ރޮނާލްޑޯގެ ދެލަނޑުން ރެއާލް އުއްމީދު އާކޮށްފި

ޗެމްޕިއަންސްލީގުގެ ދެވަނަ ބުރުގެ އެންމެ ފޯރިގަދަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެލަނޑުން ރެއާލް މެޑްރިޑް ވަނީ ފަހަތުން އަރާ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ 1-3 އިން ބަލިކޮށް ކުއާޓާފައިނަލަށް ދިއުމުގެ އުއްމީދުއާކޮށްފިއެވެ.

މެޑްރިޑްގެ އެސްޓާޑިއޯ ސެންޓިއާގެ ބެރުނަބޮއާގައި ކުޅުނު މިމެޗުގެ ފުރަތަމަހާފުގެ 33 ވަނަ މިނެޓުގައި އެޑްރިއަން ރަބިއޯ ވަނީ ޕީއެސްޖީއަށް ލީޑްނަގައިދީފައެވެ. ރެއާލަށް އެއްވަރުކޮށްދިނީ ހާފު ނިމެމުންދަނިކޮށް ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ އެވެ. މިއީ ޕީއެސްޖީގެ ޖިއޮވާނީ ލޮ ސެލްސޯ، ރެއާލްގެ ޓޯނީ ކްރޫސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ފުރަތަމަހާފުގައި ރޮނާލްޑޯ ކާމިޔާބުކުރި ޕެނަލްޓީ އަކީ ޗެމްޕިއަންސްލީގުގައި އޭނާ ރެއާލަށް ޖަހައިދިން 100 ވަނަ ލަނޑެވެ. މިއާއިއެކު އޭނާވެފައިވަނީ މިމުބާރާތުގެ ތާރީޚުގައިވެސް އެއްކުލަބަކަށް 100 ލަނޑުހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ނިމިދިޔަ ސީޒަނުގައި ރެއާލް ހޯދި ޗެމްޕިއަންސްލީގުގެ ތައްޓާއިއެކު، އެޓީމުވެފައިވަނީ މިމުބާރާތުގެ ތަށި ދިފާއުކުރި ފުރަތަމަ ޓީމަށެވެ.

ޕީއެސްޖީން ދެވަނަހާފުގެ ބޮޑުބައި ޑޮމިނޭޓްކުރިއިރު ދެވަނަހާފުގެ އެންމެ ފަހު ހަތް މިނެޓުގައި ރޮނާލްޑޯ އާއި މާސެލޯ ކާމިޔާބުކޮށްދިން ދެލަނޑުން ރެއާލް ވަނީ ޕީއެސްޖީ ސިއްސުވާލާފައެވެ. މިހާފުގައި އެޓީމުން ޖެހި ދެލަނޑުގައިވެސް ދެވަނަހާފުގައި ބަދަލުކުޅުންތެރިއެއްގެގޮތުގައި ކުޅެން ނިކުތް މާކޯ އަސެންސިއޯގެ ދައުރު ބޮޑެވެ.

"އަހަރެންނަށް މިޓިމާއި މެދު ކުރިއަށް އޮތް މެޗަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތް. މިމެޗުގައި މިއަށްވުރެ ރަނގަޅު ނަތީޖާއެއްހޯދުމުގެ ފުރުޞަތު އަހަރެމެންނަށް ލިބުނު. އެމީހުން ދެވަނަ ލަނޑުޖެހީ އަހަރެމެން އެންމެ ރަނގަޅަށް ކުޅެމުން ދަނިކޮށް." މެޗަށް ފަހު ވާހަކަދައްކަމުން ޕީއެސްޖީގެ ކޯޗް އުނައި އެމެރީ ބުންޏެވެ.

ރެއާލްގެ ކޯޗް ޒިދާން ބުނީ އޭނާގެ ޓިމުން މިމެޗުގައި ވަރަށް ރަނގަޅު ކުޅުމެއްދެއްކި ކަމަށާއި މެޗުން މޮޅުވުން ޙައްޤުކަމަށެވެ.

"ހުރިހާ ގޮތަކަށް ބެލިޔަސް އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނު މެޗެއް މިއީ. މިމެޗުން އަހަރެމެން މޮޅުވުން ޙައްޤު." ޒިދާން ބުންޏެވެ.

މިދެޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މާރޗްމަހުގެ 6 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.