ބްލޫރިބަން : ޤައުމުވިކޭ ޙާލަތު

ޤައުމެއް ވިކޭނެ އެތައްޙާލަތެއް ކުރިމަތި ވެއެވެ. ޤައުމެއް ވިކުމުގައި ފުރަތަމަ ދިމާވެދާނެ އެއްޙާލަތަކީ ، ރައްޔިތުންގެ ފުރިހަމަ ބާރު އެޤައުމެއްގައި ނެތުމެވެ. ޤައުމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންކަމުން ، ޤައުމެއް ވިކުމުގައި ފުރަތަމަ ދިމާވެދާނެ އެއްޙާލަތެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމުގައި ބެލިދާނެއެވެ.

ދިމިޤްރާތީ ވެރިކަމެއްގައި ، ވެރިން އިންތިޚާބުކުރުމަށް ، ކެންޑިޑޭޓުން ދާންޖެހެނީ ރައްޔިތުންގެ ގާތަށެވެ. ޒަމާނީ ތަޞައްވުރުގައި އިންތިޚާބަކުން ވެރިކަން ހޯދަން ، ކެންޑިޑޭޓުން ކުރިމަތިލަނީ ، މެނިފެސްޓޯއެއްގެ ނަމުގައި ލިޔުން ތައްޔާރުކޮށް ، ރައްޔިތުންނަށް ކޮށްދޭނެ ކަންކަމަށްވާ ވަޢުދުތަކެއް ހިފައިގެންނެވެ. އެ ވަޢުދުތަކަކީ ، ކޮންގޮތަކަށް ، ކިހިނެއް އަދި ކޮންއިރަކު ފުރިހަމަކޮށްދޭނެ ވަޢުދުތަކެއްކަން ބަޔާން ކުރަމުންނެވެ. އެ ވަޢުދުތައް ބިނާވެފައި އޮންނަނީ ، ރައްޔިތުންގާތު އަހައިގެން ،  ރައްޔިތުންނަށް އެވަގުތަކަށް ބޭނުންވާ އެންމެ މުހިންމު ކަންތައްތަކުގެ މައްޗަށެވެ. ނުވަތަ ރައްޔިތުންގެ ދިރިއުޅުމަށް ލާބައާއި މަންފާ ލިބޭގޮތަށް ، ދުރުރާސްތާގެ މުސްތަޤްބަލަށް އަމާޒުހިފޭ ، ޤައުމުގެ ތަރައްޤީއާއި ކުރިއެރުމާގުޅިފައިވާ ކަންކަމުގެ މައްޗަށެވެ.

ދުރު މުސްތަޤްބަލަށް އަމާޒުހިފައިގެން ވާ ވަޢުދަކީ ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮއަސަރުކުރާގޮތަށް ، އިޖްތިމާޢީ އަދި އިޤްތިޞާދީ އެތައްކަމެއް ހިމެނި ، އެއްކަމެއް އަނެއްކަމަކާ ގުޅި ، ލާމެހިފައި އޮންނަ ތަޞައްވުރެކެވެ.

މިސާލަކަށް ، ވަކި ސަރަޙައްދަކަށް އަމާޒުކޮށް ، ވައިގެ ބަނދަރެއް ތަރައްޤީ ކުރުމަކީ ، ދުރުރާސްތާއެއްގެ ތަޞައްވުރެކެވެ. އެ ބަނދަރެއްގެ ވާހަކަ ، ނިކަންފޮނިކޮށް ، ރައްޔިތުން އަޑުއަހާހިތްވާގޮތަށް ދެއްކިދާނެއެވެ. އެ ބަނދަރެއްގެ ސަބަބުން އުފަންވެދާނެ އިޤްތިޞާދީ ފައިދާގެ ވާހަކަ ކިތަންމެ ވަރަކަށްވެސް ދެއްކިދާނެއެވެ. އެހެނަސް ، ވަޢުދު ފުއްދުމަށްޓަކައި ، އެބަނދަރެއްގެ ތަޞާއްވުރާ ގުޅި ލާމެހިފައިވާ އެހެންކަންކަމުގެ ވާހަކަ ނުދެއްކޭނަމަ ، ރައްޔިތުންނަކަށް އެއީ އެއްވެސް ވާހަކަޔަކަށް ނުވާނެއެވެ. އެ ބަނދަރަކާގުޅިގެން ޤައުމަށް ލިބޭނެ ، މާލީ ތަނަވަސްކަމެއްގެ ވާހަކަ އަޑުއަހާކަށް ، ރައްޔިތުން އެހާ ބޭނުމެއް ނުވާނެއެވެ. އެ ފައިސާއަކީ ، ވެރިކަމަށް އަރާމީހާ ބޭނުންވާ ގޮތަކަށް ޚަރަދުކުރުމުގެ މަގު ހުޅުވިފައި އޮންނަ މާލީ ތަނަވަސްކަމަކަށް ވާތީއެވެ. ރައްޔިތުމީހާ ބޭނުންވާނީ އޭނާގެ ޖީބަށް ވަންނަ ފައިސާ ލިބޭނެގޮތާއި ލިބޭނެމިންވަރު ދެނެގަތުމަށެވެ. އެކަމުގެ އިންތިޒާމް ހަމަޖެހިގެން ދިއުމަށެވެ.

ވަޢުދު ފުއްދުމަށްޓަކައި ، ބަނދަރުގެ މަސައްކަތް ފެށިއްޖެއެވެ. އެހެނަސް ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ، ދެންހުރި މަސައްކަތްތައް ފެށޭނެ އެއްވެސް ގޮތެއް ، ކުރެހުމަކުން ނުފެނުނެވެ. ރައްޔިތުންގެ ޖީބަށްލާނެ ފައިސާ ހޯދޭނެމަގެއް ، އަދި ގޮތްތަކެއް އިންތިޒާމެއް ނުކުރެވެއެވެ. ބަނދަރެއް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢަކީ ، ބޭރުންލިބޭ ފައިސާއަކުން ނޫނީ ފުރިހަމަކުރެވޭފަދަ ކަމެއްނޫނެވެ. ތަނެއް ތަރައްޤީ ކުރުމަށް ، ބޭރުންލިބޭ ފައިސާއަކީ ބޭރަށްދާ އެއްޗެކެވެ. އެމަސައްކަތް ލިބޭނީ ބޭރުމީހުންނަށެވެ. އެ މަސައްކަތަށް ބޭރުންލިބޭ އެންމެ ސެންޓެއްވެސް ، ދިވެއްސަކަށް ނުލިބޭނެއެވެ. މަސައްކަތްކުރަންތިބޭނީ ބިދޭސީންނެވެ. ބޯންބޭނުންކުރާ ފެންފޮދަށް ދަންދެން ، ހުރިހާ އެއްޗެއް ގެނެވޭނީ ބޭރުންނެވެ.

މި ޙާލަތު ، މިހެން އޮންނައިރު ، ބަނދަރު ތަރައްޤީކުރުމުން އިޤްތިޞާދަށް ފައިދާކުރާނެ އެހެން ކަންކަން ، ނުވަތަ ރައްޔިތުންގެ ޖީބަށް ފައިސާ ވަންނާނެ އެހެންކަންކަން ، ނުފެށި ، ނުކުރެވި ހުރެއްޖެކަމަށް ވަންޏާ ، ބަނދަރު ތަރައްޤީކޮށްގެން ރައްޔިތުންނަށް ލިބޭނެ މަންފާއެއް ނޯންނާނެއެވެ. ބަނދަރުގެ މަސައްކަތާއެކު ، ބަނދަރާ ގުޅިފައިވާ އިޤްތިޞާދީ ފައިދާ ޙާޞިލްކުރުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް ފެށްޓެން ޖެހޭނެއެވެ. ބަނދަރު ނިމޭއިރު ، އެކަންކަންވެސް ހުންނަންޖެހޭނީ ނިމިފައެވެ. އެކަން އެހެން ނުވާކަމަށް ވަންޏާ ، ބަނދަރެއް ތަރައްޤީ ކުރުމުގެ ބިޔަ މަޝްރޫޢެއްގެ އެއްވެސް ފައިދާއެއް ، ޤައުމަކަށްވެސް އަދި ރައްޔިތުންނަކަށްވެސް ނުލިބޭނެއެވެ. އެފަދަ ޙާލަތެއްގައި ، ބަނދަރު ތަރައްޤީކުރުމަށް ފައިސާދިންބަޔަކަށް ، ޤައުމު އެއޮތީ ވިއްކައި ލެވިފައެވެ. ބޭރު ބަޔަކަށެވެ. މިޒަމާނުގައި ވޯރާ ވިޔަފާރިވެރިންނެއް ނާންނާނެއެވެ. ޤައުމުތައް އަޅުވެތި ކުރުމުގައި ، ބަރޯސާ ކުރުވުމުގައި އަދި ވިކުމުގައި ، މިޒަމާނުގައި ގެންގުޅެވެނީ ފިކުރެވެ. ބޮޑުތިލަދުންމަތީގައި ޤާއިމްކުރެވޭ ، ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ބިޔަ މަޝްރޫޢުން ފެންނަ ތަޞައްވުރަކީވެސް އެއީއެވެ. ބަނދަރު އެބަ ހެދެއެވެ. އެހެން އެއްވެސް ކަމެއް ކުރުމުގެ ޚިޔާލެއްވެސް ، އަދިވެސް އުފަންވެގެންނެއް ނުދެއެވެ. ކުރަންވެފައި އެތައްކަމެއް އެބަހުއްޓެވެ. މިސާލެއްގެ ގޮތުންނެވެ.

ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ، ރައްޔިތުންގެ ކިބައިންނެވެ. މެނިފެސްޓޯ ވިއްކަން ، ރައްޔިތުންގާތަށް ކެންޑިޑޭޓުންގޮސް ވާ ވަޢުދަކީ ، ފުއްދޭނެ ވަޢުދަކަށް ވާން ޖެހެއެވެ. ވަޢުދުން ތަންކޮޅެއް ފުއްދުމަކުން ، އަދި ހަމައެއް ނުޖެހެއެވެ. ޤައުމު ވިކިދާނެ އަނެއް ޙާލަތަކީ ، ވޯޓުގަތުމާއި ވިއްކުމެވެ. މިއީ ، މިޒަމާނުގައި ، އަދި އަމްދުން ޕާޓީނިޒާމުގައި ޢާންމު ކަމެކެވެ. ވޯޓަށް އަގުކިޔާ ވަކިވަކި ފަރުދުން އެބައުޅެއެވެ. ވޯޓުހޯދައިދޭ ޖަމާޢަތްތައް އެބަހުއްޓެވެ. ފައިސާ ދިނިއްޔާނޫނީ ، ވޯޓުލާންނުދާ އެތައްބަޔަކު އެބައުޅެއެވެ.

މިފަދަ ޒަމާނެއްގައި އިންތިޚާބެއް ކާމިޔާބުކުރުމަކީ ، އަގުބޮޑު ކަމެކެވެ. މިލިއަނުން ، ބިލިއަނުން ޚަރަދު ނުކޮށް ، އިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެއެވެ. މެނިފެސްޓޯ ވިއްކަން ޚަރަދު ކުރަން ޖެހެއެވެ. އޭގެ އިތުރަށް ވޯޓު ގަންނަން ޚަރަދުކުރަން ޖެހެއެވެ. އެކަންކަމަށް ފައިސާ ހޯދަން ޖެހެއެވެ. ފައިސާދޭމީހުންނާއި ޖަމާޢަތްތަކާއި ޤައުމުތަކަށް ދަރަނިވެރިވާން ޖެހެއެވެ. އޭގެ ބަދަލުގައި ، އިންތިޚާބު ކާމިޔާބުކުރާމީހާ ، ވާންޖެހޭ ޤުރުބާނީތަކެއް ހުރެއެވެ. އެހިސާބުން ، އެއޮތީ ޤައުމު ވިކިގެންދާ ޙާލަތެއްގައެވެ.

ކިތަންމެ ބޭނުންވިޔަސް ، އިންތިޚާބު ކާމިޔާބުކުރާ މީހާއަށް އިޚްތިޔާރު ގެއްލޭ އެތައް ޙާލަތެއް ކުރިމަތި ވެއެވެ. އިންތިޚާބަށް ފައިސާ ހޭދަކުރާ މީހުންނަށް ، ޖަމާޢަތްތަކަށް ، ޤައުމަށް ، ކޮށްދޭން މަޖުބޫރުވާ އެތައް ކަމެއް ހުރެއެވެ. އިންތިޚާބަށް ފައިސާދޭ ޤައުމުތަކަށް ، ޤައުމުވެސް ވިއްކާލަން ޖެހެއެވެ. ފައިސާދޭ ކުންފުނިތަކަށް ބަދަލުގައި ކޮށްދޭންޖެހޭ ކަންތައްތަކެއް ހުރެއެވެ. އިންތިޚާބަށް ފައިސާ ޚަރަދުކުރާ މީހުން ބޭނުންވާ މަޤާމުތައް އެމީހުންނަށް ޚާއްޞަކުރަން ޖެހެއެވެ. އެއޮތީ ، ޤައުމު ވިއްކައި ލެވިފައެވެ.

އިންތިޚާބަށް ފައިސާ ޚަރަދުކޮށް ، މަޤާމުބޭނުންވާ މީހުންނަކީ މުއްސަނދިންނެވެ. އެހެނަސް ، އެމީހުން ، އިންތިޚާބަށް ހޭދަކުރި ފައިސާގެ ބަދަލުގައި މަޤާމު ބޭނުންވަނީ ، ހޭދަކުރި ފައިސާގެ ފައިދާ ހޯދުމަށެވެ. ބަދަލު ހޯދުމަށެވެ. އެފަދަ ބައެއް މީހުންނަކީ ، މުސާރައާއި ޢިނާޔަތްތައް ނުލިބުނަސް ، ހިލޭސާބަހަށް ވެރިކަމުގައި ޝާމިލްވާން ބޭނުންވާ މީހުންނެވެ. މުސްތަޝާރުން ނުވަތަ އެޑްވައިޒަރުންގެ ގޮތުގައެވެ. އެހެނަސް ، އެއީވެސް ދަޅައެކެވެ. މުސާރައާއި އެއްވެސް އެލަވަންސެއް  ނުނަގާގޮތަށް ، ވެރިކަމުގައި ޝާމިލްވެގެން ، އެފަދަމީހުން ، ހޭދަކުރި ފައިސާގެ ބަދަލު ނަގާލެއް މާރީތިވެފައި ޙީލަތްތެރި ވާނެއެވެ. އެއީ ޤައުމަށް ޚިދުމަތްކުރަން ކުރިމަތިލާ ބައެއްނޫނެވެ. އަމިއްލަ އެދުމަކައިގެން އަންނަ ބަޔެކެވެ. ހޭދަކުރި ފައިސާގެ ބަދަލު ހޯދުމުގެ ވިސްނުމުގައި އެއްބައިވާ ބަޔެކެވެ. އެހިސާބުންވެސް އެއޮތީ ޤައުމު ވިއްކައި ލެވިފައެވެ. އެދުމެއްނެތި ވެދުމެއް ނުކުރާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.