މާނޭގެ ހެޓްރިކުން ލިވަޕޫލް ކުއާޓާ އާއި ގާތަށް

ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަނަބުރުގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި ސަޑިއޯ މާނޭ ހެދި ހެޓްރިކުން ލިވަޕޫލް ވަނީ ރަށުން ބޭރުގައި ޕޯޓޯ އާއި ދެކޮޅަށްކުޅެ 0-5 އިން މޮޅުވެ ކުއާޓާފައިނަލަށް ދިއުމާއި ގާތަށް ޖެހިލާފައެވެ.

މިމެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައިދިނީ 25 މިނެޓުގައި މާނޭއެވެ. އޭގެ ހަތަރު މިނެޓުފަހުން އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހު އެވެ. މިހާފުގައި ދެޓީމުގެ ފަރާތުން އިތުރު ލަނޑެއް ފެނިގެންގޮސްފައިނުވާއިރު ލިވަޕޫލްގެ ތިންވަނަ ލަނޑު 53 ވަނަ މިނެޓުގައި މާނޭ ޖަހައިދިންއިރު ރޮބާޓޯ ފިރްމީނޯ ވަނީ 69 ވަނަ މިނެޓުގައި އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުނިމެން ފަސްމިނެޓަށް ވެފައިވަނިކޮށް މާނޭ ވަނީ އިތުރު ލަނޑެއްޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިމެޗުގައި މާނޭ ކާމިޔާބުކުރި ތިން ލަނޑާއިއެކު އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީޚުގައި ޗެމްޕިއަންސްލީގުގައި ހެޓްރިކް ހެދި ހަތަރުވަނަ ކުޅުންތެރިއާއެވެ. މީގެ ކުރިން މައިކަލް އޮވެން އާއި ޔޮސީ ބެނަޔޫންގެ އިތުރުން ފިލިއްޕޭ ކުޓީނިއޯ ވަނީ ހެޓްރިކް ހަދާފައެވެ.

އަމިއްލަ ދަނޑުގައި ލިވަޕޫލް އަތުން ބޮޑުތަފާތަކުން ބަލިވުމުން ޕޯޓޯއަށް ކުއާޓާފައިނަލަށް ދިއުމުގެ ފުރުޞަތު ގާތްގަނޑަކަށް ގެއްލިފައިވާއިރު މިއީ އެ ކުލަބުގެ ތާރީޚުގައިވެސް ބަލިވި އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް ވަނީ އޭނާގެ ޓީމު ދެއްކި ކުޅުމަށް ޓީމުގެ ހުރިހާ ކުޅުންތެރިނަށް ތައުރީފުކޮށްފައެވެ. ހާއްސަކޮށް މާނޭ ދެއްކި ކުޅުމަށް ސާބަސްދީފައިވެއެވެ.

"ސަޑިއޯ މާނޭ މިރޭ ދައްކުވައިދީފި އޭނާއަކީ މިޓީމަށް ކިހާ މުހިއްމު ކުޅުންތެރިއެއްކަން. އޭނާ ޖެހި ފުރަތަމަ ލަނޑަކީ ނަސީބުއެހީވެގެން ޖެހުނު ލަނޑަކަށް ވެދާނެ، އެކަމަކު އޭނާ ޖެހި ތިންވަނަ ލަނޑުން އެނގޭނެ އެއީ ކިހާ ހުނަރުވެރި ކުޅުންތެރިއެއްކަން." ކްލޮޕް ބުންޏެވެ.

މިމުބާރާތުގައި މިދެޓީމު ބައްދަލުކުރާ ދެވަނަ ލެގު ކުޅޭނީ މާރޗް މަހުގެ ހަތް ވަނަ ދުވަހު ލިވަޕޫލް ގެ އެންފީލްޑްގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.