
ފައިދާހުރި ކާނާ ކެއުމާއި، ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމުގައި މުޅި ސަރުކާރާއި މުޖުތަމަޢު ވެސް ގުޅިގެން މަސައްކަތް ކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައި ވަނީ މީރުމާ ހޯލްގައި ބޭއްވި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު މި ފެށި "ރައުންޑް ޓޭބަލް ކޮންސަލްޓޭޝަން އޮން ނިއުޓްރިޝަން އެންޑް ހެލްތީ ލައިފްސްޓައިލް" ބައްދަލުވުމަކީ ރާއްޖޭގެ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާއި އަދި އަންހެނުން އާދަޔާ ޚިލާފަށް ބަރުދަން އިތުރުވުން ޙައްލުކުރުމަށް އަމާޒުކޮށްގެން ބާއްވާ މިފަދަ ދެވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމަކީ ޔުނިސެފާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ނޭޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީއާއި، އަދި އަމިއްލަ ޖަމިއްޔާތައް ގުޅިގެން ކުރިޔަށްގެންދާ ބައްދަލުވުމެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މީގެ ކުރިން އެކަމަނާއަށް ތަޢުލީމީ ދާއިރާއިން ލިބިވަޑައިގެންފައިވާ ތަޖުރިބާއަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން އެކަމަނާ ވަނީ ސްކޫލުތަކުގައި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމަށް ބާރުއެޅުމުގެ ގޮތުން ތާޖުއްދީން ސްކޫލުން ކުރި ތިން ކަމެއްގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި މުޅި ސްކޫލަށް އަމާޒުކޮށްގެން ހަފްތާއަކު އެއްފަހަރު ކަސްރަތު ކުރުމުގެ ޕްރޮގްރާމެއް ހިންގިކަމަށާއި، ޚިޔާރުކުރެވޭ ދަރިވަރުންގެ ގްރޫޕަކަށް ބޭއްވި ބުއްތަށި ދީގެން ކަސްރަތު ކުރުވާ ހަތަރު އަހަރު ދުވަހުގެ ޕްރޮގްރާމެއް ހިންގިކަމަށާއި، އަދި އިންޓަވަލް ބްރޭކްތަކަށް ދަރިވަރުން ގެންނަ ކާބޯތަކެތީގެ ސަރވޭއެއް ހެދުމަށްފަހު ގެންނަތަކެތީގެ ތެރެއިން ޞިއްޙަތަށް ފައިދާނުކުރާ ކާބޯތަކެތީގެ ބަދަލުގައި މޭވާއާއި އެހެނިހެން ޞިއްޙަތަށް ފައިދާހުރި ތަކެތި ބޭނުންކުރުމަށް ބާރު އެޅުން ހިމެނުނުކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ނިންމަވާލައްވަމުން ފާހަގަކުރެއްވި ގޮތުގައި ދުޅަހެޔޮ ކާނާ ކެއުމާއި ޤަވާއިދުން ކަސްރަތު ކުރުމުގެ އިތުރުން ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވެސް ފަރުވާތެރިވާން ޖެހެއެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތިބާ ދޫކޮށްފަ ދާ އެއްޗަކީ އެހެން މީހުންގެ ދިރިއުޅުމަށް ފައިދާކުރާނެ އެއްޗެއްކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި ޞިއްޙަތަށް ފައިދާހުރި ކާނާ ކެއުމާއި، ޙަރަކާތްތެރި ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމެއް އުޅުމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ.