށްލައިގެން ، ލޯބިގޮތަކަށް ބައްދައިލައިގެން ، އިރުއިރުކޮޅުން ބޮސްދެމުން އައިސް ކޮޓަރިޔަށް އެވަތް ، ދެޒުވާނުންގެ އެ ޙަރަކާތްތަކަކީ ، ފިނިމާޙައުލަކަށް ބަޔަކު އައިސް ހަނީމޫންގެ އުފާ ހޯދަމުންދާނެ މިސާލެކެވެ.
އެދެޒުވާނުންގެ ކޮޓަރީގެ ބޭރުފަރާތުން ފަރުދާހުރީ ކަހައިލެވިފައެވެ. އެތެރެއިން ހުރީ ބޮކި ދިއްލާފައެވެ. ކޮޓަރީގެ ބޭރަށް ހުންނަ ބިތުގައިހުރީ ކަޅުބިއްލޫރިއެވެ. ކަޅުބިއްލޫރިއަކީ ނުރައްކާ އެއްޗެކެވެ. ކެހިދޭ އެއްޗެއްވެސް މެއެވެ. ކަޅުބިއްލޫރިޔަކީ ބައެއްމީހުންނަށް ހީވެފައި އޮންނަ ގޮތުގައި ކޮޓަރީގެ އެތެރެ ނުފެންނަގޮތަށް ހަދަންވެގެން ޖަހާފައި ހުންނަ ބިއްލޫރިއެކެވެ. އެހެނަސް ، ކަޅު ކޮންމެ ބިއްލޫރިއެއް އެހެންނެއް ނުވާނެއެވެ. ކަޅުބިއްލޫރީގެ ބައެއް ވައްތަރުގައި ، ކޮޓަރީގެ އެތެރެއިން ބޮކި ދިއްލައިފިނަމަ ، ކޮޓަރިތެރެ ބޭރަށް ފެންނާނެއެވެ. ބިތުގެ ފަރުދާ ކަހާލާފައި ހުރެއްޖެނަމަ ، ކޮޓަރިތެރެ އެއްކޮށް ފެންނާނެއެވެ.
ތަހުނިޔާގެ ކޮޓަރީގެ ބޭރުން ގޯތިތެރޭގައި އެކަނި އިނދެ އަލިފާން އަންދަމުން ، އަނގުރު އަލިފާނުގެ ހޫނުން ހީފިލުވުމަށް މަސައްކަތް ކުރަމުން ގެންދިޔައިރު ، އޭނާގެ ކުރިމަތިން އެ ފެންނަނީ ، ހަމަ ދެންމެ އޭނާގެ ކުރިމަތިންލާފައި ދިޔަ ދެމަފިރިން ކޮޓަރިޔަށް ވަދެ ، އެކަކު އަނެކަކަށްޓަކައި ކެތްމަދުވެފައިތިބި މަންޒަރެވެ. ކޮޓަރީގެ ފަރުދާ ހުރީ ކަހައިލެވިފައެވެ. އެމީހުންގެ ވިސްނުމުގައި ކޮޓަރީގެ އެތެރެ ، ބޭރަކަށް ނުފެންނާނެއެވެ. އެހެނަސް ، ތަހުނިޔާއަށް ، އެމީހުން ރީތިކޮށް އެބަ ފެނެއެވެ.
ކޮޓަރިޔަށް ވަނުމާއެކު ، ހަށިގަނޑު ނިވާކޮށްލައިގެން ތިބި ދިގު ކޯޓު ، ސޯފާމައްޗަށް އެއްލައިލިއެވެ. އެމީހުންގެ ގައިގައި ބާލާކަށް މާގިނަ އެއްޗެއް ނެތެވެ. ދެމީހުންވެސް ލައިގެންތިބީ ޓީޝާޓެވެ. އެކަކު އަނެކެއްގެ ޓީޝާޓް ބާލައިދިނެވެ. އެކަކު އަނެކަކަށް ނުހަނު ލޯބިން ފިރުމައި ބޮސްދެމުންގޮސް ، ފިރިހެންކުއްޖާ އަންހެންކުއްޖާ އުރާލިއެވެ. މަޑުމަޑުން ހިނގާފައި އައިސް ، އެނދުމައްޗަށް ވައްޓައިލިއެވެ. އެއީ ، ތަހުނިޔާއަށް އާ މަންޒަރެކެވެ. ދުވަހަކުވެސް ކުރެވިފައިނުވާ އިޙްސާސެކެވެ. ދުވަހަކުވެސް ހަމަލޮލުން ދެކެފައިނުވާ ، އަދި އަމިއްލަ ނަފުސަށް އިޙްސާސްކޮށްލަން ލިބިފައިނުވާ ލޯބި ، އުފާވެރިކަމެކެވެ. ތަހުނިޔާ ނުބަލަން އިނަސް ، ދިމާކުރިމަތިން ފެންނަމުން އެދާ ކަންކަމަށް ، ސިއްރު ސިއްރުން ނަމަވެސް ، ބޭއިޚްތިޔާރުގައި ބަލައި ލެވެއެވެ. ގައިން ހީބިހި ނަގައި ، ހަށިގަނޑަށް ލިބިފައިވާ ފިނީގެ އަސަރު ކެނޑި ، ދާހިއްލާވަރަށް ހަށިގަނޑު ހޫނުވިއެވެ. އެވަގުތު ، ތަހުނިޔާ ސިއްސުވައިލީ ފޯނުގެ ރަނގަބީލުގެ އަޑަށެވެ. އެވާނީ މުރުތަޟާ ކަމަށެވެ. ފޯނު ނަގައި ބަލައިލިއެވެ.
އެއީ ތަހުނިޔާގެ މަންމަ ، ސާޖިދާގެ ފޯނެކެވެ. ފޯނު ނެގުމާއެކު މަންމަޔަށް ސަލާމް ގޮވައިލިއެވެ. ސަލާމް ބަލައިގަތުމާއެކު ، ސާޖިދާ އެންމެ ފުތަމަވެސް އެހީ ، އޭނާގެ ދަރިފުޅުގެ ޙާލު ކިހިނެއްތޯއެވެ ؟ އޭނާގެ ޙާލު ރަނގަޅުކަމަށާއި މަންމައާއި ބައްޕަގެ ޙާލު އަހައި އޮޅުން ފިލުވިއެވެ.
ސާޖިދާއަށް ފޯނު ކުރެވުނީ އެންމެ ރަނގަޅު ގަޑީގައި ނޫންކަމަށް ވެދާނެއެވެ. އެއީ ، ކައި ނިމިގެން ނިދަން ތައްޔާރުވާނެ ގަޑިއެވެ. އެހެންކަމުން ، މުރުތަޟާ ކިހިނެއްތޯއާއި ، އޭނާއަށް އެ ފޯނުކޮށްލެވުނީ ، އެދެމީހުންނަށް އުނދަގޫ ވަގުތެއްގައިތޯ ސުއާލު ކުރިއެވެ. މުރުތަޟާވީ ބޭރުގައި ކަމަށާއި މިވަގުތު އޭނާ އެއިނީ ކޮޓަރިން ބޭރުގައި ، އަލިފާންގަނޑެއް ޖަހައިގެން ، ހަށިގަނޑު ހޫނުކޮށްލަން އެކަނިކަމުގައި ބުނެ ، ތަހުނިޔާއަށް ދެވުނު ޖަވާބަކީ ، ސާޖިދާއަށް އެހާ އަޑުއަހަން ފަސޭހަ ޖަވާބަކަށް ނުވިއެވެ.
" އެކަނި ތިއިނީ ކީއްވެ ހެއްޔެވެ ؟ މުރުތަޟާ ހުންނަންވާނީ ތަހުނިޔާއާ އެކުގައި ނޫން ހެއްޔެވެ ؟ މުރުތަޟާ އެކަނި ބޭރަށްދާން ފުރުޞަތުދެނީ ކީއްވެހެއްޔެވެ ؟ ދެމީހުން ތިބެންވާނީ އެކުގައި ނޫން ހެއްޔެވެ ؟ " ސާޖިދާގެ ހިތުގައިހުރި ސުއާލުތައް އޮއްސައިލިއެވެ.
މަންމަގެ އެ ސުއާލުތަކަކީ ، ތަހުނިޔާއަށް އާ ބަސްތަކެއްނޫނެވެ. މަންމަ އެއްޗެއް ބުނަންޏާ އަބަދުވެސް ބުނާނީ އިދިކީލި ވިސްނުމުގައެވެ. އެކަމެއްގައި އޮންނަ އެންމެ ގޯސް ގޮތަކަށެވެ. އެކަމާ ، ތަހުނިޔާ އެހާ ހާހެއް ނުވެއެވެ. ތަހުނިޔާއަށް ލިބިފައި އޮތް ހާސްކަމަކީ ، މިރޭވެސް މުރުތަޟާ ބޭރަށްގޮސް މާބޮޑަށް ލަސްވުމެވެ. އެއީ ކޮންމެހެން މުރުތަޟާއާ އެކުގައި ހުންނަން ބޭނުންވާތީއެއް ނޫނެވެ. ބޭރު ތަނެއްގައި ރޭގަނޑު މާގިނައިރު މުރުތަޟާ ބޭރުގައި އުޅޭތީއެވެ. އެއީ ، ނަމެއްގައި ފިރިޔަކަށް ހުއްޓަސް ، އިންސާނަކަށްވީތީ ތަހުނިޔާގެ ހިތުގައި މުރުތަޟާއާމެދު އޮތް ކަންބޮޑުވުމެކެވެ. ގޭގައި އުޅޭއިރުވެސް ، ބައްޕަ އުޅޭނީ އަބަދު ބޭރުގައެވެ. އެކަމާ މަންމަ ކަންބޮޑުވެގެން އުޅޭނެއެވެ. އެއީ ފިރިހެނުންގެ ގޮތެވެ. ގޭގައި މަޑުވެލާކަށް ވަގުތެއް ނުލިބޭނެއެވެ. މުރުތަޟާއަކީ ، ބޭރަށްނުކުމެ ހިނގައިލަން އާދަވެފައިހުރި މީހެކެވެ. ތަހުނިޔާގެ ވިސްނުން އެހުރީ ސާޖިދާ ހީކުރި ގޮތަކަށް ނޫނެވެ. ނޫރުގެ ހިޔަޅު ބުއްދިން ތަހުނިޔާއާ ކުޅެލުމަކީ އަދި ތަހުނިޔާއާ މުރުތަޟާއާ ދެމީހުންގެ ދެމެދަށް ވަދެ ، އެ ދެމީހުންގެ ދިރިއުޅުމަށް ހުރަސްއެޅުމަކީ ، ނޫރުއަށް ދާދި ފަސޭހަ ކަމެކެވެ. ތަހުނިޔާގެ ނުވިސްނޭ ކަމާއި ނިޔަނެތިކަމާމެދު ސާޖިދާ އަބަދުވެސް ކަންބޮޑުވަނީ އެސަބަބަށްޓަކައެވެ.
" މަރީއަށް ، ނޫރުގޮސް އުޅޭކަން ތަހުނިޔާއަށް އެނގޭ ހެއްޔެވެ ؟ " ސާޖިދާގެ އެ ސުއާލުން ތަހުނިޔާ ގަނޑުވިއެވެ.
އެ ދަތުރު އައިފަހުން ނޫރުއަކާ ، ތަހުނިޔާއެއް ނުގުޅައެވެ. އެއީ މުނާސަބު ކަމެއްގެ ގޮތުގައި ތަހުނިޔާއަށް ނުފެނުނީއެވެ. އެ ދަތުރުގައި ހަމަޖެހުމުގެ ނޭވާއެއް ލެވޭނެގޮތެއް ހޯދުން އެއީ ތަހުނިޔާ ، ނޫރުއާ ނުގުޅި އެންމެ މުހިންމު ސަބަބެވެ. ނޫރުއާ ގުޅައިފިއްޔާ އެތައް ސުއާލެއް ކުރާނެއެވެ. ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެއެވެ. މުރުތަޟާގެ ވާހަކަވެސް އަހާނެއެވެ. މުރުތަޟާއަށް އެކަން އެނގިއްޖެއްޔާ ، މުރުތަޟާވެސް އެހާ ހިތްހަމައެއް ނުޖެހޭނެއެވެ. ނޫރުއައީ ކާކާ އެކީގައި ބާވައެވެ. ތަހުނިޔާ އޭނާގެ މަންމައާ ސުއާލު ކުރިއެވެ.
" ރައިދާ ބުނިގޮތުގައި ، ތަހުނިޔާމެން ފުރިދުވަހު ހަމަ އެގަޑީގައި ނޫރުވެސް މަރީއަށް ފުރިއެވެ. ނޫރު ދިޔައީ ، އޭނާގެ އޮފީހުގެ ރައްޓެހިންތަކަކާ އެކީ އޮފީސް ދަތުރެއްގައެވެ. " ސާޖިދާ ބުންޏެވެ.
އެކަހަލަ ވާހަކައެއް ނޫރު ، އޭނާގެ ގާތުގައި ބުނެފައި ނެތްކަމުގައި ތަހުނިޔާ ބުންޏެވެ. މުރުތަޟާވެސް އަދި ރައިދާވެސް އެކަހަލަ ވާހަކައެއް ނުދައްކައެވެ. ނޫރުވެސް ގުޅައެއްވެސް ނުލައެވެ. ނޫރު ، ތަހުނިޔާއާ ނުގުޅުމަކީ ސާޖިދާއަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. އެކަމާމެދު ހާސްވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ، ތަހުނިޔާގެ ކެއުމުގެ ކަންތައް އެއީ ސާޖިދާގެ ކަންބޮޑުވުމެކެވެ. އެހެންކަމުން ، ގެއިން ކާންލިބޭ އެއްޗެތި މަރީން ނުލިބޭނެކަމަށާއި ، ކާހިތްވާ ކަހަލަ އެއްޗެތި ކައިގެން ، ފިނިން ސަލާމަތްވެގެން ހުރުމަށް ސާޖިދާ އެދުނެވެ. ނޫރުއާ ދިމާވެއްޖެނަމަ ، އެހާ ގާތްކޮށް ނުއުޅުމަށާއި މުރުތަޟާއާއި ނޫރު ވާހަކަ ދެއްކިޔަ ނުދިނުމަށްވެސް ސާޖިދާ އެދުނެވެ.
އެވަގުތު ، މުރުތަޟާވެސް ތަހުނިޔާއާ ދިމާއަށް ހިނގަމުން މަޑުމަޑުން އަންނަތަން ފެނުނެވެ. ތަހުނިޔާ އެކަނި އަލިފާންގަނޑު ޖަހައިގެން އިންތަން ފެނުމާއެކު ، މުރުތަޟާގެ ހިނގުމަށް ހުއްޓުން އެރިއެވެ. ހިނިތުން ވެލުމަށްފަހު އައިސް އެތާ ހުސްކޮށްހުރި ގޮޑީގައި ޖައްސައިލިއެވެ. ތަހުނިޔާވެސް އިނީ ހޭން ނުހޭން ކަހަލަ ގޮތަކަށް މުރުތަޟާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ.
" ފިންޏަކީވެސް ހާދަ ފާޑެއްގެ އެއްޗެކެވެ. ފިނިގަދަވެގެން އެދިޔައީ ހަމަ ކުއްލިޔަކަށެވެ. " މުރުތަޟާ ބުންޏެވެ.
މުރުތަޟާގެ ވާހަކަޔަށް ތަހުނިޔާ ޖަވާބެއް ނުދެއެވެ. އޭނާވެސް މުރުތަޟާއާ ކުރީ ސުއާލެކެވެ. އެހާ ގިނައިރު ހިނގިއިރުވެސް ވަރުބަލިވެސް ނުވޭހެއްޔޭ ސުއާލުކޮށްލަމުންނެވެ. އެ ސުއާލަށް ދޭނެ ޖަވާބެއް މުރުތަޟާގެ ހިތަކަށް ކުއްލިޔަކަށް ނައެވެ. އެހެންނަމަވެސް ، ހިނގައިލުމަކުން އެހާބޮޑަށް އޭނާ ވަރުބަލި ނުވާކަމަށާއި ، ހަށިގަނޑުން ފިނިކަން ކެނޑި ހޫނުވާ ކަމުގައި މުރުތަޟާ ބުންޏެވެ. އަދި ، އޭރަކަށް ހޮޓަލަށް އަންނަން އޭނާ ހަނދާން ނުނެތޭނެކަމަށްވެސް ބުންޏެވެ.
" އެހެން ހެއްޔެވެ ؟ އެހެންވިއްޔާ ދެން ، ކޮންމެ ފަހަރަކުވެސް އަހަރެންވެސް ، މުރުތަޟާއާއެކީ ދާނަމެވެ. އޭރަށް ، ތަންކޮޅެއް އަވަހަށް މުރުތަޟާއަށް ހޮޓަލަށް އާދެވޭނެ އެވެ. " ތަހުނިޔާ ބުންޏެވެ.
ހޮޓަލަށް އައި މަގުމަތީގައި މުރުތަޟާވެސް އެއައީ އެކަމަށް ވިސްނަމުންކަމުގައި މުރުތަޟާ ބުންޏެވެ. ތަހުނިޔާވެސް އޭނާއާއެކީ ބޭރަށް ދާނެނަމައޭ ހިތަށް އެރިކަމުގައި ބުންޏެވެ. ތަހުނިޔާ އިނީ ، މުރުތަޟާގެ މޫނަށް ބަލަހައްޓައިގެންނެވެ. ދޮގާއި ތެދާ ހަދަން ވަކިނުވާ މީހެއްގެ މޫނުމައްޗަށް އަރާނެ ކުލަވަރު ތަހުނިޔާއަށްވެސް ވިސްނެއެވެ. މުރުތަޟާއަކީ ، ދޮގެއްހަދާލަންވެސް ނޭނގޭ މީހެއްކަން ކުރިންވެސް އޮތީ ތަހުނިޔާއަށް އެނގިފައެވެ. ތަހުނިޔާ އިނީކަޅިޖަހައިނުލާ މުރުތަޟާގެ ލޮލަށް ބަލަހައްޓައިގެންނެވެ. ތަހުނިޔާގެ އެ ބެލުމުގައިވަނީ ޝައްކާއި ވަހުމެވެ. މުރުތަޟާއަށްވެސް އެކަމާ އުނދަގޫވިއެވެ. ތަހުނިޔާއަށް އެނގޭ ކަމެއް އޭނާއަށް ފޮރުވޭކަމުގެ އިލްޒާމް ، މުރުތަޟާގެ އަމިއްލަ ނަފުސަށް އަޅުވަމުން ދިޔައެވެ. އެހެނަސް ، އެއިން ވާހަކައެއް ތަހުނިޔާގާތު އޭނާބުނެ ، ތަހުނިޔާއަށް އޭނާދައްކާނީ ކޮންމޫނެއް ހެއްޔެވެ ؟ އެއީ ބޭއިޚްތިޔާރުގައި އޭނާއަށް ކުރެވެމުންދާ ކަމެކެވެ. ކޮންޓްރޯލް ކުރަން ޖެހޭ އިޙްސާސްތަކެކެވެ. އެކަށީގެންވާ ސަބަބެއް ނެތްނަމަވެސް ، އެކަމުގެ ކޮންޓްރޯލް އޭނާގެ އަމިއްލަ ނަފުސަށް ލިބިގަތުމަށްޓަކައި ވަގުތު ބޭނުން ވެއެވެ. މުރުތަޟާގެ ހިތުގެ އެންމެ ބޮޑު އެދުމަކީ ، ތަހުނިޔާ އެކަން ޤަބޫލު ކުރުމެވެ. އެއީ ވެދާނެ ކަމެއްކަމަށް ތަހުނިޔާވެސް އެއްބަސް ވުމެވެ.
އެންމެން ނިދައި ފައިހިލަވަޅު އޮބިއްޖެއެވެ. ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއި ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގައި ، މުރުތަޟާއަށްވެސް އޮތީ ގަދަޔަށް ނިދިފައެވެ. ކުއްލިޔަކަށް މުރުތަޟާގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެތައް އިރަކު ފޯނުވީތަނާ ، މުރުތަޟާއަށް ހޭލެވުނެވެ. ގަޑިބަލައިލިއިރު ދެޔެއް ޖަހަނީއެވެ. ޗޮކެއް ކެނޑުމަށްފަހު ، ފޯނަށް ބަލައިލިއެވެ. މުރުތަޟާގެ ދެލޯ ބޮޑުވިއެވެ. ނިދިވެސް ފިލާ ވަރަށެވެ. ކުއްލިޔަކަށް ފުންމައިގެން ތެދުވެ ، ތަހުނިޔާއަށް ބަލައިލުމަށްފަހު ، ކޮޓަރީގެ ބެލްކަނީއަށް ނުކުތެވެ. ބެލްކަންޏަށް ނުކުންނަމުން ދެވަނަ ފަހަރަށްވެސް ތަހުނިޔާ ނިދާފައިތޯ އޮތީ ބަލައިލުމަށްޓަކައި ތަހުނިޔާއާ ދިމާއަށް ބަލައި ލެވުނެވެ. ތަހުނިޔާ އޮތީ ގަދަ ނިދީގައެވެ. ނަސީބަކުން ، ފޯނުގެ އަޑަށް ، ތަހުނިޔާއަކަށް ހެޔެއް ނުލެވެއެވެ. ބެލްކަންޏަށް ނުކުތުމަށްފަހު ، އަޑެއް ނުއިއްވާ މަޑުމަޑުން ދޮރު ލައްޕައިލިއެވެ.
އެއީ ނޫރު ފިޔަވައި އެހެންމީހެއްނޫނެވެ.
" ނޫރުލްޢައިނުއެވެ ! ކިހިނެއްވީ ހެއްޔެވެ ؟ މިގަޑީގައި ތި ގުޅަނީ ކީއްކުރަން ހެއްޔެވެ ؟ " ވައިއަޑުން މުރުތަޟާ ބުންޏެވެ.
ނޫރު އެފޯނުކުރީ އޭނާގެ ބަނޑަށް ތަދުވެގެންނެވެ. އެއްގޮތަކަށްވެސް ކެތްކުރެވޭވަރު ނުވެގެންނެވެ. މަރުވާވަރަށް އެބަ ތަދުވެއެވެ. އެއީ ނޫރު އަމިއްލަޔަށް ހެދިގެން އުޅޭގޮތެއްކަމެއް ނުވަތަ އަސްލުވެސް ބަނޑަށް ތަދުވަނީނޫންކަމެއް ބަލާކަށް މުރުތަޟާ ބޭނުމެއް ނުވިއެވެ. އެހެންކަމަށް ވަންޏާ ، ރިސެޕްޝަނާ ގުޅަންވީ ނޫންހެއްޔޭ މުރުތަޟާ ބުންޏެވެ. އެނާއަށް އެގަޑީގައި ގުޅަންވީ ކީއްވެގެން ހެއްޔެވެ ؟ ގުޅިޔަސް މުރުތަޟާއަށް ކޮށްދެވޭނީ ކޮންކަމެއް ހެއްޔެވެ ؟ އެއީ ބޭރު ސަހަރެކެވެ. ދަންނަ ޑޮކްޓަރެއް ކީއްކުރަން ހެއްޔެވެ ؟ ދަންނަ ޞިއްޙީ އެހީތެރިޔަކުވެސް މަރީގައި ނުހުންނާނެއެވެ. ރިސެޕްޝަނާ ގުޅައިގެން ޑޮކްޓަރެއްގެ އެހީ ހޯދަންވީ ނޫންހޭ މުރުތަޟާ ބުންޏެވެ.
" ގުޅައިފީމެވެ. މިތާކު ޑޮކްޓަރެއް ނެތެވެ. އެހެންނަމަވެސް މިތާ ކައިރި ހިސާބެއްގައި ހޮސްޕިޓަލެއް އެބަހުރިކަމަށް ރިސެޕްޝަނުން އެބަ ބުނެއެވެ. އަހަރެން އެ ހޮސްޕިޓަލަށް ގެންގޮސްދީފާނަން ހެއްޔެވެ ؟ އާދޭސްކޮށްފައި ބުނަމެވެ. އަހަރެން މިއޮށް މަރުވަނީއެވެ. ތިހެން ނުހަދާށެވެ. އަހަރެން ދަންނަ އެއްވެސް އެހެންމީހަކު މިތާކު ނޫޅެއެވެ. އަހަރެންނާއެކީ ހޮސްޕިޓަލާ ހަމަޔަށް ދާނެ މީހަކުވެސް މިހޮޓަލަކު ނެތެވެ. " އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެން ، ވޭނާއެކީ ނޫރު ވާހަކަދައްކަމުން ގެންދިޔައެވެ.
މުރުތަޟާއަށް އަނެއްކާވެސް ތަހުނިޔާއާ ދިމާއަށް ބަލައިލެވުނެވެ. އަދި އޭނާ އެބަދާކަމުގައި ބުނެ ފޯނު ބޭއްވިއެވެ. މަޑުމަޑުން ބެލްކަނީގެ ދޮރުތައް ލައްޕައިލިއެވެ. ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން ހުރެ ، ހެދުން ބަދަލުކޮށްލައި ބޫޓަށް އަރައިގެން ކޮޓަރިން ނުކުތެވެ.
ޑޮކްޓަރުން ބުނިގޮތުގައި ، ނޫރުގެ ބަނޑަށް ތަދުވީ ކެވުނު އެއްޗެއްގެ ވިހަ އަސަރުގެ ސަބަބުންނެވެ. ކަންބޮޑުވާނެ ކަމެއް ނެތެވެ. މާބޮޑު ކަމަކަށްނުވެ ، ރަނގަޅު ވެދާނެއެވެ. މިހާރު ދެމުން އެގެންދާ ޑެކްސްޓްރޯސް އިންޖެކްޝަން ނިމުނީމަ މުރުތަޟާއަށް އޭނާގެ އަންހެނުން ހޮޓަލަށް ގެންދެވިދާނެކަމަށް ޑޮކްޓަރ ބުންޏެވެ. އޭނާއަކީ ، މުރުތަޟާގެ އަންހެނުންގެ ގޮތުގައި ޑޮކްޓަރ ދެކެ އެވާހަކަ މުރުތަޟާގާތު ބުނުމުން ، ނޫރުގެ ދެލޯ ހުޅުވުނެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
ތިންދުވަހަށް ބޭނުންކުރަން ބޭހެއްލިޔެދީ ، ބޭސްނަގައިގެން އަންހެނުންނަށް ކާންދިނުމަށް މުރުތަޟާގާތު ޑޮކްޓަރ ބުންޏެވެ. އަދި ، މުޅިން ރަނގަޅު ނުވަންޏާ އަލުން ދައްކައިލުމަށްވެސް ބުންޏެވެ.
ޢާންމުކޮށް ފަތިސްނަމާދަށް ހޭލާ މީހަކަށްވާތީ ، ތަހުނިޔާއަށް އިރުކޮޅަކުން ހޭލެވުނެވެ. ހޭލައިގެން ބަލައިލިއިރު ، މުރުތަޟާއެއް ނެތެވެ. ނަމާދުކޮށްނިމިގެން ކޮޓަރިތެރޭ ، ތަހުނިޔާ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުށްޓެވެ. އިރުއަރަން ކައިރިވިއިރުވެސް މުރުތަޟާއެއް ނާދެއެވެ. ތަހުނިޔާގެ ހިތުގައި އުފެދެމުންދިޔަ ޝައްކު އިތުރަށް ބޮޑުވިއެވެ.
އެންމެ ފުރަތަމަވެސް ހަނދާންވީ ، ނޫރުގާތު އެމީހުން ހަނީމޫނަށް ދާ ވާހަކަ ބުނެވުނު ކަމެވެ. ދާ ދުވަހާއި ދާ ގަޑިއާއި ދާތަނުގެ މަޢުލޫމާތު ނޫރުއަށް ދެވުނު ކަމެވެ. ހަމަ އެއާއެކު ، އެރޭ މަންމަ ބުނި ވާހަކަތައް އިތުރަށް ހަނދާން ވިއެވެ. މަންމަ ބުނިގޮތުގައި ، ނޫރުވީ މަރީގައެވެ. ނޫރުއާ އެމީހުންނާ ދިމާވެގެން ރަނގަޅެއް ނުވާނެއެވެ. ނޫރުއާ ދިމާވިޔަސް މާގާތްކޮށް ވާހަކަ ދައްކައި ، ޚާއްޞަކޮށް މުރުތަޟާއާއި ނޫރު ބައްދަލުވިޔަދީގެން ނުވާނެކަމަށް މަންމަ އޮތީ ބުނެފައެވެ.
ނޫރު މަރީއަށް ފުރީ އެމީހުންނާ އެއްދުވަހެއްގައި އެއްގަޑިއެއްގައެވެ. އެއީ އިއްތިފާޤަކަށް ވެދާނެ ހެއްޔެވެ ؟ އޮފީސް ދަތުރެއް ރޭވިފައި ކުރިން އޮތްނަމަ ، ތަހުނިޔާގާތު ނޫރު އެވާހަކަ ނުބުނަންވީ ސަބަބެއް ކޮބައި ހެއްޔެވެ ؟ އެއީ ، ތަހުނިޔާމެން މަރީއަށް ދާތީ ، ގަސްތުގައި ރާވައިގެން ނޫރު ހަމަޖެއްސި ދަތުރަކަށް ނުވެދާނެ އެއްވެސް ގޮތެއް އެބަ އޮތް ހެއްޔެވެ ؟ ތަހުނިޔާގެ ހިތުގައި އެތައް ސުއާލުތަކެއް އުފެދެމުން އެބަ ދެއެވެ. މުރުތަޟާ ބޭރަށްގޮސް ލަސްވުމަކީ އަދި ވަކިން ބޮޑަށް ސުއާލު އުފެދޭ ކަމެކެވެ. އެއީ މުރުތަޟާއާއި ނޫރުއާ ދެމީހުން ރާވައިގެން ހަމަޖެއްސި ކަމެއްނޫން ބާވައެވެ. މަރީއަށް ނޫރު އައިސް އުޅޭކަން މުރުތަޟާއަށް އެނގޭނެއެވެ. އެކަން އެނގިހުރެ ، އެއީ ރޭވުމެއް ނޫންކަމަށް ވާނަމަ ، އެވާހަކަ ތަހުނިޔާގާތު މުރުތަޟާ ނުބުނަންވީ ސަބަބެއް ނެތެވެ. ނޫރުވެސް އަދި މުރުތަޟާވެސް އެކަން އެއޮތީ ތަހުނިޔާއަށް ސިއްރު ކޮށްފައެވެ. ހުރިހާ ކަމެއް ސިއްރުކޮށްގެން ހުރެ މުރުތަޟާވެސް ، ތަހުނިޔާއަށް ސިއްރުން ނޫރުއާ ބައްދަލުކުރަމުން ގެންދަނީއެވެ. މުރުތަޟާގެ ޢަމަލުތަކާއި ބަސްމަގުން ، އެކަން ތަހުނިޔާއަށް އިޙްސާސް ނުކުރެވޭ ވަރެއްނޫނެވެ.
އެދެމީހުންގެ ތެދުވެރިކަމެއް ކިރިޔާވެސް ހުރިއްޔާ ، ނޫރުވެސް މަރީއަށް އައިސް އުޅޭ ވާހަކަ ރީތިކޮށް ބުނަންވީ ނޫން ހެއްޔެވެ ؟ އެކަންވާނީ ތަހުނިޔާއަށްވެސް ލިބޭނެ ހިތްހަމަ ޖެހުމަކަށެވެ. އެކަމަކު ، ސިއްރުން ދެމީހުން ރާވައިގެން ބައްދަލުކުރުން އެއީ އެދެމީހުންގެ ފަރާތުން ތަހުނިޔާއަށް ދޭ ކެއްސެކެވެ. ޙީލަތްތެރި ، މަކަރުވެރި ޢަމަލެކެވެ. އެއީ ފިރިއެއްގެ ފަރާތުންވެސް އަދި އެންމެ ގާތް ރަޙުމަތްތެރިޔާގެ ފަރާތުންވެސް ލިބެން ، އަންހެނަކަށް ކެތްކުރެވޭނެ ކަމެއްނޫނެވެ. ތަހުނިޔާ ޤަބޫލުކުރަން ބޭނުން ނޫންކަމަށްވިޔަސް ، މުރުތަޟާވެސް އަދި ނޫރުވެސް އޭނާއަށް އެހަދަނީ މަކަރެވެ.
ތަހުނިޔާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ، މުރުތަޟާއައިސް ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަނެވެ. ތަހުނިޔާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިތަން ފެނުމާއެކު ، މުރުތަޟާއަށް ސިހުން ލިބުނެވެ. ވާހަކަ ދައްކަން ފަށްޓާނެގޮތެއް މުރުތަޟާއަކަށް ނުފެނުނެވެ. އަނގަ ހުޅުވައިލާނީވެސް ކީކޭ ކިޔާފައިކަމެއް ނޭނގުނެވެ. އޭނާއަށް އެ އާދެވުނީ ، ދަމައިލި ކަނޑީގެ މިޔަމައްޗަށް ކަން އިޙްސާސް ވިއެވެ. މުރުތަޟާ ކޮޓަރިޔަށް ވަނުމާއެކު ، އޭނާއާ ދިމާއަށް ތަހުނިޔާ ހިނގައިގަތެވެ.
" ރޭ ހަތަރުދަމު މުރުތަޟާ ތިއުޅުނީ ބޭރުގައެވެ. ކޮޓަރިތެރެޔަށް އަހަރެން އެކަނި ދޫކޮށްލާފައި އަހަރެންނަށް ވަގަށް ދަންވަރު މުރުތަޟާ ތިދިޔައީ ކޮންތާކަށް ހެއްޔެވެ ؟ އެންމެ ކުޑަމިނުން އަހަރެންގާތު ބުނެވެސް ނުލައެވެ. ދަންވަރު ހިނގާލަން ދާންޖެހުނެއްކަމަކު ، އަހަރެންނަށް ނިދިފައި އޮތަސް ގޮވާލާފައި ބުނެލިނަމަ އެވެ. " ތަހުނިޔާ ބުންޏެވެ.
ތަހުނިޔާގެ ސުއާލުތަކަށް ކޮންމެ ފަހަރަކު ދޮގުހަދައި ހުއްޖަތެއް ދެއްކުމަކީ ، މުރުތަޟާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. އަޅައަޅައިގެންފައި މުރުތަޟާއަށް ބުނެވުނީ ހަމައެކަނި ނޫރުލްޢައިނުގެ ނަމެވެ.
ކޮން ނޫރުލްޢައިނެއް ހެއްޔެވެ ؟ ނޭނގޭކަމަށް ހަދަމުން ، އެހެނަސް ، އޭނާއަށް ކަންތައްތަކެއް އެނގޭކަން ދޭހަވާ ގޮތަކަށް ތަހުނިޔާ ބުންޏެވެ. ނޫރުލްޢައިނުވެސް ، މަރީއަށް އައިސް އެބައުޅޭކަމުގައި މުރުތަޟާ ބުންޏެވެ. ރޭގައި އޭނާ އެދިޔައީ ނޫރު ބަލިވެގެން ގުޅީމަ ، ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދައްކާފައިކަމަށްވެސް ބުންޏެވެ. މިފަހަރު ، ދޮގެއް ހަދާކަށް މުރުތަޟާއަކަށް ނޭނގުނެވެ. ނުވަތަ އޭނާގެ ޟަމީރު އެކަމަށް އެއްބަހެއް ނުވިއެވެ.
ތަހުނިޔާގެ ލޮލުން ހިލެމުންދިޔަ ކަރުނަ މުރުތަޟާއަށް ފެނުނެވެ. ހަމަ މިހާރު ، ހެނދުނު ހެނދުނާ އޭނާ ކަރާޗީއަށް އަނބުރާ ދާން ބޭނުންވާކަމުގައި ތަހުނިޔާ ބުންޏެވެ.
ތަހުނިޔާ އެހެން އެބުނި ސަބަބެއް މުރުތަޟާއަކަށް ނުވިސްނުނެވެ. އެނގުނުހާވެސް އެއްޗަކީ ، ތަހުނިޔާހުރީ ވަރަށްބޮޑަށް ހިތުގައި ޖެހިފައި ކަމެވެ. އެއީ ، އޭނާއާ ކައިވެނިކުރި ފަހުން ، ތަހުނިޔާގެ ލޮލުން ކަރުނަ އައިތަން ފެނުނު ފުރަތަމަ ފަހަރެވެ. ތަހުނިޔާހުރީ ހިތަށް ތަދުވެ ، ހިތްފަޅައިގެންދާވަރު ވެފައިކަން އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން މުރުތަޟާއަށް އެނގުނެވެ. މުރުތަޟާގެ ހިތަށްވެސް އެކަމުން އަސަރު ކުރިއެވެ.
" ކައިވެންޏަށްފަހުވެސް ، މުރުތަޟާއާއި ނޫރުއާ ދެމެދު ކުރިން އޮތްފަދަ ގުޅުމެއް އޮވެ ، އެންމެ ދެތިން ދުވަހަށް ، ބައްދަލުކޮށްނުލައި ނުތިބެވޭވަރު ވެފައި ތިބިއިރު ، ހަނީމޫނަށޭ ކިޔާފައި އަހަރެން ގެނެސް މިތަނަށްލައިގެން އަހަރެންނަށް ތަކުލީފު ތިޖައްސަނީ ކީއްކުރަން ހެއްޔެވެ ؟ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ ؟ މިއަދު ހެނދުނަށް އަހަރެންގެ ޓިކެޓް ނަގައިދީފައި މުރުތަޟާ އާއި ނޫރު ތި ގަންނަ ގަނޑެއް ގަންނަން މިތާ ތިބޭށެވެ. އަހަރެންގެ ހިތަށް އަނިޔާކުރަން ނުހަދާށެވެ ! " ރޮމުން ރޮމުން ތަހުނިޔާ ބުނަމުން ގެންދިޔައެވެ.
ތަހުނިޔާގެ އިލްޒާމްތަކަށް މުރުތަޟާއަކަށް ކެތެއް ނުކުރެވުނެވެ. ތަހުނިޔާ އޭ ބުނެ އޭނާއާ ދިމާއަށް ، މުރުތަޟާއަށް ހަޅޭއްލަވައި ގަނެވުނެވެ. ތަހުނިޔާ އެހުރީ ހަމަހޭހަގައިތޯ މުރުތަޟާ ސުއާލު ކުރިއެވެ. ދުލަށް އަންނަ ކޮންމެފަދަ ވާހަކައެއްވެސް ދައްކަންވީ ހެއްޔެވެ ؟ އާނއެކެވެ. ނޫރު މަރީއަށް އައިސް އެބަ އުޅެއެވެ. ނޫރުއައީ އޮފީގެ އޭނާގެ މުއައްޒަފުންނާއެކު އޮފީސް ދަތުރެއްގައެވެ. މީގެ ހަތަރު ފަސްގަޑިއިރު ކުރިން ނޫރުގެ ފޯނެއް އޭނާއަށް ލިބުނެވެ. ފޯނުކޮށްފައިބުނީ ، ބަނޑަށް ތަދުވާވަރުން ނޭވާލާން އުނދަގޫ ވާހަކައެވެ. އޮފީހުގެ އެހެން މުއައްޒަފުންވީ މިތާކައިރި ރަށަކަށް ގޮހެވެ. ނޫރު ހޮސްޕިޓަލަށް ގެންގޮސްދޭނެ އެއްވެސް މީހަކު ނެތިގެން އާދޭސްކޮށް ރޯން ފެށީމަ ، އެއައީ ނޫރު ހޮސްޕިޓަލަށް ގެންގޮސްދީ ފަރުވާ ހޯދައިދީފައެވެ. އެކަން އެ ނިމުނީއެވެ. އެއަށްވުރެ އިތުރުކަމެއް އެމީހުންގެ މެދަކު ނުހިނގައެވެ. ތަހުނިޔާއަކީ ، ނޫރުގެ ރަޙުމްތަތެރިކަމަށް އެހާބޮޑަށް އިޙްތިރާމްކުރާ ، ނޫރުއާ ނުލާ ނޫޅެވޭވަރުގެ މީހެކެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުން ކައިވެނި ކުރުމަށްފަހު ، ނޫރުގެ ވާހަކަ ނުދެކެވޭ އިރެއް ނުދެއެވެ. އެގޭތެރެއިން އެއަޑު ނީވުނިއްޔާ ތަހުނިޔާގެ ކޮޓަރިތެރެއިން ނޫރުގެ އަޑު ނީވޭ ވަގުތެއް ނުދެއެވެ.
ނޫރުލްޢައިނަށް ޞިއްޙީ ފަރުވާއެއް ބޭނުންވެ ، މީހެއްގެ އެހީތެރިކަން ބޭނުންވެގެން އާދޭސްކޮށް ރޮއި ހެދުމުން ، މުރުތަޟާ އެކަން ކޮށްދިނީމަ ، ތަހުނިޔާ ޝައްކު ކުރަމުން އެގެންދަނީ މުރުތަޟާއަށެވެ. ނޫރުލްޢައިނާ ދުރަށް ދިއުމަށް އަމިއްލަޔަށް މަސައްކަތްކުރަމުންދާއިރު ، އަދި ތަހުނިޔާވެސް ނޫރުލްޢައިނާ ދުރުގައި ހުރުމަށް މުރުތަޟާ ބާރުއަޅަމުންދާއިރު ، ތަހުނިޔާގެ ވިސްނުން އެހުރީ ކޮންގޮތަކަށް ހެއްޔެވެ ؟ ތަހުނިޔާގެ ވިސްނުން އެހާ ގޯސްއެވީ ކީއްވެގެން ހެއްޔެވެ ؟ ނޫރުއަށް އެމީހުންގެ ބޭނުން އެންމެ ބޮޑަށް ބޭނުންވި ވަގުތު ، އަޅައިނުލާ ހިތްހަރުކޮށްގެން ހުންނަވަރަށްވުރެ ، ތަހުނިޔާގެ ހިތް ޠާހިރެވެ. ކުއްލިޔަކަށް އޭނާގެ ހިތް ނޫރުގެ މައްޗަށް ތަޣައްޔަރު ވެގެން އެދިޔައީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ ؟ ކާކުގެ ވަސްވާހަކަށް ހެއްޔެވެ ؟ އެއީ ކޮންކަހަލަ ރަޙުމަތްތެރިކަމެއް ހެއްޔެވެ ؟
މުރުތަޟާގެ ވާހަކަތަކުން ، ތަހުނިޔާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ހުއްޓުވިއެވެ. އޭނާއަށް އެކުރެވުނީ ރަނގަޅުކަމެއްނޫންކަމުގެ އިޙްސާސް ތަހުނިޔާއަށް ކުރެވުނެވެ. އަދި ، ލޮލުން ކަރުނަ ފުހެލުމަށްފަހު މުރުތަޟާގެ ކިބައިން މަޢާފަށް އެދުނެވެ.
" ރޭގަނޑަކީ ، އެކަހަލަ އެއްޗެކެވެ. ކޮންމެ އިންސާނެއްގެ ހިތަކީވެސް ، ރޭގަނޑުގެ އަނދިރިކަންފަދައިން އަނދިރި އެއްޗެކެވެ. ނަފުސާއި ހިތަށް އަލިކަން ލިބޭނީ ކަނޑައެޅިފައިވާ ، ވަގުތު ޖެހުނީމައެވެ. " ތަހުނިޔާއަށް ބުނެލެވުނެވެ.
މުރުތަޟާ ހަމަޖެހިލިއެވެ. އޭނާގާތަށް އައިސްހުރި ރުޅިގަނޑުވެސް މައިތިރި ކުރިއެވެ. އަދި ، ތަހުނިޔާއަށް ގޮވާލައި އޭނާއާ ދިމާއަށް އަނބުރައިލުމަށްފަހު ، އެތާ އިށީނދެލުމަށް އެދުނެވެ. ތަހުނިޔާ އެނދުގެ ކޮޅުގައި އިށީނުމާއެކު ، މުރުތަޟާ ތަހުނިޔާ ކުރިމަތީ އިށީނދެލިއެވެ. އަދި ތަހުނިޔާއާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ.
" ތަހުނިޔާއެވެ ! މާޒީއަކީ ކޮންމެ ގޮތަކަށް އޮތް އެއްޗެއްކަމަށްވިޔަސް ، މިއަދުގެ ޙަޤީޤަތަކީ ، އަހަރެންގެ ޙަޔާތުގެ ބައިވެރިޔަކީ ތަހުނިޔާ ކަމެވެ. އެ ޙަޤީޤަތް ބަދަލެއް ނުކުރެވޭނެއެވެ. ދެމަފިރިއެއްގެ ޙަޔާތުގެ އެންމެ މުހިންމު އަސާސަކީ ، އަބަދުވެސް ، ކޮންމެ ޙާލެއްގައިވެސް ، އެކަކު އަނެކަކަށް އިތުބާރު ކުރުމެވެ. ތެދުވެރި ވުމެވެ. އެކަކު އަނެކެއްގެ ޖަޒުބާތު ދެނެގަނެ ، ކުރިމަތިވާ މުޞީބާތްތަކުން ސަލާމަތްވުމަށް އެކަކު އަނެކަކަށް އެހީތެރިވުމެވެ. އެކަކު އަނެކަކަށް ބަރޯސާ ވުމެވެ. އެކަންކަމަށް ސަބަބާއި ޝަރުތުތައް ނުބޭއްވުމެވެ. އަހަރެމެންގެ މިޙަޔާތުގައި ޝާމިލްވަނީ ހަމައެކަނި ، އަހަރެމެން ދެމީހުން އެކަންޏެއްނޫނެވެ. އިތުރު އެތައްބަޔަކު އަހަރެމެންގެ މިޙަޔާތުގައި އެބަ ތިއްބެވެ. އަހަރެމެންގެ ވާޖިބަކީ ، އެކަކު އަނެކަކަށް އަޅާލައި އޯގާތެރިވުމާއެކު ، އެހެންމީހުންނާއެކީގައި ބާއްވަންޖެހޭ ގުޅުންތައް ، އެގުޅުމެއް އޮންނަންޖެހޭ ހިސާބެއްގައި ބާއްވައިގެން ، އަހަރެމެންގެ ދުނިޔެ އާބާދު ކުރުމެވެ. އަހަރެމެންގެ މަޤްޞަދަކަށް ވާންވާނީ އެއްވެސްމީހަކަށް ގެއްލުމެއްދީ ، މީހުން ރުޅި ނާރުވައި އެމީހުން ކަންބޮޑުވާނެ ކަންކަމާ ދުރުގައި އުޅެން ދަސްކުރުމެވެ. އަހަރެން މިކިޔާ އެއްޗެއް ދޭހަ ވެއްޖެ ހެއްޔެވެ ؟ " މުރުތަޟާގެ ވާހަކަ ނިންމައިލިއެވެ.
މުރުތަޟާ އެބުނި ވާހަކަތައް ސާފުކޮށް އެނގިއްޖެކަން އަންގައިލުމަށްޓަކައި ، މަޑުމަޑުން ތަހުނިޔާ ބޯހޫރާލައި އާނއެކޭ ބުންޏެވެ.
މުރުތަޟާއަށް ތަހުނިޔާއާ ދިމާއަށް ހަޅޭއްލަވައިގަނެވި ބާރަށް ވާހަކަ ދެއްކުނީތީ މަޢާފަށް އެދުނެވެ. އަދި ތަހުނިޔާ އަރާމުކޮށްލަން ޖައްސައިލުމަށް އެދުނެވެ. އެހެނަސް ، މުރުތަޟާ ހޭލާ ހުރުމާއެކު ، އަރާމުކޮށްލަން ޖައްސައިލުމަށް ތަހުނިޔާ ބުންޏެވެ. މުރުތަޟާ ޖައްސައިލީމަ ، ތަހުނިޔާ ކުރާނީ ކީއްތޯއާއި އެކަނިވެގެން ފޫހިވެދާނެކަމަށް މުރުތަޟާ ބުންޏެވެ.
އެހެނަސް ، ތަހުނިޔާ މުރުތަޟާއާއެކީ ކޮޓަރީގައި މަޑުކުރާ ފިކުރެއް ނުކުރިއެވެ. ހިނގާލަން ބޭރަށް މިއަދު ދާނީ ތިމަންނައޭ ބުނެ ، ތަހުނިޔާ ތައްޔާރުވެލައިގެން ބޭރަށް ނުކުތެވެ. މާނޭވާއެއް ލުމަށްފަހު ، މުރުތަޟާ އެނދުމައްޗަށް ވެއްޓިގަތެވެ. ( ނުނިމޭ )
Vv.shukuran
ދިގުކޮށް ގެނެސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ...ވ ޝައުގުވެރި މިހާރު ވާހަކަ.....
👏👍😊