ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް މެޑަމް ފަޒުނާ ގޮވާލައްވައިފި

ސިޔާސަތުތައް ކަނަޑައަޅާ ފަރާތްތަކުން ގޮންޖެހުންތަކުން އަރައިގަތުމުގައި ކަމާގުޅޭ ފަރާތްތަކުގެ ބަސް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ "އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ބަނޑޮސް މޯލްޑިވްސްގައި ބޭއްވި މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ މި ކޮންފަރެންސްގައި، ކޮންފަރެންސްގެ ބައިވެރިންނަށް ލިބިލެއްވި މަޢުލޫމާތުގެ ސަބަބުން ޞިއްޙީ ދާއިރާގެ ޚިދުމަތްދެއްވުމުގައި ކުރިއެރުންތަކެއް ލިބި ރަނގަޅު ނަތީޖާއެއް ފެންނާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވެފައެވެ.

އެކަމަނާ ވަނީ ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި ޙާލަތާ އެކަށޭނަ ރަނގަޅު ނަތީޖާ ނެރެވޭނެ ފަދަ ގޮތަކަށް ފަރުވާ ކުރިޔަށް ގެންދެވުމަށް ބާރުއަޅުއްވާފައެވެ.

ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ރަނގަޅު ލީޑަރޝިޕެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި ކަމާގުޅޭ އެންމެންގެ ބަސް ހޯދައިގެން ނިންމުމާ ހިސާބަށް ދިޔުމުގެ ފައިދާތައް ހާމަކުރައްވާފައެވެ.

މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޑޮކްޓަރ ފާޠިމަތު ޝިފާޒާ ރާއްޖެ ދޫކުރައްވައި އެހެން ޤައުމަކަށް ހިޖުރަކުރެއްވުމަށްފަހު ވެސް ރާއްޖޭގެ ނަރސިންގް ކޮމިއުނިޓީއަށް ކޮށްދެއްވަމުންދާ ޚިދުމަތްތައް ފާހަގަކުރައްވައި، އެކަމަނާގެ މަސައްކަތްތައް ނަމޫނާއަކަށް ދެކި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވެސް އެފަދަ ކަންކަމުން ފިލާވަޅު ލިބިގަނެ ރާއްޖޭގެ މުޖުތަމަޢަށް ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކޮންފަރެންސްގައި ކަރުދާސް ހުށަހެޅުއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން އެބޭފުޅުންނާ ލިޔުން ޙަވާލުކޮށްދެއްވާފައެވެ.

މޯލްޑިވިއަން ނަރސަސް އެސޯސިއޭޝަނާއި، އެވިޑެންސް ބޭސްޑް ޕްރެކްޓިސް ހެލްތް ޗެމްޕިއަންސް މޯލްޑިވްސް އިން ގުޅިގެން ބަނޑޮސް މޯލްޑިވްސްގައި ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ ޞިއްޙީ ދާއިރާގެ ބޭނުންތަކަށް ބޭނުން ހިފަން އެންމެ ރަނގަޅު ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.