ރަމަޟާންމަހުގެ ފަހު 10 ދުވަސް ސަރުކާރު ބަންދު

އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމުގައި ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުއެވެ.

ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއްކަމުގައި ކަނޑައެޅުއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތުގެ ދަށުން، އެފަދަ ފަރާތްތަކަށް ވަޒީފާ ހަމަޖެއްސުމުގެ އުޞޫލެއް އެކުލަވާލެއްވުމަށް ވެސް ވަނީ ނިންމަވާފައެވެ. މި ނންމެވުން ނިންމަވާފައިވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވޮލޮޕްމަންޓް އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި، ވެރިކަމުގެ ފުރަތަމަ 9 ހަފުތާތެރޭ "ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސިޔާސަތެއް އެކުލަވާލުމަށް" ވަނީ ހިމަނުއްވާފައެވެ. މި ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން އެކުލަވާލެވޭ މި އުޞޫލުގައި ދިވެހި ސިވިލް ސަރވިސް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި އެކަމާއިގުޅޭ އިންތިޒާމުތައް ހަމަޖައްސަވައި ބަޔާންކުރައްވާފައިވެއެވެ.

މި އުޞޫލުގައި ހިމެނިގެން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ މާހައުލަކީ ރައްކާތެރި ތަނަކަށް ހަދައި، ވަޒީފާގެ މާހައުލުގައި ދިމާވެދާނެ ގޮންޖެހުންތައް ނައްތާލުމާއި، ޑިސްއެބިލިޓީ ސެންސިޓައިޒިންގ ތަމްރީން ކުރިއަށްގެންދިއުން ފަދަ ކަންކަން ހިމަނާފައިވެއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި 2023 ނޮވެމްބަރު މަހުގެ ނިޔަލަށް 12,011 ފަރާތެއް ދަފުތަރުކުރެވިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.