ފަލްސަފާ (30)

(6 ނޮވެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުރުތަޟާ އެއައީ ނޫރުއާއި ތަހުނިޔާ ކާން ބޭރަށްދާން އުޅެނިކޮށް އެކަން ހުއްޓުވައި ކެންސަލްކޮށްލާފައެވެ. އެކަމަށްޓަކައި މުރުތަޟާ އިނީ ވަރަށް ފަޚުރުވެރިވެފައެވެ.  އަދި އެކަން ތަހުނިޔާއަކަށް ރޭކައެއް ނުލައެވެ.

އެދެމީހުން އެރޭ ބޭރަށްދާންއޮތްކަން މުރުތަޟާއަށް އެނގެންވީ ކީއްވެ ހެއްޔެވެ ؟ އެކަން އެނގޭނީ ހަމައެކަނި ނޫރުއަށާއި ތަހުނިޔާއަށެވެ. އެދެމީހުން ނޫން އެހެން އެއްވެސްމީހަކަށް އެކަމެއް ނޭނގޭނެއެވެ. މުރުތަޟާއަށް އެކަން އެނގުނީ ކިހިނެއް ހެއްޔެވެ ؟ މުރުތަޟާއަށް އެކަން އެނގުނީ ކޮން ގޮތަކުންކަމެއް ނޭނގުނުނަމަވެސް ، ތަހުނިޔާއަށް އެނގުނު އެކައްޗެއް އެބައޮތެވެ. އެއީ ، މުރުތަޟާ ، ތަހުނިޔާ އެގެނައީ ، ވަރަށް ޙީލަތްތެރި ރޭވުމަކުން ، ރާވައިގެން ނޫރުގެ އަގުވަށްޓައިލުމަށްޓަކައެވެ. އެކަން ތަހުނިޔާއަށް އެނގުނެވެ. އަދި އެކަމާ ފޫހިވެސް ވިއެވެ.

މުރުތަޟާއާއި ތަހުނިޔާގެ ގުޅުމަކީ ހަމައެކަނި އެދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއްނޫނެވެ. އެގުޅުމަކީ ، މުރުތަޟާއާއި ނޫރުގެ ގުޅުން ކެނޑުމާގުޅިފައި އޮތް ގުޅުމެކެވެ. އެކަން އެހެން އޮތްއިރު ، މުރުތަޟާއާއި ތަހުނިޔާގެ ގުޅުން މުރުތަޟާއަށް ދެމެހެއްޓޭނީ ކިހިނެއް ހެއްޔެވެ ؟ ނޫރުއާ ދިމާކޮށް ، ނޫރު ބޭޒާރުކޮށް އަދި ނޫރު ދަށްކޮށްލުމުގެ ވިސްނުން މުރުތަޟާގެ އޮތްކަމަށްވަންޏާ ، މުރުތަޟާއާއި ތަހުނިޔާގެ ގުޅުން ވެގެންދާނީ އެނބުރޭ ވަހުތާނަކަށެވެ.

" މަށަށްހީވަނީ މަންމައާއި ޠާހިރާއާ ދެމީހުންވެގެން ކުރަން އެއުޅެނީ ވަރަށް މޮޔަ ކަމެއް ހެންނެވެ. އަހަރެންނަށް އެހެންހީވާތާ ލައްކަ ދުވަސް ވެއްޖެއެވެ. " މުރުތަޟާ ބުންޏެވެ.

މުރުތަޟާގެ ވާހަކައިން ތަހުނިޔާގާތަށް ރުޅިއައެވެ. އަދި ބުންޏެވެ.

" އެކަކު އަނެކަކަށް ދޭތެރެ ޖައްސައިގެން އެއީ މާމޮޅުކަމަކަށްވެގެން ހޭންހުރުމަކީ މުރުތަޟާގެ އާދައަކަށް ވެއްޖެއެވެ. އަހަރެން އަނގައިން ނުބުނެ ހުރީމަ އޭގެ ނާޖާއިޒުފައިދާ މިރޭވެސް ތިނެގީއެވެ. " ތަހުނިޔާގެ ރުޅިވަކިން ގަދަވިއެވެ.

މުރުތަޟާއަކަށް ތަހުނިޔާއެދައްކާ ވާހަކައިން މާބޮޑު އަސަރެއް ނުކުރެއެވެ. ތަހުނިޔާ ރުޅިއަޔަސް މުރުތަޟާއަށް އެއީ އެއްވެސްކަމެއްނޫނެވެ. މުރުތަޟާ ބޭނުންވިކަންތައް އެއޮތީ ކޮށްފައެވެ. ނޫރުގެކޮޅު ދެރަކޮށް އޭނާ ބޭނުންވާގޮތެއް ހަދާފައެވެ. އެހެނަސް ، މުރުތަޟާއަށް އެނގޭކަމަކީ ، އޭނާއަށް ތަހުނިޔާ އުފަލުގައި ނުބެހެއްޓޭނެކަމެވެ. އެއީ ދުވަހެއްގެ ކޮޅުންވެސް އޭނާއަށް ކުރެވިދާނެކަމެއްކަމަކަށް މުރުތަޟާއަކަށް ނުފެނެއެވެ.

ތަހުނިޔާގެ ވިސްނުމާއި ފިކުރުގައި އަބަދުވެސް އޮންނަނީ ނޫރުލްޢައިނުއެވެ. ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިޔަސް ނޫރުއަށް ލިބޭ ތަކުލީފަކުން ތަހުނިޔާގެ ހިތްއެބަ ހަލާކުވެއެވެ. ތަހިނުޔާއަކަށް ނޫރުއަކާ ވަކިވެވޭކަށް ނެތެވެ. ނޫރުގެ ޚިޔާލުތަކުން ތަހުނިޔާގެ ހިތްފުރިފައި އޮންނައިރު ، މުރުތަޟާއަށް އެހިތުން ހުސްތަންކޮޅެއް ލިބުމަކީ ނާދިރު ކަމެކެވެ.

" އަހަރެންގެ މުޅިދިރިއުޅުމުގައިވެސް ނޫރުގެ އަސަރު ނުފިލައި ހުންނާނެއެވެ. އަހަރެންގެ ފަރާތުން ތަހުނިޔާއަށް ބޭނުންވާ އަޅައިލުމާއި ލޯބި ލިބުމަކީ އެހައި ފަސޭހަ ކަމަކަށް ނުވާނެއެވެ. " މުރުތަޟާ ބުންޏެވެ.

އެހުރިހާކަމެއް ތަހުނިޔާއަށް އެނގެއެވެ. އެވާހަކަތައް ކޮންމެހެން މުރުތަޟާ އޭނާގާތު ދައްކާކަށް ނުޖެހޭނެއެވެ.

ކެއުންނިމިގެން ދިޔައީ އެހައި ހިތްހަމަޖެހޭގޮތަކަށް ނޫނެވެ. އޯޑަރުކޮށްގެން ގެނައި ޖޫސްތަށި ފިޔަވައި އެހެން އެއްޗެއް ތަހުނިޔާއެއް ނުބޮޔެވެ. މުރުތަޟާއަށްވެސް އެންމެފަހުން ޖެހުނީ ޖޫސްތަށިން ފުއްދައިލާށެވެ. ތަހުނިޔާވެސް އަދި މުރުތަޟާވެސް އިނީ ، މާލަސްނުކޮށް އެތަނުން ނުކުމެގެން ގެޔަށްދާން ބޭނުންވެފައެވެ. ގެޔަށް އައި މަގުމަތީގައިވެސް ދެމީހުންތިބީ ހަމަހިމޭންކަންމަތީގައެވެ. އެހެނަސް ، އެކަންކަން އެހެން ހުއްޓައި ، ކައިވެންޏަށްފަހު އެދެމީހުން ހަމަޖެހިލައިގެން ދިރިއުޅޭނީ ކިހިނަކުންތޯ މުރުތަޟާ ސުއާލު ކުރިއެވެ. އެސުއާލަށް ދޭނެ ޖަވާބެއް ތަހުނިޔާއަކަށް ނޭނގުނެވެ. އެހެނަސް ، ތަހުނިޔާވެސް އެހުރީ އެކަމާ ހާސްވެގެންގޮސް އަވަދިވާ ވަރުވެފައެވެ. މަންމައާއި ބައްޕަ އެދޭތެރެޔަށް ނުވަތްނަމަ ، އެއީ އޭނާ ނުކުރާނެ ކަމެކެވެ. ނޫރުފެންނަ ކޮންމެ ފަހަރަކު ، އޭނާގެ ރަޙުމަތްތެރިޔާއަށް އެދެވެނީ ދޯކާކަން ތަހުނިޔާއަށް އިޙްސާސް ވެއެވެ. މުރުތަޟާ އާ ދިމާވެއްޖިއްޔާ ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ކައިވެނީގެ ކަންތަކުގައި ، އެހާ އަވަހަށް އެހައި ފަސޭހައިން މަންމަމެންނަށް އާނބަސް ދެވުނީތީ ތަހުނިޔާ މިހާރު ހިތާމަ ކުރެއެވެ. އެކަން އެގޮތަށް ނުކުރެވުނު ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ.

ތަހުނިޔާގެ ޙާލަތުވެސް މުރުތަޟާއަށް އިޙްސާސް ކުރެވެއެވެ. މަންމަމެންނަށް ނުވިސްނައި އެކައިވެންޏަށް ނޫނެކޭ ބުނުމަކީ ތަހުނިޔާއަށްވެސް އެހައި ފަސޭހަކަމަކަށް ނުވާނެއެވެ. މުރުތަޟާއަކީ މަންމައާއި ދައްތަގެ ބަހަށް އެއްވެސް އިރެއްގައި ދެބަސްވީ މީހެއްނޫނެވެ. އެހެންކަމުން އެދެމީހުންގެ ވިސްނުމާ ދެކޮޅަށް ތަހުނިޔާ އެއްވެސްކަމެއް ކުރުމަކީ މުރުތަޟާ އެދޭކަމެއްނޫނެވެ. އަދި ، އެކަމާ މުރުތަޟާދެކެ ރުޅި ނައުމަށް ތަހުނިޔާގެ ކިބައިން މުރުތަޟާ އެދުނެވެ.

އެ ދެމީހުންނަކީވެސް ، އަމިއްލަ ނަފުސުގެ ބޭނުންތައް ފިޔަވައި ، ހިތް އެދޭގޮތް ފިޔަވައި ، އެހެންމީހުންނަށްޓަކައި އަމިއްލަ ގޮތާއި އަމިއްލަ ނަފުސުގެ އުފާވެރިކަން ޤުރުބާންކޮށްގެންތިބި ދެމީހުންނެވެ.

ތަހުނިޔާއިނީ ކާރުދުވާލެއް މަޑުވެ ކަންބޮޑުވެފައެވެ. އެއިން ފުންމައި ލެވޭނީ ކޮންއިރަކުންބާވައޭ ހިތަށް އަރައަރައެވެ. ހަޅުތާލެއް ކޮށްގެންނަމަވެސް ، އެކައިވެނިން ސަލާމަތްވާނެ ގޮތެއް ހޯދަން ބޭނުންވެފައެވެ. އެކަން މުރުތަޟާއަށްވެސް އެނގެއެވެ. އަދި ވަގުތު އެބަ އޮތެވެ. ކައިވެނިކުރަން ބޭނުންނޫންކަމަށް ވަންޏާ ތަހުނިޔާއަށް އެކައިވެނި ހުއްޓުވުމުގެ ފުރުޞަތު އަދިވެސް އެބައޮތެވެ. ވަގުތު ފާއިތު ނުވަނިސް ، ތަހުނިޔާ އެކަންކުރަންއެދޭކަމަށް ވަންޏާ އެކަމާމެދު ވިސްނުމަށް މުރުތަޟާ އެދުނެވެ. ތަހުނިޔާގެ މަންމައާއި ބައްޕައާ ވާހަކަ ދައްކާފައި ވަކިގޮތަކަށް އެކަން ނިންމުމުގެ މުހިންމުކަން މުރުތަޟާ ، ތަހުނިޔާއަށް ވިސްނައިދިނެވެ. ދިރިއުޅުމެއް ފެށުމަށްފަހު އެއީ ތަކުލީފަކަށްވެގެން ދެމީހުންކުރެ އެކަކަށްވެސް ހިތްހަމަ ޖެހުމެއް ނުލިބެންޏާ އެއީ އުމުރުދުވަހަށް އުފުއްލަންޖެހޭނެ ތަކުލީފެކެވެ. އެކަމުން ސަލާމަތްވުމަށްޓަކައި ، ތަހުނިޔާ އިސްނަގައިގެން ތަހުނިޔާގެ މައިންބަފައިންނާ ވާހަކަ ދެއްކުމަށް މުރުތަޟާ ލަފާދިނެވެ.

ތަހުނިޔާގެ ގޭދޮރުމައްޗަށް ކާރުހުއްޓައިލިއެވެ.

" ތަހުނިޔާއެވެ. ދާށެވެ ! އަދި އެހާ ލަހެއްނުވެއެވެ. އަދި މަންމަމެންވެސް ގެޔަށްނުގޮސް ތިބޭނެއެވެ. ގެޔަށްގޮސް ، މިކައިވެންޏަކީ ކުރަން ކިހާ އުނދަގޫކަމެއްކަން އެންމެންނަށް ސާފުކޮށްދޭށެވެ. " މުރުތަޟާ ބުންޏެވެ.

ކައިވެނިކުރަން އުނދަގުލީ މުރުތަޟާއަށްތޯ ނުވަތަ ތަހުނިޔާއަށްތޯ ސާފުކުރުމަށް ، ތަހުނިޔާއަށް މުރުތަޟާއާ ސުއާލު ކުރެވުނެވެ. އަދި ހުރިހާކަމެއް އޭނާގެ ބޮލަށް އެ ބިންދައިލަނީ ކީއްވެގެންތޯ އެހިއެވެ. މުރުތަޟާވެސް ގޮސް އެންމެންގާތު އެވާހަކަ ބުނަންވީ ނޫންހެއްޔެވެ. އެކަން ތަހުނިޔާގެ ބޮލަށް ޖަހާނެކަމެއް ނެތެއް ނޫންހެއްޔެވެ ؟ މުރުތަޟާއަކީ ފިރިހެނެކެވެ. އެކަހަލަ ކަންކަމުގައި އަނހެނުންނަށްވުރެ ފިރިހެނުންނަށް ކެރެން ވާނެއެވެ.

އެވާހަކަ ބުނަންވީ އޭނާތޯ މުރުތަޟާ ސުއާލުކުރިއެވެ. އަދި ، އިރުކޮޅަކު މަޑުކޮށްލުމަށްފަހު އެންމެ ރަނގަޅުކަމަށް ބުނެ ކާރުން ފައިބާ ، އޭނާއާއެކު އަންނާށޭ ބުނެ ، ކާރުގެ ދޮރުހުޅުވައިލިއެވެ. ހަދާނެގޮތެއް ނޭނގި އިން ތަހުނިޔާއަށް އެހިސާބުން ރޮވުނެވެ.

ތަހުނިޔާ ރޯން ފެށުމާއެކު ، މުރުތަޟާގެ ހިތަށް އެކަމުން އަސަރު ކުރިއެވެ. އަދި އޭނާގެ މަޤްސަދަކީ ، ތަހުނިޔާ ދެރަކޮށްލުން ނޫންކަމަށާއި ނޭނގި ނަމަވެސް ، އަބަދުވެސް އޭނާއަށް ހެދެނީ އެކަހަލަ ގޯސްކަމަށް ބުންޏެވެ. އަދި ތަހުނިޔާގެ ކިބައިން މަޢާފަށް އެދުނެވެ. މަޢާފަށް އެދެންވީ ކޮންބައެއްގެ ފަރާތުންތޯ ތަހުނިޔާ ސުއާލުކުރިއެވެ. އެކަމުގައި ޝާމިލްވާ އެތައްބަޔަކު އެބަ ތިއްބެވެ. އެއެންމެންނަކީވެސް މަޢާފު ޙައްޤުބަޔެކެވެ. ތަހުނިޔާ ކާރުންފައިބައިގެން މުރުތަޟާއާއެކީ ހިނގައިގަތެވެ.

" އަހަރެންގެ ލޮލުން އެފޭބި ކަރުނަޔަކީ އެހެންމީހެއްގެ ލޮލުންފޭބި ކަރުނަކަމަށް ބަލާށެވެ. އެކަމަކު ، އެކަރުނަ ފޭބީ މުރުތަޟާގެ ސަބަބުންނެވެ. މުރުތަޟާއަކީ އެކަމުގެ ޒިންމާ އުފުއްލަންޖެހޭ މީހާއެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާ ، މުރުތަޟާއަކަށް މަޑެއް ނުކުރެއެވެ. ދިޔަގޮތަށް ގެޔަށް ވަދެގެން ދިޔައެވެ. އޭރު އަދި ޙަފުޞާމެންނެއް އެގެޔަކުން ނުދެއެވެ. އެންމެން ހީހީފައި ވާހަކަ ދައްކައި މަޖާކުރަން ތިއްބެވެ.

ތަހުނިޔާ ގޭތެރެޔަށް ވަދެ އެންމެންނަށް ސަލާމް ގޮވައިލިއެވެ. އެހާ އަވަހަށް ތަހުނިޔާ ގެޔަށް އައުމުން އެންމެންނަށްވެސް ޙައިރާންކަމެއް ލިބުނެވެ. އަދި އެކަކަށްވުރެ އަނެކަކު އަވަސްއަރުވާލާފައި ، އެކަމާބެހޭގޮތުން ތަހުނިޔާއާ ސުއާލު ކޮށްގަތެވެ. ތަހުނިޔާއަށް އެމީހުންގެ ސުއާލަށް ޖަވާބުނުދީއެއް ނުވިއެވެ. މުރުތަޟާއަށް ރައްޓެއްސަކު ފޯނުކުރީމަ އަވަހަށް ދާންޖެހިގެން އައީކަމަށް ބުނެ ތަހުނިޔާ ދޮގެއް ހަދައިލިއެވެ. އެކަމަކުވެސް އެހާވަރަކުން ޙަފުޞާއަކަށް ނުފުދުނެވެ. އެމީހުންދިޔައީ ރޭގަނޑުކާން ނޫންތޯ ޙަފުޞާ ސުއާލު ކުރިއެވެ.

އެހެންރެޔަކުން ކާންދާން ނިންމާފަ ގެޔަށް އައީކަމަށްބުނެ އަނެއްކާވެސް ތަހުނިޔާއަށް ދޮގެއް ހަދަން މަޖުބޫރުވިއެވެ. އަދި އޭނާއެހުރީ ވަރަށް ވަރުބަލިވެފައިކަމަށް ބުނެ ސަލާމް ކޮށްލާފައި ކޮޓަރިއަށް ދިއުމުގެ އިޒުނަޔަށް އެދުނެވެ.

ތަހުނިޔާގެ ޙަރަކާތްތައްހުރިގޮތުން ، އެއީ އެކަން ހިނގައިދިޔަ ގޮތްނޫންކަމަށް އެންމެންނަށްވެސް ޝައްކުވިއެވެ. ސާޖިދާ ޢާޞިފާ ދިމާއަށް ބަލައިލާ ބޯ ހޫރައިލިއެވެ. ހަފުޞާ ވަކި އެއްޗެއް ނުބުނިނަމަވެސް ، ކޮންމެވެސް ކަމެއް ދިމާވެއްޖެކަން ދެނެގަތެވެ. މީހުން، ގަދަކަމުން ތަންތަނަށް ގެންދިޔައިމަ އަދި ގަދަކަމުން ތަންތަނަށް ފޮނުވީމަ އެހުންނަނީ ވެދާނެކަންކަން ކަމުގައި ދެނެގަނެވޭ ވަރަށްވުރެ ޙަފުޞާމެންގެ ސިކުނޑި ޅައީއެވެ. ކުއްލިޔަކަށް ޙަފުޞާގެ ހިތަށް އައީ ނޫރުއެވެ. އެއީ ނޫރުއާ ހުރެ ވާ ކަންކަމެވެ.

މުރުތަޟާ ގެޔަށްގޮސް ވަތްތަނުން ތަހުނިޔާ ގުޅިއެވެ. އަދި މަންމަމެންގާތު ދޮގުހެދިވާހަކައާއި ، އެމީހުންގާތު ބުނިވާހަކަތައް މުރުތަޟާއަށް ކިޔައިދިނެވެ. އަދި ޙަފުޞައްތަމެން ސުއާލުކުރުމުން ޖަވާބުދޭއިރު އެކަމަށް ވިސްނައިލަން އެދުނެވެ.

ތަހުނިޔާ އެކުރީ ދެމީހުންގެ ޢިއްޒަތާއި ޝަރަފް ރައްކާތެރިކުރުމަށްޓަކައި ކުރި ކަމެކެވެ. އެކަމަށްޓަކައި މުރުތަޟާ ، ތަހުނިޔާއަށް ޝުކުރު އަދާކުރިއެވެ. އެހެނަސް ، އެ ޝުކުރިއްޔާއަކީ ތާ އުމުރަށް މުރުތަޟާއަށް ކުރަން ޖެހިފައި އޮންނާނެ ކަމެކެވެ. ތަހުނިޔާގެ ޙާލަތާއި ހަދަންޖެހޭ ދޮގުތައް އެނގޭނީ ކައިވެނީގެ ފަހުންނެވެ.

ގޭތެރެއިން ނޫރު ނުފެންނާތީ ޢާޞިމް ހުރީ ކަންބޮޑުވެފައެވެ. އެހެންނޫނީ ހެނދުނު ހެނދުނާ އެންމެ ފުތަމަވެސް ޢާޞިމާ ދިމާވާނީ ނޫރުއެވެ. ކޮފީ ބޯނީ ދެބަފައިން އެކީގައެވެ. ބޮލުގައި ރިއްސާތީ ، ނޫރު އެދުވަހު އޮފީހަކަށް ނުދެއެވެ. އޭނާގެ ދަރިފުޅުގެ ޚަބަރެއް ބަލައިނުލާ ނުހުރެވިގެން ޢާޞިމްގޮސް ނޫރުގެ ކޮޓަރީގައި ޓަކި ޖަހައިލިއެވެ. އިރުކޮޅަކުން ނޫރު ނުކުތެވެ. ދެބަފައިން ސަލާމްކޮށްލައި ވާހަކަ ދައްކައިލުމަށްފަހު ، ތައްޔާރުވެލައިގެން ސައިބޯން އައުމަށް ޢާޞިމް އޭނާގެ ދަރިފުޅުގެ ކިބައިން އެދުނެވެ.

އިރުކޮޅަކުން ނޫރު ނުކުމެ ކޮފީއެއް ހަދައިދޭން ރައިދާގާތު ބުންޏެވެ. ނޫރު ނުފެންނާތީ ރައިދާވެސް ހުރީ ކަންބޮޑުވެފައެވެ. ރައިދާ އުޅެމުންގެންދަނީ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްޓަކައި ބަދިގެ ތެރޭގައެވެ. ނޫރު އޮފީހަށް ދިއުން ލަސްވެއްޖެ ނޫންތޯ ރައިދާއަށްވެސް އަހައިލެވުނެވެ.

ނޫރު އެދުވަހު އެހުރީ އޮފީހަށް ސަލާމް ބުނެފައެވެ. ކުޑަކޮށް ބޮލުގައި ރިއްސާތީއެވެ. އަދި ތަހުނިޔާގެ ކައިވެންޏަށް ބޭނުންވާ ބައެއްތަކެތިވެސް އަދިވެސް ގަންނަން ވެފައި އެބަހުއްޓެވެ. ސައިބޮއިގެން ނޫރުދާނީ ތަހުނިޔާއާއެކީ ބާޒާރަށެވެ.

ޢާޞިމް އޭނާގެ ދަރިފުޅަށް ހެޔޮދުޢާކޮށް ނޫރު ބޭނުންވާ ހުރިހާކަމެއް ފުރިހަމަކޮށްދެއްވުން އެދި ﷲ އަށް ދުޢާކުރިއެވެ.

" އަންހެންކުއްޖެއްގެ ދިރިއުޅުން ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާކަމެއް ފުރިހަމަވެފައިހުރި ދަރިއެއްގެ ގޮތުގައި އިރާދަކުރެއްވިއްޔާ މާލަހެއްނުވެ ، ބައްޕައަށް އަހަރެން ފެންނާނެއެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެއެވެ. " ނޫރު އޭނާގެ ބައްޕަގާތު ބުންޏެވެ. ނޫރުއާއި ޢާޞިމް ވާހަކަދައްކަން ތިއްބާ ޙަފުޞާއާއި ޠާހިރާ އެގެޔަށްވަދެ ސަލާމް ގޮވައިލިއެވެ. ޢާޞިމްވެސް އަދި ނޫރުވެސް ޙަފުޞާގެ ސަލާމް ބަލައިގަނެ މަރުޙަބާ ކިޔެވެ. ޙަފުޞާ އެއައީ މުރުތަޟާއާއި ތަހުނިޔާގެ ކައިވެނީގެ ދަޢުވަތު ކާޑު ހިފައިގެންނެވެ. ޢާޞިމާ ކާޑު ޙަވާލުކުރުމަށްފަހު ، އެގޭގެ ހުރިހާމީހުންވެސް އެޕާޓީއަށް އައުމަށް ދަޢުވަތު ދިނެވެ.

އެވަރުގެ ޚާއްޞަ ޙަފުލާއަކަށް ނުގޮސް ތިބޭނީ ކިހިނެއްހެއްޔޭބުނެ ، އެގޭގެ އެންމެންވެސް އެޕާޓީއަށްދާނެކަމުގައި ގޭގެ އެންމެންގެ ފަރާތުން ނޫރު ކަށަވަރު ކޮށްދިނެވެ. ކާޑުދިނުމަށްފަހު ސައިތަށްޓެއް އަދި ކޮފީތަށްޓެއްވެސް ބޮއިނުލައި ޙަފުޞާމެން އެގެއިން ނުކުތެވެ. ކަތި ނަޒަރަކުން ، ނޫރުއާދިމާއަށް ޙަފުޞާ ބަލައިލިއެވެ. ކަމެއް ވީހެންވެސް ނޫރުއަކަށް ހިއެއް ނުވެއެވެ. ނޫރުހުރީ ކާޑު ޗާޕްކުރީތީ އެކަމަށް ފާޑުކިޔާށެވެ. އެހުންނަނީ ،މިއޮއްފަދަ އިންޓަނެޓްގެ ޒަމާނުގައި މާބޮޑު ޚަރަދެއްނުކޮށް ހަމަޖައްސައި ލެވެން ހުންނަ ކަންކަމެވެ. އެކަމަކު ، ބޯދާ ވިސްނުމުގެ މީހުންނަކަށް އެކަހަލަ ކަންކަމެއް ނުވިސްނޭނެއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.